31 ޖުލައި 2017 ގައި ލިޓަސް ސާވިސް ސެންޓަރުގައި ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސް

އަނަސްގެ މަރު

އަނަސްގެ އާއިލާއަށް މި ލިބުނީ ކޮން އިންސާފެއް؟

މިހާތަނަށް އާންމުންނަށް ފެނުނު އެންމެ އަނިޔާވެރި އަމަލް ހިންގިކަމުގެ ތުހުމަތުގައި ދައުވާކުރި ހަތް މީހުން ވެސް ވަނީ ކްރިމިނަލް ކޯޓުން ސަލާމަތްވެފައި
26 ފެބްރުއަރީ 2024
7

ހަމްދަރުދީއެއް، ކުލުނެއް، ލޯތްބެއް ނެތް ޒުވާނުންތަކެއް ހިންގި އެ އަނިޔާވެރި އަމަލްގެ ވީޑިއޯ އާންމުވުމުން ކޮންމެ މީހަކަށް ވެސް އެއްބަސްވެވޭނީ 'އެއިން އެކަކު ވެސް ދޫވެގެން ނުވާނެ' ކަމަށެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުގެ ހުކުމް އެ އައީ، މީގެ ހަ އަހަރު ކުރިން ގްރޫޕަކުން ވަޅި ހަރާ މަރާލި މުހައްމަދު އަނަސްއަށް ހަމަލާދިނުމުގައި އެއިން އެކަކު ވެސް ބައިވެރިވާކަަން ސާބިތުނުވެ އެވެ.

ރާއްޖޭގައި އިންސާފު ލިބެނީ ކޮން ގޮތަކުންތޯ އާންމުން ސުވާލު އުފައްދަނީ މި ސަބަބުތަކާ ހެދި އެވެ. އެ އަނިޔާވެރި ލޭއޮހޮރުވުން ހިންގިތާ ހަތް އަހަރު ވާން އޮތީ ހަތަރު މަހެވެ. އެ މުއްދަތުގައި އިންސާފު ހޯދަން އަނަސްގެ އާއިލާއިން އަބަދުމެ ދިޔައީ ގޮވަމުންނެވެ. ސިޔާސީ ލީޑަރުން ކައިރީ އާދޭސްކުރަމުންނެވެ. ރ. މީދޫ ރައްޔިތުން އެއްވެ، އެ އިންސާފަށް އެއްއަޑަކުން ގޮވަމުންނެވެ.

އެކަމަކު އުމުރުން 25 އަހަރުގެ އަނަސްގެ މަރުގައި އެންމެ ބޮޑަށް ހިމެނޭ ކަމަށް ބެލެވުނު އެއްވެސް މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތެއްނުވި އެވެ. ގާޒީ އަލީ ނަދީމްގެ ހުކުމުން އެނގެނީ ފުލުހުންގެ އެއްވެސް ހެއްކަކަށް ބަރުދަން ދެއްވަން ޖެހޭނެ ސަބަބެއް އޭނާއަށް ފެނިވަޑައިނުގެންނެވި ކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ކުށް ސާބިތުކުރެވޭނެ ހެއްކެއް، ގަރީނާއެއް ވެސް ހުށައަޅާފައި ނެތީ އެވެ.

އަނަސް (ކ) އާއި އޭނާގެ ބައްޕަ އަބްދުއްރާފިއު

ސީސީޓީވީ ފުޓޭޖާއި އިންޓެލިޖެންސް ރިޕޯޓާއި ފޯން ކޯލްގެ ރިކޯޑްތައް ވެސް، އެ ހަތް މީހުންނާ ދެކޮޅަށް ކުށް ސާބިތުކުރަން އެކަށީގެންނެއް ނުވި އެވެ. ގާޒީ ނިންމެވީ "ކޯލު ރެކޯޑުތަކަކީ ފުލުހުން ތައްޔާރުކޮށްފައިވާ އެއްޗަކަށް ވާތީ އެޔަށް ބުރަދަނެއް ނުދެވޭނެ" ކަމަށެވެ.

މި ހުކުމް އައިއިރު ޝަރީއަތް ދިގުލައިގެން ދިއުމުގެ ވަރަށް ބޮޑު އުނިކަމެއް ވެސް ފެނުނެވެ. މިސާލަކަށް ސިއްރުން ހެކިބަސް ދޭން ތިބި މީހުން އެކަމުން ފަހުން ދުރުވުމެވެ. މިދިއަ އަހަރުގެ މާޗު މަހު އޮތް އަޑުއެހުމެއްގައި ދައުލަތުން ބުނީ ހެކިންނަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވުމުގެ ސަބަބުން ހެކި ބަސް ދޭން ދެކޮޅުހެދި ކަމަށެވެ.

ޝައުރީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިހެން ދިމާވަނީ ޝަރީއަތްތައް މާ ބޮޑަށް ދިގުލާތީ އެވެ. 

މުހިންމު ބައެއްގެ ހެކިބަސް ނެގޭ ގޮތް ނުވުމަކީ އަނަސްއަށް އިންސާފު ލިބެން އެޅުނު ހުރަހެއް ކަމަށް ފެނެ އެވެ.

ހަތަރު ސައިކަލެއްގައި ދިޔަ އަށް މީހަކު، މީދޫ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސްއާ މަގުމަތިން ދިމާކުރުމުން ސަލާމަތްވާން އޭނާ ވަނީ ލިޓަސް ސާވިސް ސެންޓަރަށެވެ. އެތަނުގެ ސީސީ ޓީވީއަށް އެ ހުރިހާ މަންޒަރެއް އެރި އެވެ. އޭނާގެ ގަޔަށް ވަޅި ހަރަމުން ދިޔަ ގޮތް ފެނިފައި، އޭރު އާންމު ދިވެހިންގެ ތެރެއަށް ވެރިވީ ބިރުވެރިކަމެވެ. އެހާ ތަނަށް ގްރޫޕްތަކުގެ އެފަދަ އަނިޔާވެރި އަމަލްތައް އާންމުކޮށް އެންމެންނަށް ފެނިފައެއް ނުވެ އެވެ.

ތަހުގީގަށް އެނގުނު ގޮތުގައި އަނަސްގެ ހަށިގަނޑުގެ 24 ތަނެއްގައި ޒަހަމް ހުއްޓެވެ.

އަނަސްއަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހުން ކަމަށް، ފުލުހުން އޭރު ބުނެފައިވެ އެވެ. މި މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އޭގެ ތެރޭގައި އޭރު 18 އަހަރު ނުވާ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދިޔަ އެ ކުއްޖާގެ ޝަރީއަތުގައި ވެސް ނިންމީ ކުށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އޭނާ 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އެކަމަކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ވަކިވެވަޑައިގަތީ އެ މުއްދަތު 10 އަހަރަށް ކުޑަކޮށްދެއްވައިފަ އެވެ.

ހައި ކޯޓުން އެ ކުއްޖާގެ މައްޗަށް އިއްވި ހުކުމުގައި، ޖުވެނައިލް ކޯޓުން ބަރުދަން ދިން ހުރިހާ ޕޮއިންޓްތައް ވެސް ގާތްގަނޑަކަށް ނަފީވި އެވެ. އެގޮތުން އަނަސްއަށް ހަމަލާދިން ރޭ އެ ކުއްޖާ އުޅުނީ ހުޅުމާލޭގައި ކަމަށް އޭނާގެ ދިފާއީ ހެކިން ބުނި ބުނުން ވެސް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގީ ހުކުމުގައި ކަނޑައެޅީ ގަބޫލުނުކުރެވޭ ވާހަކައެއްގެ ގޮތަށެވެ.

އިއްޔެ ސަލާމަތްވި ހަތް މީހުންނާ ދެކޮޅަށް ފުލުހުން ހުށައެޅި ފޯން ކޯލް ރެކޯޑްތައް ގާޒީއަށް ގަބޫލުނުކުރެއްވުނަސް، ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުކުރަން ހައި ކޯޓުން ކުރި ހުކުމުގައި، އޭނާގެ ފޯނަށް އެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުން އެ ދުވަހު ކުރި ކޯލްތައް، ހެއްކަކަށް ފުދޭކަމަށް ނިންމި އެވެ. 

އަނަސްއަކީ އާއިލާއެއްގެ ހުރި އެންމެ ދޮށީ އަދި ހަމައެކަނި ފިރިހެން ދަރި އެވެ. އޭނާ މަރާލިއިރު އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ އިނީ ވިހަން ކައިރިވެފަ އެވެ. ލިބުނު ފިރިހެން ކުއްޖާއަށް ނަން ދިނީ އަނަސްގެ ނަމުންނެވެ. ދެން އެ އާއިލާގައި ހުރި އަންހެން ކުއްޖާގެ އުމުރުން އޭރު 19 އަހަރެވެ.

ރ. މީދޫގައި އަނަސްގެ އާއިލާ އާއި ރަށު ރައްޔިތުން ބޭއްވި އެއްވުމެއްގައި އަނަސްގެ އަންހެން ކޮއްކޮއަކާއި ބައްޕަ ބައިވެރިވަނީ

މާލޭގެ ގްރޫޕަކުން އަނަސް މަރާލީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ހަމަލާގެ އަމާޒަކީ، ތަހުގީގަށް އެނގުނު ގޮތުގައި، އެހެން މީހެކެވެ.

އަނަސްއަށް އިންސާފު ހޯދަން އާއިލާ އާއި މީދޫ ރައްޔިތުން ވެސް ތިބީ އެކަތިގަނޑަކަށް ވެގެންނެވެ. ކޯޓުގައި އާއިލާގެ އެންމެން ވެސް އެދުނީ މަރަށް މަރުހިފާށެވެ. އެކަމަކު 16 އޮކްޓޯބަރު 2017ގައި ފެށި ޝަރީއަތްތައް ދިގުލައިގެން ގޮސް، ކްރިމިނަލް ކޯޓުގައި އިއްޔެ އެ ނިމުނީ ހަތް ވަނަ އަހަރަށް އެޅި ފަހުންނެވެ. އިންސާފަށް ގޮވަމުން ދިޔަ އާއިލާއަށް މި ލިބުނީ އިތުރު ވޭނެއް ކަމާ މެދު ޝައްކެއް ނެތެވެ.

އަނަސްގެ މަރު ބޭނުންކުރައްވައިގެން ސިޔާސީ ލީޑަރުން ވެސް ފައިދާތަކެއް ނެންގެވޭތޯ އުޅުއްވި އެވެ. މިސާލަކަށް ކުރީގެ ރައީސް ސޯލިހު، 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އަނަސްގެ ގެއަށް ވަޑައިގެން، އޭނާގެ ބައްޕަ އަބްދުއްރާފިއު އިބްރާހިމަށް ދެއްވި ޔަގީންކަމަކީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިންސާފު ހޯދައިދެއްވާނެ ކަމަށެވެ.

އެ އިންސާފަށް ކުޑަ ނަމަވެސް އަލިކަމެއް ފެނުނީ އޭގެ ހަތަރު އަހަރު ފަހުން، 18 އޮކްޓޯބަރު 2022ގައި، ހައި ކޯޓުން ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވުމުންނެވެ. އެކަމަކު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު އަމަލްތަކުގެ ތެރޭގައި ހިމެނިގެން އޭނާގެ ހުކުމް 10 އަހަރަށް ކުޑަކޮށްދިނުމުން މިނިވަންވާން ދެން މާ ގިނަ ދުވަހެއް ނޯންނާނެ އެވެ.

އަނަސްގެ އާއިލާއަށް އަނެއްކާވެސް އޮތީ ހައި ކޯޓެވެ. އިންސާފު ހޯދުމުގެ އެންމެ ފަހު މަރުހަލާއަށް ދާންދެން ވެސް އުއްމީދު ކަނޑާނުލައި ތިބުމެވެ.

ކޮމެންޓް (7)

ބޮޑުގޭންގުސްޓާ

26 ފެބްރުއަރީ 2024
އިބޫ ސޯލިހަށް ކޯޗެއް ލިބޭތީތަ ތިޔަކަހަލަ ބޮޑެތި ގާތިލުންގެ ހުކުމު ތި ލުއި ކޮށްދިނީ؟
4 0

މިފޫ

26 ފެބްރުއަރީ 2024
ޖަލުތަކުގައި ކުއްވެރިން ފޯނު ގެންގުޅެންޔާ ސަލާމަތް ވެވޭނެ ހެކި އުފައްދައިގެންވެސް. މި މައްސަލައިގައި ތިބި އެންމެން ޖަލުގަ ސުމާޓް ގެންގުޅޭ
4 0

ޢަހުމަދު

26 ފެބްރުއަރީ 2024
މިހެން ބުނީމަ ބުނާ މީހާ ގޯސް ވާނީ. އިސްލާމީ ޝަރީއަތް އަންނަން ޖެހެނީ މިހެންވެ
11 1

ޢަޖައިބު

26 ފެބްރުއަރީ 2024
@ޢަހުމަދު އިސްލާމީ ޝަރީޢަތް ވިޔަސް ހުންނަ ގާޒީ އަކު ސާބިތުކުރީމަތާ އަދަބު ލިބޭނީ
4 0

މޭޔަރު

27 ފެބްރުއަރީ 2024
@ޢަހުމަދު އިސްލާމީ ޝަރީޢަތަކީ ހިތަސް އެރި ގޮތަކަށް މީހުންގެ ޒިންދަގީ ދުސްވަން ހިތްވަރުދޭ ދީނެއްނޫން
1 1

ތެފައާސާ.

26 ފެބްރުއަރީ 2024
ތިޔަ ގަތުލުގައި ބައިވެރިވި މީހުން ނިސްބަތްވާ ގޭންގުތަކަށް ބަލައިލީމާ، ބޭލި އިބޫ ސަރުކާރުގެ ސުލޯ ސްޕީޑުގައި ކުރިއަށް ގެންދިޔަ ޝަރީއަތުން ކުށް ސާބިތުވާކަމަށް ހުކުމްކުރި ބޭފުޅާއާއި ދެކޮޅަށް އޭރު ކޯޓުން ބަލައިގަތް ހުރިހާ ހެއްކެތް ހަމަ އެގޮތުގައި ހުރެމެ، މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހު ބާކީތިބި 7 ބޭފުޅުން ހުދު ކާފޫރަށް ވެގެން ކޯޓަށް ސާބިތު ނުވުމުން، އެއަކީ ބަޔަކު ހައިރާންވެ އަންތަރީސްވާންވީކަމެއް ނޫނެވެ.
8 2

ބުރުގާ

26 ފެބްރުއަރީ 2024
ގޭންގުތައް ޕޮލިހާއި ސިޔާސީ ޕާޓީތަކާ ޝަރުއީ ނިޡާމުގެތެރެއައް ވަދެފައޮތްވަރު ތިހިރަ ފެންނަނީ....
12 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް