31 ޑިސެމްބަރު 2023ގައި ހުއްޓުމެއް ނެތި 24 ގަޑިއިރަށް މާލެއަށް ވާރޭ ވެހި، މަގުތައް ފެންބޮޑުުވުން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވިލިމާލެ

މާލެ އަޑިއަށް ދާއިރު ވިލިމާލޭގައި ފެންބޮޑުނުވަނީ ކީއްވެ؟

މިފަހުން ކުރި ބޯ ވިއްސާރައިގައި ވެސް ވިލިމާލޭގެ މަގުތަކުގައި ފެންބޮޑުވެފައެއް ނުވޭ؛ އެއީ ވިލުންވެރި، ގުދުރަތީ ރީތިކަން ދެމެހެއްޓިފައިވާ ރަށެއް

ފަސްވަނަ އަވަށުގެ ގޮތުގައި މާލެއާ ވަކިން އޮންނަ ވިލިމާލެއަކީ މައްސަލަތައް މަދު، ހިތްފަސޭހަ ރަށެކެވެ. ހަފްތާބަންދުގައި މޫދަށް އެރި ޕިކްނިކް ހެދުމަށާއި ހަވީރުގެ ވަގުތުތަކުގައި ހިތްހަމަޖައްސާލައި ހިނގާލަން ދިޔުމަށް ވެސް މާލެ ސަރަހައްދުގެ ގިނަ ބަޔަކު ވިލިމާލެއަށް ޒިޔާރަތް ކުރެ އެވެ. ސަބަބަކީ، އެ އަވަށުގައި ތޮއްޖެހުން ކުޑަވުމެވެ. އަޑު މަޑުވުމެވެ. ހިނގާބިނގާވެ އުޅެން ފަސޭހަވުމެވެ. މާލެ ސަރަަހައްދުގެ އެހެން އަވަށްތަކާ އަޅާބަލާއިރު، ފެހިކަންގަދަ، ގުދުރަތީ ވެއްޓެއް އޮތުމެވެ.

އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނާއި އެ އަވަށަށް ނިސްބަތްވާ ޖަމިއްޔާތަކުން ސިފަކުރާ ގޮތުގައި، ވިލިމާލެ އަކީ ވިލުންވެރި، ވަރުގަދަ ރަށެކެވެ.

އެކަމުގެ އެއް ހެއްކަކީ، ރާއްޖެއަށް ދޭތެރެ ދޭތެރެއިން ކުރާ ބޯވިއްސާރާގައި މާލޭގައި ފެންބޮޑުވެ، ގޭގެއަށް ފެން ވަދެ، ތަކެއްޗަށް ގެއްލުން ލިބި، އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ދޭންޖެހޭ ހާލަތަށް ކަންކަން ދާއިރު ވެސް، ވިލިމާލެއަށް އެއްވެސް ވަރަކަށް ފެންބޮޑުވުމުގެ މައްސަލަ ދިމާނުވުމެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟

ވިލުންވެރި ރަށެއް، ސާދާ ބިނާވެއްޓެއް

ވިލިމާލެއަށް ނިސްބަތްވާ ވިލިޖޯލި ޖަމިއްޔާގެ ކޯ-ފައުންޑަރު އަލިމަނިކު ވިދާޅުވި ގޮތުގައި، ބޯ ވިއްސާރައިގައި ވެސް އެ އަވަށަށް މާބޮޑު ނޭދެވޭ އަސަރެއް ނުކުރަނީ، ވިލިމާލެ ތަރައްގީ ކޮށްފައިވާ ގޮތުންނެވެ.

އެގޮތުން އޭނާ ފާހަގަ ކުރެއްވި މައިގަނޑު ކަމަކީ، ރަށުގެ ފެހިކަން ގަދަވެފައި، ގަސް ގިނަ ސަރަހައްދުތައް ރަށުގެ އެކި ހިސާބުތަކުގައި ހުރުމެވެ. ވިލިމާލެއަށް ބޯކޮށް ވާރޭ ވެހޭ އިރު، މަގުތަކުގައި ފެންބޮޑުވުމުގެ ބަދަލުގައި، ހުރިހާ ފެނެއް ކަހަލަ ގޮތަކަށް ޖަމާވަނީ މި ސަރަހައްދުތަކަށެވެ.

ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ޝާއިއުކުރަމުން ނޫސްވެރިޔާ މުހައްމަދު ޖުނައިދު ވެސް އެކަން ފާހަގަކުރި އެވެ. އޭނާ ބުނި ގޮތުގައި:

  • ހޮނިހިރު ދުވަހުގެ ރޭ މާލޭގެ މަގުތަކުން އެތައް ހާސް ޓަނެއްގެ ފެން ޕަމްޕު ކުރި އިރު ވެސް މަގުތައް އޮތީ ފެންބޮޑުވެފައި

  • ވިލިމާލޭގެ މަގުތަކުން އެއްވެސް ވަރަކަށް ފެން ޕަމްޕު ކުރާކަށް ނުޖެހޭ؛ ވިލިމާލޭގައި މަގުމަތީގައި ފެންބޮޑުވުމުގެ ބަދަލުގައި ފެންގަނޑު ޖަމާވަނީ އެ އަވަށުގެ ފެހި ސަރަހައްދުތަކަށް

  • ހުސްވި ހަފްތާބަންދުގައި ކުރި ވިއްސާރާގައި ވިލިމާލޭގެ މަގުމަތި: ފެންބޮޑެއް ނުވޭ. (ފޮޓޯ/މުހައްމަދު ޖުނައިދު)
  • ހުސްވި ހަފްތާބަންދުގައި ކުރި ވިއްސާރާގައި ވިލިމާލޭގެ މަގުމަތި: ފެންބޮޑެއް ނުވޭ. (ފޮޓޯ/މުހައްމަދު ޖުނައިދު)
  • ވިލިމާލޭގެ މަގުތަކަށް އެޅޭ ފެން ޖަމާވަނީ އެ ރަށުގެ އެކި ސަރަހައްދުގައި ހުރި މިފަދަ 'ގްރީން ސްޕޭސް'ތަކަށް. (ފޮޓޯ/މުހައްމަދު ޖުނައިދު)
  • ވިލިމާލޭގެ މަގުތަކަށް އެޅޭ ފެން ޖަމާވަނީ އެ ރަށުގެ އެކި ސަރަހައްދުގައި ހުރި މިފަދަ 'ގްރީން ސްޕޭސް'ތަކަށް. (ފޮޓޯ/މުހައްމަދު ޖުނައިދު)

ވިލިމާލޭގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި، ވާރޭ ވެހުން ހުއްޓާލުމާ އެކު، ދެ ތިން ގަޑި އިރު ތެރޭގައި 'ގްރީން ސްޕޭސް' ސަރަަހައްދުތަކުން ވެސް ފެންގަނޑު މުޅިން ހިނދެ އެވެ. ބިޔަ ގަސްގަހާގެހިން ފަސޭހަކަމާ އެކު، ފެންގަނޑު ދަމާލަ އެވެ.

ބޯކޮށް ވާރޭ ވެހޭއިރު، މަގުތަކުގައި ހުންނަ އަޑިގުޑަންތަކުގައި ކޮންމެވެސް ވަރަކަށް ފެން ހެދުނަސް، ހިނގާބިނގާވެ އުޅުމަށް ދަތިވާ ވަރަށް މިދިޔަ ހަފްތާބަންދުގެ ވިއްސާރައިގައި ވެސް، އަދި މި އަހަރު ކުރީކޮޅު ކުރި ބޯ ވިއްސާރައިގައި ވެސް ވިލިމާލޭގައި ފެންބޮޑެއް ނުވެ އެވެ. އެއާ ހިލާފަށް މާލޭގައި:

  • މި އަހަރު ކުރީކޮޅު މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، 70 ގެއަަކަށް އެކި ވަރުގެ ގެއްލުންވި؛ އަށް ގެއަކުން 42 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު

  • މިދިޔަ ހަފްތާބަންދުގައި ކުރި ވިއްސާރައިގައި ފެންބޮޑުވެ، 75 ގެއަކަށް އެކި ވަރުގެ ގެއްލުންވި؛ އަށް ގެއަކުން 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު

އެތައް ހަރަދެއް ކޮށްގެން، އެތައް މަގެއް ހަދާފައިވާ މާލޭގައި އަދިވެސް ފެންބޮޑުވުމުގެ މައްސަލަ މިހާ ބޮޑު އިރު، ވިލިމާލެއަށް އެ މައްސަލަ ދިމާނުވާ އިތުރު ސަބަބުތަކެއް ވެސް އަލިމަނިކު ފާހަގަކުރެއްވި އެވެ. އެއީ:

  • ވިލިމާލޭގައި މަގު ހަދާފައިވާ ގޮތުން އެ އަވަށުގެ މަގުތަކުގެ ކާނުތައް މާލެއަށް ވުރެ ފުޅާވުން؛ ވިލިމާލޭގެ މަގުތައް މީގެ ވިއްސަކަށް އަހަރު ކުރިން ހެދި އިރު، އެކަން ކޮށްފައި ހުރީ ރަނގަޅު ފެންވަރަކަށް ކަމަށް އޭނާ ވިދާޅުވި

  • ވިލިމާލޭގައި ބޮޑެތި އުސް އިމާރާތްތަކެއް ނެތުން؛ މާލޭގައި އުސްކޮށް އިމާރާތް ކުރާތީ ފުންކޮށް، ބޮޑުކޮށް ފައުންޑޭޝަން އަޅަން ޖެހޭ. އެކަމުގެ ސަބަބުން ގޯތި ތެރެއިން ފެން ހިނދޭނެ ޖާގަ ނެތި، ހުރިހާ ފެނެއް ޖަމާވާނީ މަގުމައްޗަށް

ވިލިމާލެ މަތިން ފެންނަ ގޮތް: އެ ރަށުގައި މާ ބޮޑެތި އުސް އިމާރާތްތަކެއް ނެތް. (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)

އަލިމަނިކު ފާހަގަކުރެއްވި ގޮތުގައި ވިލިމާލޭގައި ދިރިއުޅެނީ އެ ރަށަށް އެކަށީގެންވާ އާބާދީ އެކެވެ. އެހެންކަމުން، މާލެއާ ހިލާފަށް، އެ އަވަށުގައި އޮންނަ ސާދާ ބިނާވެއްޓާއި ކުދި އިމާރާތްތަކާއި ބޮޑެތި ހުސް ޖާގަތަކުގެ ސަބަބުން، ފެން ހިނދުމުގެ ނިޒާމު ބަރާބަރެވެ. މިއީ އުމްރާނީ ތަރައްގީ އާއި ތިމާވެށީގެ ވިލުންވެރިކަން އެއް ހަމައެއްގައި ގެތިގެން ދިޔުމުގެ ފުރިހަމަ މިސާލެކެވެ.

ވިލިމާލެއަށް ހާއްސަ އެތައް ސިފައެއް

މާލެއާ ވަކިން އޮންނަ މި ކުޑަކުޑަ އަވަށަކީ، ރަނގަޅަށް ތަރައްގީ ކުރެވިފައިވާ އަވަށެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. ވެށި ހިމާޔަތްކުރުމާ އެކު މަގުތައް ހަދައި އިމާރާތްތައް އަޅާފައި ހުރި އަވަށެކެވެ. ރަށުވަންތަކަން ނުގެއްލޭ ގޮތަށް، ސިޓީއެއްގެ ބައެއްގެ ގޮތުގައި ބަލައިގަނެވޭ ފެންވަރަށް ރާއްޖޭގައި ތަރައްގީ ކޮށްފައިވާ ނަމޫނާ ރަށެކެވެ. 

ވިލިމާލޭގެ ހަނި މަގެއް. މި ރަށުގެ ހަނި ގޯޅިތަކުގައި ވެސް ފެހިކަން ގަދަ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
އުމުރުން ދުވަސްވީ މީހަކު ވިލިމާލޭ މަގުމަތީ ހިނގާލާފައި ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ވިލިމާލޭގެ ވިލުންވެރިކަމާއި އެ އަވަށާއި މާލެއާ ހުރި ތަފާތުތަކާ ބެހޭގޮތުން، އެ ރަށުގައި ދިރިއުޅޭ މީހަކު 'ދައުރު'އާ ވާހަކަދެއްކި އެވެ. އޭނާ ބުނި ގޮތުގައި، ފެންބޮޑުވުމުގެ މައްސަލަ ދިމާނުވުމުގެ އިތުރުން ވެސް:

  • ކަނޑު ގަދަވެ ރާޅު ބޮޑުވާ އިރު، ރަށުގެ ހޭޅީގައި ހުންނަ ގަސްތަކުގެ ސަބަބުން ރައްކާތެރިކަން ލިބޭ

  • ވިއްސާރަ މޫސުމުގައި އާންމުކޮށް މަދިރި ގިނަވި ނަމަވެސް ވިލިމާލޭގައި ކޮންސްޓްރަކްޝަން ސައިޓުތައް ފަދަ ތަންތަން ނުހުންނާތީ މަދިރީގެ މައްސަލަ އާއި އެކަމުން ކުރިމަތިވާ ބަލިމަޑުކަން ވެސް އެހާ ބޮޑެއް ނުވޭ

ވިލިމާލެ ތަރައްގީ ކޮށްފައިވާ ގޮތުގެ ސަބަބުން ލިބޭ ފައިދާތަކުގެ ތެރޭގައި އޭނާ ފާހަގަކުރި އެންމެ ބޮޑު އެއް ކަމަކީ، މުޖުތަމައުގެ ދުޅަހެޔޮކަމެވެ. ތޮއްޖެހުން ކުޑަ، މަޑުމައިތިރި، ސާފުތާހިރު މާހައުލެއް އޮތުމުން މާލެއާ އަޅާބަލާއިރު ވިލިމާލޭގައި މާ ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭ ކަމަށް އޭނާ ބުންޏެވެ.

"ވިލިމާލޭގައި މަގުތައް ހެދިފައި ހުރީ އެކި ކަހަލަ މީހުންނަށް ވެސް އުޅެން ދަތިނުވާ ގޮތަށް. ވަރަށް ހަމަޖެހިލައިގެން އެއްވެސް ކަހަލަ އެހީ އަކާ ނުލާ ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް އުޅޭތަން ފެނޭ،" ވިލިމާލޭގެ އެކްސެސިބިލިޓީ މާ ރަނގަޅުކަން ފާހަގަކޮށް އޭނާ ބުންޏެވެ.

އުމުރުން ދުވަސްވީ ދެ މީހަކު ވިލިމާލެ މަގުމަތީގައި ހިނގާލާފައި ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެ އަވަށުގައި ދުއްވާ އެއްޗިހި ވަރަށް މަދެވެ. ދުއްވެނީ ވެސް ހަމައެކި ބެޓެރިލީ އިލެކްޓްރިކް އުޅަނދެވެ. އެކަމުގެ ސަބަބުން، ބޭރުތެރެއަށް މީހުން ފައިމަގުގައި ނުކުމެ އުޅޭ މިންވަރު ވެސް އިތުރެވެ.

މާލޭގެ ތޮއްޖެހުމާއި އަޑުތަކުން ސަލާމަތްވުމަށްޓަކައި މީގެ ތިން އަހަރު ކުރިން ވިލިމާލެއަށް ދިރިއުޅުން ބަދަލުކުރި އެ މީހާ ބުނި ގޮތުގައި، މަޑުމައިތިރި މާހައުލެއްގައި ހާސްކަމެއް ނެތި އުޅެވުމުން ދޭދޭ ގުޅުންތައް ބަދަހިވެ، އެކަކު އަނެކަކަށް އަޅާލާ މިންވަރު އިތުރުވެ، އެހީތެރިކަން ފޯރުކޮށްދޭ މިންވަރު ވެސް އިތުރުވެ އެވެ.

މާލޭގެ ހަލަބޮލިކަމާއި ހާސްކަމުގެ ސަބަބުން، ޖެހިގެން ހުންނަ މީހާއަށް މާބޮޑު ސަމާލުކަމެއް ދެވޭތަނެއް ނާންނަ ކަމަށާއި އެއަށް ވުރެ ބޮޑަށް އުޅެންޖެހެނީ އަމިއްލަ ކަންކަމުގައި ހޭބޯނާރައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"ވިލިމާލޭގައި ހަމަޖެހިލައިގެން ހިނގާލާ، ކުޑަކުދިން ގޮވައިގެން ބޭރަށް ނުލުމެލާ އުޅެވޭ. ފިހާރައަކަށް ދިޔުމަކީ ވެސް މާބޮޑު ކަމަކަށް ނުވޭ. މަގުމަތިން ދިމާވާ މީހުންނާ ވާހަކަ ދައްކާލާ ހަދާލެވޭ. ވަރަށް އުފާވެރި، ހަމަޖެހޭ މާހައުލެއް އޮންނަނީ،" އޭނާ ބުންޏެވެ.

"އުފަލުން އުޅޭ ބަޔަކާ އެކީ އުޅެވުމަކީ ވެސް އުފަލެއް. އެކަން ބަދަލުވާކަށް ބޭނުމެއް ނޫން."

ސިޓީ ކައުންސިލްގެ މުވައްޒަފަކު ވިލިމާލެ ކުނިކަހަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ނަމޫނާ ރަށެއް، މިސާލު ނަގަން ޖެހޭ

ކުރީ ސަރުކާރުގައި ތިލަމާލެ ބްރިޖުގެ މަޝްރޫއު އިއުލާނު ކުރުމާ އެކު، ވިލިމާލެއަށް އަތުވެދާނެ ބޮޑު ބަދަލާ މެދު ރައްޔިތުން ކަންބޮޑުވެފައި ތިއްބާ، މި ސަރުކާރުން ވިލިމާލެއަށް އަމާޒުކޮށް މަޝްރޫއުތަކެއް އިއުލާނު ކުރުމުން ރައްޔިތުންގެ ހާސްކަން ވަނީ ހައްތަހާ ބޮޑުވެފަ އެވެ.

ހާއްސަކޮށް، މަގުހެދުމުގެ ޕްރޮޖެކްޓެއް ހިންގުމާއި ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވައިދަށް ބަދަލުގެނައުމާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި އެވެ. ފެންބޮޑުނުވާ، ބޮޑެތި މައްްސަލަތަކެއް ނެތް މަގުތަކެއް އަލުންބަލުން ހަދަނީ ކީއްކުރަން ހެއްޔެވެ؟ ތިމާވެއްޓާ ރައްޓެހި އަވަށެއްގައި ބޮޑެތި އިމާރާތް އެޅޭ ގޮތަށް ބަދަލު ގެންނަނީ ކީއްކުރަން ހެއްޔެވެ؟

އެ 'ތަރައްގީ'ގެ ސަބަބުން ވިލިމާލެއަށް މިހާރު ދިމާނުވާ މައްސަލަތަކެއް ފެންމަތިވެދާނެތީ އެ އަވަށުގައި ދިރިއުޅޭ މީހުން ކަންބޮޑުވެ އެވެ. އެ ކަންބޮޑުވުންތައް ފާޅުކޮށް، ވިލިމާލެއަށް ނިސްބަތްވާ ވިލިޖޯލި އާއި ސޭވް ދަ ބީޗް ޖަމިއްޔާގެ ފަރާތުން މިދިޔަ ހަފްތާގައި ނޫސް ބަޔާނެއް ވެސް ނެރުނެވެ. އެދުނީ، ވެއްޓަށް ގެއްލުންނުވާ ގޮތަށް ރަށުގެ މަގުތައް މަރާމާތު ކޮށްދިނުމަށެވެ.

ދެ ފަރާތުގައި ބިޔަ ގަސް ހައްދާފައިވާ ވިލިމާލޭގެ މަގެއްގައި ބަގީއެއް ދުއްވާފައި ދަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވިލިމާލެއަކީ މާލެ ސަރަހައްދުން ފެންނަން އޮތް އެންމެ 'ލިވަބަލް' ތަނެވެ. މި ހިތްފަސޭހަ އަވަށުން އަހަރެމެން ހާސިލް ކުރަންވީ އިބުރަތަކީ، ވެށި ހިމާޔަތްކުރުމާ އެކު ވެސް، ތަރައްގީ ގެނެވިދާނެ ކަމެވެ. ގުދުރަތީ ވަސީލަތްތަކުން، ބޯ ވިއްސާރަ އާއި މޫސުމީ ބަދަލުތަކާއި ބޮޑެތި ރާޅުތަކުން ރަށްރަށަށް ހިމާޔަތް ލިބިދޭ ކަމެވެ. އެފަދަ މާހައުލެއްގައި ދިރިއުޅުމުން ހައްޓަށް ވެސް، ސިކުނޑިއަށް ވެސް ލުއިވާ ކަމެވެ.

މި ނަމޫނާ އަވަށުން ފިލާވަޅު ނަގައިގެން، ތޮއްޖެހުން ކުޑަކޮށް، ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ފަދަ ގޮތަކަށް އެހެން ތަންތަން ވެސް ތަރައްގީ ކުރެވިދާނެ އެވެ. މުޅި ދުނިޔެ މޫސުމީ ބަދަލުގެ ކާރިސާއެއްގެ ތެރޭގައި އޮތް އިރު، އަދި ރާއްޖެއަށް އެކަމުގެ އަސަރުތައް މިހާރު ވެސް ކުރަމުންދާ އިރު، މިއީ އެކަމަށް އެންމެ މުނާސަބު ވަގުތެވެ.

އެގޮތަށް ކަން ކުރުމުގެ ބަދަލުގައި، ތޮއްޖެހުން ބޮޑު މާލެއެކޭ އެއްފަދައިން ވިލިމާލެ ތަރައްގީ ކޮށްފި ނަމަ، އެއީ ފަހަތަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ. އަދި މާލެ ސަރަހައްދުގައި އޮތް އެންމެ ރީތި، ހިތްފަސޭހަ ސަރަހައްދު ހަލާކުކޮށްލާ، އެތައް ބައެއްގެ ހަމަޖެހުން ނަގާލުން ވެސް މެ އެވެ.

ކޮމެންޓް (3)

ލައްބޭ

15 ޖެނުއަރީ 2024
ދުއްވާ އެއްޗެތި މަދުވީމާ. ބިމުއަޑީގެ ފަސްގަނޑު އެހާބޮޑަކަށްހަރެއްނުވޭ.
3 1

އިއްބެ

15 ޖެނުއަރީ 2024
ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް ވިލިމާލޭ ކައުންސިލްވެސް މިހާރު ވަރަށް އެކްޓިވްކޮށް އުޅެނީ ގަސްކެނޑުމުގައި. އެއްވެސް ގޮތެއް ފޮތެއް ނެތި ގަސްތައް ކަނޑައި ވާކޮޅެއް އޮތިއްޔާ ދިލަމުންދަނީ. އިތުރަށް ގަހެއް އިންދާކަށް ނޫޅޭ. ވިލިމާލޭ ހަލާކުކޮށްލާކަށްވެސް މާގިނަ ދުވަހެއް ނެތް
10 0

ޙިންދު

15 ޖެނުއަރީ 2024
ފެން ހިނދެނީ ބިމުގެ ފަސްގަނޑުގެ ފަށަލަ ރަގަޅަށް ސޮޕްނޖީ ކޮށް ހުރީމާ ފިލްޓަރ ވަނީ. މާލޜ ފަސްގަނޑު އަބަދު ވެސް މަޑީ ވެފަ. ބިމު އަޑީގެ ފެން ދައުރުވާ ފަށަލަ އަބަދުވެސް ބަަދަލު ވާތީ ގުދުރަތީ ނިޒާމަށް އޭގެ އަސަރު ފޯރަނީ.
4 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް