ވިލިމާލެ މަތިން ފެންނަ ގޮތް (ފޮޓޯ/ މޯލްޑިވްސް ވާޗުއަލް ޓުއާ)

ވިލިމާލެ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ގަވައިދު ބަދަލުކުރަން ފޮނުވައިފި

ރައީސް ވިދާޅުވީ އެމަނިކުފާނު މޭޔަކަށް ހުންނެވި އިރު ރައްޔިތުންނަށް ކޮށްދޭން ނިންމެވި ކަންތައްތަކުގެ ތެރެއިން ނުވެ ހުރީ އޭރުގެ ސަރުކާރާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ކަމަށް

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވައިދަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވެރިކަން ކުރާ ކޯލިޝަނުގެ ފަރާތުން މާލޭ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭނަށް މިއަދު ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިމާރާތް ކުރުމުގެ ގަވައިދަށް ބަދަލު ގެނައުމަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރެވެން އޮތް ކަމެއް ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ އެމަނިކުފާނު މޭޔަކަށް ހުންނެވި އިރު ރައްޔިތުންނަށް ކޮށްދެއްވަން ނިންމެވި ކަންތައްތަކުގެ ތެރެއިން ނުވެހުރީ އޭރުގެ ސަރުކާރާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ކަމަށެވެ. ގަވައިދަށް ބަދަލު ގެނެސް ވިލިމާލޭގައި އެންމެ އުސްކޮށް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހެދުމަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށް ރައީސް ވިދާޅުވި އެވެ.

  • ރައީސް މުއިއްޒު މާލޭ މޭޔަރު ކަމަށް ވާދަކުރެއްވި އިރު 10 ބުރިއަށް ވިލިމާލޭގައި އިމާރަތް ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރުމަކީ އެމަނިކުފާނުގެ ވައުދެއް

"މި އަވަށުގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތަށް ޕްލޭނިން ގަވައިދު ބަދަލު ކުރުން. އެކަން ކުރެވެން އަންނަނީ ޕްލޭނިން މިނިސްޓްރީ އިން ގަވައިދު ބަދަލުކޮށްފައި މަޖިލީހުގެ ގަވައިދު ކޮމެޓީ އަށް ފޮނުވާއިގެން އެކަމާ ބެހޭ ގާނޫނަކަށް ގެންނަ ބަދަލެއްގެ ތެރެއިން ކަމަށް މިވަނީ،" ރައީސް ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރު ދިޔައީ، އަޅުގަނޑު މޭޔަރަކަށް ހޮވިގެން ދެ އަހަރާއި ބައި އަޅުގަނޑުމެން ތަކުރާރުކޮށް މަސައްކަތް ކުރިން އެކަން ވޭތޯ. މިހާރު އަޅުގަނޑުމެން ވާނީ އެކަން އިސްލާހު ކުރުމަށް، މީގެ ކުރިން ޕްލޭނިން މިނިސްޓްރީއާ ހިސާބުން ހިފެހެއްޓުނު ހިފެހެއްޓުން ދެން ނުހިފެހެއްޓޭނެ. ދެން މަޖިލީހުން އިސްލާހުކޮށްދޭން އެދިފައިވާނީ."

ވިލިމާލޭގައި އެންމެ އުސްކޮށް 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި އެކަމަށް އެޅިފައިވާ ހުރަސް ނައްތަވާލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން. މަޖިލީހުން ކޮށްދޭނެ ކަމަށް ބަލަނީ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ވިލިމާލޭން ގޯތި ދޫކުރުމަށް ކައުންސިލުން ކުރިން ކުރި މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ނުލިބި އޮވެގެން އެކަން ނުކުރެވިވާ ކަމަށާއި ގޯތި ދޫކުރުމުގެ މަސައްކަތަށް މިހާރު ސަރުކާރުގެ އެއްބާރުލުން ދޭނެ ކަމަށެވެ.

"މިކަހަލަ ހުރިހާ ކަމެއް ގުޅިފައި މިއޮތީ ކައުންސިލް އާ. އަޅުގަނޑު ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިކަންތައް ކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު އިތުރު ވިދާޅުވީ؛

  • ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ވިލިމާލޭ ފަޅުތެރެއިން ތެޔޮބޯޓުތައް ނުނެގި ގިނަ ދުވަސްތަކެއް ވަންދެން އޮތް ކަމަށާއި އެ މައްސަލަ ވެސް ހައްލު ވެފައިވާ ކަމަށް

  • ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް

  • ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުން ހުއްޓާލައި 6 މަސް ތެރޭ އެކަން ތިލަފުއްޓަށް ބަދަލު ކުރައްވާނެ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް