31 ޑިސެމްބަރު 2023: ހުއްޓުމެއް ނެތި 24 ގަޑިއިރަށް މާލެއަށް ވާރޭ ވެހި، މަގުތައް ފެންބޮޑުުވުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މާލޭގައި ފެންބޮޑުވެ، ފެން ހިންދަން ސިފައިން ނުކުމެއްޖެ

ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފައި

މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތް ކުރަން މިރޭ ސިފައިން ނިކުމެއްޖެ އެވެ.

ވީ ކިހިނެއް؟ - ހަވީރުން ފެށިގެން ބޯކޮށް ވާރޭވެހި، މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެހި ދުއްވުމަށް ދަތިވެފަ އެވެ.

ތަފްސީލް - އެންމެ ބޮޑަށް ފެންގަނޑު ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެމްއެންޑީއެފް އިން ބުނީ، ސިފައިން ހަރަކާތްތެރިވަމުން އަންނަނީ:

  • ބޮޑުތަކުރުފާނުމަގުގެ ބޮޑުވަޅުގެ ސަރަހައްދު 

  • ކުޑަކުދިންގެ ބަގީޗާ ސަރަހައްދު 

  • ކުރީގެ ވެސްޓް ޕާކު ސަރަހައްދު 

  • އެސްޓީއޯގެ ފުށް ގުދަން ހުންނަ ސަރަހައްދު

އެމްއެންޑީއެފް އިން ބުނި ގޮތުގައި:

  • އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕޭވްމެންޓާ ހަމައަށް ފެން ހެދިފައިވޭ

  • ތިން ގެއަކަށް ފެން ވަންނާތީ ވެލި ބަސްތާ ޖެހުމުގައި ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވޭ

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ. އެ އިދާރާ އިން ބުނީ ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

އެ އިދާރާ އިން އިއްޔެ ވަނީ، ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، އެ ކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ގުޅުން ހުރި ކަމެއް - މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް މާލެއަށް ބޯކޮށް ވާރޭ ވެހި، ގޭގެއަށް ފެންވަދެ ގެއްލުންތައް ލިބުނެވެ. އެ ދުވަހު މާލެއަށް 118.2 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުން އާންމުކޮށްފައިވާ ހިސާބުތައް ދައްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް