ވިލިމާލެ ހަނި މަގެއް. އެރަށުގައި ބޮޑު މަޝްރޫއެއް ހިންގުމުގެ ބަދަލުގައި، ޖަމިއްޔާތަކުން ގޮވާލީ ވަކިވަކި މަގުތައް މަރާމާތު ކޮށްދޭން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ވިލިމާލެ

ބޮޑު ޕްރޮޖެކްޓެއް ބޭނުމެއް ނޫން؛ ވެއްޓަށް ގެއްލުންނުވާ ގޮތަށް މަގުތައް މަރާމާތުކޮށްދީ: ވިލިމާލެ ޖަމިއްޔާތައް

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަަދަން ބޭނުން ނުވާ ކަމަށް ވެސް ޖަމިއްޔާތަކުން ބުނޭ
10 ޖެނުއަރީ 2024

ވިލިމާލޭގައި މަގުހެދުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމުގެ ބަދަލުގައި، ވިލިމާލޭގެ ވެއްޓަށާއި ގަސްގަހާގެއްސަށް ގެއްލުން ނުވާ ގޮތަށް ވަކިވަކި މަގުތައް މަރާމާތު ކޮށްދޭން އެ އަވަށަށް ނިސްބަތްވާ ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު އިއުލާނުކޮށް، އެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސާވޭހަދައި، މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް، ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފަ އެވެ.

ވިލިމާލޭގެ މަގުތައް ހަދާނެ ގޮތުގެ ތަފްސީލު މިހާތަނަށް ސަރުކާރުން ދީފައި ނުވާ ނަމަވެސް، އެ ޕްރޮޖެކްޓާ ގުޅިގެން ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި، އެރަށަށް ނިސްބަތްވާ ޖަމާއަތްތަކުން ދަނީ އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ.

ބުނީ ކީކޭ؟ - އެ އަވަށަށް ނިސްބަތްވާ ދެ ޖަމިއްޔާ ކަމަށްވާ 'ވިލިޖޯލި' އާއި 'ސޭވް ދަ ބީޗް' ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި، ގިނަ ޒަމާންތަކެއް ވަންދެން ވިލިމާލޭގެ މަގުތައް މަރާމާތު ނުކޮށް އޮތުމުން މަގުތަކުގައި އަޑިގުޑަންތައް އިތުރުވެ، މަގުތައް ބޭނުން ކުރުމުގައި ރައްޔިތުންނަށް ދަތިތައް ދިމާވާކަން ފާހަގަކުރި އެވެ.

ނަމަވެސް، އެކަން ހައްލުކުރުމަށްޓަކައި މުޅި ރަށުގައި ބޮޑު މަގު ހެދުމުގެ ޕްރޮޖެކްޓެއް ހިންގަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ވަކި ވަކި މަރާމާތުތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އޭގެ ތެރޭގައި:

  • ޕޭވްމަންޓާއި މަގުތައް އެއްވަރު ކުރުން

  • ހަލާކުވެފައިވާ ކާނުތަކާއި މަގުގެ ބައިތައް މަރާމާތު ކުރުން

ވިލިޖޯލީގެ ކޯ-ފައުންޑަރު އަލިމަނިކު، އޭނާގެ ކަންބޮޑުވުންތައް 'ދައުރު'އާ ހިއްސާކުރައްވަމުން ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ވިލިމާލޭގެ މަގު ތަކުގައި ތާރު އަޅަން އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށެވެ. އެކަން އެގޮތަށް ކޮށްފިނަމަ ދިމާވެދާނެ މައްސަލަތައް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން:

  • ރަށުގެ ފިނި ހޫނުމިން މައްޗަށް ދާނެ

  • ތާރު އަޅައިގެން މަގު ހަދާ ނަމަ، ވިލިމާލޭގެ ގަސްތައް ކަނޑާފާނެ ކަމުގެ ކަންބޮޑުވުން އެބައޮތް

  • އެކަމުގެ ސަބަބުން ވިލިމާލެއަށް ފެންބޮޑުވުމުގެ މައްސަލަ ދިމާވެދާނެ

ޖަމިއްޔާތަކުން ގޮވާލާފައިވަނީ، ޕޭވްމަންޓަށް ގަސްގަހުގެ މޫގަނޑު އަރައިގެން އުފުލިފައި ހުރި ތަންތަން ރަނގަޅު ކުރުމަށް ވެސް، ގަސް ކެނޑުމުގެ ބަދަލުގައި، ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ތަފާތު ގޮތްތައް ބޭނުންކޮށްގެން ގަސްތަށް ހިމާޔަތް ކުރުމަށެވެ.

"ވިލިމާލޭގެ ރައްޔިތުން އެދެނީ ވިލިމާލޭގައި މިހާރު ގާއިމްކޮށްފައިހުރި އަދި ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމެވެ. މިހާރު ހުރި މަގުތައް މަރާމާތުކޮށް، ހިނގާމީހުންނާ ރަހުމަތްތެރި، އަދި އެންމެނަށް އެކްސެސިބަލް މަގުތަކަކަށް ހެދުމަށެވެ،" ބަޔާނުގައިވެ އެވެ.

"އަދި ތިލަމާލެ ބްރިޖް އެޅިގެން ދާ ހިނދު، ވިލިމާލެއަށް ދުއްވާ އެއްޗެހި ވަނުމުގެ ބިރުވެރިކަން ރައްޔިތުން ހިތްތަކުގައި އޮތް ދަނޑިވަޅެއްގައި ވިލިމާލޭގެ އާބާދީއާއި އެކަށޭނެ ޕާކިން އެއް ހެދުމަށް ގޮވާލަމެވެ."

ވިލިމާލޭގެ މަގެއް. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ޖަމިއްޔާތަކުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި:

  • ވިލިމާލޭގެ ގުދުރަތީ ވިލުންވެރިކަމުން ރައްކާތެރިކަން ލިބޭ؛ މި އަހަރު ކުރީ ކޮޅު ރާއްޖެއަށް ކުރި ބޯ ވިއްސާރާގައި މާލެ ސަރަހައްދުގައި ފެންބޮޑުވެގެން ދިޔައިރު ވެސް ވިލިމާލޭގެ މަގުތަކުގައި ފެންބޮޑުވެފައެއް ނުވޭ

  • ބައެއް މަގުތަކުގައި ކުރީއްސުރެ ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި، އަވަށުގެ އުމްރާނީ ތަރައްގީ ބިނާކޮށްފައި ހުރީ އެ ގަސްތަކަކީ ވެސް އެތަނުގެ އުމްރާނީ ތަރައްގީގެ ބައެއްގެ ގޮތުގައި ބަލައިގެން؛ އެކަމުގެ ސަބަބުން މަގު ބޭނުންކުރާ މީހުންނަށް ހިޔާކަމާއި ފިނިކަން ގެނެސްދޭ

  • ވިލިމާލެ އަކީ މާލޭގެ އެންމެ ގުދުރަތީ މާހައުލު މުއްސަނދި އަވަށް؛ އެ އަވަށުގެ ހިތްގައިމު ކަމާއި، ރައްކާތެރި މާހައުލުގެ ސަބަބުން ހަފްތާ ބަންދުގައި ޕިކްނިކް ހެދުމަށާއި ވަގުތު ހޭދަކުރުމަށް އެރަށަށް މުޅި މާލެ ސަރަހައްދުން މީހުން ޒިޔާރަތްކުރޭ

'އިކޯ ފްރެންޑްލީ އައިލެންޑް ކޮންސެޕްޓް ހިފަހައްޓައިދީ'

މިހާރު ވިލިމާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ 6 ބުރީގެ އިމާރާތެވެ. ނަމަވެސް، ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވައިދަށް ބަދަލު ގެންނަން ނިންމާ، ސަރުކާރުން ވަނީ ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ފޮނުވާފަ އެވެ.

ޖަމިއްޔާތަކުގެ ބަޔާނުގައި، އެކަން އެގޮތަށް ނުކުރުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ. އެގޮތުން ބުނެފައިވަނީ:

  • މާލޭގެ ގިނަ ރައްޔިތުންނަށް ފްލެޓާއި ބިން ލިބިފައިވާ ދަނޑިވަޅެއްގައި ވިލިމާލޭގައި އިތުރު ފްލެޓް އެޅުން ނުވަތަ ގޭގެ އިތުރު ފަންގިފިލާތަކަށް އުސް ކުރުމަކީ އާބާދީ އިތުރުވެ، ތޮއްޖެހުން ބޮޑުވެ، ރަށުގެ ވެއްޓަށް އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވާނެ ކަމެއް

  • މާލޭގެ ތަރައްގީގެ ތަޖުރިބާއަށް ބެލުން މުހިއްމު؛ ކޮންމެ ތަނެއް އެގޮތަށް ތަރައްގީ ކުރާ ނަމަ، މާލޭގައި ހުރި މައްސަލަތައް އެއިން ކޮންމެ ތަނަކަށް ވެސް ދިމާވާނެ

ވިލިމާލެ މަތިން ނަގާފައިވާ ފޮޓޯ އެއް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އަލިމަނިކު ވިދާޅުވީ، ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި ނަމަ، އެ އަވަށުގެ އާބާދީ ކުރިއަށް އޮތްތަނުގައި ހަތަރު ފަސް ގުނަ އިތުރު ވެގެންދާނެ ކަމަށެވެ. އެއާއެކު، ތޮއްޖެހުން ބޮޑުވެ، އިޖުތިމާއީ މައްސަލަތައް އިތުރުވެ، ވިލިމާލޭގެ އަސްލު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"މިހާތަނަށް އައި ކޮންމެ ވެރިކަމެއްގައި ވެސް ވިލިމާލެ ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގުމުގައި ވިލިމާލޭގެ އަސްލު 'އިކޯ ފްރެންޑްލީ އައިލެންޑް' ކޮންސެޕްޓް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާފައިވެ އެވެ،" ޖަމިއްޔާތަކުގެ ބަޔާނުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

"ވީމާ، ކުރިއަށް އޮތް ތަނުގައި ވެސް ވިލިމާލޭގައި ހިންގާ ތަރައްގީގެ މަސައްކަތްތައް އެ އުސޫލުން ރާވައި ހިންގުމަކީ ވަރަށް މުހިއްމު ކަމެކެވެ."

ވިލިމާލޭގެ ތަރައްގީ އާއި ގުޅިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ރައްޔިތުންގެ ބައިވެރިވުން ވީހާ ވެސް ފުޅާ ދާއިރާއެއްގައި ބާއްވައި، ހިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ދީގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ވެސް ޖަމިއްޔާތަކުން އެދުނެވެ.

ފާހަގަކޮށްލެވޭ - ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން އިއުލާނު ކުރުމާއެކު، އެރަށުގައި ދިރިއުޅޭ ރައްޔިތުންނާއި އާންމުން ވެސް އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރި އެވެ. ވިލިމާލޭގެ މަގުތަކަކީ މައްސަލަ ބޮޑު މަގުތަކެއް ނޫން ކަމަށް ބުނެ، އެރަށުގެ ފެހިކަން ގެއްލުވާލުމާ ދެކޮޅަށް ވެސް ދަނީ ހިޔާލުފާޅު ކުރަމުންނެވެ.

އެނގުން މުހިއްމު - ވިލިމާލޭގައި މަގު ހަދަން ދާނެ ހަރަދު ދެނެގަނެވޭނީ މަގުތަކުގުެ ހާލަތު ދެނެގަތުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެފައިވެ އެވެ. އެގޮތުން:

  • މަސައްކަތުގެ ޓޮޕަގްރެފިކް ސާވޭ، ޑީޓެއިލް ޑިޒައިން އާ އީއައިއޭގެ މަސައްކަތް އާރުޑީސީ އާ ހަވާލުކުރީ 1.79 މިލިއަން ރުފިޔާ އަށް

  • މަސައްކަތް ނިންމާ ހަވާލުކުރާނީ ކޮންޓްރެކްޓުގައިވާ ގޮތުން 120 ދުވަސް (4 މަސް) ތެރޭ

  • މި މަޝްރޫއުގެ ދަށުން 5.6 ކިލޯ މީޓަރުގެ މަގު ހަދާނެ

މިނިސްޓަރު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރާނީ ރައްޔިތުންގެ ހިޔާލާ އެކު ކަމަށާއި މަސައްކަތް ނިމޭ އިރު ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދި ފެން ހިންދާ ނިޒާމު ވެސް ގާއިމް ކުރެވޭނެ ކަމަށެވެ.

ވިލިމާލެ ތަރައްގީ ކުރުމުގެ ގޮތުން، އެ އަވަށުގައި 10 ބުރިއަށް އިމާރާތް ކުރުމަކީ ރައީސް މުހައްމަުދ މުއިއްޒު މާލޭ މޭޔަރު ކަމަށް ވާދަކުރެއްވި އިރު ވެވަޑައިގެންފައިވާ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވީ، އެކަން ނުވެ އޮތީ ކުރީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް