މިނިސްޓަރު މާރިޔާގެ އަމާޒު: އިތުރު ފުރުސަތު، ކޮލިޓީ ތައުލީމު، ފަންނު ދިރުވުން

ރައީސް މުއިއްޒުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ އިން މަގު ފަހި ކޮށްދޭނެ ކަމަށް ވިދާޅުވި
6 ޑިސެމްބަރު 2023
1

ރައީސް މުހައްމަދު މުއިއްޒު ސަރުކާރުގެ ވުޒާރާތައް އެކުލަވާލެވިފައިވާ ގޮތަށް ގެންނެވި ބަދަލުގެ ދަށުން ބޮޑުތަނުން މެންޑޭޓް ފުޅާވެގެން ދިޔަ އެއް މިނިސްޓްރީ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެވެ. ހަޔާ އެޑިއުކޭޝަންގެ ފަހަތަށް 'ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް' އިތުރުވެ، މަތީ ތައުލީމާ އެކު މަސައްކަތްތެރިންގެ ކަންކަމާއި ހުނަރު ތަރައްގީ ކުރުމުގެ މަސްއޫލިއްޔަތު ވެސް ހަވާލުކޮށްފައިވަނީ މި މިިނިސްޓްރީއާ އެވެ.

މިނިސްޓްރީ ހިންގެވުމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވީ ނިއު ޒީލެންޑުގެ މޭއްސީ ޔުނިވަސިޓީ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. މަރިޔަމް މާރިޔާ އެވެ.

އަބަދުވެސް އުޅުއްވީ ތައުލީމީ ދާއިރާގައި

މާރިޔާގެ ހަޔާތުގެ ކޮންމެ ހިސާބަކުން ވެސް ފާހަގަކޮށްލެވެނީ އޭނާގެ ހިތުގައި ތައުލީމަށް ދެވިފައިވާ ލޯތްބާއި ގަދަރެވެ. އަމީނިއްޔާ ސްކޫލުގައި އުޅުނު ދުވަސްވަރު ވެސް އޭނާއަކީ ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އޭނާއަކީ 1988 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނެވެ. ކުޅިވަރު ހަރަކާތްތަކާއި ބޭންޑުގައި ވެސް އުޅުއްވި އެވެ.

މިއީ، މަގާމާ ހަވާލުވުމަށްފަހު 'ދައުރު'އަށް އެންމެ ފުރަތަމަ ދެއްވި އިންޓަވިއުގައި މާރިޔާ އެންމެ އުފަލާ އެކު އާކުރެއްވި ހަނދާންތަކެވެ.

އޭލެވެލް ހަދާ، ސްކޫލް ނިމުމާ އެކު އޭނާ އަނެއްކާވެސް ވެންނެވީ އަމީނިއްޔާ ސްކޫލުގެ ދޮރޯށިންނެވެ. ނަމަވެސް، މިފަހަރު ދަރިވަރެއްގެ ބަދަލުގައި އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގަ އެވެ.

އެ ދުވަސްވަރު ކިޔަވައިދެއްވީ އިނގިރޭސި ބަހާއި ސޯޝަލް ސްޓަޑީޒް އެވެ. ނަމަވެސް، ޓީޗަރެއްގެ ގޮތުގައި އަމީނިއްޔާގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރޭގައި ފިޝަރީޒް ސައިންސް، ޓްރެވަލް އެންޑް ޓޫރިޒަމް، ލިޓަރެޗާ، ހިސްޓަރީ އަދި ޖިއޮގްރަފީ ވެސް ކިޔަވައިދެއްވާފައިވެ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގައި ހޭދަކުރެއްވި ދުވަސްތަކަށް ފަހު މާރިޔާ ނިއު ޒީލެންޑަށް ވަޑައިގެންނެވީ 2007ގަ އެވެ. އެ ގައުމުގައި މަތީ ތައުލީމު ހޯއްދަވާ، އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވި އެވެ. އެއަށް ފަހު ވައިކަޓޯ ޔުނިވަސިޓީގައި މަސައްކަތް ކުރެއްވީ، ސްޓޫޑަންޓް ލާނިންގެ ދާއިރާގަ އެވެ.

މިނިސްޓަރުކަމަށް އައްޔަން ކުރުމާ ހަމައަށް މާރިޔާ ދިރިއުޅުން ކުރިއަށް ގެންދެވީ ނިއު ޒީލެންޑުގަ އެވެ. އެހާ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި އުޅުއްވާފައި ވުމުން، ރާއްޖެއާ ގުޅުމެއް ނޯންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، މިނިސްޓަރު ކިޔައިދެއްވީ ދިވެހި ބަހަށް އޮތް ޝައުގުވެރިކަމާއި ބޭރުގައި ހުރެގެން ވެސް ރާއްޖޭގެ ޔުނިވަސިޓީތަކާ އެކު މަސައްކަތް ކުރެއްވި ވާހަކަ އެވެ.

"އަޅުގަނޑު ނިއު ޒީލެންޑަށް ކިޔަވަން ދިޔައީއްސުރެ އަޅުގަނޑު މި ވަޒީފާއަށް ޖޮއިން ކުރުމާ ހިސާބަށް އަޅުގަނޑު އައީ ހަމަ ދިވެހިރާއްޖެއަށް ހިދުމަތް ކޮށްދެމުން،" އޭނާ ވިދާޅުވި އެވެ.

މާރިޔާ ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)، ވިލާ ކޮލެޖް އަދި އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)އާ އެކު މަސައްކަތް ކުރެއްވި އެވެ. ނިއު ޒީލެންޑްގައި ދިރިއުޅުއްވަމުން ގެންދެވި އިރު ވެސް، ރާއްޖޭގެ ޔުނިވަސިޓީތަކުގައި ކިޔަވަމުންދިޔަ ދަރިވަރުން ސުޕަވަައިޒް ކޮށް، ކިޔަވައިދެއްވާފައި ވެސް ވެ އެވެ. އޮންލައިންކޮށް ތަމްރީންކޮށްދިނުމުގެ އިތުރުން އެހީތެރިކަން ފޯރުކޮށްދިނެވެ.

"އެހެންވީމަ އަޅުގަނޑު މުޅިން ދިވެހިރާއްޖެއާ ކަނެކްޝަން ދުއްވާލާފައެއް ނޫން އިނގޭތޯ ވާނީ. ހަމަ ވަރަށް މަސައްކަތް ކޮށްފައިވާނީ ދިވެހި ބަސް ހިމާޔަތް ކުރުމުގެ މަސައްކަތުގަ އާއި ދިވެހި ބަސް ތަރައްގީ ކުރުމުގެ މަސައްކަތުގައި ދިރާސާތަކުގައި ހުންނާނީ ބައިވެރިވެފައި،" އޭނާ ވިދާޅުވި އެވެ.

މިއަދު މާރިޔާގެ އެންމެ ބޮޑު އުފަލަކީ އޭނާގެ ކްލާސްރޫމްތަކުން ދަރިވަރުވެފައިވާ ކުދިން އެކި ދާއިރާތަކުގައި އެކި ފެންވަރުގައި ގައުމަށް ހިދުމަތް ކުރަމުން ދާތަން ފެނުމެވެ.

"މިހާރު އަޅުގަނޑަށް އެބަ ދިމާވޭ ރާއްޖޭގެ އެކި މިނިސްޓްރީތަކުގަ އާއި އެކި ދާއިރާތަކުގައި އަޅުގަނޑުގެ ދަރިވަރުން. ހަމަ ވަރަށް މަތީ މަގާމުތަކުގައި ތިބީ ވެސް،" އޭނާ ފާހަގަކުރެއްވި އެވެ.

ހަޔާތުގެ 31 އަހަރު ހާއްސަކުރައްވާފައިވާ ދާއިރާއިން ލިބިވަޑައިގެންފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި މިނިސްޓަރުކަމުގެ ބުރަ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަންނަވާ އިރު، އޭނާގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރައީސް މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހައްދަވައިދެއްވުމެވެ.

'ގާބިލް ރައްޔިތުން އުފައްދައި ބާރުވެރި ކުރާނަން'

މިނިސްޓްރީގެ މެންޑޭޓުގެ ދަށުގައިވާ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްގީ ކުރުމަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ތިން ދާއިރާކަން މާރިޔާ ފާހަގަ ކުރެއްވި އެވެ.

އާ މެންޑޭޓު ފުޅާވެފައި ބޮޑު ނަމަވެސް، އެއީ މާބޮޑު 'ޗެލެންޖެއް'ގެ ގޮތުގައި ދެކެވަޑައިނުގަންނަވާ މާރިޔާ މިހާރު ގެންދަވަނީ މިނިސްޓްރީ އިން މި ވަގުތު ކުރަންޖެހިފައިވާ މުހިއްމު މަސައްކަތްތައް ދެނެގަނެ، ފާހަގަކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މިނިސްޓްރީގެ ފަރާތުން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ ބައެއް މަސައްކަތްތަކަކީ، އޭނާ ވިދާޅުވި ގޮތުގައި:

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ 'ދައުރު' އަށް އިންޓަވިއުއެއް ދެއްވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މީގެ އިތުރުން ރާއްޖޭގެ ޔުނިވަސިޓީތަކުން ފޯރުކޮށްދޭ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެކަމާ ގުޅޭ ސިޔާސަތުތައް ހަރުދަނާ ކުރުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ވާހަކައާ އެކު އަބަދުވެސް އެންމެ އަޑުހަރުކޮށް ދެކެވޭ ސްޓޫޑެންޓް ލޯނުގެ ވާހަކައަށް ވެސް މިނިސްޓަރުގެ އިންޓަވިއުގައި އަލިއަޅުވާލެއްވި އެވެ. މާރިޔާ އިލްތިމާސް ކުރެއްވީ، މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނު ނަގާފައިވާ މީހުން ލޯނު ދެއްކުމަށެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި، ކުރިމަގުގައި ކިޔަވަން ތިބި ދަރިވަރުންނަށް އެ ފުރުސަތު އެންމެ އެދެވޭ ގޮތުގައި ލިބޭނީ، މިހާރު ލޯނު ނަގާފައިވާ ދަރިވަރުން އެ ލޯނުތައް ބަރާބަރަށް ދައްކާ ކަމުގައި ވާ ނަމަ އެވެ.

ލޯނު ނުދައްކާ މީހުންނާ މެދު އަމަލު ކުރާ ގޮތުގެ އުސޫލަށް އެއްވެސް ބަދަލެއް ގެންނަވަން ވިސްނަވަންތޯ ސުވާލު ކުރުމުން މާރިޔާ ވިދާޅުވީ މިނިސްޓްރީން އަމަލު ކުރާނެ ހަރުދަނާ އުސޫލެއް ގާއިމްކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ވިސްނަވާ ކަމަށެވެ. ނަމަވެސް، އެކަމާ ބެހޭ ތަފްސީލެއް ނުދެއްވަ އެވެ.

ހުނަރު ތަރައްގީ ކުރުމުގެ ވާހަކަ ދައްކަވަމުން، މިނިސްޓަރު ފާހަގަކުރެއްވި އެންމެ މުހިއްމު ކަމަކީ ރާއްޖޭގައި މިހާތަނަށް މާބޮޑު ސަމާލުކަމެއް ނުދެވި، ނެތެމުން އުވެމުންދާ ސަގާފީ ފަންނުތައް ދިރުވާ އާލާ ކުރުމަށް އިސްކަން ދޭން ޖެހޭ ވާހަކަ އެވެ.

"އެގޮތުން ލިޔެލާ ޖެހުން، ތުނޑުކުނާ ވިޔުން، ކަސަބު ބޯވަޅު ހެދުން، މިކަހަލަ މަސައްކަތްތަކަށް އަޅުގަނޑުމެން ޒުވާނުންނާއި އެހެނިހެން ރައްޔިތުންނަށް ބާރު ފޯރުކޮށްދޭން އެބަ ޖެހޭ،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާރިޔާ އުންމީދުކުރައްވަނީ އޭނާގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުވެ، ހުރިހާ އެންމެންނަށް ވެސް ހަމަހަމަ ފުރުސަތު ފަހިވެ، ފަންނުވެރިކަމާއި ހުނަރުވެރިކަން ކުރިއަރައިގެން ދާނެ ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް އިސްލާހު ކުރުމަށާއި ތަރައްގީ ކުރުމަށް ވިސްނުން އެބަހުރި،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކުރު ގޮތަކަށް ދަންނަވަނީ ނަމަ އަޅުގަނޑުމެންގެ އަޒުމަކީ އެ ހުރިހާ ކަމެއް ކުރުމުގެ މަގުފަހި ކޮށްދިނުމާއި އެކަމަށް ބޭނުންވާ ފަންނީ އަދި އިލްމީ ގާބިލް ރައްޔިތުން އުފައްދާ ބާރުވެރި ކުރުވުން އިނގޭތޯ؟"

ކޮމެންޓް (1)

މާލޭ އަދުރޭ

6 ޑިސެމްބަރު 2023
ކުއާ މާރިޔާ ކިޔާ ބޯޓެއް ކުރީގަ ދުއްވި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް