ހުނަރުވެރިން ތަމްރީނުކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ބޭއްވި ނެޝަނަލް ސްކިލްސް އެންޑް ކެރިއަ އެކްސްޕޯގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)
އާ ހިދުމަތްތަކާ އެކު ޖޮބް ސެންޓަރު މުޅި ރާއްޖެއަށް ފުޅާކުރަނީ
ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދިނުމަށް އުފައްދާފައިވާ ނޭޝަނަލް ޖޮބް ސެންޓަރުން ދެމުން އަންނަ ހިދުމަތްތައް އިތުރުކޮށް، އެ ސެންޓަރުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާރިޔާ މިހެން ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ ހަފްތާގައި 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި، މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދަން ރާވަމުން އަންނަ ކަންކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "ޖޮބް ސެންޓަރުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔުމުގެ މަސައްކަތް އަޅުގަނޑުމެން ދަނީ ކުރަމުން. އަދި އަތޮޅުތަކުގެ ޒުވާނުންނާއި ރައްޔިތުންނަށް ވެސް ޖޮބް ސެންޓަރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް އަޅުގަނޑުމެން މި ދަނީ ހަމަޖައްސަމުން،" އޭނާ ވިދާޅުވި އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ހަފްތާގެ ތެރޭގައި ވެސް ޖޮބް ސެންޓަރާ އެކު އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޖޮބް ސެންޓަރު މެދުވެރިކޮށް ތައާރަފު ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި މިނިސްޓަރު ފާހަގަކުރެއްވީ:
-
މެންޓޯޝިޕް މަސައްކަތްތަކަށް ފުރުސަތު ހުޅުވާލުން
-
މަސައްކަތުގެ މައިދާނަށް ޒުވާނުން ތައްޔާރު ކުރުމަށްޓަކައި ވޯކްޝޮޕްތައް ބޭއްވުން
-
ސީވީ ހަދާނެ ގޮތާއި އިންޓަވިއު ޕެނަލެއްގައި ކުރާ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތް ޖޮބް ސެންޓަރު މެދުވެރިކޮށް ޒުވާނުންނަށް ފޯރުކޮށްދިނުން
ޖޮބް ސެންޓަރުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށްޓަކައި ޒަމާނީ 'އޭއައި-ޑްރިވަން' އޮންލައިން ޕްލެޓްފޯމެއް ގާއިމްކުރުމަށް ވެސް ވިސްނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ވަޒީފާ އަދާކުރަމުން ދަނިކޮށް ވަޒީފާ ގެއްލޭ މީހުންނަށް އިންޝުއަރެންސް ދިނުމަށާއި ވަޒީފާއެއް ހޯދާ މީހުންނަށް އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ ދެ ސްކީމް ގާއިމްކުރުމަށް 24 މިލިއަން ޑޮލަރު (370.7 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ވޯލްޑް ބޭންކުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ނިންމާފަ އެވެ.
އެ މަޝްރޫއުގެ ދަށުން ޖޮބް ސެންޓަރު ފުޅާކޮށް، ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެ ތަނުގެ ގޮފިތައް ގާއިމްކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ވަނީ ފަށާފަ އެވެ.
އެނގުން މުހިއްމު - އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނެޝަނަލް ޖޮބް ސެންޓަރު ވަކި އިިދާރާއެއްގެ ގޮތުގައި ހިންގުމަށް ނިންމި ނަމަވެސް، އެ ސެންޓަރުގެ މަސައްކަތްތައް މިދިޔަ ސަރުކާރުގައި ވިލަރެސް ކުރަމުން ދިޔައީ އިކޮނޮމިކް މިނިސްޓްރީންނެވެ.
ޖޮބް ސެންޓަރު ހިންގުން މި ސަރުކާރުގައި ހަވާލުކޮށްފައިވަނީ 'ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް' ހިމެނޭ ގޮތަށް މެންޑޭޓް ފުޅާ ކޮށްފައިވ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ އެވެ.
ކޮމެންޓް (1)
މާރިޔާ އަށް ވެދުން