ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މަތީ މަގާމުތަކަށް އަންހެނުން ތަމްރީނު ކުރަން އިސްކަން ދޭނަން: މިނިސްޓަރު
އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން މި ވެރިކަމުގައި ސިވިލް ސާވިސްގެ މަތީ މަގާމުތަކަށް އަންހެނުން ތަމްރީނު ކުރުމަށާއި އާންމުކޮށް އަންހެނުން ހަރަކާތްތެރި ނުވާ ދާއިރާތަކުން ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާރިޔާ މިހެން ވިދާޅުވީ، 'ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް' ހިމެނޭހެން މި ސަރުކާރުގައި ފުޅާކޮށްފައިވާ މިނިސްޓްރީއާ ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ ހަފްތާގައި 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި، މިވަގުތު ރިވިއު ކުރަމުންދާ 'ނީޑްސް އެސެސްމެންޓް'އާ ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "އެ ނީޑްސް އެސެސްމެންޓަށް ބިނާކޮށް އަޅުގަނޑުމެން އެބަ ފާހަގަކުރަން ދިވެހިރާއްޖެއަށް ބޭނުންވާ އެކި އެކި ހުނަރުތަކާއި ލޭބާ ފޯސްއެއް ޑިވެލޮޕްކުރަން ބޭނުންވާ މުއައްސަސާތައް ނުވަތަ ދާއިރާތައް،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިގޮތުގެ މަތިން އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަން ދެނީ ސިވިލް ސާވިސްގައި ތިބި އަންހެންބޭފުޅުން ލީޑާޝިޕް ރޯލްތަކަށް ބާރުވެރި ކުރުވުމަށް."
އެގޮތުން، ކުރާނެ ބައެއް ކަންކަމުގެ ތެރޭގައި މިނިސްޓަރު ފާހަގަކުރެއްވީ:
-
ސިވިލް ސާވިސްގެ މަސައްކަތުގައި އަންހެނުން ލީޑާޝިޕް ރޯލްތަކަށް ތަމްރީނުކުރުން
-
ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރި ކުރުން
މީގެ އިތުރުން، މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާ ޕްރޮގްރާމްތަކުގައި ވެސް އަންހެނުން އިތުރަށް ބާރުވެރި ކުރުވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެގޮތުން:
-
އާންމުކޮށް އަންހެނުން ނުކުރާ މަސައްކަތްތަކަށް ނުކުންނަން އަންހެނުންނަށް އިތުރު ފުރުސަތު ދޭނެ
-
އަންހެނުންނަށް ކުރެވޭނެ ކަންކަން ފާހަގަކޮށް، އެ ކަންތައްތައް ކުރުމަށް މަގުފަހި ކޮށްދޭނެ
"ހުސް އެކަނި ފިރިހެން ބޭފުޅުންނަކަށް ނޫނޭ ކާޕެންޓްރީ މަސައްކަތް އޮތީ، އިންޖިނިއަރިން އޮތީ،" މާރިޔާ ވިދާޅުވި އެވެ.
"ހަމަ އަންހެން ބޭފުޅުން ވެސް ވަޑައިގަންނަވާށޭ. މިކަހަލަ ކަންތައް ކުރެވޭނޭ ތި ބޭފުޅުންނަށް ވެސް، އެކަހަލަ އިނީޝިއޭޓިވްސް ވެސް ނަގަން އަޅުގަނޑުމެން ބޭނުންވާ ވާހަކަ ދަންނަވާލަން."
ފާހަގަކޮށްލެވޭ - ސިވިލް ސާވިސްގައި އަންހެން މުވައްޒަފުން ނިސްބަތުން ގިނަ ނަމަވެސް، މަތީ ލެވެލްގެ މަގާމުތަކުގައި އަންހެނުން މަދުކަން ފާހަގަކުރެވެ އެވެ. އެކަމާ ގުޅިގެން ދޭތެރެދޭތެރެއިން ފާޑުކިޔުންތައް ވެސް އަމާޒުވެ އެވެ.
ނަމަވެސް، ފަހަކަށް އައިސް އާންމުކޮށް ފިރިހެނުން ގިނަ ދާއިރާތަކަށް އަންހެނުން ނުކުންނަމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް (1)
ކީއްވެ؟