ސްޓެލްކޯގައި ގާއިމްކޮށްފައިވާ ޗައިލްޑްކެއާ ސެންޓަރު. (ފޮޓޯ/ ސްޓެލްކޯ)

ޕޭރެންޓިން

ޑޭކެއާ ސެންޓަރުތަކަށް މުވައްޒަފުން ބިނާކުރަނީ

ޑޭކެއާ ސެންޓަރުތަކަށް ސަރުކާރުން އެހީ ފޯރުކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފައިވޭ
4 ޑިސެމްބަރު 2023

ރާއްޖޭގައި ތައުލީމާއި ތަމްރީން ލިބިފައިވާ މީހުން މަދުކަމަށް ފާހަގަކުރެވޭ ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ޑޭކެއާ ސެންޓަރުތަކަށް ބޭނުންވާ ޕްރޮފެޝަނަލް މީހުން ތަމްރީނު ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާރިޔާ މިހެން ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ ހަފްތާގައި 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި، މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދަން ރާވަމުން އަންނަ ކަންކަން ފާހަގަކުރައްވަމުންނެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ވިދާޅުވި ގޮތުގައި، އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ އެއް ކަމަކީ، ރާއްޖޭގައި މީހުން ނެތް ދާއިރާތަކުން މީހުން ބިނާ ކުރުމެވެ.

އެގޮތުން، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތައް ފާހަގަކުރުމަށްޓަކައި ހަދާފައިވާ ނީޑްސް އެސެސްމެންޓްއަށް ރިއާޔަތްކޮށް، ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ދާއިރާތަކަށް ހާއްސަކޮށް މީހުން ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވި ބައެއް ކަންކަމަކީ:

  • ކުޑަކުދިންނަށް އުފާވެރި މާހައުލެއް ގާއިމް ކުރުމަށްޓަކައި ޑޭކެއާ ސެންޓަރުތަކަށް ބޭނުންވާ ޕްރޮފެޝަނަލް، ތައުލީމީ މީހުން ތަމްރީނު ކުރުން

  • ޑޭކެއާ ސެންޓަރުތަކުގައި ފަސްޓް އެއިޑް ކޯސްތައް ތައާރަފުކޮށް، އެފަދަ ކޯސްތަކުގައި ބައިވެރިވުމުގެ މުހިއްމުކަން ފާހަގަކުރުން

މީގެ އިތުރުން، ފަރުމަސް އާލާކުރުމާއި އެކުއާކަލްޗާ ފަދަ ރާއްޖެއަށް ބޭނުންތެރި، ނަމަވެސް މީހުން މަދު ދާއިރާތަކުން ވެސް މީހުން ތަމްރީނު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފާހަގަކޮށްލެވޭ ކަމެއް - ކުޑަކުދިން ބެލުމުގެ ހިދުމަތް ނުލިބުމުގެ ސަބަބުން ތައުލީމު ހާސިލްކޮށްގެން އެކިއެކި ވަޒީފާތަކުގައި އުޅޭ އަންހެނުންނަށް ހަމަހަމަ ފުރުސަތު ގެއްލޭ ކަމަށް ބުނެ އަޑުއުފުލަމުންދާ އަންހެނުން ރާއްޖޭގައި ވަރަށް ގިނަ އެވެ.

ޑޭކެއާގެ ހިދުމަތް އަގުބޮޑުވުމާއި އެފަދަ ތަންތަނުގައި ހާއްސަ ތަމްރީނު ލިބިފައި ތިބޭ މުވައްޒަފުން ނެތުމާއި ޑޭކެއާގެ ހިދުމަތް ލިބޭ ތަންތަން މަދުވުމަކީ ގިނަ ބައެއްގެ ޝަކުވާ އެކެވެ.

ގުޅުންހުރި ކަމެއް - މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ޑޭކެއާ ސެންޓަރުތަކަށް ސަރުކާރުން އެހީ ފޯރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

މިހާތަނަށް އައިއިރު، ދަރިން ބަލައިދޭ މިފަދަ ތަންތަނަށް ސަރުކާރުގެ މާބޮޑު އަޅާލުމެއް ލިބިފައިނުވާ ކަން ފާހަގަކުރައްވައި، ސަރުކާރުން އެހީދޭން ފެށުމުން ޑޭކެއާ ތަކުގެ ފެންވަރު ރަނގަޅުވެ، އެފަދަ އިތުރު ތަންތަން އުފެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް