ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ދިރާސާ ހަދަން ފައިސާ ދޭ ފަންޑުގެ މަސައްކަތް ބާރަށް ކުރިއަށްދޭ: މިނިސްޓަރު
ގައުމީ ފެންވަރުގައި ރިސާޗު ގްރާންޓް ފަންޑެއް ގާއިމްކޮށް، އެކި ދާއިރާތަކުން އިލްމީ ދިރާސާތައް ކުރެވޭ މިންވަރު އިތުރުކުރަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުގެ ދަށުން އެ ފަަންޑު ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާރިޔާ މިހެން ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ ހަފްތާގައި 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި، މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަ ހިއްސާ ކުރައްވަމުންނެވެ.
ބުނީ ކީކޭ؟ - "ފަންޑުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަދި 'ހަފްތާ 14' [100 ދުވަހުގެ ވައުދުތަކުގެ ތެރޭ]ގައި ޕްލެޖެއްގެ ގޮތުގައި ވެސް ރިސާޗް ފަންޑު ވަނީ ހިމެނިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ފަންޑު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މިނިސްޓަރު ވަނީ އެކަމަށް އެކުލަވާލާފައިވާ ޓީމުން ކުރަމުން އަންނަ ބައެއް މަސައްކަތްތަަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، މާރިޔާ ވިދާޅުވީ:
-
އެންމެ ބޮޑަށް ދިރާސާތައް ބޭނުންވާ ދާއިރާތައް ބަލައި ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ
-
އެ ދާއިރާތައް ކަނޑައެޅުމަށްޓަކައި މީގެ ކުރިން ހަދާފައިވާ ނީޑްސް އެސެސްމެންޓްގެ ބޭނުން ވެސް ހިފަމުންދޭ
"... ކޮން ދާއިރާތަކުންތޯ އަޅުގަނޑުމެންނަށް އެންމެ މުހިއްމީ، ގައުމަށް ފައިދާ ވާނީ ކޮން ދާއިރާތަކަކުން ރިސާޗު ހަދައިގެންތޯ އަދި ޒުވާނުންނާއި އެހެނިހެން ރައްޔިތުން ބާރުވެރި ކުރެވޭނީ ކޮންކޮން ދާއިރާތަކަކުން ރިސާޗު ހަދައިގެންތޯ، އެ ކަންތައްތައް ބަލަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެނގުން މުހިއްމު - އެކި ދާއިރާތަކުން ތައުލީމު ހާސިލްކޮށްފައި ތިބި ގާބިލް މީހުން ރާއްޖޭގައި ތިބި ނަމަވެސް ދިރާސާ ކުރުމާއި އިލްމީ މަސައްކަތްތައް ކުރުމަށް ގައުމީ ފެންވަރުގައި ސަމާލުކަން ދެވިފައި ނުވާ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.
އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ހުރި މައްސަލަތައް އިލްމީ ގޮތެއްގައި ދިރާސާ ކުރެވިގެން، އެ މައްސަލަތަކަށް އެކަށީގެންވާ ހައްލުތައް ހޯދައިގެންނެވެ.