ހަލީމަތު ލަމްހާ އަބްދުއްރަހްމާން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.

މޭރީގެ މަރު

މޭރީ 'ހަންޓް' ކުރާނެ ކަމަށް ލަމްހާ ބުނި މެސެޖެއް؛ ފިންގަޕްރިންޓް ފޮރުވަން އުޅުނު

މާވިން އާއި މޭރީ ދިރިއުޅުނު އެޕާޓްމަންޓް ހުންނަ ގެއިން ނުކުމެގެން ދަމުން، ތަޅަށް އިނގިލީގެ ނިޝާން ނާރާނެ ގޮތް ހެދުމަށް ލަމްހާ މަސައްކަތް ކުރި ކަމަށް ދައުލަތުން ބުނި
24 އޭޕްރީލު 2022

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލައިގައި ދައުވާ އުފުލައި ބަންދުކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން، މޭރީ "ހަންޓް" ކުރާނެ ކަމަށް ބުނި ކަމަށާއި މޭރީ މަރާލި ކަމަށް ބެލެވޭ އެޕާޓްމަންޓުން ލަމްހާގެ އިނގިލީގެ ނިޝާން ފޮރުވަން އޭނާ މަސައްކަތް ކުރި ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ލަމްހާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް އިއްވުމެވެ. ދައުވާ ސާފުނުވާ ކަމުގެ ޝަކުވާތަކާއި، ހެޑްލައިން ހަދަން އުޅޭ ކަމުގެ ތުހުމަތުތަކުގެ ތެރެއިން، މިއަދުގެ އަޑުއެހުމުގައި ވެސް ގިނަ ހެކިތަކަކާއި ވާހަކަތަކެއް ފެންމަތިވި އެވެ.

ލަމްހާއަށް ކޮށްފައިވާ ދައުވާތައް:

  • އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ 

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ 

  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ 

ދޮޅު ގަޑިއިރު ވެގެން ދިޔައިރު ވެސް އިއްވުނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެކަންޏެވެ. ދައުލަތުން ދައުވާ އިއްވުމުން ދިފާއުން ތަކުރާރުކޮށް ބުނަމުން ދިޔައީ ދައުވާ ސާފު ނުވާ ކަމަށެވެ. ދައުވާ ސާފުކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަމުން ދިޔަ ވަރަކަށް، ދިފާއުން ދިޔައީ ސުވާލުތައް ކުރިމަތިކުރުވަމުންނެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ދައުލަތުން މިއަދު މުހިންމު ވާހަކަތަކެއް ކިޔައިދިނެވެ.

'އައި ވިލް ހަންޓް ހާ ޑައުން'

ދައުލަތުން މިއަދު ކޯޓުގައި ބުނީ މޭރީއަށް އަމާޒުކޮށް، އޭނާގެ ފިރިމީހާ އަދި އޭނާ މަރާލި ކަމަށް ތުހުމަތުކުރާ މާވިން އެސްވައިގަސްގެ ފޯނަށް ލަމްހާ ފޮނުވި މެސެޖެއްގައި "އައި ވިލް ހަންޓް ހާ ޑައުން" ލިޔެފައިވާ ކަމަށެވެ. އެއީ ކޮން ތާރީހެއްގައި ފޮނުވި މެސެޖެއް ކަމެއް ދައުލަތުން ނުބުނެ އެވެ. ނަމަވެސް، އެއީ މާވިން އާއި ލަމްހާގެ ލޯބީގެ ގުޅުން މޭރީއަށް ފަޅާއަރައި ދެ އަންހެނުންގެ ދެމެދުގައި ވެސް މައްސަލަތަކެއް ޖެހުނު ފަހުން ފޮނުވި މެސެޖެކެވެ.

ދައުލަތުން ބުނީ މާވިންގެ ފޯނު މޭރީ ވެސް ބޭނުންކުރާކަން ލަމްހާއަށް އެނގޭ ކަމަށެވެ. އަދި "މިހާރު މި ވާހަކަދައްކަނީ މާވިންއާތޯ ނޫނީ މޭރީއާތޯ" ލަމްހާ ސުވާލު ވެސް ކޮށްފައި ހުރި ކަމަށާއި، އެފަދަ އިންޒާރެއްދީ ލަމްހާ މެސެޖުކުރީ މޭރީއަށް އެ މެސެޖު ފެންނާނެކަން އެނގޭތީ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ އޭގެ އިތުރުން، މޭރީ އާއި އޭނާއާ އެކު އައިޖީއެމްއެޗުގައި މަސައްކަތްކުރި ދިވެހި ނަރުސް ލަމްހާއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކުން ވެސް، ދެ މީހުންގެ ދެމެދު އަދާވަތްތެރިކަން އޮތް ކަމާއި ހޮސްޕިޓަލުގެ ތެރޭގައި ވެސް ބަހުގެ ހަމަލާތަކެއް ބަދަލުކޮށް ޒުވާބުކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.

ނަރުސް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލަމްހާ އާއި މާވިން.

ދައުލަތުގެ ވަކީލު ޝާމާ ނަސީރު ވިދާޅުވީ ލަމްހާ އާއި މާވިންއާ ދެމެދު ބަދަލުކޮށްފައި ހުރި ބައެއް މެސެޖުތައް ހުރީ ޑިލީޓުކޮށްފައި ކަމަށެވެ. ނަމަވެސް، ތަހުގީގުގެ ތެރެއިން އެ މެސެޖުތައް ރިކަވާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަންހެނެއްގެ ގަޔަށް އިންޖެކްޝަން ޖަހާނެ ގޮތުގެ އިރުޝާދު ލަމްހާ ދީފައި ހުރި މެސެޖު ހޯދީ، ވަކީލު ވިދާޅުވި ގޮތުގައި، އެ ގޮތަށެވެ.

ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ދިފާއުން މިއަދު ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، ދިފާއުން ބުނީ އެއީ މީހަކު މަރާލުމުގެ "މޯޓިވް" ކަމަށް ނުވާނެ ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ، މާވިން އާއި ލަމްހާ ކައިވެނިކުރަން މަސައްކަތް ކޮށްފައިވާކަން ވެސް އެނގޭ ކަމަށެވެ. ނަމަވެސް، ފިލިޕީންސްގެ ގާނޫނުގައި ވަރިކުރުމަކީ މަނާ ކަމެއް ކަމަށް ވާތީ، ކައިވެނި ކުރެވޭނެ ގޮތެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

މޭރީ މަރުވީ ލަމްހާ ގެއަށް ވަނުމުގެ ކުރިންތަ؟ ނޫނީ ފަހުންތަ؟

މިއަދުގެ އަޑުއެހުމުގައި އެންމެ ބޮޑު ބަހުސެއް ހިނގީ މި ސުވާލާ ގުޅިގެންނެވެ. ދިފާއުން ބުނަނީ ލަމްހާ އެ ގެއަށް ވަދެފައިވަނީ މާވިން މޭރީއަށް ހަމަލާދީ މަރާލި ފަހުން ކަމަށް ދައުލަތުން ބުނާ ކަމަށެވެ. ދައުލަތުން އެހެން ބުނާ ނަމަ، މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރެވޭނީ ކިހިނެއްތޯ ދިފާއުން ސުވާލު އުފެއްދި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ލަމްހާ އެ ގެއަށް ވަނީ މޭރީ މަރުވި ފަހުން ކަމަށް ދައުލަތުން ބުނެފައި ނުވާނެ ކަމަށެވެ. އަދި ދައުވާގެ އެއްވެސް ތަނެއްގައި ވެސް މޭރީ މަރުވި ވަގުތާ ގުޅޭ ވާހަކައެއް ނޯންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ "މާވިން މޭރީއަށް ހަމަލާ ދިނުމާ ހަމައަށް" ލަމްހާގެ ގޭގައި އެ ދެ މީހުންގެ ދަރިފުޅު އޮލީވިއާ ގެންގުޅުނު ކަމަށެވެ. އެގޮތުން:

  • އޭގެ ފަހުން އޮލީވިއާ ގޮވައިގެން މާވިންގެ ގެއަށް ލަމްހާ ދިޔައީ 12:23 ހާއިރު ކަމަށް

  • އެޕާޓްމަންޓުގައި 20 މިނެޓު ހޭދަކުރި ކަމަށް

  • މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް އެ ފަދަ ސީނެއް އުފައްދަން މާވިންއާ ބައިވެރިވި ކަމަށް

  • ލަމްހާ ގެއިން ނުކުމެގެން ދިޔަތާ އެއް މިނެޓު ފަހުން، ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ހޮސްޕިޓަލަށް ގުޅިކަން

  • މޭރީ މަރުވީ ދަންޖެހިގެން ނޫން ކަމާއި، ލިބުނު އަނިޔާތަކާއި ނޭވާ ހާސްކޮށްލުމުގެ ސަބަބުންކަން އެނގެން އޮތުން

ހަލީމަތު ލަމްހާ އަބްދުއްރަހްމާން އާއި އޭނާގެ ދިފާއީ ވަކީލުން ކަމުގައިވާ ޝާއިރު (ކ) އަދި ޔާމީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.

ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ލަމްހާ އެ ގޭގެ ތެރެއަށް ވަދެ ސީނެއް އުފައްދަން ކުރި މަސައްކަތެއް ދައުލަތަށް ބުނެނުދެވޭ ކަމަށާއި އެފަދަ ހެއްކެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން، ދައުލަތުން "އިމޭޖިން" ކޮށްގެން އެފަދަ ވާހަކަތަކެއް ނުދެއްކޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ދިފާއީ ވަކީލު ޝާއިރު ވިދާޅުވީ މާވިން އާއި މޭރީ އުޅެމުން ދިޔަ އެޕާޓްމަންޓަށް ލަމްހާ ވަދެފައިވާކަން ފެންނަ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. 

'ތަޅުގައި ހިފީ އިނގިލީގެ ނިޝާން ނާރާނެ ގޮތަށް'

ޝާއިރުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު އާމިނަތު ޝާމާ ނަސީރު ވަނީ ރައްދު ދެއްވައިފަ އެވެ. ޝާމާ ވިދާޅުވީ މޭރީ އާއި މާވިން ދިރިއުޅުނު އެޕާޓްމަންޓް ހުންނަ ގެއަށް ލަމްހާ ވަންނަ މަންޒަރާއި ނުކުންނަ މަންޒަރު ވެސް ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.

"ވިހި މިނެޓު ފަހުން ލަމްހާ އެ ގެއިން ނުކުމެގެން ދިޔައިރު އެ ގޭގެ ދޮރު ހުޅުވުމަށްޓަކައި ފިންގަޕްރިންޓް ކަވާ ކުރުމަށް އަތް އެބަ ފޮރުވާ ޓީޝާޓުން،" ވަކީލު ވިދާޅުވި އެވެ.

ކުށެއް ނުކުރާ މައުސޫމް މީހަކު އެގޮތަށް އަމަލުކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ވަކީލު ސުވާލު އުފެއްދެވި އެވެ.

ދައުލަތަށް ރައްދު ދީ ދިފާއީ ވަކީލުން ވިދާޅުވީ ގޭގެ ތެރެއަށް ލަމްހާ ވަދެފައިވީ ނަމަވެސް، މާވިންގެ އެޕާޓްމަންޓަށް ވަދެފައި ވާކަން ދައުލަތަށް ބުނެ ނުދެވޭނެ ކަމަށެވެ. 

ހަލީމަތު ލަމްހާ އަބްދުއްރަހްމާން އާއި އޭނާގެ ދިފާއީ ވަކީލުން އަދި ދައުލަތުގެ ވަކީލުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.

ނަމަވެސް، ދައުލަތުން ހުރީ އެ ކަމަށް ވެސް ހެކި ހުށަހަޅައިފަ އެވެ. މާވިން އާއި މޭރީ ދިރިއުޅެމުން ދިޔައީ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގަ އެވެ. ލަމްހާ އެ ގެއަށް ވަދެ ނުކުތުމާ ހަމައަށް ހޭދަވި ވަގުތުގައި އެ ގެއަށް ވަދެ ނުކުތް އެއްވެސް މީހަކަށް، ސިޑިމަތިން އޭނާ ފެނިފައެއް ނުވެ އެވެ. އަދި އިތުރު އެޕާޓްމަންޓަކަށް ނުވަންނަކަން ވެސް ސާބިތުކުރުމަށް ވެސް ހެކިބަސް ހުރީ ހުށަހަޅައިފަ އެވެ.

ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވަނީ އިތުރު ކަމެއް ވެސް ފާހަގަކުރައްވައިފަ އެވެ. ވަކީލު ވިދާޅުވީ ތަހުގީގު މަރުހަލާގައި ސީސީޓީވީ ފުޓޭޖު ނުދައްކައި އެޕާޓްމަންޓު ހުންނަ ގެއަށް ވަދެފައިވާނެތޯ ސުވާލުކުރުމުން ލަމްހާ އެކަމަށް އިންކާރު ކުރި ކަމަށެވެ. ނަމަވެސް، ފަހުން ފުޓޭޖު ދެއްކުމުން، އެކަމާ ގުޅިގެން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުނި ކަމަށް ވަކީލު ވިދާޅުވި އެވެ.

ދައުލަތުން ބުނީ ކޮންމެ މައްސަލައެއްގައި، މީހަކު މަރާލަން ކަރަށް ވަޅި ހެރި ތަން ނުވަތަ އިންޖެކްޝަނެއް ޖެހި ތަން ބަލަން މީހަކު ނުހުންނާނެ ކަމަށެވެ. ނަމަވެސް، ކަން ހިނގާފައިވާ ގޮތާއި ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމުން މި މަރުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ޔަގީންވާ ކަމަށް ދައުލަތުން ބުންޏެވެ.

'ދައުލަތުން އުޅެނީ ހެޑްލައިން ހަދަން'

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލު ޝާއިރު ވަނީ، ޝަރީއަތުގައި ނޫސްވެރިން ބައިވެރިވާތީ ދައުލަތުގެ ވަކީލުން "ހެޑްލައިން ހައްދަވަން ހަގީގަތާ ހިލާފު ވާހަކަ ދައްކަވާ" ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

"ފިލްމު ކުޅުމުގެ ބަދަލުގައި ޝަރީއަތް ކުރިއަށް ގެންދަވާ،" އޭނާ ވިދާޅުވި އެވެ.

ޝާއިރުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. ވަކީލު ޝާމާ ވިދާޅުވީ ދައުލަތުން ވާހަކަދައްކަނީ ލިބިފައި ހުރި ހަރުދަނާ ހެއްކާއި ގަރީނާތަކުގެ އަލީގައި ކަމަށާއި، ހެޑްލައިން ހެދުމަށް ދައުލަތުން ހަގީގަތާ ހިލާފު ވާހަކަދައްކާ ކަމަށް ނުބުނެވޭނެ ކަމަށެވެ.

އެހެންކަމުން، ޝަރީއަތުން އެކަމަށް ފުރުސަތު ނުދިނުމަށް ވެސް ދައުލަތުން އެދުނެވެ. އަދި ދިފާއީ ވަކީލުން ދައުލަތަށް ވައްބަހުން ޖަހައި ޖެއްސުންކުރާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

'ސީނިއާ ނަރުހަކަށް އާދައިގެ ނަރުހަކު ކިޔައިދޭން ޖެހޭ އެއްޗެއް ނޯންނާނެ'

އަންހެނެއްގެ ގަޔަށް އިންޖެކްޝަން ޖަހާނެ ގޮތުގެ އިރުޝާދު ދީ ލަމްހާ މާވިންއަށް ފޮނުވި މެސެޖެއްގެ ވާހަކަ މީގެ ކުރިން ވެސް ކޯޓުގައި ދެއްކި އެވެ. ދިފާއީ ވަކީލު ޝާއިރު މިއަދު ވިދާޅުވީ މާވިން އަކީ އައިޖީއެމްއެޗުގައި ޝިފްޓް އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރި އެންމެ ސީނިއާ އެއް ނަރުސް ކަމަށާއި، އިންޖެކްޝަނެއް ޖަހާނެ ގޮތް ލަމްހާ ކަހަލަ އާދައިގެ ނަރުހަކު ކިޔައިދޭން ނުޖެހޭނެ ކަމަށެވެ.

"މިއީ ބޮޑު ޖޯކެއް ނޫންތޯ،" ޝާއިރު ސުވާލުކުރެއްވި އެވެ.

ދައުލަތުން ބުނީ، މީހަކު މަރާލެވޭ ވަރުގެ ނުރައްކާތެރި ކެމިކަލްތަކެއް ފެނުނީ ލަމްހާގެ ގެއިން ކަމަށާއި، އޭގެ ތެރެއިން އެއް ކެމިކަލް މޭރީގެ ހަށިގަނޑުން ވެސް ފެނިފައިވާ ކަމަށެވެ. އަދި އެއީ ހޮސްޕިޓަލުން ވަގަށް ނަގާފައި ހުރި އެއްޗެހިތަކެއްކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ފިލިޕީންސްގެ މޭރީ: މޭރީ ދަންޖެހިގެން މަރުވި ކަމަށް ފިރިމީހާ މާވިން ބުންޏަސް ދައުލަތުން ތުހުމަތު ކުރަނީ މާވިން މޭރީ މަރާލީ ކަމަށް.

ދައުލަތުން ބުނީ މާވިންގެ ގެއިން އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ. އަދި މާވިން އެފަދަ އެއްޗެއް ވަގަށް ނެގި ކަމަށް ބެލެވެން ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވަކީލު ނައުފަލް ވިދާޅުވީ ލަމްހާގެ ގެއިން ފެނުނު މާއްދާތަކަކީ މީހަކު ހޭނައްތަން ބޭނުންކުރާ އެއްޗެއްސަށް ވާއިރު، ލަމްހާގެ ގޭގައި އެ ހުންނަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

ދިފާއު ބިނާވާނީ ދަރިފުޅު ބުނާ އެއްޗަކަށް

މިއަދު މެންދުރުވާން ކައިރިވެފައި ވަނިކޮށް އަޑުއެހުން ފަށައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ފުރަތަމަ ކަށަވަރުކުރެއްވީ މައްސަލައިގެ ލިޔެކިޔުންތައް ދިފާއަށް ލިބިފައިވޭތޯ އެވެ. ލަމްހާގެ ދިފާއީ ވަކީލު ޔާމީން ވިދާޅުވީ މޭރީ އާއި އޭނާގެ ފިރިމީހާ މާވިންގެ ފަސް އަހަރުގެ ދަރިފުޅު އޮލީވިއާގެ ބަޔާން ނޫން އެހެން ހުރިހާ ލިޔެކިޔުމެއް މިހާރު ލިބިފައިވާ ކަމަށެވެ.

މޭރީ މަރާލި އިރު އޭނާގެ ދަރިފުޅު ހުރީ އެ ހާދިސާ ހިނގި ގޭގެ ތެރޭގައި ކަމަށާއި އެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހަދަނީ އެ ކުއްޖާއަށް ހާދިސާއާ ބެހޭ އެއްވެސް މަންޒަރެއް ފެނުނުތޯ ބަލަން ކަމަށް ދައުލަތުން މީގެ ކުރިން ކްރިމިނަލް ކޯޓުގައި ވަނީ ބުނެފަ އެވެ.

ދިފާއީ ދެވަނަ ވަކީލު ޝާއިރު ވިދާޅުވީ އޮލީވިއާ އަކީ މޭރީ މަރާލި ހާދިސާ ފެނުމުގެ ފުރުސަތު އޮތް ހަމައެކަނި ފަރާތް ކަމުން، އެ ކުއްޖާގެ ބަހެއް ނެތި ދައުވާއަށް ޖަވާބުދާރީ ނުވެވޭނެ ކަމަށެވެ.

"އެ ރިޕޯޓަކީ މުޅި މައްސަލައިގެ ދިފާއު. އެ ރިޕޯޓަކާ ގުޅިގެން ބަދަލުވެދާނެ ނުވަތަ އެ ރިޕޯޓަކާ ގުޅިގެން ބިނާކުރަން ޖެހޭ ގޮތް އުޑާއި ބިމާހާ ތަފާތުވެގެންދާނެ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

އޮލީވިއާގެ ފޮރެންސިކް ސައިކޮލޮޖީ ރިޕޯޓު ތައްޔާރުކުރަނީ ފިލިޕީންސްގަ އެވެ. ދައުލަތުން ބުނީ އެ ލިޔުން ލިބޭނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށާއި އެކަމަށް އަހަރުދުވަސް ވެސް ނަގާފާނެ ކަމަށެވެ.

"ރިޕޯޓު ގިނަ ދުވަސް ވަންޏާ ލަމްހާ ބަންދުން ދޫކޮށްލާ. އޭރުން އަޅުގަނޑުމެންގެ މައްސަލައެއް ނެތް ކިތަންމެ ދުވަހެއް ވިޔަސް،" ޝާއިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރީއަތް ފަށާ ފަހުން އެ ރިޕޯޓު ލިބި، މަންޒަރެއް ފެނުނު ކަމަށް އޮލީވިއާ ބުނެފައި ވާނަމަ، ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ލަމްހާއަށް މުޅިން ބަންދުވާނެ ކަމަށެވެ. އެހެންކަމުން، އެ ރިޕޯޓަކީ ދައުވާއަށް ޖަވާބުދާރީވާން "އަސާސީ" އެއްޗެއް ކަމަށް ވަކީލު ވިދާޅުވި އެވެ.

މޭރީ އާއި މާވިން އެ މީހުންގެ ދަރިފުޅާ އެކު.

ދިފާއުގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ނައުފަލް ވިދާޅުވީ އެ ރިޕޯޓު ނެތަސް ދައުވާއަށް ޖަވާބުދާރީ ވެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ވަކީލު ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ނުކުންނާނީ ތިން ނަތީޖާއެއް ކަމަށެވެ. އެއީ:

  • 1-

    ކުޑަކުއްޖަކަށް ވުމުން ކަންކަން ހަނދާން ނެތި، ކުއްޖާ އެއްވެސް ވާހަކައެއް ނުދެއްކުން

  • 2-

    ލަމްހާ އެ ގެއަށް ވަތް ކަމަށް ކުއްޖާ ބުނުން

  • 3-

    ކުއްޖާއަށް އެއްވެސް ކަމެއް ނުފެންނަ ކަމަށް ބުނުން

"ދައުލަތަކަށް ނޭނގެ ދިފާއު ބިނާ ނުކުރެވެނީ ކީއްވެތޯ. އެ ތަނަށް ލަމްހާ ވަތް ކަމަށް ކުއްޖާ ބުނެފި ނަމަ، ނުވަންނަކަން ސާބިތުކޮށްދޭން ވަކި އިތުރު ކޮން ހެއްކެއްތޯ އެ ރިޕޯޓަށް ބަލައިގެން ދިފާއުން ހުށަހަޅަން ޖެހޭނީ،" ވަކީލު ވިދާޅުވި އެވެ.

ނައުފަލް ވިދާޅުވީ ލަމްހާ އެ ގޭގެ ތެރެއަށް ވަދެފައި ވާކަން ސާބިތުކޮށްދެވޭނެ މިންވަރަށް މިހާރު ވެސް ދައުކަތުން ހެކި ހުށަހަޅާފައިވާނެ ކަމަށެވެ. 

އެނގުން މުހިންމު - ޝަރީއަތުން ނިންމީ، އިބްތިދާއީ މަރުހަލާގައި އެ ރިޕޯޓު ހުށަހަޅައިފި ނަމަ ހެއްކެއްގެ ގޮތުގައި އެ ރިޕޯޓު ބަލައިގަތުމަށެވެ. ނަމަވެސް ޝަރީއަތް ފަށާ ފަހުން އެ ރިޕޯޓު ހުށަހަޅައިފި ނަމަ ބަލައިނުގަންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން، ދައުވާ ސާފކޮށްދޭން ދައުލަތުން އެކަށީގެންވާ ވަރަށް މަސައްކަތްކޮށްފައިވާ ނިންމަވައި ދައުވާއަށް ޖަވާބުދާރީވާން ގާޒީ އެންގެވުމުން، ލަމްހާގެ ފަރާތުން ވަކީލު ޝާއިރު ވިދާޅުވީ ލަމްހާ އެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް