ހަލީމަތު ލަމްހާ އަބްދުއްރަހްމާން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.
ޑިސްކެއްގައި ރެނދުލައި ޖަލުގައި އުޅެން ވަރަށް އުނދަގޫ: ލަމްހާ
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލައިގައި ދައުވާ އުފުލައި ބަންދުކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން މާފުށީ ޖަލުގެ ފާހާނާ ތެރެއަށް ވެއްޓި، އޭނާގެ މައިބަދައިގެ ޑިސްކަކަށް ގެއްލުންވެފައިވާ ކަމަށް އޭނާ މިއަދު ކޯޓުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - މަރުގެ މައްސަލައިގައި މިއަދު ބޭއްވި ބަންދު މުރާޖައާކުރުމުގެ އަޑުއެހުމުގައި ލަމްހާގެ ދިފާއީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ލަމްހާ ޖަލުގެ ފާހާނާ ތެރެއަށް ވެއްޓިގެން މިދިޔަ ބުރާސްފަތި ދުވަހު އޭނާ އިމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ތަފްސީލް - ޝާއިރު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، އޭޑީކޭ ހޮސްޕިޓަލުގައި ވެސް ލަމްހާއަށް ފަރުވާ ދިން ކަމަށާއި، އޭނާ އަލުން ޖަލަށް ގެންދިޔައީ އިއްޔެ ކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން، ލަމްހާގެ ޑިސްކެއްގައި ރެނދު ލާފައިވާކަން އެނގޭ ކަމަށާއި، އެހެންކަމުން "ބެޑް ރެސްޓް" ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
މި މައްސަލައިގައި ލަމްހާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު، ދިފާއުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރެވޭނެ ފަދަ ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް މިއަދު ޝަރީއަތުގައި ބުނެފަ އެވެ.
ލަމްހާ އަލަށް ޝަރީއަތުގައި ވާހަކަދެއްކި
ވަކީލުގެ ވާހަކަތަކާ ގުޅިގެން ޝަރީއަތުން ވަނީ ލަމްހާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދީފަ އެވެ. މިއީ އޭނާއަށް ވާހަކަދައްކަން ދިން ފުރުސަތުގައި ޝަރީއަތުގައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.
ބުނީ ކީކޭ؟ - ވާހަކަ ދައްކަން ދިން ފުރުސަތުގައި ލަމްހާ ބުނީ:
-
ހައްޔަރުކޮށް ޖަލުގައި ބަންދުކުރިއިރު ވެސް އޭނާ އަކީ "ޑިސްކް ޑީޖެނެރޭޓިވް ޑިޒީސް"އަށް ޑައިގްނޯޒްކޮށްފައިވާ މީހެއް
-
ޖަލަށް ގެންދިއުމުގެ ކުރިން އޭނާ އުޅެމުން ދިޔައީ ގަވާއިދުން ކަސްރަތުކޮށް، ވަރަށް ބަލައިގެން
-
ނަމަވެސް ޖަލުގައި އެފަދަ އިންތިޒާމެއް ނެތުމުގެ ސަބަބުން އެކަން ވަރަށް ބޮޑަށް ދޫވެގެން ދިޔަ
-
އެންމެ ފަހުން ފާހާނާ ތެރެއަށް ވެއްޓި، އުނަގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެފައިވޭ
-
ދެ ބަދައެއްގެ ދެމެދު އިންނަ ޑިސްކެއްގައި ވަރަށް ބޮޑަށް ރެނދުލާފައިވާކަން އެމްއާރްއައިން ވެސް ދައްކާފައިވޭ
"އެކަމަކު އެ ޑިސްކު އިންނަނީ ފަޅައިގެން ގޮއްސައެއް ނޫން. އެހެންވީމަ އަސްލު ވަރަށް ޕެއިންފުލް ކޮންޑިޝަނެއް މިއީ އަޅުގަނޑަށް ވެސް މިތާ އުޅެން،" ލަމްހާ ބުންޏެވެ.
ދިފާއީ ވަކީލު ޝާއިރު ވިދާޅުވީ ބަރު އެއްޗެހި ނުއުފުލަން ޑޮކްޓަރު އިރުޝާދު ދިން ނަމަވެސް ޖަލުގައި ފެންވަރައި ތާހިރުވާން ޖެހެނީ ބާލިދީއަށް ފެން ފުރައިގެން، ބާލިދީ އުފުލައިގެން ކަމަށް ވާތީ ލަމްހާއަށް އެ ނޫން ގޮތެއް ނެތް ކަމަށެވެ.
"މި ތަނަކީ ބަކެޓު އުފުލައިގެން ހުރިހާ ކަމެއް ކުރަންޖެހޭ [ތަނެއް]. މިތާކު އެ ގޮތަށް ހެލްޕު ވެދޭނެ މީހަކު ނާންނާނެ. އެހެންވީމަ ވަރަށް އުނދަގޫ އުޅެން،" ލަމްހާ ބުންޏެވެ.
ލަމްހާ ބުނީ އޭނާ ފަހަތަށް ބިޑި އަޅުވާތީ ވެސް އުނދަގޫވާ ކަމަށެވެ. އަދި އެންމެ ފަހުން ޕްރިޒަން އޮފިސަރުން ޖަލު ގޮޅި ބަލައި ފާސްކުރުމަށް ފަހު ނުކުމެގެން ދިޔައީ ހުރިހާ އެއްޗެއް އުކާލާފައި ކަމަށާއި، އެއްޗެހިތައް ފަތް ޖަހައި މުޅި ތަން ސާފުކުރަން ވެސް ވަރަށް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.
"ސެލްގެ ގައިދީންނަކަށް އަޅުގަނޑަކަށް އަބަދަކު ހެލްޕަކަށް ނުވެސް ގޮވޭނެ. މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ،" ލަމްހާ ބުންޏެވެ.
ދައުލަތުގެ ބަސް - ލަމްހާގެ ބަލި ހާލަތު އަންގައިދޭ ޑޮކްޓަރުގެ ލިޔުންތައް ދިފާއުގެ ފަރާތުން ފޮނުވީ ރޭ ވަރަށް ދަންވެފައި ވަނިކޮށެވެ. ކްރިމިނަލް ކޯޓަށް ލިޔުންތައް ލިބިފައިވީ ނަމަވެސް ދައުލަތުން ބުނީ އެ ލިޔުންތައް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން، އެކަމާ މެދު އެއްޗެއް ބުނެވޭނީ ލިޔުންތައް ބެލުމަށް ފަހު ކަމަށް ދައުލަތުގެ ވަކީލު އަހްމަދު ނައުފަލް ވިދާޅުވި އެވެ.
ޖަލުގައި ބަރު އެއްޗެހި ނުއުފުލައި އަރާމު ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެތޯ ޝަރީއަތުން ސުވާލުކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެކަމަށް ޖަވާބެއް ދެވޭނީ ކަރެކްޝަންސްގެ ބަހެއް ލިބިގެން ކަމަށެވެ.
އެހެންކަމުން، ލަމްހާގެ ބަންދު މުރާޖައާކުރުމާ މެދު މިއަދު ވަކި ގޮތެއް ނުނިންމަ އެވެ. މައްސަލަ ބައްލަވާ ގާޒީ، ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ އަންނަ އަންގާރަ ދުވަހު ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (1)
ވަކީލް