ހަލީމަތު ލަމްހާ އަބްދުއްރަހްމާން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.
ލަމްހާގެ ސިއްހީ ހާލަތު ބަލައިދިނުމަށް ދިފާއުން އެދިއްޖެ
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލައިގައި ދައުވާ އުފުލައި ބަންދުކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ސިއްހީ ހާލަތު ބަލައިދިނުމަށް އޭނާގެ ދިފާއީ ވަކީލުން މިއަދު އެދިއްޖެ އެވެ.
މައްސަލައިގެ ފެށުން - ބިދޭސީ ނަރުހުގެ މަރުގެ މައްސަލައިގައި ލަމްހާގެ އިތުރުން ދެން ދައުވާ އުފުލާފައި ވަނީ، އޭނާގެ ލޯބިވެރިޔާ ކަމަށް ބެލެވޭ ފިލިޕީންސްގެ ނަރުސް މާވިން އެސްވައި ވާގަސް އަށެވެ. މާވިން އަކީ މޭރީގެ ފިރިމީހާ އެވެ.
މި މައްސަލައިގެ ޝަރީއަތް ފެށީ މިދިޔަ މަހުގެ 20ގަ އެވެ. އެ ދުވަހުގެ އަޑުއެހުމުގައި:
-
ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރަން އެދިފައި
-
މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ އިތުރު ހެކިތަކެއް ވެސް ހުށަހަޅަން ހުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު އެ ދުވަހު ގޮތެއް ނުނިންމަވާނެ ކަމަށް
-
ނަމަވެސް ލަމްހާގެ ބަންދަށް 30 ދުވަސް ކޯޓުން އެ ދުވަހު ދިން
ވީ ކިހިނެއް؟ - އެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ މިއަދު ވަނީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އަޑުއެހުމެއް ބާއްވައިފަ އެވެ. މާވިން އާއި ލަމްހާގެ ޝަރީއަތްތައް ވަކިވަކިން ކުރިއަށް ގެންދާއިރު، މާވިންގެ މައްސަލައިގައި މިއަދު މެންދުރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފަ އެވެ.
ދައުލަތުން މިއަދު ކޯޓުގައި ބުނީ، ލަމްހާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ވެދާނެ ކަމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށާއި، އެހެންކަމުން އޭނާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އެދޭ ކަމަށެވެ.
ލަމްހާއަށް ކޮށްފައިވާ ދައުވާތައް:
-
އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ
-
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
-
ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ
ނަމަވެސް ދިފާއުގައި ވާހަކަ ދެއްކުމުގެ ކުރިން، ބައެއް ކަންކަން ދިރާސާކުރަން ވަގުތު ބޭނުންވާނެ ކަމަށް ލަމްހާގެ ވަކީލުން ވިދާޅުވުމުން، ދައުލަތުން ވަނީ މިއަދުގެ އަޑުއެހުމުގައި ވަރަށް ގިނައިރުތަކެއް ހޭދަވެގެން ގޮސްފައިވާކަން ފާހަގަކޮށްފަ އެވެ.
އެހެންކަމުން، ދެން އޮންނަ އަޑުއެހުމަކާ ހަމައަށް ލަމްހާގެ ބަންދު އިތުރުކޮށްދިނުމަށް ފަހު، އެ އަޑުއެހުމުގައި ބަންދާ ގުޅޭ ގޮތުން ތަފްސީލުކޮށް ވާހަކަދައްކަން ދައުލަތުން ހުށަހެޅި އެވެ. މި މައްސަލައިގައި ދެން ޝަރީއަތެއް އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.
ދައުލަތުގެ އެ ހުށަހެޅުމަށް ދިފާއުން އިއުތިރާޒު ނުކުރުމުން، ގާޒީ ފާއިޒު ނިންމެވީ ހޯމަ ދުވަހުގެ ހަވީރު 4 ޖަހަންދެން ލަމްހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށެވެ.
ވަކީލުންގެ ބަސް - ބަންދާ ގުޅޭ ވާހަކަތައް ދައްކާ ނިމުމުން، ދިފާއީ ވަކީލު އަބްދުﷲ ޝާއިރު ވަނީ، ލަމްހާ ބަންދުގައި މި ހުރި މުއްދަތުގެ ތެރޭގައި އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ދައުލަތުން އެއްވެސް ކަމެއް ބަލާފައި ވާނެތޯ ސުވާލުކުރައްވައިފަ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އާންމު އުސޫލުން، ބަންދުގައި ހުންނަ މީހެއްގެ ސިއްހީ ފަރުވާގެ ކަންކަމުގެ މައުލޫމާތު ދައުލަތުން ހޯދަނީ އެފަދަ ޝަކުވާއެއް ލިބުމުން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާ އިން ފެށިގެން މިހާތަނަށް ވެސް ލަމްހާގެ ފަރާތުން އެފަދަ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާތީ އެކަން ބަލާފައި ނުވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ދައުލަތުން ލަމްހާގެ ސިއްހީ ހާލަތު ބެލުމަށް ފަހު ދެން އޮންނަ ޝަރީއަތުގައި އެ ވާހަކަތަކަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
ދިފާއީ ވަކީލު ވިދާޅުވީ ލަމްހާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ދައްކަން ހުރި ބައެއް ވާހަކަތަކަކީ ވަރަށް ޒާތީ މައުލޫމާތުތަކެއް ކަމަށެވެ. އެހެންކަމުން ބަންދު މުރާޖައާކުރުމަށް ބާއްވާ އަޑުއެހުން ސިއްރުކޮށްދިނުމަށް ވަކީލު އެދިވަޑައިގަތެވެ.
"އެ ވާހަކަތައް ސާފުވާނެ، ލަމްހާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ދައުލަތުން ބަލަން ޖެހޭ ކަންކަން ބެލީމާ،" ވަކީލު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން، ވާހަކަދެއްކުމުގެ ފުރުސަތެއް ލަމްހާއަށް ވެސް ދިނެވެ. ނަމަވެސް ލަމްހާ ބުނީ ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
އެނގުން މުހިންމު - މިއީ ދެ މީހަކު ގުޅިގެން މީހަކު މަރާލި މައްސަލައެއް ކަމަށާއި މޭރީ މަރާލީ ދުރާލާ ރާވައިގެން ލަމްހާގެ ފުރިހަމަ ބައިވެރިވުމާ އެކުކަން ބުނެދިނުމަށް ދައުލަތުން ވަނީ މިދިޔަ މަހުގެ 20ގައި އޮތް ޝަރީއަތުގައި މުހިންމު ވާހަކަތަކެއް ހާމަކޮށްފަ އެވެ.
މާވިން އާއި ލަމްހާއާ ދެމެދު ބަދަލުކުރި މެސެޖްތަކުގެ ތަފުސީލު، އެ ދުވަހު ޝަރީއަތުގައި ދައުލަތުގެ ފަރާތުން ދިން އިރު، މީހަކު މަރުވެދާ ފަދަ ނުރައްކާތެރި ސިރިންޖަތަކެއް ބޭނުންކުރުމުގެ ވާހަކަތަކެއް ބަދަލުކޮށްފައި ހުރި ކަން އެނގެ އެވެ.