ލަމްހާ މިއަދުގެ ޝަރީއަތުގައި: އޭނާގެ ވަކީލު ވިދާޅުވީ މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކެމުގެ ހެއްކެއް ނެތް ކަމަށް
މޭރީގެ މަރު: އިންޖެކްޝަން ޖަހަންވާ ގޮތް ލަމްހާ ކިޔައިދިން ގޮތުގެ މެސެޖުތަކެއް
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ (މޭރީ) މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މާވިން އެސްވައި ވާގަސް އާއި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މެދުގައި ބަދަލުކުރި މެސެޖްތަކުން، މޭރީގެ ގަޔަށް އިންޖެކްޝަނެއް ޖަހަންވާ ގޮތް ލަމްހާ ކިޔައިދިންކަން، ޝަރީއަތުގައި، މިއަދު އެނގިއްޖެ އެވެ.
ދެ ލޯބިވެރިން ކަމަށް ބެލެވޭ މާވިން އާއި ލަމްހާއާ ދެމެދު ބަދަލުކުރި މެސެޖްތަކުގެ ތަފުސީލު، މިއަދު ޝަރީއަތުގައި ދައުލަތުގެ ފަރާތުން ދިން އިރު، އެއިން އެނގެނީ މީހަކު މަރުވެދާ ފަދަ ނުރައްކާތެރި ސިރިންޖަތަކެއް ބޭނުންކުރުމުގެ ވާހަކަތަކެއް ބަދަލުކޮށްފައި ހުރި ކަމެވެ.
މައްސަލައިގެ ފެށުން - 19 އޮކްޓޯބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މޭރީ ދަން ޖެހުނު ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެވެ. އައިޖީއެމްއެޗުގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ފިރިމީހާ ބުންޏަސް، ފުލުހުންނަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައި މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ އޭނާ އޮތީ މަރާލާފައިކަމެވެ.
ތަފްސީލް - ލޯބީގެ ބައެއް ހިމެނޭ މި އާދަޔާ ހިލާފު މައްސަލައިގެ ޝަރީއަތް ފެށި މިއަދު އެވެ. އެކަމަކު ލަމްހާ އާއި މާވިންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ. ޝަރީއަތުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކޮށްދިނުމަށެވެ. ދައުލަތުން ބުނީ ލަމްހާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގައި ބުނާ ކުށްތައް ކުރި ކަމަށް އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
ލަމްހާއަށް ކޮށްފައިވާ ދައުވާތަކަކީ:
1- އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ
2- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
3- ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ
މިއީ ދެ މީހަކު ގުޅިގެން މީހަކު މަރާލި މައްސަލައެއް ކަމަށާއި، މޭރީ މަރާލީ ދުރާލާ އެކަމަށް ރާވައި، ލަމްހާގެ ފުރިހަމަ ބައިވެރިވުމާ އެކު ކަން ބުނެދިނުމަށް ދައުލަތުން މިއަދު ކޯޓުގައި މުހިންމު ވާހަކަތަކެއް ހާމަކުރި އެވެ. ދައުލަތުން ބުނީ:
-
ލަމްހާ އާއި މާވިން ރައްޓެހިވެގެން އުޅޭކަން މޭރީ އަށް އެނގި، ދެ އަންހެނުންގެ ދެމެދުގައި މައްސަލަތަކެއް ޖެހުނު ކަމަށް
-
މޭރީއަށް ލަމްހާ އިންޒާރުދިން ކަމަށް
-
މޭރީ މަރާލާން ރޭވީ މާވިން އާއި ލަމްހާއާ ދެ މީހުން ކަމަށް
-
މޭރީ މަރާލަން މާވިން އަށް މަގުފަހިކޮށްދިނުމަށް، މޭރީ މަރާލި ދުވަހު މޭރީ އާއި މާވިންގެ ދަރިފުޅު ލަމްހާގެ ގެއަށް ގެންދިޔަކަން
-
މޭރީ ބްރޭކަށް ގެއަށް ދިޔައީ އެ ދުވަހުގެ މެންދުރު 12:02 ހާއިރު ކަމަށް
-
މޭރީއަށް މާވިން ހަމަލާ ދިނީ އެވަގުތު ކަމަށް
-
މޭރީ މަރާލި ފަހުން ލަމްހާ ކުޑަކުއްޖާ ގޮވައިގެން އެ ގެއަށް ދިޔަކަމަށް
-
ލަމްހާ އެ ގެއަށް ވަދެ ގޭތެރޭގައި 20 މިނެޓު ހޭދަކުރިކަމަށް
-
މޭރީ ދަންޖެހިފައިވާ ކަމަށް ބުނެ މާވިން އެމްބިއުލާންސަށް ގުޅީ ލަމްހާ އެ ގެއިން ނުކުމެގެން ދިޔަތާ އެއް މިނެޓު ފަހުން ކަމަށް
މިއީ ލަމްހާގެ އެނގުމާއި، ދަތުމާއި ބައިވެރިވުމުގެ ތެރެއިން ހިންގާފައިވާ ކަމެއްކަން އެބަ ދަލާލަތު ކޮށްދޭ
އެނގުން މުހިންމު - ޕޯސްޓްމޯޓަމް އިން އެނގޭ ގޮތުގައި މޭރީ މަރުވީ ދަންޖެހިގެނެއް ނޫންނެވެ. އޭނާ މަރުވީ ބޮލަށާއި ކަރަށް ދީފައިވާ އަނިޔާތަކުގެ އިތުރުން ނޭވާ ހާސްކޮށްލާފައިވާލަން ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
"މި ހުރިހާ ކަމަކަށް ބަލާއިރު މިކަމަކީ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ އެނގުމާއި، ދަތުމާއި ބައިވެރިވުމުގެ ތެރެއިން ހިންގާފައިވާ ކަމެއްކަން އެބަ ދަލާލަތު ކޮށްދޭ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ލަމްހާގެ ގެ ބަލައިފާސްކުރި އިރު، އައިޖީއެމްއެޗްގެ ހުއްދަ ނެތި، އެ ހޮސްޕިޓަލުން ނަގާފައިވާ 'މީހެއްގެ ފުރާނަ ދުއްވާލެވޭ ވަރުގެ ބާރުގަދަ' މަނާ ބޭސްތަކެއް ވެސް ފެނިފައިވާކަން ދައުލަތުން ފާހަގަކުރި އެވެ.
މޭރީ މަރުވެދިއުމުގައި ލަމްހާގެ އަތެއް ނެތް ކަމަށް ބަލާނެ އެއްވެސް ޖާގައެއް ނެތް
ދައުލަތުގެ ވާހަކަތަކާ ގުޅިގެން، ލަމްހާގެ ދިފާއީ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ 100 އެއްހާ ހެކީގެ ތެރޭގައި ގިނައީ، މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ނޫންކަން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެކިތައް ކަމަށާއި، އެއީ ލަމްހާއަށް ކުރާ ދައުވާތަކާ ގުޅުމެއް ނެތް ހެކިތަކެއް ކަމަށެވެ.
އޭނާގެ ވަކީލް ވިދާޅުވީ މޭރީ މަރާލުމުގައި ލަމްހާ އަމަލީ ގޮތުން ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި ލަމްހާ އެ ގެއަށް ވަދެފައިވާ ކަން ނުވަތަ މޭރީ ދަންޖެހުނު ކަމަށް ދައްކަން ކުރި ކަމެއް ވެސް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މޭރީ މަރާލީ ލަމްހާ އާއި މާވިން ކުރިން ރާވައިގެންކަން ސާބިތުވާނެ ހެއްކެއް ވެސް ނެތެވެ.
"މީހަކާ އިނދެގެން އުޅޭ މީހަކާ އެހެން މީހަކު ރައްޓެހިވެގެން އުޅެންޏާ އެމީހާގެ އަނބިމީހާ އާއި ރައްޓެހިވެގެން އުޅޭ މީހާއާ ދެމެދު ޒުވާބު ހިނގުމަކީ އާންމު ކަމެއް،" ވަކީލު ވިދާޅުވި އެވެ.
ދިފާއީ ވަކީލުގެ ވާހަކަތަކަށް ރައްދު ދީ، ދައުލަތުން ވަނީ ވަރަށް މުހިންމު ހެކިތަކެއް ޝަރީއަތުގައި ހާމަކޮށްފަ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައިގައި ޝަރީއަތަށް އަދި ހުށަނޭޅޭ ބައެއް ހެކިތައް އެބަހުރި ކަމަށެވެ. އެގޮތުން މޮބައިލް ފޮރެންސިކް ރިޕޯޓާއި ލަމްހާގެ ގެއިން ފެނުނު ސިރިންޖުތަކާ ގުޅޭ ރިޕޯޓާއި، މާވިން އާއި މޭރީގެ ގޭތެރޭގެ ފޮރެންސިކް ރިޕޯޓު އަދި ނުނިމޭތީ ޝަރީއަތަށް ހުށަހަޅާފައި ނުވާނެ ކަމަށް ދައުލަތުން ބުންޏެވެ.
ލަމްހާގެ ގެއިން ފެނުނު ސިރިންޖުތައް ތަހުލީލުކުރަން ރާއްޖޭން ބޭރަށް ވަނީ ފޮނުވައިފަ އެވެ. ވަކީލު ވިދާޅުވީ އަންނަ ހަފްތާގައި މޮބައިލް ފޮރެންސިކް ރިޕޯޓު ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ.
ނަމަވެސް މިއީ ލަމްހާ އާއި މާވިން ކުރިން ރާވައިގެން ހިންގިކަމެއް ކަން ސާބިތުކޮށްދިނުމަށް ވަކީލު ވަނީ ބައެއް ވާހަކަތައް ވިދާޅުވެފަ އެވެ. އެގޮތުން ލަމްހާ އާއި މާވިންއާ ދެމެދު ކޮށްފައިވާ މެސެޖުތަކެއް ހިމެނެ އެވެ.
އެގޮތުން 10 އޮކްޓޫބަރުގައި ލަމްހާ އާއި މާވިން 'އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާ ވާހަކަތަކެއް' ދައްކާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ލަމްހާ މާވިންއަށް ފޮނުވި މެސެޖެއްގެ ދިވެހި ތަރުޖަމާ:
"ސިރިންޖު ހުސްވުމުގެ ކުރިން އޭނާއަށް ގޮތް ގޮތް ވާން ފަށާނެ. ހުރިހާ ކަމެއް އަވަހަށް ނިންމަން ސަމާލުވާތި."
މޭރީ މަރާލި ދުވަހުގެ 10:20 ގައި މާވިންގެ ފޯނުން ވަނީ ވަރަށް އެހެން ކަހަލަ ގޫގުލް ސާޗްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން:
-
މީހަކު 'ރައްކާތެރިކަމާ އެކު' ހޭނައްތާލާނެ ގޮތް ބެލި
-
އެ ސާޗްތަކުގެ ނަތީޖާއެއްގެ ގޮތުން މީހަކު ޗޯކްހޯލްޑްކޮށް ނުވަތަ ނޭވާ ހާސްކޮށްގެން މަރާލާނެ ގޮތުގެ ފޮޓޯތަކެއް މާވިން ބަލާފައިވޭ
ދައުލަތުން ބުނީ މާވިން އެ ސާޗުތައް ކުރިތާ ދެތިން ހަތަރު މިނެޓު ފަހުން ދަރިފުޅު ގެންގޮސް ލަމްހާއާ ހަވާލުކުރި ކަމަށެވެ. އަދި ކުޑަ ކުއްޖާ ގޮވައިގެން 12:30 ގައި ލަމްހާ އެ ގެއަށް ވަދެފައިވާ ކަމަށާއި، ލަމްހާ ދެން ގެއިން ނުކުތީ 20 މިނެޓު ފަހުން ކަމަށް ދައުލަތުން ބުންޏެވެ. އެކަން ފެންނާނެ ވީޑިއޯ ފުޓޭޖުތައް ހުށަހަޅާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
"އެހެންކަމުން މޭރީ މަރުވެދިއުމުގައި ލަމްހާގެ އަތެއް ނެތް ކަމަށް ބަލާނެ އެއްވެސް ޖާގައެއް ނެތް،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
ހުރިހާ ވާހަކަތަކަށް ފަހު ޝަރީއަތުން ވަނީ ލަމްހާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދީފަ އެވެ.
"އަޅުގަނޑު އިތުރު އެއްޗެއް ބުނާކަށް ނެތް،" ކަޅު ހެދުމަކާއި ކަޅު މާސްކެއް އަޅައިގެން، މުޅި ޝަރީއަތުގައި ކަހަލަ ގޮތަކަށް އިސްދަށަށް ޖަހައިގެން އިން ލަމްހާ ބުންޏެވެ.
ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރަން ދައުލަތުން އެދުނު ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ އިތުރު ހެކިތަކެއް ވެސް ހުށަހަޅަން ހުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު މިއަދު ގޮތެއް ނުނިންމަވާނެ ކަމަށެވެ. ނަމަވެސް ލަމްހާގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.
މިއަދު ވަނީ މާވިންގެ ބަންދަށް ވެސް އިތުރު 30 ދުވަސް ކޯޓުން ދީފަ އެވެ.
ކޮމެންޓް (2)
ޢަމިނަ
މުޙައްމަދު