އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ފިލިޕީންސްގެ މޭރީ އާއި މާވިން އެ ދެ މީހުންގެ ދަރިފުޅާ އެކު: މޭރީ މަރާލި އިރު ދަރިފުޅު ހުރީ ގޭތެރޭގައި ކަމަށް ދައުލަތުން ބުނޭ.
މޭރީ މަރާލި އިރު ދަރިފުޅު ހުރީ ގޭގެ ކޮޓަރިއެއްގެ ތެރޭގައި؛ ކުއްޖާއަށް މަންޒަރެއް ފެނުނުތޯ ބަލަނީ
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި އިރު އޭނާގެ ދަރިފުޅު ހުރީ އެ ހާދިސާ ހިނގި ގޭގެ ތެރޭގައި ކަމަށާއި އެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހަދަނީ އެ ކުއްޖާއަށް ހާދިސާއާ ބެހޭ އެއްވެސް މަންޒަރެއް ފެނުނުތޯ ބަލަން ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
މައްސަލައިގެ ފެށުން - 19 އޮކްޓޯބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މޭރީ ދަން ޖެހުނު ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އެވެ. އޭގެ ފަހުން:
-
އައިޖީއެމްއެޗުގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ފިރިމީހާ ބުންޏަސް، ފުލުހުންނަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފެށި
-
މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ އޭނާ އޮތީ މަރާލާފައި ކަމަށް
މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ، ފިލިޕީންސްގެ ނަރުސް މާވިންގެ އިތުރުން ދައުވާ އުފުލާފައި ވަނީ މާވިންގެ ލޯބިވެރިޔާ ކަމަށް ބެލެވޭ ދިވެހި ނަރުސް، ހަލީމަތު ލަމްހާ އަބްދުއްރަހްމާން އަށެވެ. އޭނާގެ ބައިވެރިވުން މިކަމުގައި އޮތް ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.
ލަމްހާ އާއި މާވިން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ލަމްހާއަށް ކޮށްފައިވާ ދައުވާތައް:
-
އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ
-
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
-
ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ
ވީ ކިހިނެެއް؟ - ލަމްހާގެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ވެސް ދައުވާއަށް ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށްނުގެންދެވުނެވެ. ދައުލަތުން ބައެއް ލިޔެކިޔުންތައް އަދިވެސް ހުށަހަޅާފައި ނުވާތީ، އެ ލިޔުންތައް ލިބުމުން ޖަވާބުދާރީވާން ދިފާއުން ވަނީ އެދިފަ އެވެ.
މި މައްސަލައިގައި ދައުލަތަށް ނުލިބިވާ މުހިންމު އެއް ލިޔުމަކީ މޭރީ އާއި މާވިންގެ ދަރިފުޅު މިހާރު ހުރި ފިލިޕީންސްގެ ކަމާ ބެހޭ ފަރާތްތަައް މެދުވެރިކޮށް ހަދާ، މާވިން އާއި މޭރީގެ ދަރިފުޅު އޮލިވިއާ ގްރޭސްގެ ސައިކޮލިކަލް އެސެސްމެންޓެކެވެ.
އެ އެސެސްމެންޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ ހާދިސާ ހިނގި އިރު އެ ކުއްޖާ ހުރީ ހާދިސާ ހިނގި ގޭތެރޭގައި ކަމަށެވެ. އަދި ކުއްޖާ ހުރީ ކޮޓަރި ތެރޭގައި ތަޅުލާފައި ކަމަށް މާވިން ބުނެފައިވާ ކަމަށް ނައުފަލް ވިދާޅުވި އެވެ.
އެނގުން މުހިންމު - މާވިން، މޭރީ މަރާލީ އެ ގޭގެ ކޮން ތަނެއްގައި ކަމެއް އަދި ނޭނގެ އެވެ. އެ ކުއްޖާ ތަޅުލާފައި ހުރީ މާވިން، މޭރީ މަރާލީ ކަމަށް ބުނާ ތަނުގެ ތެރޭގައި ނުވަަތަ އެ ގޭގެ އެހެން ތަނެއްގެ ތެރޭގައި ކަމެއް ދައުލަތުން ހާމައެއް ނުކުރެ އެވެ.
އެ ކުއްޖާއަށް ހާދިސާއާ ގުޅޭ އެއްވެސް ކަމެއް ފެނުނު ކަމެއް މިހާތަނަށް އެނގެން ނެތް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެކަން އެނގޭނީ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިފާއީ ވަކީލު އަބްދުﷲ ޝާއިރު ވަނީ އެހާ މުހިންމު ރިޕޯޓެއް ތައްޔާރު ނުކުރެވި އޮތުމުން ސުވާލު އުފައްދަވައިފަ އެވެ. އެ ކުއްޖާ ރާއްޖޭގައި ހުރެފައި ބޭރަށް ފުރައިގެން ދިޔަ އިރު ވެސް އެކަން ނިމިފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވެސް އެފަދަ ރިޕޯޓެއް ތައްޔާރުކުރެވޭ ވަރުގެ ސައިކޮލޮޖިސްޓުން ތިބި އިރު ރާއްޖެއިން އެފަދަ ރިޕޯޓެއް ހަދާފައި ނުވަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އެ ދުވަހު ކަން ހިނގި ގޮތުގެ ޓައިމްލައިން:
-
މޭރީ މަރާލަން މާވިންއަށް މަގުފަހިކޮށްދިނުމަށް، މޭރީ މަރާލި ދުވަހު މޭރީ އާއި މާވިންގެ ދަރިފުޅު ލަމްހާގެ ގެއަށް ގެންދިޔަ
-
މޭރީ ބްރޭކަށް ގެއަށް ދިޔައީ އެ ދުވަހުގެ މެންދުރު 12:02 ހާއިރު
-
ކުޑަ ދަރިފުޅު ގޮވައިގެން ލަމްހާ އެ ގެއަށް ވަދެފައިވޭ
-
ލަމްހާ އެ ގެއަށް ވަދެ ގޭތެރޭގައި 20 މިނެޓު ހޭދަކުރި
-
މޭރީ ދަންޖެހިފައިވާ ކަމަށް ބުނެ މާވިން އެމްބިއުލާންސަށް ގުޅީ ލަމްހާ އެ ގެއިން ނުކުމެގެން ދިޔަތާ އެއް މިނެޓު ފަހުން
'ދައުލަތުން އަމަލު ކުރާ ގޮތުން ޝަރީއަތް ލަސްވޭ'
މިފަދަ މައްސަލަތަކުގައި ދައުލަތުން އެހާ ފަރުވާކުޑަކޮށް އަމަލު ކުރާ ނަމަ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމެން ވެސް އަހަރެއް ނަގާނެ ކަމަށް ޝާއިރު ވިދާޅުވި އެވެ. ދިފާއު ބިނާކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއީ ގާނޫނުއަސާސީއިން ލަމްހާއަށް ލިބިގެންވާ އަވަސް ޝަރީއަތެއް ހިންގުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ދައުލަތުން އަމަލު ކުރާ ކަމަށް ބުނެފައިވެ އެވެ.
ލިޔުންތަކާ ގުޅިގެން ދައުލަތުން ބުނީ:
-
މާވިން އާއި މޭރީގެ ދަރިފުޅު އޮލިވިއާ ގްރޭސްގެ ސައިކޮލިކަލް އެސެސްމެންޓު ހެދިފައި ނުވޭ
-
އިންޑިއާއިން ތައްޔާރުކުރި ޓޮކްސިކޮލޮޖީ ރިޕޯޓެއް މިއަދު ވަނީ ހުށަހަޅާފައި
-
ދިފާއަށް ނުދޭ ގޮތަށް، ހަތަރު މޯބައިލް ފޮރެންސިކް ރިޕޯޓުގެ ތެރެއިން ދެ ސީޑީއެއް ކޯޓަށް ހުށަހަޅާފައިވާނެ؛ އެ ދެ ރިޕޯޓާ ގުޅިގެން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުން އެފަދަ އަމުރެއް ނެރެފައިވޭ
-
ދައުލަތުން ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރުނީ ދެ ރިޕޯޓުގައި އޮރިޔާން މަންޒަރުތަކެއް ހުރުމުން، އެ މަންޒަރުތައް ނުފެންނަ ގޮތަށް ހެދުމަށް
-
ދިފާއުން އެކަން ސާފު ކުރުމުން އޮރިޔާން މަންޒަރުތައް ފެނުނީ މާވިންގެ ފޯނުން ކަމަށް ދައުލަތުން ބުނެފައިވޭ
ދައުލަތުގެ ވަކީލު ނައުފަލް ވިދާޅުވީ އޮލީވިއާ ގްރޭސްގެ ސަައިކޮލޮޖިކަލް އެސެސްމެންޓު ހަދަނީ ފިލިޕީންސްގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ކަމުން އެ ރިޕޯޓު ހެދޭނެ ތާރީހެއް ބުނަން ދައުލަތަަށް ވެސް ނޭނގޭ ކަމަށެވެ. ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ދަށުން އެފަދަ އެހީތެރިކަން ހޯދުމަކީ ދިގު ޕްރޮސެސްއެއް ކަމަށް ނައުފަލް ވިދާޅުވި އެވެ.
ނައުފަލް ވިދާޅުވީ އެ އެހީތެރިކަމަށް އެދެނީ އެއްވެސް މުއާހަދާއެއްގެ ދަށުން ނޫން ކަމަށާއި ރާއްޖެ އާއި ފިލިޕީންސްއާ ދެމެދު އެފަދަ މުއާހަދާއެއް ނެތް ކަމަށެވެ. އެހެންވެ، އެހީތެރިކަން ދޭން އެ ގައުމުން އެއްބަސްވެފައި ވިޔަސް، ވަކި މުއްދަތެއްގެ ތެރޭގައި ރިޕޯޓު ނިންމަން ދައުލަތަށް ނޭދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ރިޕޯޓު ހުށަނޭޅޭ ނަމަ އެ ހެއްކަށް އެއްވެސް ބުރަދަނެއް ނުދީ މައްސަލަ ނިންމޭނެ ކަމަށާއި ފަހުން ހުށަހަޅާއިރު އެ ހެކި ބަލައިނުގަންނަން އެދުމުގެ ފުރުސަތު ވެސް އޮންނާނެކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވި އެވެ. އެހެންވެ، ދައުވާ ލިބޭ ފަރާތުގެ ހައްގަކަށް އުނިކަމެއް އަންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވަކީލު ވިދާޅުވި އެވެ.
އެ އެސެސްމެންޓުން ނުކުންނާނެ ނަތީޖާއަކީ ކޮބާ ކަމެއް ވެސް އަދި ނޭނގޭކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވި އެވެ. އެގޮތުން އެ ރިޕޯޓު ދައުލަތާ އެއްކޮޅަށް އަދި ދެކޮޅަށް ވެސް ބޭނުންކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިފާއީ ވަކީލު ޝާއިރު ވަނީ އެ ރިޕޯޓު ހުށަނޭޅި އެހާ ގިނަ ދުވަސްވާންވީ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވެފަ އެވެ. މިއަށް ވުރެ އުނދަގޫ މައްސަލަތަކުގައި ވެސް ދައުލަތުން ލިޔެކިޔުންތައް ހުށަހަޅާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ލިޔެކިޔުންތައް ހުށަހަޅަން ވަކި ވަގުތެއް ދައުލަތަށް ދެއްވަން ޝާއިރު ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ ކިބައިން އެދިވަޑައިގެންނެވި އެވެ. އެކަމަކު، އެގޮތަކަށް މިއަދު ނުނިންމަވަ އެވެ. މިއަދު ވެސް ދައުވާއަށް ޖަބާދާރީވުން ކުރިއަށްނުގެންގޮސް އަޑުއެހުން ނިންމާލީ އެވެ. ދިފާއުން ބުނި ގޮތުގައި މިއަދުގެ އަޑުއެހުން ވެސް އޭގެ ކުރީ އަޑުއެހުން ވެސް ބޭކާރުވެގެން ދިޔައީ އެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (2)
ސާބަހޭ
ސީއައިއެސް މާލެ