ސުޕްރީމް ކޯޓު ކުރިމަތި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަހްމަދު މޫސާގެ ވާހަކަ ވެރިން ނުދައްކަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އެފަދަ ހިޔާލު ފާޅުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލިދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނި
18 އޭޕްރީލު 2022
1

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ފިލި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްސަލަ ނިމެންދެން، އެ މައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ ވެރިން އެއްވެސް ކަހަލަ ހިޔާލެއް ފާޅު ނުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އާއި ދައުލަތުގެ ވަކީލުން ކޯޓުން ބޭރުގައި ފާޑުކިޔާތީ އަހްމަދު މޫސާގެ ފަރާތުން ވަނީ އެކަން ހުއްޓުވަން 'ގެގް އޯޑާ'އަކަށް ސުޕްރީމް ކޯޓުގައި މިއަދު އެދިފަ އެވެ.

ޕީޖީ ހުސައިން ޝަމީމް ސުޕްރީމް ކޯޓުގައި. (ފައިލް ފޮޓޯ)

ތަފްސީލް - ދިފާއުން އެދުނު ގޮތަށް ސުޕްރީމް ކޯޓުން ވަނީ 'ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލުނުކުރުމަށް އަންގައި ކުރާ އަމުރު' ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ފާހަގަކުރި ގޮތުގައި:

  • ޖިނާއީ ކުށެއްގެ ތުހުމަތުކޮށްފައިވާ ކޮންމެ މީހަކަށް ވެސް، ކޯޓުން އެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމާ ހަމައަށް ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު ލިބިގެންވޭ

އެހެންކަމުން، އެ މައްސަލަ ނިމެންދެން، އަހްމަދު މޫސާއަށް ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ހައްގަކަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް، ފަރުދުންގެ މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެއްވެސް ފަރާތަކުން "ހިޔާލު ފާޅުކޮށް ނުހެދުމަށް" ސުޕްރީމް ކޯޓުން އަމުރުކުރި އެވެ.

"މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގަމެވެ،" އަމުރުގައި ބުންޏެވެ.

އަހްމަދު މޫސާގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން.

ގުޅުންހުރި ކަމެއް - ރާއްޖޭގެ އައިއެސްގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްސަލަ ނުނިމެނީސް އޭނާއާ މެދު ވަކި ކަހަލަ ތަސައްވުރެއް އުފެއްދުމުގެ ގޮތުން އެއްވެސް ބާވަތެއްގެ ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލޭނެ ކަމަށް އަންގައި ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ މީޑިއާތަކުގެ މައްޗަށް ވެސް މިފަދަ އަމުރެއް ނެރެފަ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

މުޙައްމަދު

19 އޭޕްރީލު 2022
ޝަމީމު ގޯސް މިވީ ދޯ - އައްމަޓަ މީ ހާދަ ބާރުގަދަ މީހެކޭ ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް