އަމީންގެ މައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ބެންޗު

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުން މީޑިއާތަކުގެ މައްޗަށް ވަރުގަދަ އަމުރެއް ނެރެފި

ކުށް ސާބިތުނުވާ މީހަކަށް ވަކި ތަސައްވުރެއް އުފެދޭ ގޮތަށް ހަބަރު ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލަކަށް ވާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައި
30 ސެޕްޓެމްބަރު 2021

ރާއްޖޭގެ އައިއެސްގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިން މަނިސް އޭނާއާ މެދު ވަކި ކަހަލަ ތަސައްވުރެއް އުފެއްދުމުގެ ގޮތުން އެއްވެސް ބާވަތެއްގެ ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލޭނެ ކަމަށް އަންގައި ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.

ވީ ކިހިނެއް؟ -  ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރުނީ، އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީން ހައި ކޯޓުން ދޫކޮށްލި މައްސަލާގައި ސުޕްރީމް ކޯޓުގައި ހިނގަމުންދާ އިސްތިއުނާފު އަޑުއެހުމުގައި، އަމީންގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އޭނާ ސުޕްރީމް ކޯޓުގެ ބެންޗުގެ ސަމާލުކަމަށް ގެނައި މައްސަލައަކީ:

  • އޭނާ އަކީ ވަކި ކުށެއް ކޮށްފައި ހުރި މީހެއް ކަމަށް ލޭބަލްކޮށް، މީޑިއާއަކުން ފޮޓޯއެއް ހަދާފައިވުން 

  • ދިފާއީ ވަކީލުން އެދުނީ އަމީންއަކީ ވަކިކަހަލަ މީހެއްކަން ލޭބަލްވާނެ ގޮތަށް އެއްޗިހި ޝާއިއުކުރުން ހުއްޓުވައިދިނުމަށް 

ތަފްސީލް - އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޔާސަތު ބަލަހައްޓަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ނެރުނު އަމުރުގައި ބުނީ، ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އުފުލާފައިވާ ކޮންމެ މީހަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު އެމީހަކަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ.

އެހެންކަމުން އެ އަމުރުގައި ބުނެފައި ވަނީ:

  • މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ނިންމުމުގެ ކުރިން، އަމީންގެ ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން ހިޔާލު ފާޅުކޮށް ހަބަރު ނުގެނެސްދިނުމަށް އަންގާ ކަމަށް

  • އަމީން އަކީ ވަކިކަހަލަ މީހެއް ކަމަށް ތަސައްވުރު ކުރުމުގެ ގޮތުން، އެއްވެސް ހިޔާލެއް ފާޅުކުކޮށް ނުވަތަ ހަބަރު ގެނެސްދީގެން ނުވާނެކަން

  • އަމުރާ ހިލާފުވާ ފަރާތަތައް އެ ކުރަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމުގައި ކަނޑައެޅޭނެކަން

އެނގުން މުހިންމު - މުހައްމަދު އަމީންގެ ދިފާއީ ވަކީލު މިއަދު ކޯޓުގައި ވިދާޅުވީ އަމީންގެ ފޮޓޯ އެޑިޓުކޮށް މީޑިއާއަކުން ހަބަރު ރިޕޯޓުކޮށްފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ކަރާމާތަށް ވެސް އުނިކަން އަންނަ ކަމަށެވެ. އެހެންކަމުން އެގޮތަށް ހަބަރު ނުފެތުރުމަށް އެންގުމަށް އަމީންގެ ފަރާތުން އެދުނެވެ. 

އިތުރަށް ކިޔާލަން - 

އިތުރު އާޓިކަލް

އިތުރު އާޓިކަލް