އަހްމަދު މޫސާގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދާ އަޑުއެހުމުގެ ތެރެއިން.

އަހްމަދު މޫސާގެ މައްސަލައިގައި ޕީޖީގެ 'އަނގަ ބަންދުކުރަން' އަމުރަކަށް އެދިއްޖެ

ދިފާއުން ބުނަނީ ޝަމީމް ބްލޮގް ލިޔުއްވުމަކީ ފަނޑިޔާރުންނާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް
18 އޭޕްރީލު 2022

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ފިލި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އާއި ދައުލަތުގެ ވަކީލުން ކޯޓުން ބޭރުގައި ފާޑުކިޔާތީ އެކަން ހުއްޓުވަން ދިފާއުން 'ގެގް އޯޑާ'އަކަށް މިއަދު އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން އަހްމަދު މޫސާ ދޫކޮށްލި މައްސަލަ ދައުލަތުން މުއްދަތު ހަމަވި ފަހުން އިސްތިއުނާފު ކުރި ކަމަށް ނިންމައި ހައި ކޯޓުން ވަނީ މި މަހުގެ ހަވަނަ ދުވަހު އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ވިދާޅުވެ، ޝަމީމް ވަނީ އަމިއްލަ ބްލޮގްގައި ވަރަށް ދިގުކޮށް ލިޔުއްވައިފަ އެވެ.

ތަފްސީލް - ހައި ކޯޓުގެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް މިއަދު ފެށި އިރު، އަހްމަދު މޫސާގެ ފަރާތުން ވަނީ ކޯޓުން ބޭރުގައި މައްސަލައާ ގުޅިގެން ދައުލަތުން ވާހަކަދައްކާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދިިފަ އެވެ.

ޕީޖީ ހުސެއިން ޝަމީމް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - އެ އަމުރު ހުށަހަޅައިދެއްވަމުން ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ އަހްމަދު މޫސާގެ މައްސަލައިގައި މީގެ ކުރިން ހައި ކޯޓުން ކުރި އަމުރެއްގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތެއް ނިިންމަން ހުށަހަޅާފައިވާ ކަމެއްގައި ކޯޓުން ބޭރުގައި ވާހަކަދައްކައި ގޮތްކިޔާ ނުހެދުމަށް އުސޫލެއް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ އުސޫލުގެ ބޭނުމަކީ، ނިހާޔަތު ވިދާޅުވި ގޮތުގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އިންސާފު ނުވަތަ ފަރުވާއެއް ހޯދަން ހުއްޓި ހުންނަ މީހާ ހުށަހަޅާ ކަމަކާ ގުޅިގެން ކޯޓަށް ނުވަތަ ފަނޑިޔާރަށް ނުފޫޒު ފޯރުމުގެ ޖާގަ ނުދިނުމެވެ.

ނަމަވެސް، ދައުލަތުން މި މައްސަލައިގައި ފަނޑިޔާރުންނާއި ކޯޓުތަކަށް ނުފޫޒު ފޯރުވާ ފަދަ ގޮތަކަށް އަމަލުކުރާ ކަމަށް ދިފާއުން ތުހުމަތުކުރި އެވެ.

"އަހްމަދު މޫސާ މުހައްމަދާ މެދު އާންމުންގެ މެދުގައި ރުޅިވެރިކަމެއް، ނުބައި ތަސައްވުރެއް އުފެދޭ ގޮތަކަށް އަދި އޭނާއަކީ ކުށެއް ކޮށްފައިވާ ކުށްވެރިިއެއް ފަދަ މޭރުމަކުން އޭނާއަށް މިކަމުގައި އަދުލު އިންސާފު ލިބުމަށް ހުރަސްއެޅުމުގެ ގޮތުން، ބަންދާ ގުޅޭ ގޮތުން ނިންމާ ކޮންމެ ނިންމުމަކާ ގުޅިގެން ފަނޑިޔާރުންގެ ޒާތާ ބެހި، އެ ކޯޓުތަކުގެ ފަނޑިޔާރުންނަށް ބަސްތައް ރައްދުކޮށް، ޕްރޮސެކިއުޓާ ޖެނެރަލް ބޭނުންފުޅުވާ ގޮތަށް ނޫން ގޮތަކަށް އަމުރެއް ވިޔަސް ވެސް އަދި ނިންމުމެއް ވިޔަސް ނުނިންމޭނެ ފަދައަކުން އެނގިގެންދާ ގޮތަށް އަމަލު ކުރައްވަމުން ގެންދަވާފައި ހުރިކަން ފާހަގަކުރަން،" ނިހާޔަތު ވިދާޅުވި އެވެ.

ދިފާއުން ފާހަގަކުރި ކަންކަމަކީ:

  • އަހްމަދު މޫސާގެ ބަންދާ ގުޅޭ ގޮތުން 11 ޖުލައި 2021ގައި ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލަކު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އަމާޒުކޮށް ދެއްކެވި ވާހަކަ؛ އެގޮތުން، "އަހްމަދު މޫސާ މުހައްމަދު ބަންދުން ދޫކުރެވެނީ، ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީއާ އަހްމަދު މޫސާ މުހައްމަދާ ދެމެދު ގާތް ގުޅުމެއް އޮތުމުގެ ސަބަބުން ކްރިމިނަލް ކޯޓުގައި އަހްމަދު މޫސާ މުހައްމަދުގެ ބަންދުގެ ކަންކަމުގައި ބާރާއި ނުފޫޒު އޮންނާތީ" ކަމަށް ވަކީލު ވިދާޅުވުން

  • އޭގެ އިތުރުން، 15 ނޮވެމްބަރު 2021ގައި ވެސް ހަމަ އެ ވަކީލު ފަނޑޔާރުންނަށް ނިސްބަތްކުރައްވައި ވަރަށް އެހެން ކަހަލަ މޭރުމަކުން ވާހަކަދައްކަވައިފައިވާ ކަމަށް ވިދާޅުވި؛ ދައުލަތުގެ ވަކީލުގެ އަމަލުގެ ސަބަބުން، ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ފަނޑިޔާރުންގެ ޒާތަށް ނިސްބަތްކޮށް ވާހަކަނުދެއްކޭނެ ކަމަށާއި އެ ކަންކަން ނުކުރުމަށް އަންގަވާފައި

  • އެ ނިންމުމާ ގުޅިގެން ޝަމީމް ވެސް ވަނީ ފަނޑިޔާރަށް ނިސްބަތްކޮށް ޓުވީޓެއް ކުރައްވާފައި

  • އެންމެ ފަހުން މި މައްސަލައިގައި ހައި ކޯޓުން ނިންމު ނިންމުމާ ގުޅިގެން ޝަމީމް ލިޔުއްވި ބްލޮގް ޕޯސްޓް؛ އެ ޕޯސްޓުގައި ޝަމީމް ފަނޑިޔާރުންނަށް އަމާޒުކޮށް ބޭނުންކުރެއްވި އިބާރާތްތައް ވެސް ދިފާއުން ފާހަގަކުރި

ނިހާޔަތު ވިދާޅުވީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެ، އަމިއްލަ ހައިސިއްޔަތުން ޕިޖީ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަކީ ޝަރީއަތަށް ނުފޫޒުފޯރުވުމުގެ އަމަލެއް ނޫން ގޮތުގައި ބަލަން ދަތި ކަމަށެވެ.

އެހެންކަމުން، މައްސަލަތައް "ޕިކް އެންޑް ޗޫޒް" ކޮށްގެން، އެ މައްސަލަތަކުގައި ޕީޖީގެ އަމިއްލަ ރައުޔުތައް ބަޔާންކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ. އެހެންކަމުން، 'ގެގް އޯޑާ'އަކަށް އެދުނީ އެ ކަންކަން ހުއްޓުވުމަށް ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ދައުލަތުގެ ޖަވާބު - ދިފާއުން އެދުނު އަމުރާ ގުޅިގެން ދައުލަތުން ބުނީ ސުޕްރީމް ކޯޓުގައި މައްސަލަ އޮތް އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް "ދައުލަތުން" ކުރި ކަމެއް ދިފާއަށް ދެއްކިފައި ނުވާ ކަމަށެވެ.

"ދައުލަތުން އެ މޭރުމުން މި މައްސަލައިގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ނުވަތަ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ބާރު އެޅުމަށް ދައުލަތުން ކުރި ފަރާތުން ކުރި ކަމެއް ނޯންނާނެ،" ވަކީލު ވިދާޅުވި އެވެ.

"އެއީ ވަކި މީހަކު ކުރި ކަމެއް ކަމަށް ވާނަމަ، އެ މީހަކާ ދެކޮޅަށް މައްސަލަ ހުށަހެޅި، އެ މީހަކާ އެއްކޮށް މައްސަލައިިގައި ވާހަކަ ދެކެވި ބަހުސްކުރެވި، އޭގެ ނިންމުންތައް ނިންމަން ވާނީ. ދައުލަތުން އޭގެ އެއްވެސް އަމަލެއް ރަސްމީ ހައިސިއްޔަތުން ކޮށްފައި އޮއްވާ އިސްތިއުނާފު ކުރާ ފަރާތަކަށް ނުދެއްކޭ."

އެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް