ޕީޖީ ޝަމީމް 4 އޮގަސްޓު 2021ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޕީޖީ ޝަމީމް ހައި ކޯޓަށް ނަގައިދެއްވީ އިސްތިއުނާފު މުއްދަތާ ގުޅޭ ފިލާވަޅެއް

މައްސަލަ އިސްތިއުނާފުކުރަން ޖެހޭ މުއްދަތުގެ ބަހުސެއް އުފެދުނީ ސީލައިފްގެ ވެރިޔާ ދޫކޮށްލި މައްސަލަ އިއްޔެ ހައި ކޯޓުން ބޭރުކޮށްލި ހިސާބުން
7 އޭޕްރީލު 2022

ޖިނާއީ އިޖުރާއާތާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނެ ގޮތް ގަވާއިދުގައި އެބައޮތް ކަމަށާއި، ގަޑި ގުނާނެ ގޮތް ބަޔާންކޮށްފައި ނެތް ކަމަށް ބުނެ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައި ކޯޓުން އިއްޔެ ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށް ޕްރޮސެކިއުޓާ (ޕީޖީ) ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހްމަދު މޫސާގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް:

  • ކުރީ ސަރުކާރުން 2014ގައި ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެޅުމަށް 280 މީހުންގެ އަތުން އޭނާ ފައިސާ ނެގި 

  • މަޝްރޫއު ކުރިއަށް ނުދާ މައްސަލަ ތަހުގީގު ކުރަން ފެށުމުން އޭނާ ލަންކާއަށް ގޮސް ފިލި 

  • ކޮންމެ މީހެއްގެ އަތުން އަހުމަދު މޫސާ 50،000ރ. ނެގި ކަމަށް ބުނޭ

  • ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެސް އޭނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހު 

  • ހިޔާނާތުގެ 42 ދައުވާއެއް އޭނާގެ މައްޗަށް އުފުލީ މިދިޔަ މެއި މަހު 

  • ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި މިދިޔަ އަހަރު ޖޫން މަހު އޭނާ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ހައި ކޯޓުން އަނެއްކާ ވެސް އޭނާ ބަންދުކުރަން އަމުރު ނެރުނު

  • އޭގެ ފަހުން މިިދިޔަ އޮކްޓޯބަރު މަހު ކަފާލާތުގެ ދަށުން ޝަރުތުތަކަކާ އެކު ދޫކޮށްލުމުން، އަނެއްކާ ވެސް ހައި ކޯޓުން އޭނާ ބަންދުކުރަން އަމުރު ނެރުނު

  • ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ 20 މާޗު 2022ގައި

  • ދައުލަތުން އެ މައްސަލަ އިސްތިއުނާފުކުރީ އެކަމަށް އޮންނަ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ ހައި ކޯޓުން އިއްޔެ ވަނީ މައްސަލަ ބޭރުކޮށްލާފައި

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ).

ބުނީ ކީކޭ؟ - ޝަމީމް މިއަދު ލިޔުއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގައި، ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ބަންދާ މެދު އަމަލުކުރަންވީ ގޮތް ސާފުކޮށް އޮއްވައި އަހްމަދު މޫސާ މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމުމަކީ އޭނާ "ހައިރާންވި ކަމެއް ނޫން" ކަމަށެވެ.

"އެއީ މި މައްސަލައިގައި ތާރީހަށް ބަލާއިރު، އެކަން އެ މަގުން ހިނގާފައިވާތީ އެވެ،" ޝަމީމް ވިދާޅުވި އެވެ.

ހައި ކޯޓުން އެ މައްސަލައިގެ އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ދައުލަތުން އެ މައްސަލަ ހުށަހެޅީ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ނޫން ކަމަށް ބުނެ އެވެ.

މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތް ކަމަށް ހައި ކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫނެވެ. އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތެވެ.

ހުސައިން ޝަމީމް / ޕްރޮސެކިއުޓާ ޖެނެރަލް

ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ފާހަގަކުރި ކަންތައްތައް:

  • ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ގަޑިއިރުން ކުރަން ޖެހޭ ކަންކަން ބަޔާންކޮށްފައި ހުރި ކަންކަމުގައި ގަޑި ގުނާނެ ގޮތެއް ނެތް

  • މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ވެސް، ގަޑި ގުނާނެ ގޮތް ބަޔާންކޮށްފައެއް ނުވޭ

  • ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތް ނިންމަން ކޯޓަށް ގެންދާއިރު ވެސް ގަޑި ގުނަނީ ހައްޔަރުކުރާ ދުވަސް ހިމަނައިގެން

  • އިސްތިއުނާފު މުއްދަތު ވެސް ގުނަން ވާނީ އެ އުސޫލުން

  • އެ ގޮތަށް ގަޑި ގުނުމުން 48 ގަޑިއިރުގެ ތެރޭގައި ދައުލަތުން މައްސަލަ އިސްތިއުނާފުކޮށްފައެއް ނުވޭ

ހައި ކޯޓު ކުރިމަތި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'ހައި ކޯޓުގެ ނިންމުން ރަނގަޅެއް ނޫން'

ޝަމީމްގެ ބްލޮގުގައި ވިދާޅުވީ ހައި ކޯޓުގެ ނިންމުން ބިނާކުރި ގާނޫނީ އަސާސްތައް ކަމުނުދާ ކަމަށާއި އެހެންކަމުން އެ ނިންމުން ރަނގަޅުކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ޝަމީމްގެ ވާހަކައަށް ބާރުދެއްވުމަށް އޭނާ ދެއްކެވީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ވާހަކަ އެވެ.

އެ މާއްދާގައި ބުނެފައި ވަނީ:

  • ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިނަމާ

ދުވަހުން ކަމަށް ވިޔަސް، ގަޑިއިރުން ކަމަށް ވިޔަސް، އިސްތިއުނާފާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ކުރިން ދެންނެވި ގަވާއިދުގައި އޮތް ގޮތަށް، ދަށު ކޯޓުން ނިންމި ދުވަހާއި އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަހާ ނުލަ އެވެ.

ހުސައިން ޝަމީމް/ ޕްރޮސެކިއުޓާ ޖެނެރަލް

އިސްތިއުނާފު ކުރަން އޮންނަ 48 ގަޑިއިރު ގުނާނީ، ޝަމީމް ވިދާޅުވި ގޮތުގައި، ކޯޓުން އަމުރު ނެރުނު ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް ބަންދު ދުވަހެއް އަތުވެއްޖެ ނަމަ، އެ ދުވަސް ވެސް ނުލަ އެވެ. މި މައްސަލައިގައި ދައުލަތުން ކޯޓުގައި ވެސް މި ނުކުތާ ފާހަގަކުރި އެވެ. އެގޮތުން:

  • 20 މާޗު - ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ދުވަސް (ނުގުނާނެ) 

  • 21 މާޗު - ފުރަތަމަ ދުވަސް (ގުނާނެ) 

  • 22 މާޗު - ދެވަނަ ދުވަސް (ގުނާނެ) 

  • 23 މާޗު - އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަސް (ނުގުނާނެ)

ޝަމީމް ވިދާޅުވީ މައްސަލަ އިސްތިއުނާފުކުރި ދުވަހަކީ ސުޕްރީމް ކޯޓުގެ ގަވާއިދު އޮތް ގޮތުން، މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަކީ އިސްތިއުނާފުކުރުމާ ބެހޭ މާއްދާ ކަމަށާއި، އެއީ ފުލުހުންގެ ބަންދަށް މީހަކު ލައިގެން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރާ ވާހަކަ އޮތް މާއްދާއެއް ނޫން ކަމަށެވެ.

"ވީމާ، މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫނެވެ. އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތެވެ،" ޝަމީމް ވިދާޅުވި އެވެ.

"އެއީ ދުވަހުން ކަމަށް ވިޔަސް، ގަޑިއިރުން ކަމަށް ވިޔަސް، އިސްތިއުނާފާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ކުރިން ދެންނެވި ގަވާއިދުގައި އޮތް ގޮތަށް، ދަށު ކޯޓުން ނިންމި ދުވަހާއި އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަހާ ނުލަ އެވެ."

ޕީޖީ ޝަމީމް 4 އޮގަސްޓު 2021ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ގަވާއިދުގައި މުއްދަތު ގުނާއިރު ނުގުނާނެ ދުވަސްތައް ލިޔުނު އިރު، ބައެއް އިސްތިއުނާފުގެ މައްސަލަތަކުގައި 48 ގަޑިއިރު، އަނެއް ބައި މައްސަލަތަކުގައި 10 ދުވަސް ގާނޫނުގައި އޮތްކަން، ގަވާއިދު ލިޔުނު ސުޕްރީމް ކޯޓަށް "ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ" ކަމަށެވެ.

"ވީމާ، މިއީ އަތްދަށުން ގޮސްފައި އޮތް ކަމެއް ކަމަކަށް ބެލޭކަށް ވެސް ނެތެވެ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ހައި ކޯޓުގެ ނިންމުން މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

'އާންމު އުސޫލު ކުއްލިއަކަށް ބަދަލުވި ގޮތެއް ނޭނގޭ'

ޝަމީމް ވިދާޅުވީ ވަގުތު ގުނުމާ ގުޅޭ އުސޫލަކީ މިހާތަނަށް ވެސް އަމަލުކުރަމުން އައިސްފައިވާ އުސޫލު ކަމަށެވެ. އަދި އަހްމަދު މޫސާގެ މައްސަލަ ބެއްލެވި ފަނޑިޔާރުން ވެސް މީގެ ކުރިން އެތައް މައްސަލައެއްގައި އެ އުސޫލުގެ ދަށުން މުއްދަތު ގުނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައިގައި ފަނޑިޔާރުންގެ ވިސްނުންފުޅު ތަފާތުވީ ވަކި ހާއްސަ ސަބަބެއް އެ ގަޒިއްޔާގައި ލިޔުއްވާފައި ނުވާތީ މި މައްސަލަ ހާއްސަވީ ގޮތެއް އަދި ނޭނގެ އެވެ،" ޝަމީމް ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ ގޮތަށް ވަގުތު ގުނައިގެން އެތައް މައްސަލައެއް ހައި ކޯޓާއި ސުޕްރީމް ކޯޓުންވެސް ބަލައި ހުކުމް ކޮށްފައިވާ ކަމާއި، މި މައްސަލައިގައި ވެސް ހަމަ އެގޮތަށް ދުވަސް ގުނައިގެން މައްސަލަ ޝަރުއީ މަރުހަލާތަކުގައި މީގެ ކުރިން ހިންގަވާފައި ވާކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

ކޯޓުތަކަށް ފާޑުކިޔުން

ބްލޮގް ނިންމަވާލައްވަމުން ޝަމީމް ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ގަވާއިދުގައި މުއްދަތުތައް ތަންފީޒުކުރާ ގޮތުގެ "އަޖާއިބުކުރަނިވި" ވާހަކަތަކަށް ވެސް އެއްޗެއް ވިދާޅުވެފަ އެވެ.

އެގޮތުން، ޖިނާއީ މައްސަލައެއް ތަހުގީގުކުރުމަށް ފުލުހުންނަށް މުއްދަތުތަކެއް ދީފައިވާ ކަމަށާއި، އެ މުއްދަތެއްގައި ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވައިފި ނަމަ، އެ މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ ނުކުރެވި އެ މައްސަލަ އަނބުރާ ފޮނުވާލަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަމަ އެގޮތަށް، ޕީޖީ އޮފީހަށް މައްސަލަ ލިބޭ ދުވަހުން ފެށިގެން، ދައުވާ ކުރަން ލިބޭ މުއްދަތުގައި އެކަން ނުކުރެވިއްޖެ ނަމަ، އަދި އެއީ ކިތަންމެ ހައްސާސް މައްސަލައެއް ނަމަވެސް އެ މައްސަލަ ކޯޓުން ބަލައިނުގަންނާނެކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

"ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ކޯޓުތަކުން ކުރައްވަންޖެހިވަޑައިގަންނަވާ ކަންކަން، ނަމަވެސް ...،" ޝަމީމްގެ ވާހަކަ އިތުރަށް ކުރިއަކަށް ނުގެންދެވި އެވެ؛ އެ ހިސާބުން ހުއްޓަވާލެއްވީ އެވެ.

ޝަމީމް އެ އިޝާރާތް ކުރައްވަނީ ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ގޮސްފައިވާ ވާހަކަ އަށެވެ. ބްލޮގް ނިންމަވާލެއްވީ ކޯޓުން މުއްދަތުގައި މައްސަލަތައް ނުނިންމާކަމުގެ މިސާލަކުންނެވެ.

ވަކި މައްސަލައެއް ފާހަގަކުރެއްވުމެއް ނެތި ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވި ކަމަށާއި، އެހެންކަމުން ގާނޫނު ބުނާ ގޮތުން އެ ހާލަތުގައި ބާއްވަން ޖެހެނީ އަވަސް ނިޔާއިން ހުކުމް ކުރުމުގެ ޝަރީއަތެއް ކަމަށެވެ. އެކަން ކުރަން ގާނޫނުގައި ފަސް ދުވަހުގެ މުއްދަތެއް ދީފައި ވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުމެއް ނުބޭއްވި، ޝެޑިއުލް ވެސް ނުކުރައްވައި އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމާ، އެ މައްސަލައިގައި ތުހުމަތު ކުރެވުނު މީހާ ޝަކުވާ ކުރާތީ އެ މައްސަލަ އަޅުގަނޑު ވާނީ އަނބުރާ ގެނެސްފަ އެވެ،" ޝަމީމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް