ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކުރިން 3 ފެބްރުއަރީ 2021ގައި ށ. ކޮމަންޑޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަލާމްކުރައްވަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
ކޮމަންޑޫ އިންތިހާބަށް ނުފޫޒުފޯރުވުން އެމްޑީޕީއަށް ގޯހެއް ނުވި: އިދިކޮޅު
ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވަޒީފާގެ ބިރު ދެއްކުމާ ގުޅޭ ގޮތުން އިދިކޮޅުން ކުރި ޝަކުވާތަކަށް އެއްވެސް ސަމާލުކަމެއް ނުދިން ރައްޔިތުންގެ މަޖިލީހަށް، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ނުފޫޒުފޯރުވުން މައްސަލައަކަށް ވުމުން، އިދިކޮޅުން ފާޑުކިޔައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް، ވަޒީފާތަކުގައި ތިބި އެ ޕާޓީގެ ބައެއް މެންބަރުން ވަކިކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ބަހުސްގައި މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ދެ ފެކްޝަންގެ ދެމެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ.
-
އިތުރަށް ކިޔާލަން - ޗެއާޕާސަން އިންތިހާބުގެ ފޯރިގަދަވެ 2 ފެކްޝަނުން މަޖިލީހުގައި 'ތަޅައިގެންފި'
އެ ދުވަހަކު މި ވާހަކަ ބައެއް ބޭފުޅުންނަކަށް އަޑު އައްސަވާކަށް ފަސޭހައެއް ނުވި. އެހެން ނަމަވެސް މިއަދު، އަޅުގަނޑު ހިތުން މަޖިލިސްގައި ރެކޯޑުކުރެވިގެން މި ދަނީ ހަގީގަތުގައި ވެސް މީހުންނަށް ވަޒީފާގެ ބިރު އޮތްކަން.
ބުނީ ކީކޭ؟ - އެމްޑީޕީ މެމްބަރުންގެ ހޫނު ބަހުސްގައި ބައިވެރިވެވަޑައިގެން، އިދިކޮޅު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ފެބްރުއަރީ މަހު ބޭއްވި ބައި-އިލެކްޝަންގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ވަޒީފާގެ ބިރު އޮތް މިންވަރު ހާމަކުރެއްވުމަށް ތަކުރާރުކޮށް ދެއްކެވި ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުލިބުނު ކަމަށެވެ.
އިންތިހާބާ ދިމާކޮށް ހަމައެކަނި ކޮމަންޑޫން ވެސް 60 އެއްހާ މީހުންނަށް ވަޒީފާ ދިން ކަމަށް ވިދާޅުވެ، އޭނާ ވަނީ އެކަން މައްސަލައަކަށް ނުވިކަމުގެ ޝަކުވާ ކުރައްވާފަ އެވެ.
"އެ ދުވަހަކު މި ވާހަކަ ބައެއް ބޭފުޅުންނަކަށް އަޑު އައްސަވާކަށް ފަސޭހައެއް ނުވި. އެހެން ނަމަވެސް މިއަދު، އަޅުގަނޑު ހިތުން މަޖިލިސްގައި ރެކޯޑުކުރެވިގެން މި ދަނީ ހަގީގަތުގައި ވެސް މީހުންނަށް ވަޒީފާގެ ބިރު އޮތްކަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ދެ ފެކްޝަނުން މަޖިލީހުގައި ކުރަމުން ދިޔަ ބަހުސްގައި ވަކި ކޮޅަކަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް، ވަޒީފާއިން ކަނޑާލުމާއި ވަޒީފާ ދިނުމުގައި ވެސް އެއްވެސް އިންސާފެއް ނެތްކަން ސާފު ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވެސް ތަޅުމުގައި އާކުރެއްވީ، ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މީހުންނަށް ވަޒީފާގެ ބިރު ދައްކަމުން ދިޔަކަމުގެ ތުހުމަތުތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް އޭނާ ކުރެއްވި މަސައްކަތެވެ.
އެންގުން މުހިންމު - އިންތިހާބަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ދައުރުވި އޯޑިއޯއެއްގައި، ފެނަކައިގެ މުވައްޒަފަކަށް ބިރު ދެއްކި ކަމަށް ތުހުމަތުކުރަނީ ފެނަކައިގެ އޮޕަރޭޝަންސް އަދި ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ވެރިޔާ ޒާހިރު އުސްމާނަށެވެ. އެ އޯޑިއޯގައި:
-
އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓު ދިނުމަށް އޭނާ ފެނަކައިގެ މުވައްޒަފުގެ ކިބައިން އެދޭ
-
ވޯޓު ނުދޭ ނަމަ، އައިޑީ ކާޑު ދޭން ޝަރުތު ކުރޭ
-
އޭނާ އަންގާ ގޮތަށް އަމަލު ނުކޮށްފި ނަމަ، ވަޒީފާ އިން "ކަނޑާ ވައްޓާލާނެ" ކަމަށް ވެސް ބުނޭ
އިންތިހާބުގެ ކުރިން ރެކޯޑިން އާންމުވި ނަމަވެސް، އެމްޑީޕީގެ މެމްބަރުން ޒާހިރުއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލައި ވާހަކަ ދައްކަން ފެށީ، އެމްޑީޕީއަށް އިންތިހާބު ކާމިޔާބުވި ފަހުންނެވެ. އެ މައްސަލައިގައި އޭނާއަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އިންތިހާބަށް ފަހު 9 ފެބުރުއަރީގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި، އެ އޯޑިއޯ އިއްވަން ޝިޔާމް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ވަކި ހިސާބަކުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ މައިކުގެ އަޑު ކަނޑާލައްވައިފަ އެވެ.
ބުނީ ކީކޭ؟ - އެ ދުވަހު ނަޝީދު އަމަލުކުރެއްވި ގޮތަށް ފާޑުވިދާޅުވަމުން ޝިޔާމް މިއަދު ވިދާޅުވީ މަޖިލީހުގައި މިހާރު ކުރަމުން އަންނަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ކަމަށެވެ. އެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، ކޮމަންޑޫ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވި މައްސަލަ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ހިތާމަކުރަން އެ ދުވަހު ރައީސް އަޅުގަނޑުގެ މައިކް ކަނޑާލެއްވީމަ،" ޝިޔާމް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -