ށ. ކޮމަންޑޫ ޕްރީސްކޫލުގައި ވޯޓުލުން ކުރިއަށްދިޔައިރު، އެ ތަނުގެ ފުރަގަހުގައި އޮންނަ ހިއްކި ބިމުގައި އެމްޓީސީސީން ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދާ ފުޓުބޯޅަދަނޑު އެޅުމުގެ މަސައްކަތް މިއަދު ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
ކޮންމެ ސަރުކާރަކުން ވެސް އިންތިހާބުތަކަށް މަޝްރޫއުތައް ހިންގާ؛ ކުރެވޭނެ ކަމެއް ނެތް: ފުއާދު
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން މައިގަނޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ޝަކުވާ ހުށަހަޅާފައި ހުރީ ސަރުކާރުން އިންތިހާބުގެ ދުވަސްވަރު ފެށި މަޝްރޫއުތަކާ ގުޅިގެން ކަމަށް ވިޔަސް، ހުރިހާ ސަރުކާރުތަކަކުން ވެސް އިންތިހާބުތަކާ ދިމާކޮށް އަމަލުކުރަނީ އެ ގޮތަށް ކަމަށާއި އެކަމާ ގުޅިގެން އީސީއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމުން ބޭއްވި ބައި-އިލެކްޝަނާ ކައިރިވެފައި ވަނިކޮށް، ސަރުކާރުން ވަނީ އެ ދާއިރާގެ ރަށްތަކުގައި ބޮޑެތި މަޝްރޫއުތަކެއް ފަށައިފަ އެވެ. އިދިކޮޅުން އަދި ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް ވަނީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ސިފަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބުނީ ކީކޭ؟ - އީސީގެ ރައީސް ފުއާދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އިންތިހާބާ ގުޅިގެން މިހާތަނަށް 10 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ޝަކުވާތަކަށް އެ ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއިން ޖަވާބު ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައިގަނޑު ގޮތެއްގައި ޝަކުވާތައް ގުޅެނީ ކޮމަންޑޫ ދާއިރާގައި ސަރުކާރުން ހިންގަވަމުން ގެންދެވި ޕްރޮޖެކްޓުތަކާ ބެހޭ ގޮތުން" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި އިންތިހާބުތަކާ ދިމާކޮށް، އެ ސަރަހައްދެއްގައި ކުރިއަށްގެންދާ މަޝްރޫއުތައް ހުއްޓާލާ ކަމަށާއި "ބެސްޓް ޕްރެކްޓިސް" އަކީ އެއީ ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ސަގާފަތަކީ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި، މީގެ ކުރީ ސަރުކާރުތަކުގައި ވެސް އިންތިހާބުތައް އޮންނަ ދުވަސްވަރު ހިންގާ މަޝްރޫއުތަކުގެ ވާހަކަ އީސީން ދެއްކުމުން އޭރު ވެސް ސަރުކާރުން ދޭ ޖަވާބަކީ އިންތިހާބެއް އޮތަސް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓޭނެ ކަމަށެވެ.
"ހުރިހާ ރައީސުން ފޮލޯކުރައްވާ އެއްޗެއް މިއީ. އެ ބޭފުޅުން ހިންގަވާ ޕްރޮގްރާމުތައް އަދި ތަންކޮޅެއް ގިއަރު ބާރުކޮށްލައްވާފައި، ގައިމު ވެސް ބަލަން ތިބޭ މީހުންނަށް ފެނިގެންދަނީ،" އޭނާ ވިދާޅުވި އެވެ.
މިކަމުގައި އިލެކްޝަންސް ކޮމިޝަނަށް ވަކި ފިޔަވަޅެއް އެޅޭނެތޯ ސުވާލު ކުރުމުން ފުއާދު ވިދާޅުވީ އެކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ކޮންމެ ސަރުކާރުން ވެސް އެކަމަށް ދެނީ އެއް ޖަވާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ސަރުކާރެއް އޮތަސް ދެއްވާ ޖަވާބަކީ އިންތިހާބެއް އޮތޭ ކިޔާފައެއް ތިމަންނާމެންނަކަށް ތިމަންނާމެންގެ ތަރައްގީގެ ޕްރޮގްރާމުތަކެއް ހުއްޓައެއް ނުލެވޭނެއޭ،" ފުއާދު ވިދާޅުވި އެވެ.
އިންތިހާބާ މެދު ހިތްހަމަޖެހޭ
މިފަހަރުގެ އިންތިހާބުގެ ވާދަވެރިކަމާ އަޅާބަލާއިރު، އީސީއަށް ހުށަހެޅި ޝަކުވާތައް މަދުކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ އިންތިހާބުގެ އިންތިޒާމުތައް ދިޔަ ގޮތާ މެދު އޭނާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ފުއާދު ވިދާޅުވީ، ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގި ނަމަވެސް، ވޯޓުލުން ކުރިއަށްދިޔަ ގޮތާއި އެ ތަންތަނުގެ މަސްލަހަތު އޮތް ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"ވޯޓު ގުނަމުން ދިޔައިރު ވެސް، ވޯޓު ފޮށި ބަންދުކުރުމާއި އެއަށް ފަހު ބައި ގަޑިއިރެއް ދީފައި ގުނުމާ، މިއިން އެއްވެސް ކަމަކާ މެދު އެއްވެސް މީހެއްގެ ހިތްހަމަނުޖެހުުމެއް، ޝަކުވާއެއް ނެތް. ވޯޓު ގުނުން ދިޔަ ގޮތުން ހުރިހާ އެންމެން ވެސް އެއްބާރުލުން ދިން އަދި މައްސަލައެއް އުފެދިފަކައި ނުވޭ،" ފުއާދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރީ އެމްޑީޕީގެ އިތުރުން، ޕީޕީއެމް އަދި އެމްއެންޕީ އެވެ. އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދެވެ. ރާޝިދު އިންތިހާބު ކާމިޔާބު ކުރެއްވީ 1،401 ވޯޓުންނެވެ. އެއީ އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ވުރެ 240 ވޯޓު އިތުރު އަދަދެކެވެ.
ކޮންމެ ސަރުކާރެއް އޮތަސް ދެއްވާ ޖަވާބަކީ އިންތިހާބެއް އޮތޭ ކިޔާފައެއް ތިމަންނާމެންނަކަށް ތިމަންނާމެންގެ ތަރައްގީގެ ޕްރޮގްރާމުތަކެއް ހުއްޓައެއް ނުލެވޭނެއޭ.
ކޮމަންޑޫ ދާއިރާގައި ހިންގަން ފެށި ބޮޑެތި މަޝްރޫއުތައް:
-
ދެ ކޮމަންޑޫ ގުޅުވާލުން: 249 މިލިއަން ރުފިޔާ
-
މަރޮށީގެ ބަނދަރު ބޮޑުކުރުން: 43 މިލިއަން ރުފިޔާ
-
ކޮމަންޑޫގައި އައިސް ޕްލާންޓެއް ބެހެއްޓުން: 5 މިލިއަން ރުފިޔާ
-
ށ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓް ހަދަން ހުޅުވާލުން
އިންތިހާބުގެ ކާމިޔާބީއަށް ފަހު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، ސަރުކާރުން މަޝްރޫއުތައް ހިންގީ އެމްޑީޕީއަށް ގޮނޑި ކާމިޔާބުކުރުމަށް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. މުޅި ރާއްޖޭގައި ވެސް މަޝްރޫއުތައް ކުރިއަށްދާކަން އެ ޕާޓީން ފާހަގަކުރި އެވެ.