ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައިއިލެކްޝަންގެ ކާމިޔާބީއަށްފަހު މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ހަސަން ލަތީފު، މުހައްމަދު ޝިފާޒު އަދި އަލީ ނިޔާޒު (ފޮޓޯ/އެމްޑީޕީ)

މަޝްރޫއުތައް ހިންގީ އިންތިހާބާ ދިމާކޮށް ކަމަކަށް ގަބޫލެއް ނުކުރަން: އެމްޑީޕީ

ހަސަން ލަތީފު ފާހަގަކުރެއްވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަޝްރޫއުތައް ހިނގަމުންދާކަން
5 ފެބްރުއަރީ 2022

ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި މި ފަހުން ފެށި މަޝްރޫއުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ފެށި މަޝްރޫއުތަކެއް ކަމަށް ގަބޫލު ނުކުރާ ކަމަށް މިރޭ އެމްޑީޕީއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމުން ބޭއްވި ބައި އިލެކްޝަނާ ކައިރިވެފައި ވަނިކޮށް، ސަރުކާރުން ވަނީ އެ ދާއިރާގެ ރަށްތަކުގައި ބޮޑެތި މަޝްރޫއުތަކެއް ފަށައިފަ އެވެ. ބަޖެޓުން ބޭރުން ވެސް ބޮޑެތި މަޝްރޫއުތައް ހިންގަން ފެށުމުން، އިދިކޮޅުން އަދި ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް ވަނީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ސިފަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބުނީ ކީކޭ؟ - މިއަދު ބޭއްވި ބައިއިލެކްޝަން އިންތިހާބުގެ ކާމިޔާބީއަށްފަހު މިރޭ އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ އެ މަޝްރޫއުތަކަކީ އިންތިހާބާ ދިމާކޮށް ހިންގާ މަޝްރޫއުތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމަންޑޫ ދާއިރާގައި ހިންގާ މަޝްރޫއުތައް:

  • ދެ ކޮމަންޑޫ ގުޅުވާލުން: 249 މިލިއަން ރުފިޔާ

  • މަރޮށީގެ ބަނދަރު ބޮޑުކުރުން: 43 މިލިއަން ރުފިޔާ

  • ކޮމަންޑޫގައި އައިސް ޕްލާންޓެއް ބެހެއްޓުން: 5 މިލިއަން ރުފިޔާ

  • ށ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓް ހަދަން ހުޅުވާލުން

އެމްޑީޕީގެ ނައިބު ރައީސް އަލީ ޝިފާޒާއި ޑެޕިއުޓީ ޗޭޕާސަން އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވީ، ދެ ކޮމަންޑޫ ގުޅުވާލުމުގެ ވާހަކައަކީ ވަރަށް ކުރީއްސުރެ އެމްޑީޕީއިން ދައްކަމުން އައި ވާހަކައެއް ކަމަށެވެ. އަދި މާލެއަށް ތޮއްޖެއްސުމުގެ މައްސަލަ ހައްލުކޮށް، ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ހިންގުމުގެ ވާހަކަ ދައްކަމުން ގޮސްފައިވާނެ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ދެ ކޮމަންޑޫ ގުޅުވާލުމަކީ ކުއްލިއަކަށް އިންތިހާބާ ދިމާކޮށް ކުރި ކަމެއް ކަމަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ މަޝްރޫއުތައް ހިންގަނީ މުޅި ރާއްޖެއަށް އޮތް ވިސްނުމަކަށް ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ތި ވިދާޅުވި ގޮތަކަށް ކުއްލިއަކަށް އައި ކަމެއް ކަމަށް ދެ ކޮމަންޑޫ ގުޅުވާލުމަކީ،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފު ވިދާޅުވި އެވެ.

"އެއީކީ އެހެން ކުރި ކަމެއް ނޫން އެއްގޮތަކަށް ވެސް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖެއަށް އޮތް ވިސްނުމެއް އެބަ އޮތް." ހަސަން ލަތީފު ވިދާޅުވި އެވެ.

މަޝްރޫއުތައް ކުރިއަށްދަނީ ހަމައެކަނި ކޮމަންޑޫ ދާއިރާގައި ނޫން ކަމަށާއި ކައިރި އެހެން އަތޮޅުތަކުގައި ވެސް ތަރައްގީގެ މަޝްރޫއުތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބެއް އޮތުމުން ކޮމަންޑޫއަށް ފޯކަސް ކުރެވި "ތަންތަން ފެންނަލެއް ވެސް ގިނަވާނެ" ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް