ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދާ އެކު: މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެއް ދާޢިރާއެއްގެ އެންމެ އަގު ބޮޑު އިންތިހާބު (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ އަގަކީ '300 މިލިއަން ރުފިޔާ'

އިންތިހާބެއްގެ އެއް ދާއިރާއަކަށް އަމާޒުކޮށް އެއްވެސް ސަރުކާރަކުން މިހާ ބޮޑު ހޭދަތަކެއް ކުރަން އިއުލާންކޮށްފައެއް ނުވޭ
4 ފެބްރުއަރީ 2022
1

މީގެ 15 އަހަރު ކުރިން ފެށިގެން އެމްޑީޕީގެ އަބަދުގެ ޝަކުވާއަކީ (އެކަމަކު ވެރިކަމަށް އައުމުގެ ކުރިން) އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސަރުކާރުން އިންތިހާބުތަކަށް ފޯރުވި ނުފޫޒެވެ. އިންތިހާބުތަކާ ދިމާކޮށް އިއުލާންކުރާ މަޝްރޫއުތަކެވެ. އޭރުގެ ބަހުރުވަރިން ނަމަ 'ޖަހާ ކަޑަތަކެ"ވެ.

ރައީސްގެ ރަސްމީ ލޯންޗުކޮޅުގައި ރަށަކަށް ވަޑައިގަތަސް އެ ވަނީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމަށެވެ. ނަމަވެސް 2008 ގައި ވެރިކަން ލިބުމާ އެކު، އޭގެ ފަހުން އޮތް އިންތިހާބުތަކުގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެސް، މައުމޫނެކޭ ވަކި ތަފާތެއް ނުވި އެވެ. އަދި މާދަމާ އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިހާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު، އެ އުޅުއްވަނީ ކެމްޕެއިންގައި، އަމަލީ ގޮތުންނެވެ. ދައުލަތުގެ މުދާ ވެސް ބޭނުންކުރައްވަ އެވެ. އަދި ކުރިން ބަޖެޓްގައި ނެތް ބޮޑެތި މަޝްރޫއުތައް ވެސް ފަށައިފި އެވެ. އަނެއް ބައި މަޝްރޫއުތައް އިއުލާންކުރީ އެވެ.

ކޮމަންޑޫގައި ކުރިން އޮތް ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

މިއީ ރާއްޖޭގެ ތާރީހުގައި ވެސް މީގެ ކުރިން ނުދެކޭ ވަރުގެ، ސަރުކާރުގެ ނުފޫޒު ވަދެފައި އޮތް އިންތިހާބެކެވެ. ކޮމަންޑޫ ދާއިރާގައި ކުއްލިއަކަށް ފެށި އަދި އިއުލާންކުރި ބައެއް މަޝްރޫއުތައް އަގުކުރާ ނަމަ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު މި ވަގުތު އެ ހުންނެވީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ އަގުހުރި ކެންޑިޑޭޓަކަށް ވެވަޑައިގެންނެވެ.

މިއީ އެއް ކެންޑިޑޭޓަކަށް އަދި ރާއްޖޭގެ ނިސްބަތުން ކުޑަ ދާއިރާކަށް ބަލާ ނަމަ، ޑިމޮކްރަސީގެ ހައްގުގައި މަސައްކަތްކުރާ މީހުން އަންތަރީސްވާ ވަރުގެ މިންވަރެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ މިހާރު ވެސް އޮތީ އެމްޑީޕީއަށެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ވެރިކަމުގައި، އޭރުގެ އިދިކޮޅުން މަޖިލިހުގެ މެޖޯރިޓީ ކޮންޓްރޯލްކުރުމުން ދިމާވި އެއްވެސް ކަހަލަ ހުރަހެއް މިއަދުގެ މަޖިލިހުގައި، ރައީސް ސޯލިހަށް ވެސް އދި އެމްޑީޕީއަކަށް ވެސް ނެތެވެ. އެކަމަކު ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި މި ފެންނަނީ، އެ ގޮނޑި ގެއްލިއްޖެ ނަމަ ސަރުކާރު 'ވެއްޓިދާނެތީ' އުޅޭ ކަހަލަ ބިރެއްގައި، ރައީސް ސޯލިހާއި ނަޝީދާއި ސަރުކާރުގެ އިސް ވެރިން ވެސް އުޅުއްވާ ތަނެވެ.

މާދަމާގެ އިންތިހާބާ ގުޅުވައިގެން ރައީސް ސޯލިހު ގެންދަވަނީ ކުރިން އެ މަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުތަކާ ވެސް އަމިއްލައަށް ދުރުވެވަޑައިގަންނަވަމުންނެވެ. އިންތިހާބުގައި ވާދަކުރާ މޯލްޑިވްސް ނެޝެނަލް ޕާޓީ (ޕީއެންސީ)ގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ މިއަދު ކުރެއްވި ޓްވީޓަކުން އެކަން ފާހަގަކުރައްވައިފަ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ހޮވަން ހިންގާ މަޝްރޫއުތައް

  • 249 މިލިއަން ރުފިޔާ: ދެ ކޮމަންޑޫ ގުޅުވާލުން

  • 43 މިލިއަން ރުފިޔާ: މަރޮށީގެ ބަނދަރު ބޮޑުކުރުން

  • 5 މިލިއަން ރުފިޔާ: ކޮމަންޑޫގައި އައިސް ޕްލާންޓެއް ބެހެއްޓުން

  • އަގުނުކުރެވި: ށ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓް ހަދަން ހުޅުވާލުން

އެމްޓީސީސީގެ ބޮޑު ކޮންނަ ބޯޓު މަހާޖައްރާފު: މި ބޯޓަށް ދެން އޮތް އެންމެ ބޮޑު މަޝްރޫއުއަކީ ދެ ކޮމަންޑޫ އެއްކޮށްލަން ބިން ހިއްކުން (ފޮޓޯ/އެމްޓީސީސީ)

ރައީސް ސޯލިހު ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން މަޝްރޫއުތައް ހިންގާނީ ވަކި ރަށެއް ތަފާތުކުރުމެއް ނެތި އެވެ. އެކަމަކު އިއްޔެ ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ތަރައްގީ އޮތީ ރާޝިދު ހޮވައިގެން ކަމަށެވެ.

"މި ދާއިރާއަށް ކުރިމަތިލައްވާފައި ތިބީ އިހްލާސްތެރި ދެ ބޭފުޅުން. އަޅުގަނޑު އިހްތިރާމް ކުރަން އެ ދެ ބޭފުޅުންނަށް،" ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުއް ހަންނާން އިދުރީސްއަށް އިޝާރަތްކުރައްވައި ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ދާއިރާގެ ތަރައްގީއަށްޓަކައި، ދާއިރާގެ ކުރިމަގަށްޓަކައި ސަރުކާރާ އެކީ ރާޝިދާ އެކު ކުރިއަށް ވަޑައިގަތުން."

މި ވާހަކަފުޅަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ އެއްވެސް މަޝްރޫއެއް ހުއްޓާލައިފި ނަމަ 2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް 'ރައްޔިތުން ބޮޑު ތަނުން ނޫނެކޭ' ބުނާނެ ކަމަށެވެ.

ކޮމަންޑޫ ބައި އިލެކްޝަންގެ ކެމްޕޭންގައި މިދިއަ މަހު 26 ގައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ

އެކަމަކު މިއީ ރައީސް ސޯލިހު ވިސްނަވާނެ ރައްދެއް ކަމަކަށެއް ނުފެނެ އެވެ. މުޅި ސަރުކާރާއި ސަރުކާރު ނިސްބަތްވާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އޮތީ، ރާޝިދުގެ ފަހަތުގަ އެވެ. ހާއްސަކޮށް ގާސިމް ގެންދަވަނީ ކޮމަންޑޫ ދާއިރާގެ އެކި ރަށްރަށުގައި ހުންނަވައިގެން ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވައި، މީގެ ކުރިން، މިކަހަލަ އިންތިހާބެއްގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ސަޕޯޓްނުކުރައްވާ ވަރަށް، ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ބައެއް މީޑިއާތަކުން މިއަދު ހަބަރު ފެތުރި ގޮތުގައި ގާސިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއްގެ މުއާމަލާތަކާ ގުޅިގެން ސަރުކާރާ އެކު ކޯޓުން ބޭރުގައި ވީ އެއްބަސްވުމެއްގެ ދަށުން 52 މިލިއަން ރުފިޔާގެ ބަދަލެއް މި މަހު 2 ގައި ފިނޭންސް މިނިސްޓްރީން ވަނީ ދީފަ އެވެ. އެކަމަކު އެ ވާހަކަ 'ދައުރު'އަށް ކަށަވަރުކުރެވޭ ގޮތެއް އަދި ނުވެ އެވެ.

ޔަގީނުން ވެސް ކޮމަންޑޫ ބައި އިލެކްޝަނަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ، އެންމެ ދާއިރާއަކަށް ނިސްބަތްކުރާ ނަމަ، އެންމެ އަގުބޮޑު އިންތިހާބެވެ. އަދި ސަރުކާރުގެ ނުފޫޒު އެންމެ ބޮޑަށް ވަން އިންތިހާބަށް ވެދާނެކަމުގެ ހުރިހާ ނިޝާނެއް، މިހާތަނަށް ފެށި މަޝްރޫއުތަކާއި އިއުލާންކުރި މަޝްރޫއުތަކުން މި ވަނީ ފެނިފަ އެވެ.

އެމްޑީޕީގެ ވެރިކަމެއްގަ އެވެ. އެމްޑީޕީގެ ރައީސެއްގެ ބާރުގެ ދަށުގަ އެވެ.

ކޮމެންޓް (1)

މައުމޫން

4 ފެބްރުއަރީ 2022
ލަދުން މަރޭ 😂
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް