މީގެ ދެ އަހަރު ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މަހީރާ އައްޔަންކުރެއްވުމަށްފަހު، ރައީސް މުއިއްޒު އޭނއަށް މަގާމުގެ ލިޔުން ދެއްވަނީ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ކުއްލި ގޮތަކަށް ވަކިކުރައްވައިފި

އޭނާ ވަކިކުރި ސިދާ ސަބަބެއް ނޭނގެ؛ މިކަމާ ގުޅިގެން ރައީސް އޮފީހުންވެސް އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވޭ

ރައީސް މުހައްމަދު މުއިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ކުއްލި ގޮތަށް ވަކިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މަހީރާ އެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު އައްޔަން  ކުރެއްވީ އެޕްރީލް 2024ގަ އެވެ. އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް މިއަދު ކަށަވަރުވެފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެމަނިކުފާނު ވަނީ މަހީރާ އެ މަގާމުން ވަކިކުރައްވާފަ އެވެ.

ތަފްސީލު - ޅ. ހިންނަވަރަށް ނިސްބަތްވެވަޑައިގަންނަވާ މަހީރާ ވަކިކުރި ސަބަބެއްް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

މަހީރާ އަންގާރަ ދުވަހު މަގާމުން ވަކިކުރައްވާފައިވާއިރު، ހަމަ އެ ދުވަހު ރައީސް ވަނީ ޓްރައިބިއުނަލްގެ ރައީސް ކަމަށް ކުރިން މުސްތަފާ މުހައްމަދު އައްޔަން ކުރައްވާފަ އެވެ. އަމްޖަދު ރައީސްއަކަށް އައްޔަން ކުރުމުގެ ކުރިން، ކުރިން އެ މަގާމުގައި ހުންނެވި އިސްހާގު ހުސައިން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މަހީރާ ވަކިކުރުމާ ގުޅިގެން، ޓްރައިބިއުނަލް ވެބްސައިޓުން އެތަނުގެ ނައިބު ރައީސްގެ މަގާމު ފެންނަނީ އެ ހުސްކޮށެވެ.

ފާހަގަކޮށްލެވޭ - މި ބަދަލު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް އައިސްފައި މި ވަނީ، ސަރުކާރުގެ ކުންފުނިތަކުން ބައެއް މުވައްޒަފުން ކަނޑާތީ އެކަމާ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށެވެ. އަދި އޭގެ ބައެއް މައްސަލަތައްވެސް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ވަނިކޮށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން މުވައްޒަފުން ވަކިކުރަނީ، ހަރަދު ކުޑަ ކުރުމުގެ ގޮތުން ބޭނުން ނުވާ މުވައްޒަފުންނެވެ. އަދި އެކަން ކުރަނީ އުސޫލުތަކުގެ ތެރެއިންކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ވަަޒީފާތަކުން ވަކިކުރަމުންދަނީ އެ ޕާޓީއަށް ނިސްބަތްވާ މީހުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް