އެމްޑީޕީއިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފު ޒާކިރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މުވައްޒަފުން ކަނޑަން އުޅެނީ މުސާރަ ދޭނެ ފައިސާ ނެތުމުން: މައުރޫފް
ސަރުކާރުން މުވައްޒަފުން ވަކިކުރަން އުޅެނީ މުސާރަ ދެވޭނެ އެއްވެސް ގޮތެއް ނެތިގެން ނުވަތަ އެއީ ބޭރުގެ ފަރާތްތަކުން އެހީ ނުލިބި، އަތްމަތި ދަތިވެގެން ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން އިގްތިސާދީ މައްސަލަތަކާ ގުޅުވައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޕެނަލް ޑިސްކަޝަންގެ ތެރެއިން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް އަލިއަޅުވާލެއްވީ ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭ މައްސަލައަށެވެ.
އެނގުން މުހިންމު - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް ކުންފުނިތަކަށާއި ފިނޭންސް މިނިސްޓްރީއަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ސާކިއުލާއެއް ފޮނުވީ މީގެ 3 މަސް ކުރިން، 18 އޭޕްރީލްގަ އެވެ.
ކުރިއަށް ތިން މަސްދުވަހުގެ ތެރޭގައި އެ ލަނޑުދަނޑިއާ އެއްވަރަށް މުވައްޒަފުން މަދުކުރުމަށް ޕީސީބީން ވަނީ މި މަހުގެ ތެރޭގައި އަންގާފަ އެވެ.
ބުނީ ކީކޭ؟ - އޭނާ ލަފާކުރެއްވި ގޮތުގައި، އެ ނިންމުމުގެ ފަހަތުގައި އޮތީ މައިގަނޑު ދެ ސަބަބެކެވެ. އަދި ހަގީގަތުގައި ވެސް އެކަން ކޮށްފާނެ ކަމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
"ކޮންމެވެސް ޕްރެޝަރަކާ ހުރެ އަދި ކައުންސިލް އިންތިހާބުން ބަލިވެވަޑައިގެން ނުކުމެ ވިދާޅުވި ސިޔާސީ މަގާމުތަކުން މީހުން ވަކިކުރާނެ ވާހަކަ ވެސް. އެހެން ނަމަވެސް އެ ސިޔާސީ މަގާމުތަކުން މީހުން ވަކިކުރި ތަނެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
"އޭގެ ބަދަލުގައި ފެންނަނީ ކޮންމެ ދުވަހަކު ވެސް، ހަފްތާއަކު އެއްފަހަރު ސިޔާސީ މަގާމަކަށް މީހަކު އައްޔަން ކުރަމުންދާ މަންޒަރު."
ކަން މިހެން ހިނގާއިރު، މުވައްޒަފުން ވަކިކުރާ ވާހަކަ ދައްކާ އެއް ސަބަބަކީ، މައުރޫފް ލަފާކުރެއްވި ގޮތުގައި، މުސާރަ ދޭނެ ފައިސާ ވެސް ދައުލަތުގައި ނެތުމެވެ.
"މި ބޭފުޅުން ލޯނު ދައްކައިފި. ސުކޫކު ދައްކައިފި. އެހެން ނަމަވެސް މާދަމާ ވެސް މުސާރަ ދޭނެ ހަމަ އެއްގޮތެއް ވެސް ނެތް. މުސާރަ ދީ ނިންމާފައި ސަރުކާރުން ކުރާ ކަމަކީ އަނެއްކާ އަނެއް މަހު މުސާރަ ދޭނެ ގޮތެއް ހޯދަމުން މި ދަނީ،" މައުރޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިއަދު އެނގޭ ވާހަކައަކީ ޕެންޝަން ފަންޑުގައި ހުރި ލާރިކޮޅު ކަޅާކޮށްލައިގެންނޭ މި އަންނަ މަހު މުސާރަ ދެވޭނީ. އެ ލާރިކޮޅު މިއަދު ވަގަށް ނަގައިފިޔޭ."
ތަފްސީލު - މައުރޫފް ވިދާޅުވީ އެ ފައިސާ ނެގުމަށް ފަހު މާކެޓަށް ނެރުމުން އަނެއްކާވެސް އިގްތިސާދުގައި ދައުރުވާ ދިވެހި ފައިސާ އިތުރުވެ، ޑޮލަރުގެ އަގު އިތުރަށް މަތިވާނެ ކަމަށެވެ.
މައުރޫފް ވިދާޅުވީ އެއީ ފައިސާ ޗާޕު ނުކުރާނަމޭ ބުނުމަށް ފަހު ގަސްތުގައި އޮޅުވާލައިގެން ފައިސާ ޗާޕުކޮށް، މާކެޓަށް އިތުރުކުރުން ކަމަށެވެ.
މުވައްޒަފުން މަދުކުރާ ކަމަށް ސަރުކާރުން ބުނަމުންދާ އަނެއް ސަބަބަކީ، މައުރޫފް ލަފާކުރެއްވި ގޮތުގައި، ބޭރުގެ ފަރާތްތަކުން އެހީއެއް ނުލިބޭތީ ހަރަދު ކުޑަ ކުރަން ކަމެއް ކުރާކަން ދައްކަންވެގެން ދައްކާ ވާހަކައެކެވެ.
"ފައިސާ ނެތުނީމާ، މިހާރު ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން، އައިއެމްއެފް، ވޯލްޑް ބޭންކު ފަދަ ތަންތަނުން، އެބަ ބަލާ ރާއްޖޭގެ އިގްތިސާދު ހިނގަމުންދާ ގޮތް، މާލީ ސިޔާސަތު އޮތް ގޮތް، ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަނީ ކީއްތޯ،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ ހަރަދު ކުޑަކުރާކަން ދެއްކުމަށްޓަކައި މުވައްޒަފުން މަދުކުރަނީއޭ ވިދާޅުވެ އިއުލާންތަކެއްކޮށް، މި ސަކަރާތްތަކެއް ޖެހުމަކީ އެކަށީގެންވާ ކަމެއް."
މައުރޫފް ވިދާޅުވީ ކޮންމެވެސް ވަރަކަށް ރަށްރަށުން ސަރުކާރު މުވައްޒަފުން މިހާރު ވެސް ވަކިކުރަމުންދާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ވަކިކުރުމަށް ފަހު ވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ނުކުމެ އަޑުގަދަކޮށްލުމުން ހެނދުނު ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް މެންދުރުފަހު ވަޒީފާ އަލުން އިޔާދަކޮށްދޭ ކަމަށެވެ.
މިކަމުގައި ވެސް މައުރޫފް ވިދާޅުވީ ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.
އޭގެ އިތުރުން، އޭނާ ވިދާޅުވި ގޮތުގައި، މުސާރަ ނުދެވިދާނެކަމުގެ ބިރު އޮތުމަކީ ވެސް ބަޔަކު ވަޒީފާއިން ވަކިކޮށްފާނެ ސަބަބެކެވެ.
ޕީސީބީ މެދުވެރިކޮށް ކުންފުނިތައް 'ރައިޓް ސައިޒް' ކުރުމުގެ ނަމުގައި އިއުލާންކުރީ، މައުރޫފް ވިދާޅުވި ގޮތުގައި، އެހެންވެ އެވެ.
ނަމަވެސް އެއީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ހާލަތެއް ނޫން ކަމަށާއި އެކަން ކުރަން ދުނިޔޭގައި އުސޫލުތަކެއް ކަނޑައަޅައި، އެ އުސޫލުތައް ރާއްޖޭގެ ގާނޫނީ ނިޒާމުގައި ވެސް އެބަހުރި ކަމަށެވެ.
"މުވައްޒަފަކު ރިޑަންޑެންޓު ކުރެވޭނީ އޭނާ އަދާކުރަމުން އެ ދާ ވަޒީފާގެ މަސްއޫލިއްޔަތު ނެތިދާ ހާލަތެއްގައި. އެ މަސްއޫލިއްޔަތު އޮއްވާ ނުވަތަ ކުންފުނީގެ މާލީ ހާލަތު ދަށްވިޔަސް އެ މަސްއޫލިއްޔަތު ދެމި އޮތްހާ ހިނދަކު ވަޒީފާއަކުން ރިޑަންޑެންޓެއް ނުކުރެވޭނެ،" މައުރޫފް ވިދާޅުވި އެވެ.
"ރިޑަންޑެންޓު ކުރުމުގެ ކުރިން ދުރާލާ އަންގަން އެބަ ޖެހޭ. އެއީ ގާނޫނުގައި އޮތް ގޮތް. ދުރާލާ އެންގުމަށްފަހު އަދި އިތުރު ފުރުސަތުތަކެއް އެބަ ދޭން ޖެހޭ ރިޑަންޑެންޓު ކުރެވޭ ފަރާތްތަކަށް."
އޭގެ އިތުރުން، އޭނާ ވިދާޅުވީ ރިޑަންޑެންޓު ކުރުމުގެ ކުރިން، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަކީ ކޮން ބައެއްކަން ނިންމާ ގޮތް ވެސް ބަލަން ޖެހެ އެވެ.
ކޮމެންޓް