ފިނޭންްސް މިނިސްޓްރީގެ ދައުރު ފުޅާކުރުމަށް ފަހު އެ މަގާމާ ހަވާލުވެވަޑައިގެން މިނިސްޓަރު މޫސާ ޒަމީރު ލިޔުމުގައި ސޮއިކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރަން އަންގައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށާއި ތައުލީމާއި ހުނަރާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތަކަށް މީހުން ނެގުމަށް ފިނޭންސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އިއްޔެ އަންގައިފި އެވެ.
ވީ ކިހިނެއް؟ - މިގޮތަށް އަންގާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، ކަމާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގައި އިއްޔެ ޕީސީބީގެ ރައީސް މުހައްމަދު އަނަސްއަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއެއްގަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެކަން އެގޮތަށް ކުރަން އަންގާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރުން އިތުރުކުރުމަށެވެ.
ތަފްސީލް - ޕީސީބީއަށް ފޮނުވާފައިވާ ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވެ އެވެ.
އެގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް އަންގާފައިވަނީ، މި އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އަންގާފައިވަނީ:
-
ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް
-
މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނި
-
މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓާ ކުރުމަށް
-
މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް
މިނިސްޓްރީން ބުނީ، މި ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.
މިއީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށާއި، ފައިސާ ހަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ކަންތައްތަކެއް ކަމަށް ވެސް ބުންޏެވެ.
ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރަ އާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އާ މުވައްޒަފުން ނެގުން ހުއްޓާލުމާއި އިތުރު ގަޑީގެ މަސައްކަތް ހަނިކުރުމާއި ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިހުތިޔާރީ ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ.
ކޮމެންޓް (3)
ތެފައާސާ.
ޚަރާބު2028
ޕޮއެއް