އެމްޑީޕީން ބޭއްވި 'ވަޒީފާ ބުރާސްފަތި' އިހުތިޖާޖުގެ ތެރެއިން(ފޮޓޯ/އެމްޑީޕީ)
އެސްއޯއީތަކުގެ ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ %90އަކީ އެމްޑީޕީ މީހުން: އެމްޑީޕީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33އަށް މަދުކުރުމަށް ސަރުކާރުން މިހާތަނަށް ވަޒީފާތަކުން ކަނޑާލާފައިވާ މުވައްޒަފުންގެ ތެރެއިން %90އަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް ކުންފުނިތަކަށާއި ފިނޭންސް މިނިސްޓްރީއަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިދިޔަ އެޕްރީލު މަހު އެންގި އެވެ. އެ އަދަދަށް މުވައްޒަފުން މަދުކުރުމަށް ކުންފުނިތަކަށް މިހާރު ދީފައިވަނީ ތިން މަހުގެ މުއްދަތެކެވެ.
ބުނީ ކީކޭ؟ - އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، %33 މުވައްޒަފުން މަދުކުރާ ނަމަ، 14،733 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެކަން ކުރަމުންދަނީ އެއްވެސް ހަމައެއް އަދި އުސޫލެއް ނެތިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުން ފޯރުކޮށްދެމުން ވެސް ނުދާތީ އެކަން ކުރުމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް އޮތް ކަމަށް ވެސް ނުބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ނަމުގައި 2024 ވަނަ އަހަރު ވެސް ރައީސް މުހައްމަދު މުުއިއްޒު އެފަދަ "ޗައްކަރެއް" ޖެއްސެވި ކަމަށެވެ. އެކަމަކު އޭރު ވެސް ވަޒީފާއިން ވަކިކުުރި ބަޔަކު ލޮލަށް ނުފެންނަ ކަމަށާއި ފެނުނީ އޭރު ހިޔާލު ތަފާތުވުން އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވަފާތެރި ބަޔަކު ވަޒީފާތަކުން ވަކިކުރި ތަން ކަމަށެވެ.
އެހެންކަމުން، މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ނަމުގައި މިހާރު ސަރުކާރުން ކުރަމުންދާ ކަމަކީ ވެސް ސަރުކާރާ ހިޔާލު ތަފާތުވާ މުވައްޒަފުންތަކެއް ބޭރުކުރުމުގެ މަސައްކަތަކަށްވުން އެކަށީގެންވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ، ފެނަކަ އާއި އެޗްޑީސީ އާއި ރަށްރަށުގައި ހުރި އެސްއޯއީތަކުން މުވައްޒަފުންތަކެއް [ކަނޑާ ތަން]. އަޅުގަނޑުމެން ބަލާލާއިރުގައި މި ތަންތަނުން ކަނޑާ މުވައްޒަފުންގެ %90 ނިސްބަތްވަނީ އެމްޑީޕީގެ އާއިލާތަކަށް،" އޭނާ ވިދާޅުވި އެވެ.
އެ ޕާޓީގެ 'ބޮޑު ބަދަލު' އޮފީހުގެ ޑިރެކްޓަރު ޖެނަރަލު ހަސަން ލަތީފް ވިދާޅުވީ މުވައްޒަފުން ކަނޑާލަން ނިންމާ ނަމަ، އެ ނިންމުން ނިންމީ ކޮންގޮތަކަށް ބަލާފައިތޯ އާއި އެ ތަނެއްގެ މަަސައްކަތްތަކަށް ހަގީގަތުގައި ބޭނުންވާ މުވައްޒަފުންގެ އަދަދު ވެސް ޕީސީބީން ބުނެދޭންޖެހޭ ކަމަށެވެ.
ވަޒީފާއިން ވަކިކޮށްފައިވާ 65 މީހަކު އެ ޕާޓީގެ ގާނޫނީ ޓީމުގެ އެހީތެރިކަމަށް އެދިގެން، ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ހަސަން ވިދާޅުވި އެވެ. އޭގެ ތެރެއިން 37 މީހެއްގެ މައްސަލަ މިހާރު އޮތީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
ޗޮކުސް