ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހޮޅައިގައި ފީނަނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުން (ކ-ވ): މިއުރިއަލް އޮޑެނީނޯ، ޖިއާންލޫކާ ބެނެޑެޓީ، ޖޯޖިއާ ސޮމާކަލް، ފެޑެރީކޯ ގުއަލްޓިއޭރީ އަދި މޮނިކާ މޮންޓެފަލްކޯނީ.

އިޓަލީ ޑައިވަރުންގެ މަރު: އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދެއްކީ މަރުވީ ގެނބިގެން ނުވަތަ އޮކްސިޖަން ނުލިބިގެން ކަމަށް

ރާއްޖޭގެ އިދާރާތަކުން މި މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ އެންމެހާ ލިޔެކިޔުންތަކާއި އާލާތްތައް ހިއްސާ ކުރުމަށް އިޓަލީން ވަނީ ސިޓީއެއް ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައި

ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރެއަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް މަރުވި އިޓަލީގެ ފަސް މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައި ވަނީ ގެނބިގެން ނުވަތަ އޮކްސިޖަން ނުލިބިގެން ނުވަތަ ހުސްވެގެން ކަމަށް އެ މީހުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ހޮހޮޅައިގެ އަޑީގައި އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ އެންމެން ވެސް މަރުވެފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ހަމަ އެ ދުވަހު އެވެ.

ފިންލޭންޑްގެ ތަޖުރިބާކާރު ޓީމަކުން ރާއްޖެ އައިސް، ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު މިދިޔަ ހަފްތާ ތެރޭ ވަނީ ނަގާފަ އެވެ. އެ ހަތަރު މީހުންގެ ހަށިތައް ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ގައުމަށް ފޮނުވާލާފަ އެވެ.

ތަފްސީލު - އިޓަލީގެ ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ވަނީ ލިބިފަ އެވެ. އެއީ:

  • މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް

  • ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް

ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ކަނޑައެޅި ފޮރެންސިކް ޑޮކްޓަރު ހެދި އެ އޮޓޮޕްސީތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެމައިން މަރުވީ އޮކްސިޖަން ފުޅިން ވައި ހުސްވުމުގެ ސަބަބުން ނުވަތަ އޮކްސިޖަން ނުލިބިގެން (އެނޮކްސިއާ) ނުވަތަ ގެނބިގެންނެވެ.

އޮޓޮޕްސީގެ ފައިނަލް ރިޕޯޓްތަކާއި ފުރިހަމަ ތަފްސީލުތައް ތިން މަސް ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

މި މައްސަލަ ރޯމްއިން ތަހުގީގު ކުރަމުންދަނީ އިހުމާލު މަރެއްގެ ގޮތުގަ އެވެ.

މައްސަލައިގެ ފުނަށް ދިއުމަށްޓަކައި ތަހުގީގަށް އެއްބާރުލުން ދިނުމަށް އެދި ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުގެ ފަރާތުން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އެ ސިޓީ ފޮނުވުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ރާއްޖެއިން ކުރާ ތަހުގީގުގެ ހުރިހާ ލިޔެކިޔުމެއް ހޯދުމާ އެކު، ޑައިވަރުންގެ ގްރޫޕުން ބޭނުންކުރި ޓެކްނިކަލް އާލާތްތަކާއި ހޮހޮޅައިން ނެގި ގޯޕްރޯ ކެމެރާގެ ފުޓޭޖުތައް ދިރާސާ ކުރުމަށެވެ. 

މަރުވި މީހުންގެ ހަށިގަނޑުތައް އެ މީހުންގެ އާއިލާތަކާ މިހާރު ވަނީ ހަވާލު ކުރުމުގެ ހުއްދަ ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް