ވ. ދެވަނަ ކަނޑު ހޮހަަޅައިގެ ތެރެއަށް ފީނަނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދަން ޑޭން ޔޫރަޕްގެ ތަޖުރިބާކާރުން ފީނަނީ (ފޮޓޯ/ޑޭން ޔޫރަޕް)

މަރުވި ޑައިވަރުން ތިބީ ތާށިވެފައި، ނުކުންނާނެ ގޮތެއް ނެތް

ވ. އަތޮޅުގައި އޮންނަ ދެވަނަ ކަނޑުގެ ހޮހަޅައިގެ ތެރެއިން އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދި ތިން ތަޖުރިބާކާރުން ލަފާކުރަނީ އެ މީހުން މަރުވުން ކައިރީ ނުކުންނާނެ ގޮތެއް ނުފެނުމުން ކަމަށް

ސޯޝަލް މީޑިއާގައި އެމީހަކަށް ފެނުނު އެއްޗެއް ލިއެފި އެވެ. ކަނޑު އަޑީގެ މާހައުލުގައި ދިމާވެދާނެ ކަންކަން ނޭނގޭ އެތައް ބަޔަކު ވެސް އެ މީހަކަށް ފެނުނު ގޮތަކަށް ބަސް ބުނެފި އެވެ. އެންމެ ފަހުން ކަމުގެ މާހިރުންގެ ވާހަކަ މި އޮތީ އައިސްފަ އެވެ. 

ވ. އަތޮޅު ދެވަނަ ކަނޑުގެ އަޑީގައި އޮތް ހޮހަޅައިގެ ތެރޭގައި މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދި ފިންލެންޑްގެ ތަޖުރިބާކާރު ތިން ޑައިވަރުން، އެ މީހުންނަށް ފެނުނު މަންޒަރާއި ކުރި ތަޖުރިބާތަކަށް ފަހު ލަފާކުރާ ބައެއް ކަންކަން މީޑިއާއަށް އިއްޔެ ތިލަކޮށްދިނެވެ. 

"އެ ހިސާބުގައި ނެތް ނުކުމެވޭނެ ގޮތެއް،" ފިންލެންޑްގެ ތިން ޑައިވަރުން ރާއްޖެ ފޮނުވި ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ، އިޓަލީގެ ނޫހަކަށް ކިޔައިދެއްވި އެވެ.

ދެވަނަ ކަނޑު ހޮހަޅާގައި މަރުވި މީހުން

ކަނޑުގެ ދިރުންތަކާ ބެހޭ ޕްރޮފެސަރެއް

އުމުރުން 51 އަހަރުގެ މޮނިކާއަކީ ޑައިވިންއަށް އާ މީހުންނެއް ނޫނެވެ. އޭނާ ވަނީ މިހާތަނަށް 5،000އަށް ވުރެ ގިނަ ޑައިވްކޮށްފަ އެވެ. ކަނޑުގެ ދިރުންތަކާ ބެހޭ އެތައް ދިރާސާއެއް ހަދައިފަ އެވެ. އެކަމަކު ކަނޑު އަޑީގެ ހޮހަޅަތަކަށް ފީނުމުގައި އޭނާގެ ހުރި ތަޖުރިބާއެއް އެނގިފައެއް ނުވެ އެވެ.

މޮނިކާގެ އަންހެން ދަރިފުޅު

ޖޯޖިއާއަކީ އޭނާގެ މަންމަ މަސައްކަތްކުރާ ޔުނިވަސިޓީ އޮފް ޖެނޯއާގެ ދަރިވަރެެކެވެ. އޭނާ ވެސް ހާއްސަވަމުން އައީ ކަނޑުގެ ދިރުންތަކުގެ ދާއިރާއިންނެވެ. 

ތިން ޑައިވަރުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް މަރޯނީ ދެއްކެވި ވާހަކަތަކުން ވަރަށް ބިރުވެރި މަންޒަރެއް ސިފަވެ އެވެ. 'ދައުރު'އާ ވާހަކަދެއްކި ދިވެހި ބައެއް ޑައިވަރުންގެ ތަޖުރިބާއަށް ބަލާއިރު ވެސް، އެއީ ގަބޫލުކުރެވޭ ގޮތެއް ކަމަށް ފެނެ އެވެ.

ވ. ދެވަނަ ކަނޑު ހޮހަޅައިގެ ތެރެއިން ހަތަރު ޑައިވަރުން ފެނުނު ހިސާބު

ހޮހަޅައިގެ ސިފަތަކާއި ކަން ވެދާނެ ކަމަށް ބެލެވޭ ގޮތް

  • ފުރަތަމަ ޗެމްބަރު: މިއީ ހޮހަޅައިގެ ދޮރުން އެތެރެއަށް ވަންނަ އިރު އޮން ބައި. މިތަނުގެ އަޑީގައި އޮންނަނީ ހުސް ވެލި. މި ބައިގެ އަލިކަން ރަނގަޅު

  • ދެވަނަ ޗެމްބަރަށް ދާ މަގު: ފުރަތަމަ ޗެމްބަރުން ދެވަނަ ޗެމްބަރަށް ދެވެން އޮންނަނީ 30 މީޓަރު (90 ފޫޓު)ގެ ދިގު، ތިން މީޓަރު (ނުވަ ފޫޓު) ފުޅާ ކޮރިޑޯއެއް. އަލިކަން ވަރަށް ފަނޑު. އެކަމަކު ޑައިވަރުންގެ ލައިޓް ދިއްލުމުން ބަރާބަރަށް ފެނޭ

  • ދެވަނަ ޗެމްބަރު: މިއީ ބޮޑު ޗެމްބަރެއް، އެކަމަކު ގުދުރަތީ އެއްވެސް އަލިކަމެއް ނުވޭ. މިތަނަށް ވަދެއްޖެ ނަމަ އެހެން މައްސަލައެއް ދިމާވޭ. އެއީ ކޮރިޑޯ އާއި ދެވަނަ ޗެމްބަރާ ދެމެދު އޮންނަ ސޭންޑްްބޭންކް

  • ސޭންޑްބޭންކާ އެކު ބޮޑު އޮޅުމެއްގެ ތެރެއަށް: ތަޖުރިބާ ނެތް ނުވަތަ އަވަހަށް ބިރުގަނެފާނެ ޑައިވަރުންނަށް މި ސޭންޑްބޭންކަކީ ވަރަށް ބޮޑު ނުރައްކަލެއް. ސަބަބަކީ ދެވަނަ ޗެމްބަރަށް ވަދެފައި އެނބުރި ދާން ބަލައިލާއިރު ފުރަތަމަ ޗެމްބަރަށް ނުކުންނަ ކޮރިޑޯ އޮންނަނީ ސޭންޑްބޭންކާ އެކު ނިވާވެފައި

  • ހަށިގަނޑުތައް އޮތީ ފުން އެހެން ދިމާލެއްގައި: ދެވަނަ ޗެމްބަރާ ގުޅިފައި ވަކިން 65 މީޓަރު (195 ފޫޓު)ގެ ފުން ވަޅުގަނޑެއް އޮވޭ. ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނުނީ އެ ވަޅުގަނޑުން. އެތަނަށް ދެވިއްޖެ ނަމަ، ހޮހަޅައިން ބޭރަށް ނުކުމެވޭނެ ގޮތެއް ނޯވޭ

ހަތަރު ޑައިވަރުންގެ އިންސްޓްރަކްޓަރު

އުމުރުން 41 އަހަރުގެ ބެނެޑެޓީއަކީ ރާއްޖޭގައި މަސައްކަތްކުރާ ޑައިވް އިންސްޓްރަކްޓަރެކެވެ. އޭނާ މަރުވީ އަނެއް ހަތަރު ޑައިވަރުން ގޮވައިގެން ހޮހަޅައަށް ގޮސް އުޅެނިކޮށެވެ. އެކަމަކު އޭނާގެ ހަށިގަނޑު އޮތީ ހޮހަޅައަށް ވަންނަ ދޮރު މަތީގަ އެވެ.

"ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނުނީ އެތަނުގެ [ވަޅިގަނޑުގެ] ތެރެއިން، އެއީ މި ދެވެނީ ރަނގަޅު ދިމާލެއް ކަމަށް ހީކޮށް އޮޅިގެން އެ މީހުންނަށް ދެވުނު ތަން،" މަރޯނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ޗެމްބަރަށް ދާން އޮންނަ ކޮރިޑޯކަމަށް ހީކޮށް އެ ވަޅުގަނޑަށް ވަދެވިއްޖެ ނަމަ ރަނގަޅު މިސްރާބު ހޯދަން ވަރަށް އުނދަގޫވާނެ އެވެ.

"ހާއްސަކޮށް ނޭވާލާން [ފުޅީގައި] އެހާ މަދުން ވައި ހުރި އިރު،" އޭނާ ވިދާޅުވި އެވެ.

"އަހަރެމެން މި ދައްކަނީ ގާތްގަނޑަކަށް 10 މިނިޓަށް ވާވަރުގެ ވައިގެ ވާހަކަ، ފަހަރެއްގައި އެއަށް ވުރެ ވެސް މަދުން ހުރެދާނެ."

މިއީ އެންމެ ބިރުވެރި ވަގުތުކޮޅެވެ. އެހެން ވެއްޖެ ނަމަ، ހޮހަޅައިން ނުކުންނަ މަގު ހޯދަން ވަޅުގަނޑުގެ ތެރޭގައި ޑައިވަރުން އެތަނުގެ އެއް ބިތުން އަނެއް ބިތަށް ދާނެ އެވެ. އަވަސް އަވަހަށް ނޭވާލާން ފެށޭނެ އެވެ. އެހާ ހިސާބުން ފުޅީގައި ހުރި ވައިގެ މިންވަރު ވެސް ދާނީ ދަށަށެވެ.

ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާވެރިއެއް

އުމުރުން 31 އަހަރުގެ މިއުރިއަލްއަކީ ޔުނިވަސިޓީ އޮފް ޖެނޯއާ ދިރާސާވެރިއެކެވެ. މީގެ ކުރިން އެތައް ޑައިވްކޮށް، ކަނޑުގެ މާހައުލު ދެނެގަނެފައިވެ އެވެ.

ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާވެރިއެއް

ފެޑެރިކޯއަކީ ވެސް ފީނަން އާ މީހެއް ނޫނެވެ. އޭނާ ވެސް ރާއްޖެ އައީ އަނެއް ތިން ބައިވެރިންނާ އެކު ކަނޑުގެ ދިރާސާތަކަކަަށެވެ.

މި ހޮހަޅައިގެ އެ ސަރަހައްދުގެ މާހައުލު މާ ރަނގަޅަށް އެނގޭކަށް ނެތެވެ. އެހެންކަމުން  ފިންލެންޑްގެ ތިން ޑައިވަރުންގެ މަސައްކަތް ބިނާކުރީ ރައްކާތެރިކަމާ އެކު އެތަނަށް ވަދެ އަދި ނުކުންނާނެ ގޮތަށް ވެސް ބަލައިގެންނެވެ. ތިން ޑަައިވަރުންގެ މަސައްކަތް ބަހާލީ މިހެންނެވެ:

  • ފުރަތަމަ ޑައިވަރު: ޒިންމާއަކީ ހަށިތައް ހޯދުން

  • ދެވަނަ ޑައިވަރު: ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުން

  • ތިންވަނަ ޑައިވަރު: ހޮހަޅައިގެ އެތެރެ ދެނެގަތުމާއި އޭގެ މައުލޫމާތު އެއްކުރުން

"މިއީ ވަރަށް ބޮޑު ޒިންމާއެއް ހިމެނޭ، އެހާމެ ޖަޒުބާތީ އޮޕަރޭޝަނެއް. އަޒުމަކަށް އޮތީ އާއިލާތަކާ ހަމައަށް އެ ހަށިގަނޑުތައް ގެންގޮސްދެވޭތޯ ބެލުން،" މަރޯނީ ވިދާޅުވި އެވެ.

މި އޮޕަރޭޝަންގައި ބައިވެރިވި ތިން ޑައިވަރުންގެ ތެރޭގައި ހިމެނޭ 54 އަހަރުގެ ޕެޓްރިކް ގްރޮންވިސްޓް ބުނީ ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނުނީ "ކަޅު ހޯލެއް'ގެ ތެރެއިން ކަމަށެވެ.

"ތިން މީހުންގެ ހަށިގަނޑު އޮތީ ބިންމަތީގައި، އެކެއްގެ ހަށިގަނޑު އޮތީ އެ ހިސާބުގެ މަތީ ބައިގައި ޖެހިފައި،" ޕެޓްރިކް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުރިން އޭނާ ބައިވެރިވި ބައެއް އޮޕަރޭޝަންތަކަށް ވުރެ ޓެކްނިކަލް ގޮތުން މި ފީނުމުގެ ގޮންޖެހުންތައް ބޮޑެއް ނޫނެވެ.

"އެކަމަކު މިއީ ވަރަށް ހިތާމަވެރި އޮޕަރޭޝަނެއް...އަހަރެންގެ ހަނދާނަކުން ނުފޮހެވޭނެ،" އޭނާ ބުންޏެވެ.

މި ޑައިވަރުން އިއްޔެ ވަނީ ހޮހަޅައަށް އެންމެ ފަހުގެ ފީނުން ފީނައިފަ އެވެ. އެއީ ރައްކާތެރިކަމަށް އެތަނުގެ ތެރޭގައި ދެމި ނަރުތަކާއި އެ މަސައްކަތަށް ގެންދިޔަ އެހެން ސާމާނުތައް މައްޗަށް ނަގައި، ތަން ސާފުކުރާށެވެ.

"އޮޕަރޭޝަންގެ ހުރިހާ ކަމެއް ވަނީ ޑޮކިއުމެންޓްކޮށް ރައްކާކޮށްފައި،" މޮރޯނީ ވިދާޅުވި އެވެ.

އިޓަލީގެ ހަތަރު ޑައިވަރުން ރާއްޖެ އައީ މުރަކަތަކާ ބެހޭ ދިރާސާއެއް ހަދާށެވެ. ރާއްޖޭގައި ހުއްދަ އޮންނަނީ 30 މީޓަރު (90 ފޫޓު) ފުނަށް ފީނަން ކަމަށް ވިޔަސް އެއަށް ވުރެ ފުނަށް ފީނުމުގެ ހުއްދަ ސަރުކާރުން އޮތީ އެމީހުންނަށް ދީފަ އެވެ. ނަމަވެސް ހޮހަޅައަށް ފީނުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް