ފިންލެންޑުގެ ތަޖުރިބާކާރުން އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ނެގުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވަނީ. (ފޮޓޯ/ޑޭން ޔޫރަޕް)

ހޮހޮޅައިން ބާކީ 2 ހަށިގަނޑު ނަގައިފި؛ ސާޗު އެންޑް ރިކަވަރީ މަރުހަލާ ނިމުނީ

އިއްޔެ އާއި މިއަދު ކުރި މަސައްކަތުން ހޮހޮޅައިގެ ތެރެއިން އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ނެގީ ބޭރުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމާއި އެމްއެންޑީއެފް އަދި ފުލުހުންގެ ޑައިވަރުން ގުޅިގެން

ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ އިޓަލީގެ ހަތަރު ޑައިވަރުން ތެރެއިން އެންމެ ފަހު ދެ މީހުންގެ ހަށިގަނޑު މިއަދު ނަގައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި މި ހާދިސާގައި އެ ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް، އިޓަލީގެ ފަސް ޑައިވަރަކު ވަނީ މަރުވެފަ އެވެ. އެއީ:

  • މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް

  • ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް

  • މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު

ތަފްސީލު - އޭގެ ތެރެއިން ޖިއަންލޫކާ ބެނެޑެތީގެ ހަށިގަނޑު ހަމަ އެ ދުވަހު ހޯދައި ނެގި އެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ މަރުވެފަ އެވެ.

އެ މީހުން ތިބި ތަން ހޯދުނީ، ޑޭން ޔޫރަޕް ޖަމިއްޔާއަށް ނިސްބަތްވާ ފިންލެންޑުގެ ތިން ތަޖުރިބާކާރަކު މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައިސް، ދިވެހި ސިފައިންނާއި ފުލުހުންނާ ގުޅިގެން ކުރި މަސައްކަތުން، މިދިޔަ ހޯމަ ދުވަހު އެވެ. 

އެ މީހުން ހޯދަން ފެށި އޮޕަރޭޝަންގެ ދަށުން މޮނިކާ މޮންޓެފަލްކޯނީ އާއި ފެޑެރީކޯ ގުއަލްޓިއޭރީގެ ހަށިގަނޑު އިއްޔެ ވަނީ ނަގާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި:

  • ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު މިއަދު ވަނީ ނަގާފައި

  • އެ މީހުންގެ ހަށިގަނޑު ނެގީ އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނާ އެއްގޮތަށް މިއަދު ކުރި މަސައްކަތުން

  • އެ ދެ މީހުންގެ ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފައި

މިއަދު ނެގީ މިއުރިއެލް އޮޑެނީނޯ އާއި ޖޯޖިއާ ސޮމާކަލްގެ ހަށިގަނޑެވެ.

މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ އެ ދެ މީހުންގެ ހަށިގަނޑު ނެގުމާ އެކު ސާޗު އެންޑް ރިކަވަރީ މަރުހަލާ ނިމުނީ ކަމަށާއި ދެން ކުރިއަށްދާނީ 'އެޑްވާންސްޑް ފޮރެންސިކް' މަސައްކަތްތައް ކަމަށެވެ.

ފުރަތަމަ މަރުހަލާ ނިމުމާ އެކު އޭނާ ވަނީ މި އޮޕަރޭޝަންގައި ޑޭން ޔޫރަޕް ޖަމިއްޔާގެ ފަރާތުން ހަރަކާތްތެރިވި ޓީމާއި ސިފައިންނާއި ފުލުހުންގެ ޑައިވަރުން އަދި ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދިން ދިވެހި ދެ ޖަމިއްޔާ ކަމަށްވާ ވޯޓާ ސޮލިއުޝަންސް އަދި ފޯސައިޓްއަށް ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ.

ކޮމެންޓް (1)

ޑިމީޓްރީ

20 މޭ 2026
ދޮންކަލޯ މިޒްޔާލް. މިއީ ރިކަވަރީ އޮޕަރޭޝަން އެއް. ސާޗު އެންޑް ރެސްކިއު އެއް ނޫން! އެއީ ރެސްކިއު ކުރާނެ މީހަކު ނެތީމަ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް