ފިންލެންޑް ޑައިވަރުންގެ ޓީމުގެ އެކަކު ވ. ދެކުނު ކަނޑު ހޮހަަޅައިގެ ދޮރުން އެތެރެއަށް ވަންނަނީ (ފޮޓޯ/ޑޭން ޔޫރަޕް)

ލޮނުގަނޑުގެ މަތިން ދެކެވޭ ވާހަކަތަކާއި ހޮހޮޅައިގެ އެތެރެއިން ބުނެދޭ ހަގީގަތް

ކަނޑު އަޑީގެ ހޮހޮޅައެއްގެ އެތެރެ އާއި ބޭރުގައި ހިނގަނީ ވަރަށް ތަފާތު ގާނޫނެކެވެ. ވ. އަތޮޅު ދެވަނަ ކަނޑުގެ ހޮހޮޅައަށް ހަ މީހުންގެ ފުރާނަ ގެއްލިދިޔަ ހިތާމަވެރި ހާދިސާއަކީ އޭގެ ހެއްކެކެވެ.

މުހިންމު ނުކުތާތައް

މަރުވި އިޓަލީގެ ޑައިވަރުންގެ އަތުގައި އެފަދަ ފީނުމަކަށް ބޭނުންވާ ސާމާނު ވެސް ނެތް

ކަނޑު އަޑީގެ ހޮހަޅައިގެ ތެރޭގައި ހެދޭ ކުޑަކުޑަ ގޯހަކުން ވެސް ފުރާނައަށް ނުރައްކާވާވަރުގެ ކަމެއް ދިމާވެދާނެ

އެންމެ ފުޅިއެއް ހިފައިގެން ހޮހަޅައަކަށް ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނޭ

ތަޖުރިބާކާރު ކޭވް ޑައިވަރުން ބުނެ އެވެ. ސްކޫބާ ޑައިވެއްގައި، ކަނޑުގެ ލޮނުގަނޑުގެ ސަތަހަ ހާމަކޮށް ފެންނަ ހިސާބެއްގައި ފީނަން އުޅޭއިރު ގޯހެއް ހެދިއްޖެ ނަމަ، އެކަން ރަނގަޅު ކުރެވިދާނެ އެވެ. ކަނޑު' އެ ގޯހަކަށް މައާފު ކޮށްފާނެ އެވެ. އެކަމަކު ކަނޑު އަޑީގެ ހޮހޮޅައިގައި ހިނގަނީ އެއަށް ވުރެ ހަރުކަށި ގާނޫނެކެވެ. އެތަނުގެ ތެރޭގައި ކިތަންމެ ކުޑަ ގޯހެއް ހެދިޔަސް މައާފެއް ނުކުރާނެ އެވެ.

މެއި 14 ވަނަ ދުވަހު ވ. އަލިމަތާގެ ދެކުނަށް އޮންނަ ދެވަނަ ކަނޑަށް ފުންމާލި އިޓަލީ ފަސް ޑައިވަރުންގެ ޝައުގުވެރިކަން ދަމައިގަތީ ކަނޑުގެ 55 މީޓަރު އަޑީގައި ހުރި އެފަދަ ހޮހޮޅައަކަށެވެ. އެކަން ދެނެހުރި މީހަކު އެމީހުން ތިބި ލަގްޒަރީ ސަފާރީގައި ވެސް ހުރި ކަމަކަށް ނުވެ އެވެ. އެކަމަކު އެ ފަސް މީހުން ފެނުން މައްޗަށް އެރުމުގެ ކުރިން ތިލަވީ އެމީހުން ގެއްލިގެން ހޯދާ ހަބަރެވެ.

ވ. ދެކުނު ކަނޑު ހޮހަަޅައަށް ވަންނަ ދިމާ، އެތެރޭގައި ހުންނައިރު ބޭރު ފެންނަ ގޮތް. (ފޮޓޯ/ޑޭން ޔޫރަޕް)

ފުރަތަމަ އިވުނު ވާހަކަތަކުން އެއީ ވަރަށް އާދައިގެ ޑައިވްއެކޭ ހީކޮށްފާނެ އެވެ. އެ ފަސް ޑައިވަރުންނަކީ ވެސް ފީނުމުގެ ތަޖުރިބާހުރި މީހުންނެވެ. ކަނޑުގެ ދިރާސާ ހަދާ މީހުންނާއި ޑައިވް އިންސްޓްރަކްޓަރުން ވެސް ތިއްބެވެ. އެކަމަކު އެ ހާދިސާއާ ގުޅޭ ގޮތުން ދެން އިވުނު ވާހަކަތަކުން މިއީ އާދައިގެ ކަމެއް، ތަނެއް ނޫން ކަން އެނގެ އެވެ.

ހާދިސާ ކުރުކޮށް

ކަނޑު އަޑީގެ ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް މަރުވީ:

  • 1-

    މޮނިކާ މޮންޓެފަލްކޯނީ، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް

  • 2-

    ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯނީގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް

  • 3-

    މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • 4-

    ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • 5-

    ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު

ދެކުނު ކަނޑުގެ ހޮހޮޅައިގައި ފީނަނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުން. (ކ - ވ) މިއުރިއަލް އޮޑެނީނޯ، ޖިއާންލޫކާ ބެނެޑެޓީ، ޖޯޖިއާ ސޮމާކަލް، ފެޑެރީކޯ ގުއަލްޓިއޭރީ އަދި މޮނިކާ މޮންޓެފަލްކޯނީ.

މީހުން ހޯދުމުގެ މަސައްކަތް:

  • ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ހަމަ އެ ދުވަހު ހޯދައި ނެގި

  • ބާކީ ތިބި ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ މަރުވެފައި

  • ޑޭން ޔޫރަޕް ޖަމިއްޔާއަށް ނިސްބަތްވާ ފިންލެންޑުގެ ތިން ތަޖުރިބާކާރަކު މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް އައި

  • ބާކީ ތިބި ޑައިވަރުން ހޯދުނީ ފިންލެންޑުގެ ޑައިވަރުންނާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހޯމަ ދުވަހު

  • މޮނިކާ މޮންޓެފަލްކޯނީ އާއި ފެޑެރީކޯ ގުއަލްޓިއޭރީގެ ހަށިގަނޑު ނެގީ އަންގާރަ ދުވަހު

  • މިއުރިއެލް އޮޑެނީނޯ އާއި ޖޯޖިއާ ސޮމާކަލްގެ ހަށިގަނޑު ނެގީ ބުދަ ދުވަހު

ވ. ދެކުނު ކަނޑު ހޮހަަޅައިގެ ތެރެއަށް ފީނަނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދަން ޑޭން ޔޫރަޕްގެ ތަޖުރިބާކާރުން ފީނަނީ (ފޮޓޯ/ޑޭން ޔޫރަޕް)

ފިންލެންޑް ޓީމުގެ މަސައްކަތް ނިމުމުން ޑޭން ޔޫރަޕް ޖަމިއްޔާއިން ވަނީ ކޮންމެވެސް ވަރަކަށް އެ ހޮހޮޅައިގެ ސިފަތައް ކިޔައިދީފަ އެވެ.

ހޮހޮޅައިގެ ފުރަތަމަ ބަޔަކީ ކޭވްއެއްގެ ބަދަލުގައި 'ކެވާން' އެކެވެ. ކޭވް އާއި ކެވާންގެ އެންމެ ބޮޑު އެއް ތަފާތަކީ ކެވާންތަކަށް ގުދުރަތީ އަލިކަން ފޯރުމާއި ނުކުމެވޭނެ ގޮތް ހާމައަށް ފެންނަން ހުރުމެވެ.

ހޮހޮޅަ ނުވަތަ ކޭވްއަކަށް ގުދުރަތީ އަލިކަމެއް ނުފޯރާނެ އެވެ. ދެވަނަ ކަނޑު ހޮހޮޅައިގެ އެތެރެއަށް ހުންނަ ޗެމްބަރަކީ މި ސިފަތަކަށް ފެތޭ ބައެކެވެ.

މި ދެ ޗެމްބަރު ގުޅުވައިދެނީ 30 މީޓަރު ދިގު، 3 މީޓަރު ފުޅާ ހަނި ކޮރިޑޯއަކުންނެވެ.

ފަހުން ހޯދި ހަތަރު ޑައިވަރުންގެ ހަށިގަނޑު ވެސް ފެނުނީ ދެ ވަނަ ޗެމްބަރުގެ އެތެރޭގައި ހުރި އިތުރު، ބަޔަކުންނެވެ. ނަމަވެސް މިއީ ކޮޅު ބެދިފައިވާ ބައެކެވެ. ފިންލެންޑު ޓީމުން ލަފާކުރާ ގޮތުގައި އިޓަލީ ޑައިވަރުންނަށް މި ބަޔަށް ވަދެވުނީ މަގުއޮޅިގެންނެވެ.

މަގުއޮޅުނީ ކަމަށްވާ ނަމަ، އެހެން މެދުވެރިވި އެއް ސަބަބެއް ކަމަށް ލަފާކުރަނީ ދެވަނަ ޗެމްބަރަށް ވަދެފައި އެނބުރި ދާން ބަލައިލާއިރު ފުރަތަމަ ޗެމްބަރަށް ނުކުންނަ ކޮރިޑޯ ސޭންޑްބޭންކުން ނިވާވެފައި އޮތުމެވެ.

އަނެއް ސަބަބަކީ ހޮހޮޅައިގެ ތިރީގައި ހުންނަ ސިލްޓު (ވެއްޔަށް ވުރެ ހިމުން ޕާޓިކަލް) ތަކެވެ. ފީނަން އުޅޭ އުޅުމުގައި ނުބައި ގޮތަކަށް ކިކު ޖަހައިގެން ފިންސުން ޖެހި، ސިލްޓުތައް މައްޗަށް އަރައިގެން 'ސިލްޓް އައުޓެއް' ކުރިމަތިވެއްޖެ ނަމަ، ޑައިވް ލައިޓެއް އޮތަސް ތަނެއް ދޮރެއް ނުފެންނާނެ އެވެ.

ލައިޓުގެ ބޭނުން ކެނޑުމާ އެކު ސިލްޓް އައުޓަކުން ސަލާމަތްވެ، ނުކުމެވެން އޮންނާނެ ގޮތަކީ ގައިޑް ލައިނެއްގެ ބޭނުން ކުރުމެވެ. ނަމަވެސް މިފަދަ ގައިޑް ލައިނެއް ވެސް އިޓަލީ ޑައިވަރުން ބޭނުންކޮށްފައިނުވާކަން ފަހުން ވަނީ ހާމަވެފަ އެވެ.

ވ. ދެކުނު ކަނޑު ހޮހަަޅައިގެ އެތެރެ: މިފަދަ ހޮހަޅަތަކުގައި ކިރިޔާ ގޯހެއް ހެދުނަސް ފުރާނައަށް ނުރައްކާ ކުރިމަތިވޭ (ފޮޓޯ/ޑޭން ޔޫރަޕް)

ކޭވް ޑައިވަކަށް ތައްޔާރެއް ނޫން؛ ގައިޑް ލައިނެއް ނެތް

މި ހާދިސާއާ ވިދިގެން ސޯޝަލް މީޑިއާ އޮތީ ފީނުމުގެ މާހިރުންނާ އެކު ފުރިފަ އެވެ. އެއްގަމުގައި ތިބެ އެ ހޮހޮޅަ ބެލި މީހުންނާއި 'ކޮންސްޕިރެސީ ނަޓުން' ވެސް އެބަ އުޅެ އެވެ. އެމީހުންގެ ވާހަކަތައް ހުރީ ހޮހޮޅައިގައި 'ޖަޔަންޓް ސްކުއިޑް'އެއް އުޅޭ ކަމާއި ކަނޑު އަޑިން ފުރޭތަ އާއި ޖިންނި އަރާ ހިސާބުގަ އެވެ.

މި އެންމެން ވެގެން އެކި ތިއަރީތައް ކައްކައި، ފިންލެންޑު ޓީމުން އެ ހޮހޮޅައަށް ފީނައިގަތުމުގެ މާ ކުރިން އެ ހާދިސާގެ ތަހުގީގު ނިންމައި، ޝަރީއަތް ކޮށްފި އެވެ.

އެކަމަކު ކަމުގެ ހަގީގީ މާހިރުން އެއްބަސްވާ އެއް ކަމެއް އެބަ އޮތެވެ. އެއީ ޑައިވަރުން ތިބީ ކޭވް ޑައިވިންއަށް ތައްޔާރުވެގެން ނޫން ކަމެވެ. އެކަން، ފިންލެންޑް ޓީމާއި ޑޭން ޔޫރަޕުގެ އިސް މީހުންނާ ހަވާލާދީ އިޓަލީގެ ނޫސްތަކުން ރިޕޯޓުކުރި ހަބަރުތަކުން ޔަގީންވެ އެވެ.

އިޓަލީގެ ނޫހަކާ ވާހަކަދައްކަމުން ފިންލެންޑް ޓީމުގެ ސާމީ ޕާކަރިނެން ބުނީ ހޮހޮޅައިން ފެނުނު އިޓަލީ ޑައިވަރުންގެ އަތުގައި ކޭވް ޑައިވްކުރަން ބޭނުންވާ އެކަށީގެމްވާ ސާމާނު ވެސް ނެތް ކަމަށެވެ. އަދި ގައިޑް ލައިނަކާ ނުލައި އެތަނަށް ވަނީ ކީއްވެގެން ކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

ފިންލެންޑުގެ ޑައިވަރުންގެ ޓީމުގައި ހިމެނޭ ސާމީ ޕާކަރިނެން (ފޮޓޯ/ޑޭން ޔޫރަޕް)

"ކޭވްތަކަށް ފީނާ މީހުންނަށް އެނގޭނެ، ސޭފްޓީ ލައިން (ގައިޑް ލައިން ނުވަތަ ވަލެއް)އަކާ ނުލައި އެކަން ކުރުމަކީ އެހާ ބުއްދިވެރި ކަމެއް ނޫން ކަން،" އޭނާ ބުންޏެވެ.

"ހިތާމައަކީ، ކޭވް ޑައިވިންގެ ގިނަ އެކްސިޑެންޓުތައް މެދުވެރިވާ މައިގަނޑު ސަބަބަކަށް އިންސާނުންނަށް ހެދޭ ގޯސްތައް ވުން."

އޭގެ ކުރިން 'ދައުރު'އާ ވާހަކަދެއްކި ސިއްރު ދެ މަސްދަރުން ބުނީ އިޓަލީގެ ޑައިވަރުން ގައިޑް ލައިން ނާޅާ ކަމަށާއި އެ ލައިން ފުރަތަމަ ވެސް އެޅީ އެމީހުން ހޯދުމުގެ މަސައްކަތުގެ ކުރީކޮޅު، މަހުދީ ކަމަށެވެ.

އެމީހުން އެހެން ބުނި ނަމަވެސް، ހޮހޮޅައިގެ ތެރެއިން ބުރިވެފައިވާ ވާ (ރޯޕް)ކޮޅު،  ފިންލެންޑުގެ ޑައިވަރުންނަށް ފެނުނު ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވެ އެވެ.

ބޮޑަށް ލަފާކުރަނީ އެއީ މާ ކުރިން އެ ހޮހޮޅޮއަށް ފީނި ބަޔަކު ބޭނުންކުރި ވާތަކެއްގެ ބައި ކަމަށެވެ.

ފިންލެންޑް ޑައިވަރުންގެ ޓީމުން ދެކުނު ކަނޑު ހޮހަަޅައިގެ ތެރޭގައި (ފޮޓޯ/ޑޭން ޔޫރަޕް)

ޓުއާ އޮޕަރޭޓަރުގެ ވަކީލު: ޑައިވަރުންގެ ކޭވް ސެޓިފިކޭޝަނެއް ނެތް

އިޓަލީގެ ޑައިވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ތިބީ ޑޫކް އޮފް ޔޯކު ސަފާރީގަ އެވެ. އެ ސަފާރީ ޗާޓަރުކޮށް، މާކެޓުކުރާ ޓުއާ އޮޕަރޭޓަރު އަލްބަޓްރޯސް ޓޮޕް ބޯޓްގެ ފަރާތުން ވާހަކަދެއްކި ވަކީލު އޮރިއެޓާ ސްޓެލާ ވިދާޅުވާ ގޮތުގައި ހޮހޮޅޮއަކަށް ވަނުމަކީ ވަކި ސްޓޭންޑަޑްތަކަކާއި ވަކި ސެޓިފިކޭޝަންތަކެއް ބޭނުންވާ ކަމެކެވެ.

"އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އެ ފަސް ޑައިވަރުންގެ ތެރެއިން އެއްވެސް ޑައިވަރަކު ނެތް ކޭވް ޑައިވިން ޓްރެއިނިންއެއް ހަދާފައި. އަދި ކޭވް ސެޓިފިކޭޝަނެއް ވެސް ނެތް،" އިޓަލީގެ ކޮރިއާ ނޫހާ ވާހަކަދައްކަމުން އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް މި ޑައިވަކީ ޔުނިވާސިޓީ އޮފް ޖެނޯއާއިން ހުއްދަ ދިން ޕްރޮގްރާމާއި ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި އަޅުގަނޑުމެންގެ ގާބިލުކަމުގެ ވެސް ބޭރުން ކޮށްފައިވާ ޑައިވެއް. މާނައަކީ (މިކަހަލަ ކޭވް ޑައިވްއަކަށް) އެކަށީގެންވާ ސާމާނު ވެސް އުޅަނދުގައި ނުހުންނާނޭ."

އޭނާ ބުނި ގޮތުގައި ޑޫކް އޮފް ޔޯކުގައި ހުންނާނީ ރެކްރިއޭޝަނަލް ޑައިވްތަކަށް އެކަށީގެންވާ ސާމާނު އެކަންޏެވެ. އެއީ 30 މީޓަރު ފުން މިނަށް ފީނަން ބޭނުންވާ ސާމާނެވެ. 

ނަމަވެސް ސްޓެލާ ވިދާޅުވީ އިޓަލީގެ ޑައިވަރުންގެ އަތުގައި އެމީހުންގެ އަމިއްލަ ސާމާނު ވެސް ހުރި ކަމަށެވެ. އެއީ ޑައިވް ކޮމްޕިއުޓަރާއި ބީސީޑީ (ބޮއިޔަންސީ ކޮންޓްރޯލް ޑިވައިސް) އާއި ރެގިއުލޭޓަރެވެ. ޓުއާ އޮޕަރޭޓަރުގެ ފަރާތުން ފޯރުކޮށްދިނީ، އޭނާ ވިދާޅުވި ގޮތުގައި، 13 ލީޓަރާއި 11 ލީޓަރުގެ ޓޭންކް (ނޯމަލް އެއާ ފުޅި)ތަކާއި ބަރު އަދި ބެލްޓު އެކަންޏެވެ.

ޑޫކް އޮފް ޔޯކް ސަފާރީ

ގޭހާއި ކަނޑު އަޑީގެ 'މަސްތު'

ބައެއް މީހުންގެ ސުވާލަކަށް ވީ އިޓަލީ ޑައިވަރުންގެ ޓޭންކުގައި ހުރި ގޭހުގެ މިކްސްއަކީ ކޮބައިކަމެވެ. އެއީ ޓްރައިމިކްސް (އޮކްސިޖަން، ނައިޓްރަޖެން، ހީލިއަމް)، ނައިޓްރޮކްސް (އީއޭއެންއެކްސް) ނުވަތަ އާދައިގެ ގޭސް (ކޮމްޕްރެސްޑް އެއާ) ހެއްޔެވެ؟ އެކަން ރަސްމީ ސިފައެއްގައި ކަށަވަރުވާނީ މިހާރު ކުރިއަށްގެންދާ ތަހުގީގަށް ފަހު އެވެ.

މީގެ ކުރިން އިޓަލީ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސާމީ ބުނީ 60 މީޓަރަށް ވުރެ ފުނަށް ފީނާ ނަމަ ކޮންމެހެން ވެސް ޓްރައިމިކްސް ބޭނުންވާނެ ކަމަށެވެ. އެއީ، އޭނާ ބުނި ގޮތުގައި، 'ނައިޓްރަޖެން ނާކޯސިސް'ގެ އަސަރު ކުޑަކުރުމަށެވެ.

ނައިޓްރަޖެން ނާކޯސިސް:

ނައިޓްރަޖެން ނާކޯސިސްއަކީ ފުނަށް ފީނާ ޑައިވަރުންނަށް ދިމާވާ، އަމަލުވުމާ އެއްގޮތް ހާލަތެކެވެ. އަމަލުވުން ފަދަ އިހުސާސެއް ވުމުގެ އިތުރުން ކަންކަމުގައި ގޮތް ނިންމަން ދަތިވުމާއި ސަމާލުކަން ކުޑަވުމާއި ނިދި އަންނަ ގޮތް ވުން (ޑްރައުޒިނެސް) އަދި އާދަޔާހިލާފަށް އުފާވެރިކަން (ޔޫފޯރިއާ) އާއި މާ ބޮޑަށް ކެރުން (އޯވާކޮންފިޑެންސް) ފަދަ އިހުސާސްތައް ކުރެވެ އެވެ.

ޑައިވިންގައި ނާކޯސިސް ނުރައްކާވާ އެންމެ ބޮޑު ސަބަބަކީ، ޑޭން ޖަމިއްޔާއިން ބުނާ ގޮތުގައި، ޑައިވަރުންނަށް ކުދިކުދި ކަންކަމުގައި ވެސް ގޯސް ނިންމުންތައް ނިންމުމެވެ. ނާކޯސިސް ކުރިމަތިވަނީ ފުނަށް ދާ ވަރަކަށް ސިކުނޑީގެ ނާވް ޓިޝޫތަކަށް ނައިޓްރަޖެން ޑިސޯލްވް ކުރާ މިންވަރު މަތިވެގެންނެވެ.

ނަމަވެސް ނާކޯސިސްއަކީ މައްޗަށް އަރަން ފެށުމުން އަމިއްލައަށް ރަނގަޅުވާ ހާލަތެކެވެ. ހޮހޮޅައެއްގައި ދިމާވާނެ އަނެއް މައްސަލައަކީ ނާކޯސިސް ކުރިމަތިވިޔަސް ފަސޭހައިން މައްޗަށް އެރޭނެ ގޮތެއް ނެތުމެވެ. ފުރަތަމަ ޖެހޭނީ އެ ހޮހޮޅައިން ނުކުންނާށެވެ.

'ދައުރު'އާ ވާހަކަދެއްކި ގިނަ ޑައިވަރުން އެއްބަސްވާ ގޮތުގައި އިޓަލީ ޑައިވަރުން ތިބީ ޓްރައިމިކްސްއަކާ ނުލައި، އާދައިގެ ވައި ފުޅިއެއް އަޅައިގެން ނަމަ ނާކޯސިސްގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ފުންމިނެއްގަ އެވެ.

ނޯމަލް އެއާ ފުޅިތަކުގައި ހުންނަނީ %21 އޮކްސިޖަން، %78 ނައިޓްރިޖެން އަދި އެހެނިހެން ގޭސްތަކުގެ %1 އެވެ. ފުނަށް ދާ ވަރަކަށް ފެނުގެ ޕްރެޝާ މަތިވެ، ނައިޓްރިޖެން ޑިސޯލްވާ މިންވަރު ވެސް ދާނީ އިތުރުވަމުންނެވެ.

ޑައިވަރުން ބުނި ގޮތުގައި މިސާލަކަށް 60 މީޓަރު އަޑީގައި ނަމަ، މިކަމުގައި އޮންނަ ފޯމިއުލާއަށް ރިއާޔަތްކޮށްގެން ބަލާއިރު:

  • ލޮނުގަނޑުގެ މަތީގައި ނޭވާލާން ބޭނުންވާ ވައިގެ ހަތް ގުނަ އެ ފުންމިނުގައި ވައި ބޭނުންވާނެ

  • މާނައަކީ ފުނަށް ދާ ވަރަކަށް ވައި ބޭނުންކުރާ މިންވަރު ވެސް އިތުރުވެ، ގޭސް ފުޅި އަވަހަށް ހުސްވުން

  • އެހެން ކަމަށްވާ ނަމަ، ފެނުގެ މަތީގައި 13 ލީޓަރުގެ ނޯމަލް އެއާ ފުޅިއަކުން 130 މިނެޓު ހިފަހައްޓާއިރު، 60 މީޓަރުގެ ފުންމިނުގައި އެ ފުޅި ހުސްވާން ނަގާނީ ގާތްގަނޑަކަށް 18 މިނެޓު

  • އެ ފުންމިނަށް ފީނާ ވަގުތު ކެނޑުމަށް ފަހު 18 މިނެޓަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވައި ފުޅި ހުސްވާނެ

ޑައިވިންގައި ބޭނުންކުރާ ގޭހުގެ ބާވަތްތައް ދައްކުވައިދޭ ޗާޓެއް.

އެއް ފުޅި ހިފައިގެން ހޮހޮޅައަކަށް ވަނުން؛ އެއީ އެއްކޮޅު ދަތުރު

ދުނިޔޭގެ ޑައިވް ކޮމިއުނިޓީގައި މަޝްހޫރު 'ޑައިވް ޓޯކް ޕްލަސް' ޗެނަލްގެ ގަސް ގޮންޒާލޭޒް ވަނީ މިދިޔަ އަންގާރަދުވަހު މި ހާދިސާއާ ގުޅޭ ޕޮޑްކާސްޓެއް އާންމުކޮށްފަ އެވެ.

ގަސްގެ ނަޒަރުގައި ޓޭންކުގައި ހުރި ގޭސް ބެލުމުގެ ބޭނުމެއް ނެތެވެ. އަސްލު މައްސަލައަކީ 60ވަރަކަށް މީޓަރުގެ ފުންމިނުގައި ހުރި ހޮހޮޅައަކަށް އެންމެ ވައިފުޅިއެއްގައި ފީނުމެވެ. އަދި ބޮޑަށް ހައިރާންވީ އެ ޓީމުގައި ފީނުމާ ގުޅޭ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ތިބެ، އެފަދަ ނިންމުމެއް ނިންމުމުންނެވެ.

ޑައިވް ޓޯކް ޕްލަސްގެ ގަސް ގޮންޒާލޭޒް

"އަހަރެން މި ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. ވަރަށް ބޮޑު ގޯހެއް އެއީ. އެ ފަސް މީހުން މިކަމައިގެން ކުރިއަށްދާން ނިންމުމަކީ ގަބޫލުކުރަން ދަަތިކަމެއް،" ގަސް ބުންޏެވެ.

"އެންމެ ފުޅިއެއް ހިފައިގެން އެއްވެސް ފުންމިނެއްގައި، ކަނޑު އަޑީގެ ހޮހޮޅައަކަށް ވަނުމަކީ ބުއްދި ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން. ކޭވް ސާޓިފައިޑް މީހަކު ކުރިޔަސް، އެއީ ގޯހެއް."

ގަސް ބުނި ގޮތުގައި ދުނިޔޭގައި މާ ބައިވަރު ކޭވް ޑައިވަރުން ނޫޅެ އެވެ. އެއީ ގާތްގަނޑަކަށް 4،000 ޑައިވަރުންނެވެ. ގަސްއަށް އޭގެ ތެރެއިން އެތައް ސަތޭކަ ޑައިވަރުން އެނގޭކަން ފާހަގަކޮށް އޭނާ ބުނީ "އޭގެ ތެރެއިން އެކަކު ވެސް، އެއް ފުޅި އަޅައިގެން ހޮހޮޅައަކަށް ނުފީނާނެ" ކަމަށެވެ.

ފިންލެންޑް ޑައިވަރުންގެ ޓީމުން ވ. ދެކުނު ކަނޑު ހޮހަަޅައިގެ ތެރޭގައި ފީނަނީ (ފޮޓޯ/ޑޭން ޔޫރަޕް)

ރައްކާތެރިކަމާ އެކު ކޭވް ޑައިވް ކުރަން ބޭނުންވާ ސާމަނަކީ އެކަމުގެ ޓްރެއިނިންގައި ވެސް ދަސްކޮށްދޭ މުހިންމު އެއް ކަންތަކެވެ.

"އެހެންވީމަ އެމީހުންގެ ނެތް [ކޭވް ޑައިވް ކުރަން] ރަނގަޅު ޓްރެއިނިންއެއް، ރަނގަޅު އިކުއިޕްމަންޓް ވެސް އަދި ހުނަރު ވެސް،" ގަސް ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކު ކުށްވެރިކޮށް، ވަކި މީހެއްގެ ބޮލުގައި އިލްޒާމް އަޅުވާކަށް. އެކަމަކު ވެސް މި ހާދިސާގައި އިހުމާލުވުން އެބަ އޮތް. އެންމެ ދެރަ ކަމަކީ އެކަމުގެ އަގު، އެ އެންމެންގެ ފުރާނައިން އަދާކުރަން ޖެހުން."

ހުރިހާ ތަޖުރިބާކާރުންގެ ވާހަކަތަކުން ވެސް އެނގެނީ، ހޮހޮޅައަކަށް ފީނޭނީ ވަކި ތަމްރީންތަކެއް ހަދައިގެން، އެކަމަށް ހާއްސަ ގިއަރު ބޭނުންކޮށްގެން ކަމެވެ. ބަންދު ހޮހޮޅައެއްގެ ތެރޭގައި ހެދޭ ކުޑަކުޑަ ގޯހަކުން ވެސް ފުރާނަ ހިނގައިދާނެ އެވެ. ރަނގަޅު ގޭސް މިކްސްއެއް ގެންގުޅެން ޖެހެ އެވެ. އެންމެ ފުޅިއަކުން ހޮހޮޅައަކަށް ނުފުދޭނެ އެވެ. ސަލާމަތީ ވަލެއް ބޭނުންކުރުމަކީ އިހުތިޔާރީ ކަމެއް ނޫނެވެ. އެއީ ލާޒިމް އެއްޗެކެވެ.

މިފަދަ ކަންކަމާ ހިލާފުވާ ނަމަ އެ ކުރެވެނީ ހޮހޮޅައިގެ ގާނޫނުގައި މައާފު ނުކުރާނެ ކުށެކެވެ. އެއީ ލޮނުގަނޑުގެ މަތީގައި ދައްކާ އިތުބާރު ހިފޭ ވާހަކަތަކެވެ. ދެވަނަ ކަނޑުގެ ހޮހޮޅައިން ބުނެދޭ ހަގީގަތަކީ ވެސް އެއީ އެވެ.

ކޮމެންޓް (3)

ދިވެހި ޑައިވްކުރާ މީހާ

28 މޭ 2026
ޥަރަށް ފުރިހަމަ އާޓިކަލް. މިއީ ނަމޫނާ ނޫސްވެރިކަމަކީ.. ރިޕޯޓް ކުރަންޖެހޭނީ އެކަން ހިނގާދިޔަ ގޮތަށް.. ތިމާ އަށް ހީވާ ހީވުމެެއްގެ މައްޗށް، ނޫނި ވެރިމިހާ ދެކެ ރުޅިގެ އޭނަ ބޮލަށް ޖަހާ....
1 0

ސްކޫބާ

23 މޭ 2026
އާޓިކަލް ވަރަށް ފުރިހަމަ. އެކަމަކު އިޓަލީ މީހުންގެ ކަންކަން އެމީހުން އަމިއްލައަށް ބަލާނެ. މިޒްޔާލްމެން ބަލަން ވީ މަހުދީގެ މަރު ހިނގާދިޔަ ގޮތް
2 0

ތެފައާސާ.

23 މޭ 2026
މި ކަންކަމުން އިބުރަތް ހާސިލްކޮށް، ރާއްޖޭގައި އަމަލުކުރާ ޑައިވިން ރެގިއުލޭޝަން އަޕްޑޭޓްކޮށް ކޭވް ޑައިވިންގއާއި އެނޫންވެސް ޓެކްނިކަލް ޑައިވިންގވެސް ކަވާރކުރާނޭގޮތަކަށް ރެގިއުލޭޝަން ތެރެއަށް ލުން މުހިންމު. މިހާރު މިއޮތް ރެގިއުލޭޝަންގައި ކަވާރމިކުރަނީ ހަމައެކަނި ރެކްރިއޭޝަނަލް ސްކޫބާ ޑައިވިންގ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް