މުޒާހަރާގައި ފުލުހުން ލޮލަށް ޕެޕާ ސްޕްރޭ ޖެހި ބައިވެރިއަކަށް އަވަސް ފަރުވާ ދެނީ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

މުޒާހަރާގެ ބައިވެރިންގެ ސީދާ ލޮލަށް އަމާޒުވާ ގޮތަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި

ފުލުހުން ރޭ ވެސް ވަނީ ބާރުގެ ބޭނުންކޮށް ޝީލްޑްތަކާ އެކު މުޒާހަރާ ރޫޅާލާފައި

ޖަލަށް ހުކުމް ކުރި ދެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ މިރޭ މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިންގެ ސީދާ ލޮލަށް އަމާޒުވާ ގޮތަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލެއްގެ ސަބަބުން އަދި ލިޔުނު ހަބަރެއްގެ މައްސަލައިގައި 'އަދަދު' ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ކޯޓުން ނެރެފައިވާ 'އަނގަ ބަންދު ކުރުމުގެ އަމުރު' ނުވަތަ ގެގް އޯޑަރާ ހިލާފުވި ކަމަށް ނިންމައި ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ޖަލަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، މާލޭގައި ކޮންމެ ރެއަކު ސިލްސިލާ މުޒާހަރާތައް ދަނީ ކުރަމުންނެވެ.

ތަފްސިލު - މިރޭގެ މުޒާހަރާގައި ހެންވޭރު ސަރައްހަދުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ގަޔަށް ޕެޕާ ސްޕްރޭ ޖަހާފަ އެވެ. އެތަނުގައި ހުރި 'ދައުރު'ގެ ފޮޓޯޖާނަލިސްޓް ކިޔައިދިން ގޮތުގައި، ދެތިން ބައިވެރިއެއްގެ ސީދާ ލޮލަށް އަމާޒުވާ ގޮތަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފަ އެވެ.

މިރޭގެ މުޒާހަރާއިން ތިނަކަށް ވުރެ ގިނަ ބައިވެރިން ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މި މުޒާހަރާ ލީޑް ކުރުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނޫސްވެރިޔާ އަދި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހިމެނިވަޑައިގަންނަވަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ފުލުހުން ރޭ ވެސް ވަނީ ބާރުގެ ބޭނުންކޮށް، ޝީލްޑްތަކާ އެކު މުޒާހަރާ ރޫޅާލާފަ އެވެ. މި މުޒާހަރާތައް ރޫޅާލުމުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މީގެ ކުރިން މުޒަހަރާތަކަށް ހުރަސްނާޅާ މިންވަރަށް މި މުޒާހަރާތަކަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ. އަދި މި މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންގެ މަސައްކަތަށް ވެސް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ.

މިރޭގެ މުޒާހަރާއިން މިހާތަނަށް ތިން މީހަކު ހައްޔަރު ކުރިއިރު، ރޭގެ މުޒާހަރާއިން 10 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ހަތް މީހަކު ދޫކޮށްލައި ތިން މީހަކު ބަންދުކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފައިވެ އެވެ. ބަންދު ކުރި މީހުންގެ ތެރޭގައި ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ލިޔުންތެރިޔާ ޝައްމޫން ޖަލީލް (ލޫކަސް) ހިމެނެ އެވެ.

ކޮމެންޓް (2)

ބެލީމޭ

15 މޭ 2026
ޕޮލިހުންއަތުގަ ބެރިކޭޑެއް ޝީލްޑެއް ނެތްހާލަތުގަ ގޮސް ޕޮލިހުންގެގައިގަ ޖެހިގަނެގެން ބަނޑުވިއްދާ ކޮއްޕަންފެށީ.
0 0

ދިއްދޫމީހާ

15 މޭ 2026
މޮޔަވާހަކަ ނުދައްކާބަލަ ޕެޕާސްޕްރޭ އެއީ ފޫކޮޅަށް ޖަހާ އެއްޗެއްތައް؟
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް