ނޫސްވެރިން މިނިވަން ކުރަން ގޮވާލައި، ރޭ ބޭއްވި މުޒާހަރާ. (ދައުރު ފޮޓޯ)

ޖަލަށް ލާ ވަރަކަށް 'މި ހުދުމުހުތާރު ވެރިޔާ'ގެ ކުރިމަތީގައި އަޒުމް ވާނީ ވަރުގަދަ: ފައްޔާޒު

ޖަލަށް ލާފައިވާ 'އަދަދު'ގެ ދެ ނޫސްވެރިން މިނިވަން ކުރަން ގޮވާލައި، އިދިކޮޅު ޕީއެންއެފް އާއި އެމްޑީޕީއިން ރޭ ކުރި މުޒާހަރާއިން ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

މީހުން ޖަލަށް ލުމަކީ 'ހުދުމުހުތާރު ވެރިޔާ'ގެ ކުރިމަތީގައި އަޒުމް ވަރުގަދަވާނެ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި ރޭ ވަނީ، އިދިކޮޅު އެމްޑީޕީއާ އާއި ޕީއެންއެފް ގުޅިގެން މުޒާހަރާ ކޮށްފަ އެވެ.

އެ މުޒާހަރާއިން ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ބުނެފަ އެވެ.

ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރިއަށްގެންދިޔަ މުޒާހަރާގައި ނަޝީދު ވާހަކަ ދައްކަވަނީ (ފޮޓޯ/އަދަދު)

ތަފްސީލު - ފައްޔާޒު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި، ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ނަން ހާމަކުރައްވައި، އެ މީހުންގެ ހިތްވަރަށް ވަނީ ސާބަސް ދެއްވާފަ އެވެ.

ނަމަވެސް ފައްޔާޒު ހިއްސާކުރެއްވި ލިސްޓުގައި 10 ނަމެއް ހިމެނެ އެވެ. އެއީ:

  • އަލީ ޖުމާން (ޑެތު)

  • މުނާޒު އަލީ

  • ޝުޖާއު އަފީފް

  • އަލީ މުޝައްފައު

  • އާމިނަތު މުނާ

  • ޝައްމޫން ޖަލީލް (ލޫކަސް)

  • އަހްމަދު ރަމީޒް

  • އާމިނާ މަނިކެ

  • އަބްދުﷲ ޝަރީފް

  • އަހްމަދު ޝަފީގު (މީމު)

ރޭގެ މުޒާހަރާއިން ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝައްމޫން ޖަލީލު (ލޫކަސް) ހައްޔަރުކޮށްގެން ގެންދަނީ. (ފޮޓޯ/ވަގުތު)

ބުނީ ކީކޭ؟ - ރޭގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ވަގުތުން މިނިވަންކުރުމަށް ފައްޔާޒު ވަނީ ގޮވާލައްވާފަ އެވެ.

"ހައްޔަރުކޮށް، ޖަލަށް ލާނެ ކަމުގެ ބިރު ދައްކައިގެން ދިވެހިން ފަހަތަކަށް ނުޖެއްސޭނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ 10 މީހުން ޖަލަށް ލުމަކީ 'މި ހުދުމުހުތާރު ވެރިޔާ'ގެ ކުރިމަތީގައި އަޅުގަނޑުމެންގެ އަޒުމް އިތުރަށް ވަރުގަދަ ވާނެ ކަމެއް."

ހައްޔަރުކުރި މީހުންގެ އިތުރުން ޖަލަށް ލާފައިވާ 'އަދަދު'ގެ ދެ ނޫސްވެރިން، ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާންގެ ހިތްވަރު ބޭކާރު ނުވާނެ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

އެނގުން މުހިންމު - ލީވާން އާއި ޝަހުޒާން ޖަލަށް ލީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތު އޮތް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ އެވެ.

ޝަހުޒާންއަށް ހުކުމް ކުރީ 15 ދުވަހަށް ޖަލަށް ލުމަށެވެ.. އަދި ލީވާން ޖަލަށް ލީ 10 ދުވަހަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް