ހައި ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގޭންގު ކުށްތައް

އައްޑޫ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ސިއްރުކޮށްފި

ހައި ކޯޓުގައި ރޭ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވި އިރު، އެ އަޑުއެހުމުގެ ވީޑިއޯ ހައި ކޯޓުން އާންމުކޮށްފައެއް ނުވޭ؛ ހައި ކޯޓުން ވީޑިއޯ އާންމުނުކުރަނީ ސިއްރުކުރަން ނިންމާ އަޑުއެހުންތައް

އައްޑޫ ހިތަދޫގައި 'ސްކޫޕު' ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލާގައި އަޑުއެހުންތައް ސިއްރުކުރުމަށް ހައި ކޯޓުން ނިންމައިފި އެވެ.

ވީކިހިނެއް؟ - މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކުރީ ރޭ 9:15 އަށެވެ. ނަމަވެސް މިއަދުގެ މި ވަގުތާ ހަމައަށް ވެސް ހައި ކޯޓުން އެ އަޑުއެހުމުގެ ވީޑިއޯ އާންމުކޮށްފައެއް ނުވެ އެވެ. ސިއްރުނުކުރާ ކޮންމެ އަޑުއެހުމެއް ޔޫޓިއުބް މެދުވެރިކޮށް ހައި ކޯޓުން އާންމުކުރެ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރޭ ބޭއްވި އަޑުއެހުމަކީ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ އިޖުރާއީ ކަންކަން ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. އެ ގޮތުން:

  • އަޑުއެހުންތައް މި ވަގުތަށް ހުޅުވާނުލާ ކުރިއަށް ގެންދަން ނިންމުން

  • އެހެންވެ، ފަނޑިޔާރުން އެހެން ގޮތަކަށް ކަނޑައަޅަން ދެން މި މައްސަލާގައި ބާއްވާ އަޑުއެހުންތަކުގެ ވީޑިއޯ އާންމެއް ނުކުރާނެ

ހައި ކޯޓުގެ ޝެޑިއުލްގައި ވެސް މައްސަލަ ރައްދުވާ ގްރޫޕުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

އެ ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގައި ތިއްބަވާ ފަނޑިޔާރުންނަކީ:

  • މުހައްމަދު ޝަނީޒް އަބްދުﷲ

  • އަބްދުއްމާނިއު ހުސައިން

  • އިބްރާހީމް މާހިރު

ފާހަގަކޮށްލެވޭ - މި މައްސަލައިގެ އަޑުއެހުމެއް ފުރަތަމަ ތާވަލުކުރީ މިދިޔަ 22 ފެބްރުއަރީއަށެވެ. ނަމަވެސް އެ ދުވަހު އަޑުއެހުން ކެންސަލް ކުރި އެވެ. އެއީ ވެސް ފުރަތަމަ ފަހަރަށް ކޯޓުން ގޭންގެއް ކަނޑައެޅުމުގެ މައްސަލައަކަށްވާތީ އިޖުރާއީ ބައެއް ކަންކަމާ ގުޅޭ ގޮތުން ފަނޑިޔާރުން ގޮތެއް ނިންމަން ޖެހޭ ކަމަށް ދެކިގެންނެވެ.

ސްކޫޕް ގްރޫޕްގެ ފަރާތުން ވެސް އިޖުރާއީ ބައެއް ކަންކަން ފާހަގަކޮށް ހައި ކޯޓަށް ހުށަހެޅި ކަމަށް ވެސް އެނގިފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ވެސް، މިފަދަ މައްސަލައެއްގެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވިދާނެތޯ އެވެ. އެ ގޮތުން:

  • ސްކޫޕް ގްރޫޕް ގޭންގެއް ކަމަށް ކަނޑައަޅައިފި ނަމަ، ކުރިއަށް އޮތް ތަނުގައި އެ ގްރޫޕަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ގާނޫނުގެ ދަށުން ދައުވާކޮށް ދަށު ކޯޓަށް ހުށަހެޅުމަކީ ފުރުސަތު ބޮޑު ކަމެއް

  • ގޭންގެއް ކަނޑައެޅުމާ ގުޅޭ މައްސަލަތަކުގެ އަޑުއެހުންތައް މަތީ ކޯޓުތަކުގައި ހުޅުވާލައިގެން ގެންގޮސްފި ނަމަ، ދަށު ކޯޓުތަކުގައި ހިނގާ މައްސަލަތަަކަށް އަސަރުތަކެއް ކޮށްފާނެ ކަމާ މެދު ސުވާލު އުފައްދާފައިވާ ކަމަށްވޭ

އެނގުން މުހިންމު - ޕީޖީ އޮފީހުން ހައި ކޯޓުގައި އެދިފައިވަނީ:

  • ސްކޫޕު ގްރޫޕަކީ ގޭންގެެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ ނުވަ މީހަކު އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް 

  • އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ 'އެސް ކޭ ޕީ ސްޕޯޓްސް ކްލަބް' އުވާލުމަށް ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރުކޮށްދިނުމަށް

  • 'ސްކޫޕު' އަދި 'ސްކޫޕު ކަންމަތި'ގެ އިތުރުން 'އެސްކީޕީ' ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް

މިއީ މިދިޔަ އަހަރު އޮގަސްޓް މަހު އަމަލުކުރަން ފެށި 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'ގެ ދަށުން ވަކި ގްރޫޕެއް އެއީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް