ކުށްކުރާ ގްރޫޕަކުން ހިންގާ ޑްރަގް ކެފޭއެއް ތެރެ؛ ގޭންގު ކުށްތައް ހުއްޓުވަން ގެނައި ގާނޫނުގެ ދަށުން އަދި ގޭންގެއް ކަނޑައެޅިފައެއް ނެތް --
ގްރޫޕެއް ގޭންގަކަށް މި ވަނީ ކިހިނެއް؟
މިއީ ލިޔުމަށް ތިރިކޮށްގެން ތަފްސީލްކުރަން ބެލިއަސް ފަސޭހަ ކަމެއް ވެސް ނޫނެވެ. ނުރައްކަލެކެވެ. ބިރުވެރިކަމެކެވެ. އެކަމަކު މި މުޖުތަމައުގައި އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ.
ކުށްކުރަނީ މިހާރު ހަމަ ހުރެލާފައެއް ނޫނެވެ. ކުރިއާލައި ރާވައިގެންނެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ބާގަނޑުތައް ދެނެގަނެގެންނެވެ. ތަހުގީގުން ފެށިގެން ޝަރީއަތާ ހަމައިން ސަލާމަތްވާނެ މަގުތައް ވެސް ކޮށައިގެންނެވެ. ކުޅިވަރުތަކުގައި ޓީމު އަތުރާލާހެން، ވަކިވަކި ރޯލުތައް މީހުންނަށް ދީގެން، އިންތިޒާމުވެގެންނެވެ. ކުށް ހިންގާ ގްރޫޕުތަކުގެ ބާރުވެރިކަން ދަނީ ބޮޑުވަމުންނެވެ.
ކުޅިވަރު ކްލަބަކަށް 'އައިޑެންޓިޓީ'އެއް އޮންނަހެން މި ގްރޫޕުތަކަށް ވެސް އޮވެ އެވެ. އެ ބައެއްގެ އަމިއްލަ 'ހިސާބުގަނޑެއް' ނުވަތަ ޓެރިޓަރީއެއް ވެސް އޮވެދާނެ އެވެ. އެހެން ބަޔަކު އަނެއް ބައެއްގެ ޓެރިޓަރީ އާއި ވިޔަފާރި ތެރެއަށް ވަންނަ ކޮންމެ ފަހަރަކު ބަދަލު ހިފުން ވެސް އޮންނާނެ އެވެ. މާރާމާރީތަކާއި ރާވައިގެން ހަމަލާ ދިނުމާއި މަރާލަން ޖެހިއްޖެ ނަމަ އެ ކަމެވެ.
މި ގްރޫޕްތަކުން ހިންގާ ކުށްތައް ގިނަވެފައި ނުރައްކާތެރިކަން ބޮޑެވެ. މަގުމަތިންނާއި ގޭތެރޭގަޔާއި ކާރު ފަދަ ތަންތަނުގައި ވެސް މީހުން ރަހީނުކުރެ އެވެ. ޖިންސީ އެދުންވެރިކަމުގެ ދަޅަ ދައްކައިގެން އެކަހެރި ތަންތަނަށް ގެންގޮސް އެބަ ފޭރެ އެވެ. މަސްތުވާތަކެތީގެ އެކި ބާވަތްތައް ވިއްކަ އެވެ. ފައިސާއަށް ޑިމާންޑުކޮށް އިންސާނުންގެ ގުނަވަން ބުރިކުރާ ހިސާބަށް ވެސް ނުރައްކާތެރިކަން ބޮޑުވެއްޖެ އެވެ.
އެކަމަކު ދައުލަތުގެ އެންމެ އިސް ވެރިޔާ، ރައީސް މުހައްމަދު މުއިއްޒަށް މިހާރު ހާހެއް ނެތެވެ. އެމަނިކުފާނުގެ ލަފަ އާއި އިރުޝާދުގެ ދަށުން ގެނައި ގާނޫނު މި މައްސަލަ މިހާރު ހައްލުކޮށްފިޔޯލަ އެވެ. އިންތިޒާމުވެގެން ކުށްކުރާ މި ގްރޫޕުތަކަށް ކުށް ހިންގުމަށް އެ ގާނޫނު ހުރަހަކަށް ވެއްޖެ އެވެ. މި ބުނާ ގޭންގުތަކުގައި އުޅޭ ހުރިހާ ޒުވާނުން އެކަމާ ދުރަށް ހިނގައްޖެ އެވެ. ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް ހޯދީޔޯލަ އެވެ.
"މިހާރު ގޭންގުތަކުގައި ކުރިން އުޅުނު ހުރިހާ ފަރާތްތަކުން އެ ކަން ހުއްޓާލައިިފި. ގޭންގް ކުށް ހުއްޓާލައި މިހާރު އެ ކުދިން، ޒުވާނުން ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފަކަށް ގޮސްފި. ގޭންގުތަކުގެ ގޮތުގައި މި ކިޔާ އުޅޭ ގޭންގުތައް މިހާރު ވަރަށް މަދުވެއްޖެ."
"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ގޭންގްތައް މިތަނުން ނެތިގެން ދިޔުމަކީ. އަޅުގަނޑުމެން [ގޭންގްތަކަށް] މި އަޅަނީ ވަރަށް ބޮޑު ހުރަސްތަކެއް."
މިއީ ސަރުކާރަށް ދެ އަހަރު ތެރޭގައި ހޯދުނު ކާމިޔާބީތަކުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން ރައީސް ވިދާޅުވި ވާހަކަފުޅެވެ.
ނަމަވެސް ހަގީގަތުގައި ކަން ހިނގާފައިވަނީ އެހެން ހެއްޔެވެ؟
ހަގީގަތުގައި ކަންވީ ގޮތް
ރައީސްގެ އެ ވާހަކަފުޅަށް އިތުބާރުކުރަން އުނދަގުލެވެ. އުނދަގުލީ ކުރިމަތިން ފެންނަ ހަގީގަތާއި ރައީސް ދެއްވި ޔަގީންކަން، އުޑާއި ބިމާހާ ތަފާތުވީމަ އެވެ. ގޭންގުތަކުން ޒުވާނުން ދުރަށް ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިތާ މާ ގިނަ ދުވަހެއް ނުވެ ގޭންގު މާރާމާރީ ހިންގައިގެން ބަޔަކު ހައްޔަރު ވެސް ކޮށްފި އެވެ. ނުރައްކާތެރި އެހެން ކުށްތައް ވެސް ހިންގައިފި އެވެ.
ދެން އެ ވާހަކައަށް އިތުބާރުކުރަން އުނދަގޫވީ، ރައީސްގެ ވާހަކަފުޅު ގެންދެވި ތަރުތީބުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފުރަތަމަ ފާހަގަކުރެއްވީ ކޯޓުން ގޭންގުތައް ކަނޑައެޅުމަށް އޮންނަ އިޖުރާއަތެވެ. އެއީ ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިގެން، ޕީޖީން ކޯޓަށް ހުށަހަޅައިގެން އެ ގޮތަށް ކަނޑައެޅުމުގެ ކޯޓު އަމުރު ހޯދުމެވެ.
ރައީސް ވިދާޅުވީ 'ކުރީ ދުވަހެއްގައި' ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަރިހުން އެ މަސައްކަތުގެ އަދާހަމައެއް އެއްސެވި ކަމަށެވެ. 'މިހާރު ކިތައް ގޭންގު ކަނޑައެޅިއްޖެތޯ' އެވެ. ފުލުހުން ޕީޖީއަށް ފޮނުވި ނަމަވެސް ޝަރުތު ހަމަނުވާ ކަމަށް ޕީޖީ އޮފީހުން ނިންމިކަމަށް މިނިސްޓަރު އިހުސާނާ ހަވާލާދެއްވައި ރައީސް ވިދާޅުވި އެވެ.
ރައީސަށް ފުރަތަމަ ވިދާޅުވެވެނީ އިހުސާން އެކަން ހިއްސާކުރެއްވީ 'ވަރަށް ބޮޑަށް ހިމާތަކޮށް ކަންބޮޑުވެގެން' ކަމަށެވެ. ނަމަވެސް ހަމަ އެހެން ވިދާޅުވި ނޭވާގައި އެ ކަން އިސްލާހުކުރައްވައި ރައީސް ވިދާޅުވީ 'މައާފު ކުރައްވައި [އިހުސާން އެކަން ހިއްސާކުރެއްވީ] ވަރަށް އުފަލާ އެކު' ކަމަށެވެ.
ރައީސްގެ ވާހަކައިން ދޭހަވަނީ ވެސް، މިހާރު ގޭންގުތަކުގެ ގޮތުގައި ހަރަކާތްތެރިވާ ބަޔަކު ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވުމުން، އެ އޮފީހުން ބަލާފައި ކޯޓަށް ހުށަހެޅޭ ވަރަށް ހެކި ނެތުމުން އަނބުރާ ފޮނުވާލީ ހެންޏެވެ.
އެކި މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި ވެސް ކަން ހިނގީ މިފަދަ ގޮތަށެވެ. ފުލުހުން ޕީޖީ އޮފީހަށް މިހާތަނަށް ފޮނުވަނީ ވެސް އެންމެ ގޭންގެއް އެ ގޮތަށް ކަނޑައެޅުމަށެވެ. ފުލުހުން ޕީޖީ އޮފީހަށް ފޮނުވަން ޖެހެނީ އެ ކަމަށް ބާރުދޭ ހެކިތައް ހިމެނޭ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެވެ. ގްރޫޕެއް، ގޭންގެއް ގޮތުގައި ކަނޑައަޅަން ފުލުހުން ރިޕޯޓެއް ފޮނުވި އެވެ.
އެނގިފައިވާ ގޮތުގައި ޕީޖީ އޮފީހުން ފުލުހަށް ލަފާދިނީ ރިޕޯޓް އިސްލާހުކުރުމަށެވެ. އިތުރު ހެކި ހިމަނައިގެން އެ ރިޕޯޓް ފުރިހަމަކުރުމަށެވެ. ކޯޓަށް ގޮސް ގޭންގެއް ކަނޑައެޅޭ ވަރަށް ފުލުހުން ފޮނުވި އިންޓެލް ރިޕޯޓްގައި ހެކި ނެތް ކަމަށް އެ އޮފީހަށް ގަބޫލުކުރެވޭތީ އެވެ. އެ ގްރޫޕުގެ މާލީ ލިންކްތަކާއި ހަރަކާތްތަކާއި އެ ހުރިހާ ކަމެއް ބޭނުންވާނެ އެވެ.
އެހެންކަމުން މި ވީ ގޮތަކީ ގޭންގުތަކުން މީހުން ވަކި ދުރަށް ދިޔައިކީ ވެސް ނޫނެވެ. ކޯޓަށް ގޮސް ގޭންގެއް ކަނޑައެޅޭ ވަރަށް ޝަރުތު ހަމަވާ ވަރުގެ ހުށަހެޅުމެއް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް އަދި ނުފޮނުވެނީ އެވެ. ހަމައެކަނި ގޭންގެއް ކަމަށް އިންޓެލް ރިޕޯޓެއްގައި ލިޔެގެން، އެ ކަން ކުރިއަށް ނުދިޔައީ އެވެ.
ހެއްކާ އެކު ކަނޑައެޅޭނެ ގޭންގުތައް އެބަހުރި
ގާނޫނުގައި ބުނާ ގޮތުން ވަކި ޖަމާއަތެއް ނުވަތަ ބަޔަކީ ގޭންގެއް ކަމަށް ކޯޓުން ކަނޑައަޅަން ޖެހެނީ ތިން ކަމެއް މަދަނީ މިންގަނޑުން ސާބިތުވާ ނަމަ އެވެ. އެއީ:
-
ހުށަހެޅުން ނިސްބަތްވާ ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަން
-
އެ ޖަމާއަތަށް ނިސްބަތްވާ ފަރާތްތައް ޖިނާއީ ބޮޑެތި ކުށްކުރުމަށް ރާވަން ނުވަތަ ތައްޔާރުވާން ނުވަތަ އެހީތެރިވާން ނުވަތަ ބައިވެރިވާން މުއާމަލާތްކޮށްފައިވާކަން
-
އާ ގާނޫނުގެ ދަށުން ފިޔަވަޅު ނާޅައިފި ނަމަ އެ ޖަމާއަތަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުވަތަ އަމަންއަމާންކަމަށް ނުރައްކާ ކުރިމަތިކުރުވާނެ ބައެއްކަން
ޕީޖީއަށް ކޯޓަށް ދެވޭނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި އެހެން ވެސް ހެއްކާ އެކު ޕޮލިސް ކޮމިޝަނަަރު ޕީޖީއަށް ހުށަހެޅުމުންނެވެ.
އެ އޮފީހުގެ އޮފިޝަލަކު ވެސް ވިދާޅުވި ގޮތުގައި ފުލުހުުންގެ ފުރަތަމަ ހުށަހެޅުން މުޅިން އަނބުރާ ފޮނުވާލީއެއް ނޫނެވެ. ގާނޫނުގައި ލާޒިމުކުރާ ވަރަށް ރިޕޯޓް ފުރިހަމަކުރަން ލަފާ ދިނީ އެވެ. އޭގެ މާނައަކީ އެއީ ގޭންގެއް ކަމަށް ކަނޑައެޅުމުގެ ފުރުސަތު އޮތް ގްރޫޕެކެވެ. ކުރަންވީ ކަމަކީ ގާނޫނަށް ފެތޭ ވަރަށް ހެކި އެއްކޮށް މަސައްކަތް ފުރިހަމަކުރަންވީ އެވެ.
ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަދި ދިފާއީ ވަކީލުކަމުގެ ތަޖުރިބާ ވެސް ބޮޑު، ހުސައިން ޝަމީމް ގަބޫލުކުރައްވާ ގޮތުގައި ފުލުހުން ރަނގަޅަށް ބަލައި ހޯދަން އުޅެފި ނަމަ ގޭންގެއްގެ ގޮތުގައި ކަނޑައެޅޭނެ ގްރޫޕުތަކުގެ އިތުރުން ތަންތަނާއި ޖަމިއްޔާތައް ވެސް އެބަ ހުއްޓެވެ.
"ރަނގަޅަށް ބަލައިިފިއްޔާ އެބަ އުޅޭ ގޭންގު ކަމަށް ކަނޑައެޅޭނެ ތަންތަން. ކަނޑައެޅޭނެ ގްރޫޕުތައް. އެ މީހުންގެ ވިޔަފާރިތަކާއި އެސޯސިއޭޓްވާ ތަންތަނާއި ލާރި ހަރަދުކުރާ ގޮތާ މި ކަންކަން ތަހުގީގުކޮށްގެން ގޭންގުގެ ގޮތުގައި ކަނޑައެޅޭ ގްރޫޕުތައް ހޯދޭނެ،" ޝަމީމް ވިދާޅުވި އެވެ.
ބައެއް ގޭންގުތަކުން ކުރާ އެއް ކަމަކީ ވެސް ޖަމިއްޔާ އާއި ކުޅިވަރު ކްލަބްތައް ހެދުމެވެ. އެކަޑަމީ ހަދައިގެން ފީގެ ނަމުގައި އާމްދަނީއެއް އެބަ ހޯދަ އެވެ. ފިހާރަ ރެސްޓޯރަންޓް ހުޅުވައިގެން ވިޔަފާރި ވެސް ކުރެ އެވެ. އެންމެ ހެއްވާ ކަމަކީ އެކަން ކުރަނީ ވަކި އެހެން ނަންނަމުގައި ނޫން ކަމެވެ. ގޭންގު ހަރަކާތްތައް ވެސް އެ ގްރޫޕުތަކުން ހިންގާ ނަމުގަ އެވެ.
"މި ނުހޯދޭނެ ކަންކަމެއް ނޫން. އެކަމަކު ބޮޑަށް ބެލެވެނީ ހޯދަން ނުކުރެނީހެން،" ޝަމީމް ކުރެއްވި ތަޖުރިބާތަކުގެ އަލީގައި އޭނާ ވިދާޅުވި އެވެ.
ގޭންގަކުން ރާވައިގެން ޝަމީމް ވެސް އަވަހާރަކޮށްލަން ނުރައްކާތެރި ހަމަލާއެއް އޮތީ ދީފަ އެވެ. އޭރު ޝަމީމް ހުންނެވީ ވެސް ޕީޖީގެ މަގާމުގަ އެވެ.
އަނެއްކާ ވެސް ކަރުދާސް ގާނޫނެއް؟
މިއީ ގޭންގު ކުށްތައް ހުއްޓުވަން ގެނައި ދެވަނަ ގާނޫނެވެ.
ތޫނު ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ މަސައްކަތް ކުރެވިގެން އައީ އެއް ދުވަސްވަރެއްގަ އެވެ. މި ދެ ގާނޫނީ އޮނިގަނޑު ވެސް، ރައްޔިތުންގެ މަޖިލިހުން ފާސްކުރި ތާރީހަކީ 19 އޮގަސްޓް 2010 އެވެ.
ނަމަވެސް އޭރު ފާސްކުރި ގާނޫނު ވެސް އޮތީ ތަންފީޒުނުކުރެވި ނަމަކަށެވެ. ގާނޫނުގައި ގޭންގުތައް މާނަކޮށްފައި އޮތް ގޮތުންނާއި ދައުވާއެއް ކުރަން ބަލާއިރު ގޭންގެއްގެ މެންބަރެއް ކަން ކޯޓަށް ސާބިތުކުރަން އޮތް މާއްދާތަކުގެ ވެސް ސަބަބުންނެވެ.
ގޭންގުތަކުގެ ހަރަކާތްތައް މައިތިރިކުރަން އެންމެ ފަހުން އެކުލަވާލި އެ ގާނޫނު ވެސް މިހާތަނަށް މި ފެންނަނީ ދެވަނަ 'ކަރުދާސް' ގާނޫނެއް ގޮތަށެވެ. ތަންފީޒުނުކުރެވޭ، ހަމައެކަނި ކަރުދާހުގައިވާ ދެލިގަނޑެއް ގޮތަށް ނިމުމުގެ ބިރު އެބަ އެބަ އޮތެވެ.
މުޅި އެ ގާނޫނު ބިނާވެފައި ވަނީ ކުށް ހިންގާ ގްރޫޕުތައް ކަނޑައަޅައި، އެ މީހުން ކޮންޓްރޯލްކުރަން ކޯޓުން ނެރޭ އަމުރުތަކަށެވެ.
ގާނޫނީ ވަކީލު މަހުފޫޒު ސައީދު ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި މުޅި ގާނޫނު ހިންގެން އޮތީ ވެސް ފުރަތަމަ ގޭންގުތައް ކަނޑައަޅައިގެންނެވެ. އެއީ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ނިސްބަތްވަނީ "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ކުރާ ކުށްތައް" ކަމަށް ވާތީ އެވެ. އެހެންވީމާ ފުރަތަމަ ގާނޫނު ހިންގުމަށް ވެސް، މަހްފޫޒް ދެކެވަޑައިގަންނަވާ ގޮތުގައި، ކުށްކުރާ ގުރޫޕުތައް ކަނޑައަޅަން ޖެހެ އެވެ.
ނަމަވެސް މިހާތަނަށް އަދި ގޭންގެއް ކަނޑަނޭޅޭކަން ވެސް މި އޮތީ ފެންނާށެވެ.
ޝަމީމް ފާހަގަކުރެއްވީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުމަކަށް ވާންވީ ގޭންގެއް އެކުލަވާލުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. ގޭންގުތަކުގެ ނަންތައް ސާފުކޮށް ފެންނައިރު ވެސް އެ ގޭންގުގެ ނަމުގައި ކްލަބް ޖަމިއްޔާތައް ހެދުމާއި ފައިސާ ހޯދޭނެ ގޮތްތައް ފުރަތަމަ ކަމަކަށް ހުއްޓުވަން ޖެހެ އެވެ.
"ކޮލޮމްބިއާގައި ގައިތަނިސްތާން ފުޓުބޯޅަ ކްލަބް، ރަޝިއާގައި މާފިއާ ފުޓުބޯޅަ ކްލަބް، މިހެން އެ ނަންނަމުގައި ކްލަބް ހަދައިގެން ފުރުސަތު ނޯވޭ ދޯ. ގޭންގު ކުދިން ވިޔަފާރި ފެށި ވާހަކަ ދައްކާއިރު ތަނަކުން ލޯނެއް ވެސް ނުނަގައި ފައިސާ އާއި ކެޕިޓަލް ހޯދައިގެން ވިޔަފާރިއެއް ހަމަ ފެށޭތަ؟" ޝަމީމް ވިދާޅުވި އެވެ.
ކޮމެންޓް (3)
އުދަގޫ
ސިކުނޑި
ތެފައާސާ.