ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކުރިއަށްދާ އިވެންޓްގެ ތެރެއިން ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކޯޓަށް ގޮސް ކަނޑައަޅާ ވަރަށް މިހާރު ރާއްޖޭގައި ގޭންގެއް ނެތް: ރައީސް
މި ފަހުން އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ގޮސް މިހާތަނަށް ގޭންގެއް ކަނޑައަޅަން ނުޖެހުނު ކަމަށާއި އެ ވަރުގެ ގޭންގެއް މިހާރު ހަރަކާތްތެރިނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މިދިޔަ 25 އޮގަސްޓުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުގެ ދަށުން ވަކި ބަޔަކީ "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" ނުވަތަ ގޭންގެއްކަން ކަނޑައަޅަން ކޯޓަށް ހުށަހެޅުމުގެ ބާރު ދީފައިވަނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށެވެ. ގޭންގެއްގެ ލޭބަލް ޖެހުމާ މެދު ގޮތެއް ނިންމާނީ ކޯޓުންނެވެ.
ގާނޫނަށް އަމަލުކުރަން ފެށިތާ 84 ދުވަސް (ދެ މަހާއި 23 ދުވަސް) ފަހުން، އެ ގާނޫނުގެ ދަށުން ކޯޓުން އެންމެ ގޭންގެއް ވެސް ކަނޑައަޅާފައި ނެތްކަން ރައީސް ހާމަކުރެއްވީ، މި ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ހަފްލާގެ ތެރެއިންނެވެ.
ބުނީ ކީކޭ؟ - ރައީސް ވާހަަކަފުޅު ދައްކަވަމުން ވިދާޅުވީ ކިތައް ގޭންގު ކަނޑައެޅިތޯ ދުވަސްތަކެއް ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން އަރިހުން ސާފުކުރެއްވިން ކަމަށެވެ. މިނިސްޓަރާ ހަވާލާ ދެއްވައި ރައީސް ވިދާޅުވީ ކޯޓަށް ގޮސް ގޭންގުގެ ލޭބަލް ޖެހޭ ވަރަށް ޝަރުތު ހަމަވާ ގޭންގުތައް މިހާރު ހަރަކާތްތެރިނުވާ ކަމަށެވެ.
"ހޯމް މިިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ ނެތޭ. ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީން ދެންނެވިއޭ ތީގައި ނެތޭ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް،" ރައީސް ވިދާޅުވި އެވެ.
ދެ އަހަރުގެ ތެރޭގައި ސަރުކާރުން ހޯދި ކާމިޔާބީތަކުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ގޭންގު ގާނޫނަށް ފަހު، ގޭންގުތަކުގައި އުޅުނު ޒުވާނުންތައް އެކަން ހުއްޓާލާފައިވާ ކަމަެވެ.
"ގޭންގު ކުށް ހުއްޓާލާފައި އެ ފަރާތްތަކުން، ޒުވާނުން މިހާރު ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި. އެހެންވެ ގޭންގުތަކުގެ ގޮތުގައި މި ކިޔާ އުޅޭ ގޭންގުތައް ވަރަށް މަދު ވެއްޖެ،" ރައީސް ވިދާޅުވި އެވެ.
ބޮޑެތި އަދަބުތައް ހިމެނޭ ގޮތަށް ގާނޫނުތައް ފާސްކުރުމުގެ ބޭނުމަކީ ވެސް ކުށްތައް ހިންގަން ބޮޑެތި ހުރަސްތައް ގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ. ބަޔަކަށް އަދަބު ދިނުމަށް ވުރެ އޭގެ ބޭނުމަކީ ކުށުގެ މާހައުލުތަކުން ޒުވާނުން މިންޖުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ގޮތަށް ނުބައި ކަންކަމުގެ ތެރެއަށް ވަދެފައި ތިބި އެތައް ޒުވާނުންނެއް ނެރެގެން ގެނެސް އެ ކުދިންނަކީ އަހުލާގު ލިބިފައިވާ، ދީން ދެކެ ލޯބިވާ، ގައުމު ދެކެ ލޯބިވާ ބިނާކުރަނިވި މަސައްކަތްތަކެއް ކުރެވޭ ކުދިންތަކަކަށް ހަދަން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ހިންގާ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ވެސް އެތައް ސަތޭކަ ޒުވާނުން ބައިވެރިކޮށްގެން ސަރުކާރުން ނެރެން ބޭނުންވާ ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި، ކުށުގެ މާހައުލުތަކުގައި ނޫޅޭ، އުފެއްދުންތެރި ބޭނުން ހިފޭ ޖީލެއް ބިނާކުރުމެވެ.
މި ވަގުތު ގޭންގެއްގައި ޒުވާނަކު އުޅޭ ނަމަ އެކަން ވަގުތުން ހުއްޓާލުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.
ކޮމެންޓް (7)
ސިކުނޑި
ސަލާމް މޫސާ
ތެފައާސާ.
ޒަހީނު މޫސާ
ކިރާމް
ކއޒބބ2025
ޖަލު