'ވާނުވާ ބަންދު'ގެ މައްސަލާގައި ރައީސް މުއިއްޒު(ކ2) މިއަދު ހޯމް މިނިސްޓަރު އަލީ އިހުސާން(ކ) އާއި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީގް (ކ3) އަދި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް (ވ) ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ޕީޖީ އޮފީސް

ގޭންގު ކުށްތަކަށް މައާފު ދެވޭނޭ ދޮރުން ދެން ބަންދުވީ؛ މި ހޯދުނީ ކާމިޔާއެއް: ޕީޖީ އޮފީސް

އަލަށް އަމަލުކުރަން ފަށާ ގޭންގު ކުށްތަކުގެ ގާނޫނުގައި މީހުން މެރުމާއި ބިރުދެއްކުމާއި ކިޑްނެޕްކުރުމަކީ ވެސް މައާފު ނުދެވޭނެ ކުށްތަކުގެ ތެރޭގައި ހިމަނާފައިވޭ؛ މިފަދަ މީހުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހެދުން މަނާވާނެ

މިމަހު އަމަލުކުރަންފަށާ ގޭންގު ކުށްތައް ހުއްޓުވުމާބެހޭ ގާނޫނުގައި މީހުން މެރުމާއި، ކިޑްނެޕްކުރުން އަދި ބިރުދެއްކުމުގެ ކުށަށް މައާފު ދީ އަދަބު ލުއިކޮށްދެވޭނެ ގޮތެއް ނެތުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެކަމުގެ ސަބަބުން ކުށްކުރާ މީހުންނަށް ނަތީޖާ ނެރެދެވޭނެ އަދަބުތަކެއް ކަނޑައެޅިގެންދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 25ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ. އެގޮތުން:

  • އެ ގާނޫނުގައި މީހުން މެރުމާއި ގޭންގުތަކާ ގުޅޭ ބޮޑެތި ކުށްތަކަށް އުމުރަށް ޖަލަށްލުމާ އެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ 

  • ގާނޫނުގައި އިންތިޒާމީ ސިފައެއްގައި ހިންގާ ގޭންގުތައް ހުއްޓުވުމުގެ ބާރު ވެސް އިދާރާތަކަށް އޮތީ ލިބިދީފައި 

ތަފްސީލް - މިމަހުގެ 25ވަނަ ދުވަހު އަމަލުކުރަން ފަށާ މި ގާނޫނާ ބެހޭގޮތުން ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ޕީޖީ އޮފީހުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ މި ގާނޫނުގެ ދަށުން އަންނާނެ އެންމެ ބޮޑު ބަދަލަކީ އިންތިޒާމުވެގެން ހިންގާ ނުރައްކާތެރި ކުށްތަކަށް މައާފުދީ، އަދަބު ލުއިކޮށްދެވޭގޮތަށް އޮތްއޮތުން ނިމުމަކަށް އައުން ކަމަށެވެ. 

"މީގަ އެންމެ ބޮޑު ތަފާތަކީ. ވަރަށް ގިނަ މީހުންގެ ޝަކުވާއެއް އަދަބު ލިބިދިނުމަށް ފަހު ސިސްޓަމުގެތެރެއިން މައާފު ލިބިދެވޭތީ. އެހެންވީމާ މައާފު ލިބިދެވޭނަމަ މީހާއަށް ކުށް ސާބިތުވެގެން ޖަލަށް އަދި މީހާ ލިޔަކަސް އޭގެ މާބޮޑު މާނައެއް ނެތޭ. މި ގާނޫނުގައި މި އޮންނަ އުސޫލަކީ މައާފު ލިބިދެވޭނެ އުސޫލެއް ނެތް،" ނައުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުން މި ގާނޫނުގެ ދަށުން:

  • މީހެއްގެ މައްޗަށް ވަކި ބާވަތެއްގެ ކުށްތަކެއް ސާބިތުވެގެންދެވޭ އަދަބު ޕެރޯލް ނިޒާމުގެ ތެރެއިން ލުޔެއް ނުކޮށްދެވޭނެ؛ އަދި އެ މީހަކަށް މައާފުދީ މިނިވަނެއް ވެސް ނުކޮށްދެވޭނެ 

  • އިއުތިރާފުގެ އެއްބަސްވުމެއް ހަދާ ހާލަތުގައި މިހާރު އަދަބު ލުއިކޮށްދެވޭގޮތަށް އޮންނަ އޮތުން ވެސް ނިމުމަކަށް އަންނާނެ؛ އެ ހާލަތުގައި ވެސް ދައުލަތުން ކަނޑައަޅާ އަދަބަށްވުރެ ލުއި އަދަބެއް ކޯޓަކަށް ވެސް ކަނޑައެއް ނޭޅޭނެ

"ޕެރޯލުގެ ތެރެއިން ވެސް އެމީހަކަށް ލުއި އަދަބެއް ދެވޭނެ ގޮތެއް ނެތް. އެހެންވީމާ އޭގެ ޒާތުގައި ނަތީޖާ ނެރެދެވޭނެ އަދަބުތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ގަބޫލު މިކުރެވެނީ މި ގާނޫނުން މި ފަހިކޮށްދެނީ،" ނައުޝާދު ވިދާޅުވި އެވެ.

އެނގުން މުހިންމު - އަލަށް އަމަލުކުރަން ފަށާ ގޭންގު ކުށްތަކުގެ ގާނޫނުގައި އޮންނަ ގޮތުން، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ވެސް ކުށެކެވެ. މިފަދަ ކުށެއް ސާބިތުވާ މީހަކަށް ދޭ އަދަބު މައާފުކޮށްދީ ލުއިކޮށެއް ނުދެވޭނެ އެވެ. އަދި އެފަދަ މައްސަލަތަކުގައި އިއުތިރާފުގެ އެއްބަސްވުމެއް ވެސް ނެހެދޭނެ އެވެ.

މީގެ އިތުރުން މައާފުދީ އަދަބު ލުއިނުކޮށްެ ދެވޭނެ ކުށްތަކުގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ވިޔަސް އަދި ބޭނުންނުކޮށްވިޔަސް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ހިންގާ ފަސް ބާވަތެއްގެ ކުށް ހިމަނާފައިވެ އެވެ. އެއީ:

  • މީހަކު މަރާލުން

  • މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުން

  • މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން

  • ބިރުދެއްކުން

  • ކިޑްނެޕްކުރުން

މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ދަށުން މަރުގެ މައްސަލަތަކުގައި ކުށް ސާބިތުވާ މީހަަކަށް ވެސް މައާފުދެވޭނެ އުސޫލުތަކެއް އޮވެ އެވެ. އަލަށް އަމަލުކުރަން ފަށާ ގޭންގު ކުށްތަކުގެ ގާނޫނާއެކު މިހާރުގެ ގާނޫނުތައް އުވޭނެ އެވެ.

ބިރުދެއްކުން އިހުސާސްވާ ނަމަވެސް ދައުވާކުރެވޭނެ 

މިހާރު ބޭނުން ކުރަމުން އަންނަ 2010ވަނަ އަަހަރު އަމަލުކުރަން ފެށި 'ބިރުދެއްކުމާ ނުރައްކާތެރި ހަތިޔާރު އަދި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު' އަކީ ބަދަލުވަމުން އަންނަ ކުށުގެ ވެށި ކޮންޓްރޯލުކޮށް އަދަބު ދޭން ބަލާއިރު، އެކަށީގެންވާ ގާނޫނެއް ނޫން ކަމަށް ނައުޝާދު ވިދާޅުވި އެވެ. އެ ގާނޫނު މިހާރު ކުށްކުރާ އުކުޅުތަކަށް ނުފެތޭ ކަމަށް ނައުޝާދު ވިދާޅުވި އެވެ.

"މިފަހުން ރާއްޖޭގައި އާންމުވެގެން ދިޔަކަމެއް އެއީ މީހަކު މީހަކަށް ދޭންޖެހޭ ފައިސާއެއް ހޯދުމުގެ ބޭނުމުގައި އިންތިޒާމުވެ ހިންގާ ގުރޫޕުތަކުން ގޮސް އެމީހަކަށް ބިރުދައްކައިގެން އެ ފައިސާ ހޯދުން. އެކަމަށް ވެސް ހައްލެއް ލިބިގެންދާނެ،" ނައުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން:

  • 2014ވަނަ އަހަރާ ހަމަޔަށް އައިއިރު ކުށުގެ ވެށި ވަރަށް ބޮޑަށް ވަނީ ބަދަލުވެފައި 

  • މިހާރު މީހުންނަށް ބިރުދެއްކުމުގައި ކޮންމެހެން ތޫނުއެއްޗެއް ބޭނުންނުކޮށް ވެސް އެކަން ކުރޭ؛ މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުން މިކަންކަމަށް ފަރުވާއެއް ނެތް

  • ބައެއް ގޭންގުތަކުގެ މީހުން ފެނުމުން ވެސް ބައެއް މީހުންނަށް ބިރު ގަންނަކަަން އިހުސާސްކުރެވޭ

  • އަލަށް އަމަލުކުރަން ފަށާ ގާނޫނުގައި ބިރުދައްކަން އުޅުމާއި ބިރުދެއްކުމަށް އެހީވެދިނުމަކީ ވެސް ކުށެއް؛ ހެކިވެރިންނަށް ބިރުދައްކާ ނަމަވެސް އެކަމަށް ފިޔަވަޅު އެޅޭނެ 

  • އެހެންކަމުން ހެކި ހޯދުމަށާއ ހެކިވެރިންނަށް ހިމާޔަތް ދިނުމަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ވެސް ހައްލެއް ލިބިގެންދާނެ 

"އެހެންވީމާ، މިހާރު މި ގާނޫނުގެ ދަށުން އަޅުގަނޑުމެންނަށް ފަރުވާ ލިބޭނެ. މިދެންނެވި ގޮތަށް ކޮންމެހެން ލާޒިމެއްނޫން ގުރޫޕަކުން މީހަކަށް ބިރުދައްކާއިރު ކޮންމެހެން އެމީހާ އަންގައިގެން ބުނާކަށް ވެސް ލާޒިމެއް ނޫން. އަނެކާއަށް އެ އިހުސާސްވާ އިހުސާސްގެ މައްޗަށް ވެސް އަޅުގަނޑުމެންނަށް ދައުވާކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ. އެހެންވީމާ މިއީ ވަރަށް އުންމީދީ ގާނޫނެކޭ ދެންނެވޭނީ،" ނައުޝާދު ވިދާޅުވި އެވެ.

އެ ގާނޫނުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭތީ އޮތް ކަންބޮޑުވުންތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ:

  • މިހާރު ގާނޫނު ފަރުމާކޮށްފައިވާ ގޮތުން އޮތީ ފުލުހުންނަށް އޭގެ ނާޖާއިޒު ފާއިދާތަކެއް ނެނގޭނެ ގޮތަކަށް ނޫން ކަމަށް 

  • އެ ގާނޫނުން ލިބިގެންދާނެ އެންމެ މުހިންމު އަނެއް ބަދަލަކީ ކުޑަކުދިން ލައްވާ ކުރާ ކުށްތައް ހުއްޓުވުން ކަމަށް ނައުޝާދު ވިދާޅުވި 

  • އެކި ރަށްރަށުން ކުޑަކުދިން ގެނެސްގެން ވަރަށް އިންތިޒާމީ ގޮތެއްގައި ކުޑަކުދިންލައްވާ ކުށްކުރާ ގުރޫޕުތައް މާލޭގައި އުޅޭ ކަމަށް އޭނާ ވިދާޅުވި

އެގާނޫނު ތައާރަފުކުރި އެންމެ ބޮޑު ބޭނުމަކީވެސް އިންތިޒާމުވެގެން ނުރައްކާތެރި ކުށްތައްކުރާ ގޭންގުތަކުގެ އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުޑަކުދިންލައްވާ އެފަދަ ކުށްތައް ކުރާ މީހުންގެ މައްޗަށް ފިޔަވަޅު އެޅޭނެ ގޮތްތަކަކާއި، އެއްވެސް ބޭނުމެއްގައި ކުޑަކުދިންނަށް ވަޅި ވިއްކުމަކީ ވެސް ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅާފައިވުން ފަދަ ކަންކަމަކީ މި ގާނޫނުގައި ހިމަނާފައިވާ ވަރަށް ރަނގަޅު ކަންކަން،" ނައުޝާދު ވިދާޅުވި އެވެ.

އެހެންކަމުން، ފިހާރަތަކާއި އާންމު ފަރާތްތަކުން ވެސް ވަޅިއެއް ވިއްކާއިރު އެކަމަށް އިތުރަށް ސަމާލުކަން ދޭންޖެހި، އެފަދަ ހާލަތެއްގައި އެކަން ކުރާ މީހާއަށް ވެސް ބަހަނާއެއް ނުދެއްކޭނެ ފަދަ ގޮތަކަށް ގާނޫނު ފަރުމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

ސިރާޖު

18 އޯގަސްޓު 2025
މަގާނު އަޔަކަސް ރަނގަޅު ނުވާނެ ހަމަ އެއްވެސް ކަމެއް. ދެން ސިޔާސީ މީހުން ބޭނުން ވެއްޖެއްޔާ ބޭނުން މީހަކަށް ތިޔަ ގާނނުގެ ދަށުން އަދަބު ދޭނީ! ގޭންގުތަށް ކޮންޓްރޯލުވެސް ކުރާނީ ސިޔާސީ މީހުން
0 0

ދިއްދޫމީހާ

18 އޯގަސްޓު 2025
އެކޮއި ނައުޝާދު ކޮއްކޮމެން އަދި ޅަވާނެ އިންގޭ ދެން ކުއްވެރިޔާ ޖަލުން ނެރޭނީ ބޭސްފަރުވާއަ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް