ފުލުހުން މާލޭގެ މަގެއްގައި ހަރަކާތްތެރިވަނީ: ގޭންގާ ބެހޭ އާ ގާނޫނުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ (ފޮޓޯ/

ގޭންގު ކުށްތައް

ކޯޓުން ގޭންގު ލޭބަލް ޖެހުމާއި ކޮންޓްރޯލްކުރަން ނެރޭ އަމުރު؛ ނަތީޖާއަކީ؟

ގޭންގުތައް ހުއްޓުވަން ގެނައި ގާނޫނުގައި ހިމެނޭ ކޮންމެ ކުށެއް ނިސްބަތްކޮށްފައިވަނީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕަކުން ކުރާ ކުށްކުުށުގެ ގޮތުގައި. ވީމާ ގާނޫނު ހިންގުމަށް އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ ގާނޫނުގައިވާ ގޮތަށް ކޯޓުން ގޭންގުތަކުގެ ލޭބަލް ޖެހުން

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާ ދިނީ އޭނާ ދިރިއުޅުއްވާ ގޭގެ ދޮރު މަތިންނެވެ. އޭރު އެއީ ޖިނާއީ ދައުވާ އުފުލުމުގެ ބާރު އޮތް ޕީޖީ އެވެ. އޭނާއަށް  މަރުތޭލަކުން ހަމަލާ ދިނީ، މަރާލަން ބަޔަކު ރާވައިގެންނެވެ. އިންތިޒާމުވެގެން ކުށް ހިންގާ ގްރޫޕަކުންނެވެ. ގޭންގަކުންނެވެ.

އެ އެކަންޏެއް ނޫނެވެ. ކިތަންމެ ފަހަރަކު ފުލުހުންނަށް ވެސް ހަމަލާ ދީފައި އެބަ ހުއްޓެވެ. މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ދުވާލު މެންދުރު ދަޅައިގައި ފުލުހުންނަށް އިންޒާރު ދީފައި ނުކުމުގެން ދިޔައީ އެވެ. ކުރެވޭ ކަމެއް ނެތެވެ.

މި ފަހުން މާލެ މަގުމަތީ ހިންގި ގިނަ ހަމަނުޖެހުންތަކާއި، މާރާމާރީ އާއި މުދަލަށް ގެއްލުން ދިނުމުގެ ފަހަތުގައި ތިބީ ވެސް މި ގޭންގުތަކެވެ. މިއީ އެއް ގޭންގުން އަނެއް ގޭންގަށް ހިންގާ ބަދަލު ހިފުމުގެ ހަމަލާތަކެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ ވާދައިގެ ތެރެއިންނެވެ. ސްކޭމް ކުރުމާއި، މީހުން ހައްދާލައިގެން ތަންތަނަށް ގެންގޮސް ފޭރުމާއި މި ހުރިހާ ކުށެއް މިއަދު ހިންގަނީ އިިންތިޒާމުވެލައިގެން ނިޒާމެއްގެ ތެރެއިން ގޭންގުތަކުންނެވެ. ކުށުގެ ތުހުމަތުން ބަރީއަވާނެ ގޮތްތައް ވެސް ބަލައި އެ މީހުން ހުންނަނީ ދުރާލާ ދިރާސާކޮށްފަ އެވެ.

ގޭންގުތަކުގެ ހަރަކާތްތައް މައިތިރިކުރަން އެންމެ ފަހުން އެކުލަވާލި ގާނޫނުގައި ބޮޑަށް އިސްކަން ދީފައި އޮތީ ތަންތަން ބަލައިފާސްކުރުމާއި ތަހުގީގު ހިންގުމަށް ފުލުހުންނަށް ދީފައިވާ ބޮޑެތި ބާރުތަކަށެވެ. އޭގެ އިތުރަށް މުޅި ގާނޫނު ބިނާވެފައި ވަނީ ކުށް ހިންގާ ގްރޫޕުތައް ކަނޑައަޅައި، އެ މީހުން ކޮންޓްރޯލްކުރަން ކޯޓުން ނެރޭ އަމުރުތަކަށެވެ.

ޖިނާއީ މައްސަލަތަކުގައި މަސައްކަތްކުރައްވާ ގާނޫނީ ވަކީލު މަހުފޫޒު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ފާހަގަކުރެއްވި ގޮތުގައި މުޅި ގާނޫނު ހިންގެން އޮތީ ފުރަތަމަ ވެސް ގޭންގުތައް ކަނޑައަޅައިގެންނެވެ. އެއީ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ނިސްބަތްވަނީ "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ކުރާ ކުށްތައް" ކަމަށް ވާތީ އެވެ. އެހެންވީމާ، ފުރަތަމަ ކުށްކުރާ ގުރޫޕުތައް ކަނޑައަޅާށެވެ. 

ފުލުހުންތަކެއް މަގުމަތީ ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގޭންގުތައް ކަނޑައަޅައި ލޭބަލް ޖަހަން އޮތް ގޮތް

ވަކި ބަޔަކީ "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" އެއް ކަން ކަނޑައަޅަން ކޯޓަށް ހުށަހެޅުމުގެ ބާރު ދީފައިވަނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށެވެ. ޕީޖީން އެ ގޮތަށް ހުށަހެޅެނީ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި އެހެން ވެސް ހެއްކާ އެކު ޕޮލިސް ކޮމިޝަނަަރު ޕީޖީއަށް ހުށަހެޅުމުންނެވެ.

ފުރަތަމަ މަރުހަލާގައި ހުށަހަޅަން ޖެހެނީ ހައި ކޯޓަށެވެ.

ގާނޫނުގައި ބުނާ ގޮތުން ވަކި ޖަމާއަތެއް ނުވަތަ ބަޔަކީ ގޭންގެއް ކަމަށް ކޯޓުން ކަނޑައަޅަން ޖެހެނީ ތިން ކަމެއް މަދަނީ މިންގަނޑުން ސާބިތުވާ ނަމަ އެވެ. އެއީ:

  • ހުށަހެޅުން ނިސްބަތްވާ ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަން

  • އެ ޖަމާއަތަށް ނިސްބަތްވާ ފަރާތްތައް ޖިނާއީ ބޮޑެތި ކުށްކުރުމަށް ރާވަން ނުވަތަ ތައްޔާރުވާން ނުވަތަ އެހީތެރިވާން ނުވަތަ ބައިވެރިވާން މުއާމަލާތްކޮށްފައިވާކަން

  • އާ ގާނޫނުގެ ދަށުން ފިޔަވަޅު ނާޅައިފި ނަމަ އެ ޖަމާއަތަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުވަތަ އަމަންއަމާންކަމަށް ނުރައްކާ ކުރިމަތިކުރުވާނެ ބައެއްކަން

ކޯޓުން ވަކި ބަޔަކީ ގޭންގެއް ގޮތުގައި ކަނޑައެޅުމަށް ފަހު ދެން އޭގެ ނަތީޖާގެ ގޮތުން ކުރަން ޖެހޭ ކަންކަން ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެއީ: 

  • އެ ޖަމާއަތަކީ ގާނޫނުގެ ދަށުން 'އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕެއް'ކަން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ޕީޖީން އެންގުމެއް ޝާއިއުކުރަން ޖެހޭ

  • ދެން އެ ޖަމާއަތަކުން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުނަސް، ގާނޫނުގައި ބަޔާންކުރާ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅިދާނޭ ކަން

  • ކޯޓުގެ ނިންމުން ބާތިލް ނުކުރާހާ ހިނދަކު އެ ނިންމުމެއް ދެ އަހަރު ދުވަހަށް ދެމިއޮވޭ؛ އެ ނިންމުން އާކުރުމުގެ ފުރުސަތު ވެސް އޮވޭ

  • ކޯޓުން ގޮތެއް ކަނޑައަޅާ ފަހުން ޖަމާއަތުގެ ނަން ބަދަލުކުރިއަސް ނުވަތަ ޖަމާއަތް އުވާލިޔަސް ނުވަތަ އެހެން ޖަމާއަތަކަށް ބަދަލުވިއަސް ކޯޓުގެ ނިންމުމަކަށް އަަސަރެއް ނުކުރާނެ

ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ލިބެނީ 21 ދުވަހެވެ. ހުށަހެޅުން ނިސްބަތްވާ ޖަމާއަތަށް ވެސް ހައްގުތަކެއް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • ހުށަހެޅުމަށް ރައްދުދީ، ޕީޖީގެ ހުށަހެޅުން ނަފީވާކަން ސާބިތުވާނެ ހެކި ހުށަހަޅަން ފުރުސަތުދެވޭ

  • ޕީޖީން ހުށަހަޅާ ޝަފައީ ހެކިން ދައްކާ ވާހަކަތައް ކްރޮސްއެގްޒަމިން ކުރުމުގެ ފުރުސަތު ވެސް ލިބިދޭ

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގައި ސިއްރުކުރަން ޖެހޭ އޮޕަރެޓިވްއެއްގެ މައުލޫމާތު ހިމެނޭ ނަމަ އެކަން ކޯޓަށް ހުށަހަޅައިގެން ހެކި ސިއްރުކޮށް ބާއްވާ އަޑުއެހުމަކަށް، ތުހުމަތު ނިސްބަތްވާ މީހާ ނުވަތަ ޖަމާއަތް ހާޒިރު ނުކޮށް ނިންމަން ޖެހެ އެވެ. އެ ގޮތަށް ކޯޓުން ނިންމައިފިއްޔާ ތުހުމަތު ނިސްބަތްވާ ބަޔަކަށް އެ ލިޔުން ނުވެސް ލިބޭނެ އެވެ.

29 ޖެނުއަރީ 2024: ހައި ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގޭންގު މެންބަރުން މޮނިޓާކުރުމުުގެ ބާރު

ގޭންގުގެ ލޭބަލް ކޯޓުން ޖެހުމަށް ފަހު، ދެން ލިބޭ އެންމެ ބޮޑު ބާރަކަށް އޮތީ ގޭންގުގެ ގޮތުގައި ލޭބަލް ޖަހާ ގްރޫޕުގެ މީހުން މޮނިޓާކުރަން އެދި، އެ އަމުރު ކޯޓުން ނެރުމުން މޮނިޓާކުރަން ލިބޭ ބާރެވެ.

ގޭންގުގެ މީހަކު މޮނިޓާކުރުމަށް އޮންނަ އިޖުރާއަތް ވެސް ހިންގަން ޖެހެނީ ގޭންގެއް ކަނޑައެޅުމަށް އެ އޮންނަ އިޖުރާއަތެވެ. ފުރަތަމަ މަރުހަލާގައި ހުށަހަޅަން ޖެހެނީ ހައި ކޯޓަށެވެ. އެފަދަ އަމުރެއް ނެރެދިނުމަށް ހައި ކޯޓަށް ހުށަހެޅުމުގެ ބާރު އޮންނަނީ ޕީޖީއަށެވެ. އަދި ޕީޖީން އެ ގޮތަށް އެދި ހުށަހަޅާނީ، ޕޮލިސް ކޮމިޝަނަރު ހުށަހަޅާ ހެށަހެޅުންތަކުގެ މައްޗަށެވެ.

ގޭންގުގެ މީހަކު މޮނިޓާކުރުމަށް އަމުރު ނެރުމުގައި ކޯޓުން ބަލަން ޖެހޭ ކަންކަމަކީ:

  • އެ މީހަކީ އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ މީހެއްކަން ނުވަތަ އެފަދަ ގްރޫޕަކާ ގުޅުމެއް އޮތް މީހެއް ކަން މަދަނީ މިންގަނޑުން ސާބިތުވުން

  • އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕަކުން ކުރާ ކުށެއްގައި ބައިވެރިވިކަން، ނުވަތަ އެހީތެރިވިކަން، ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދިން ކަން މަދަނީ މިންގަނޑުން ސާބިތުވުން

  • އެ އަމުރު ނެރެނުދީފި ނަމަ އެހެން މީހަކަށް ނުވަތަ ބަޔަކަށް އޭނާ ގެއްލުމެއް ދީފާނެ ކަމުގެ ފުރުސަތު އޮތް ކަން، މަދަނީ މިންގަނޑުން ކޯޓަށް ގަބޫލުކުރެވުން

މިފަދަ އަމުރަކަށް ޕީޖީން އެދޭތާ 24 ގަޑިއިރުގެ ތެރޭގައި ހައި ކޯޓުން ގޮތެއް ނިންމަން ޖެހެ އެވެ. އަދި ތުހުމަތުވާ ފަރާތަށް އަންގައިގެން އަދި އެންގުމަކާ ނުލާ ވެސް، އެ މުއްދަތުގެ ތެރޭގައި ހައި ކޯޓަށް ގޮތެއް ނިންމިދާނެ އެވެ.

މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ ދަށުން އެޅޭނެ ބައެއް ފިޔަވަޅުތަކަކީ:

  • އަމުރު ނިސްބަތްވާ މީހާ އެހެން މީހުންނާ މުއަމާލާތް ކުރެވޭނެ ގޮތްތައް ކަނޑައެޅުން

  • އެ މީހަކު ދެވޭނެ ތަންތަނާއި ވަދެވޭނެ ތަންތަނާއި ބޭނުންކުރެވޭނެ ތަންތަން ކަނޑައެޅުން

  • އޭނާއަށް ބޭނުންކުރެވޭނެ ވަކި ބާވަތުގެ އެއްޗެހިތަކެއް ކަނޑައެޅުން

  • އޭނާއަށް ދަތުރުފަތުރުކުރެވޭނެ ތަންތަނާއި ގޮތްތައް ކަނޑައެޅުން

11 ޑިސެމްބަރު 2024: ފުލުހުން މަގުމަތީގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަންފީޒުކުރަން ދަތިވެދާނެ

މި ގާނޫނުގެ ކުރިން ވެސް ނުރައްކާތެރި ކުށްތައް ހިންގުން ހުއްޓުވުމަށާއި ނުރައްކާތެރި ކުށެއް ހިންގުމުން ބޮޑެތި އަދަބުތައް ވެސް ދެވޭ ގޮތަށް ރާއްޖޭގައި ގާނޫނުތައް ހެދިފައި އެބަ ހުއްޓެވެ.

ކުށުގެ ތުހުމަތުވާ މީހަކު ގޭބަންދުކޮށް ނުވަތަ ރަށު ބަންދުކޮށް މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނުވަތަ މޮނިކޮން އަމުރަކީ އެހެން ބައެއް ގާނޫނުތަކުން ވެސް ދީފައިވާ ބާރެކެވެ.

މިފަހަރު ހަމައެކަނި ތަފާތަކީ ކޯޓުން ގޭންގުގެ ލޭބަލް ޖެހުމަށް ފަހު، އެ ގޭންގަކަށް ނިސްބަތްވާ މީހަކު ވެސް މިފަދައިން މޮނިޓާކުރުމުގެ އަމުރެއް ކުރު މުއްދަތެއްގައި ނެރުމެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ސަމީރު ވިދާޅުވީ މީގެ ކުރިން ވެސް ކުރެވުނު ތަޖުރިބާއަކީ މޮނިކޮން އަމުރު ކޯޓުން ނެރެދިން ނަމަވެސް އެ ކަން ތަންފީޒުނުވުމެވެ. އޭގެ ސަބަބަކަށް ފުލުހުން ބުނަނީ ވަސީލަތް ނެތުން ކަމެވެ.

"މޮނިކޮން އަމުރު ކޯޓުން ދިނަސް ވާ ގޮތަކީ ތަންފީޒެއް ނުވޭ އޭރަކު ވެސް. ފުލުހުން ބުނާ ވާހަކައަކީ ޓެގު މަސައްކަތް ނުކުރަނީއޭ. ވަކި ސަރަހައްދަކުން ދުރަށް ހިނގައްޖެއްޔާ ޓެގު މަސައްކަތް ނުކުރެއޭ. އެއްފަހަރާ ގިނަ ޓެގު ނުބެލެއޭ،" ޑެޕިއުޓީ ޕީޖީކަން ވެސް ކުރެއްވި ސަމީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީގައި ވެސް މަސައްކަތްކުރައްވާފައިވާ މުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ފާހަގަކުރެއްވީ އެ ކަމެވެ. ގާނޫނުތައް ކިތަންމެ ގިނައިން ހެދިއަސް އެ ތަންފީޒުވުން މާ މުހިންމެވެ. މޮނިކޮން އަމުރު ތަންފީޒުކުރުމަކީ އެއް އިރަކު ވެސް ކުރެވުނު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަނގަޅު ގޮތުގައި ބޭނުންކޮށްފިއްޔާ ވަރަށް ރަނގަޅު ގާނޫނީ އޮނިގަނޑެއް މި ފަހަރު ވެސް އެކުލަވާލާފައި ވަނީ. އެކަމަކު ތަންފީޒުކުރެވިދާނެ ހެނެއް ހިއެއްނުވޭ. ފުލުހުންނަށް ލިބިފައި ހުރި ވަސީލަތްތައް ރަނގަޅުކޮށް އެކަން ކުރަން އުޅޭ ތަނެއް ނުފެނޭ. އަމުރެއް ކޯޓުން ދީފާނެ. އެކަމަކު އެ ގޮތަށް މޮނިޓާކޮށް ބެލެހެއްޓިދާނެ ކަމާ މެދު ޝައްކު،" އިމްތިޔާޒު ވިދާޅުވި އެވެ.

11 ނޮވެމްބަރު 2025 - ސިފައިންނާއި ފުލުހުން މާލޭގައި ހިންގި ސަލާމަތީ ކުއްލި އޮޕަރޭޝަންގައި ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއެއް ފާސްކުރާއިރު ބޭރުގައި ފުލުހުން (ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް/ދައުރު)

ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ބިރު

ގޭންގުތައް ހުއްޓުވައި މައިތިރިކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މި ދިނީ ވަރަށް ބޮޑެތި ބާރުތަކެވެ. ފުލުހުންނަށް ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމާއި ތަންތަން ބަލައިފާސްކުރުމުގެ ބާރެވެ. ކޯޓު މެދުވެރިވެގެން ވަކި ބަޔަކީ ގޭންގުގެ ގޮތުގައި ލޭބަލްކުރުމުގެ ބާރެވެ. ގޭންގުގެ ލޭބަލް ޖެހުމަށް ފަހު، އެކިއެކި ފަރުދުން މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ ބާރެވެ.

ނަމަވެސް މިހެން ދޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ބިރު ވެސް އެބަ އޮތެވެ. އެ ބިރު އޮންނަ ސަބަބަކީ މާޒީ އެވެ. މާޒީން ފެންނަ ހަގީގަތަކީ ފުލުހުންނާއި ޝަރުއީ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށް، ތުހުމަތު އުފައްދައިގެން، ހެކި އުފައްދައިގެން ވަކި ބަޔަކަށް އަމާޒުކުރުމެވެ. ރާއްޖޭގެ ސަގާފަތް މިހެން އޮތުމުން މުއައްސަސާތަކަށް އިތުބާރެއް ނެތެވެ.

ކުށެއް ކުރި ކަމަށް ބެލެވޭ އެކަށޭނަ ހެކި ނެތި ތަންތަނަށް ވަދެ، ހެކި އުފެއްދުމާއި އުފައްދާ ހެކިތަކުގެ މައްޗަށް ދޮގު ތުހުމަތު ވުޖޫދުކޮށްގެން މީގެ ކުރިން ވެސް މީހުން ބަންދުކޮށްފައި އެބަ ހުއްޓެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ޓެރަރިޒަމްގެ ގާނޫނުން ގިނަ ދައުވާކުރީ އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށެވެ.

އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރެއްގެ މަގާމުގައި ވެސް ހުންނެވި މަހުފޫޒު މި ގާނޫނު ސިފަކުރެއްވީ ވެސް ސަރުކާރުން ހިތްހަމަނުޖެހޭ ބަޔަކު ކުށްވެރިންނަށް ހަދައި، ނަހަމަ ގޮތުގައި ބަޔަކަށް ގޭންގުގެ ލޭބަލް ޖެހުމަށް ކުރާ ކަމެއް ގޮތަށެވެ.

"އެހެންވީމާ އެއްވެސް ބަޔަކު މި ސަރުކާރާ ދެކޮޅުހަދާ ނަމަ އެއީ ކުށްކުރާ ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ސަރުކާރަށް ލިބިގެންވޭ. މިއީ ސަރުކާރުން ގްރޫޕުތައް ކޮންޓްރޯލްކުރުމަށް ރާވާފައިވާ ރޭވުމެއް،" އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް އިންނަވާ މަހުފޫޒު ލިއުއްވި އެވެ.

އިމްތިޔާޒު ދެކެވަޑައިންނަވާ ގޮތުގައި އެއީ ހައްގު ކަންބޮޑުވުމެކެވެ.

ޖުމްލަ ގޮތެއްގައި ގާނޫނީ އޮނިގަނޑު ފަރުމާކޮށްފައިވަނީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އިންތިޒާމުވެގެން ހިންގާ ކުށްތަކުގެ ފަހަތުގައިވާ ބޮޑެތި ނެޓްވޯކްތައް ހުއްޓުވުމަށް އޮންނަ އޮނިގަނޑުގެ ޒާތަށް ކަމަށް އިމްތިޔާޒު ގަބޫލުކުރައްވަ އެވެ. ނަމަވެސް ގާނޫނު ނަހަމަ ގޮތުގައި ބޭނުން ހިފިދާނެ ބާގަނޑުތައް އޭނާއަށް ވެސް ފާހަގަކުރެއްވެ އެވެ.

"ރަނގަޅު ނިޔަތުގައި ކުރަން އުޅެފިއްޔާ ވަރަށް ރަނގަޅަށް އެ ފްރޭމްވޯކް ފެންނަނީ. ނަމަވެސް މި ބުނާހެން ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަގާފަތެއް ރާއްޖޭގައި މި ފެންނަނީ. އެ ކަންބޮޑުވުން އެބަ ފެނޭ. މުއައްސަސާތަކަށް އިތުބާރެއް ނެތް. ގާނޫނުން އެކި ކަހަލަ ބާގަނޑުތައް ހޯދެން އެބަހުރި،" އިމްތިޔާޒް ވިދާޅުވި އެވެ.

ފުލުހުން ގޯހެއް ހެދިއަސް އެ ކަމަށް ފިޔަވަޅެއް ނޭޅެ އެވެ. ގާނޫނާ ހިލާފަށް މީހަކު ހައްޔަރުކުރިއަސް އެ ކަމެއް ނުބެލެ އެވެ. ފުލުހުން އަނިޔާކުރާ ކަމަށް ބުނާ މައްސަލަތައް ވެސް އެކަށީގެންވާ ގޮތަކަށް ބަލާ ތަނެއް ނުފެނެ އެވެ. އިމްތިޔާޒު ވެސް ފާހަގަކުރެއްވި ގޮތުގައި ފުރަތަަމަ ބޭނުންވަނީ ގާނޫނު ހިންގުމާއި އިތުބާރު ހޯދުމެވެ.

ރަނގަޅު ގާނޫނީ އޮނިގަނޑެއްގެ ބޭނުން ވެސް ރަނގަޅަށް ހިފޭނީ އޭރުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް