މެދުއިރުމަތީގެ ގައުމުތަކަށް ދާން އޮތް ފްލައިޓުތައް ކެންސަލް ވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިން ތޮއްޖެހިފައި: އެމްއޭސީއެލްއިން މިރޭ ޓްރެވަލް އެޑްވައިޒަރީއެއް ވަނީ ނެރެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެމްއޭސީއެލް

ފުރަން ދިއުމުގެ ކުރިން ފްލައިޓުގެ ހާލަތު ބެލުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި

މިއަދު މެންދުރު ފަހުން ފެށިގެން މިރެއާ ހަމައަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މެދުއިރުމަތީ ގައުމުތަކަށް ޝެޑިއުލްކޮށްފައި އޮތް 10 ވަރަކަށް ފްލައިޓު މިހާރު ވަނީ ކެންސަލްކޮށްފައި؛ އެއާ އެކު، ވީއައިއޭގައި ހަވީރުން ފެށިގެން އެތައް ހާސް ފަތުރުވެރިން ތާށިވި

މެދުއިރުމަތީގައި މިއަދު ފެށި ހަމަލާތަކާ ގުޅިގެން ގަލްފުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައި އޮތުމުން، ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްއިން މިރޭ ޓްރަވެލް އެޑްވައިޒަރީއެއް ނެރެފި އެވެ.

ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލް ގުޅިގެން މިއަދު މެންދުރު އީރާނަށް ވަނީ ހަމަލާދީފަ އެވެ. އެއާ އެކު، އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ ބޭސްތަކަށް ބަދަލު ހިފުމުގެ ހަމަލާތައް ދެމުންނެވެ.

އެހެންވެ މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ބަންދުކޮށްފައިވާތީވެ، އެ ތަންތަނަށް ދާ ގިނަ ފްލައިޓުތައް ދަނީ ކެންސަލް ވަމުންނެވެ.

ތަފްސީލު - އެމްއޭސީއެލްއިން މިރޭ ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ވަނީ، މި ކަންތައްތަކާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކަށް ދަތުރު ކުރާ ހުރިހާ ފަސިންޖަރުން ވެސް ވީއައިއޭއަށް ދިއުމުގެ ކުރިން އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންގެ އަޕްޑޭޓްތައް ގާތުން މޮނިޓާ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، އެމްއޭސީއެލްއިން ބައެއް ކަންކަން ކުރުމަށް އިރުޝާދު ދީފައިވެ އެވެ. އެއީ:

  • އެއާޕޯޓަށް ދިއުމުގެ ކުރިން އެ އެއާލައިންގެ ރަސްމީ ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފްލައިޓްގެ ސްޓޭޓަސް ޗެކް ކުރުން

  • އެންމެ ފަހުގެ ގައިޑްލައިން، ރީބުކިން ނުވަތަ ޝެޑިއުލް ބަދަލުކުރުމުގެ މައުލޫމާތު ހޯދުމަށް ޓުއާ އޮޕަރޭޓަރަށް ގުޅުމަށް އެދެން

  • ދަތުރު ކުރަން ޖެހޭ ކަންކަން ހަމަޖެއްސުމަށް އިތުރު ވަގުތު ދިނުން

  • ފްލައިޓްގެ ރިއަލްޓައިމް މައުލޫމާތު fis.com.mv އިން ލިބޭނެ

ފްލައިޓުތައް ކްނެސަލްވުމާ ގުޅިގެން ބައެއް ފަތުރުވެރިން އާ ޓަމިނަލް ތެރޭގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

އޭގެ އިތުރުން، މި އުނދަގޫ ދަނޑިވަޅުގައި މެދުނުކެނޑި ފަސިންޖަރުންނަށް އެމްއޭސީއެލްއިން ހިދުމަތް ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދިނެވެ. އަދި ފަސިންޖަރުންގެ ކެތްތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިއަދު މެންދުރު ފަހުން ފެށިގެން މިރެއާ ހަމައަށް ވީއައިއޭން މެދުއިރުމަތީގެ ގައުމުތަކަށް ޝެޑިއުލްކޮށްފައި އޮތް 10 ވަރަކަށް ފްލައިޓު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

މެންދުރުން ފެށިގެން އިރުއޮއްސުމާ ހަމައަށް އޮތް ފްލައިޓުތައް ކެންސަލްވިކަން އެނގުނީ ފަސިންޖަރުން އެއާޕޯޓަށް ދިޔަ ފަހުންނެވެ. އެހެންވެ އެތައް ހާސް ފަތުރުވެރިންނެއް އިރުއޮއްސުނު ވަގުތު އެއާޕޯޓުގައި ތޮއްޖެހުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް