އީރާނުގެ ލީޑަރު ހާމަނާއީ. (ފޮޓޯ/ރޮއިޓާސް)
އީރާންގެ އިސް ލީޑަރު ހާމަނާއީ އަވަހާރަކޮށްލައިފި
ހާމަނާއީ އަވަހާރަވިކަން އީރާނުން ޔަގީންކޮށްދީފި
އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާމަނާއީ އަވަހާރަވިއިރު ހުންނެވީ އޭނާގެ ރަސްމީ އޮފީހުގައި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގަ އެވެ.
ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގަ އެވެ.
މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން އިރާނުގައި 40 ދުވަހުގެ ރަސްމީ ހިތާމަފާޅުކުރުން އިއުލާންކޮށްފައިވާ ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
އީރާނުގެ އިސް ބައެއް އޮފިޝަލުން އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލު ސިފައިންގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ސިފައިންގެ ތަރުޖަމާނު އެފީ ޑެފްރިން ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، މިއަދު އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ އިސް ބައެއް އޮފިޝަލުން އަވަހާރަކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އީރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާދީފައިވާ ކަމަށާއި، ހާއްސަކޮށް މިސައިލް އުދުއްސާލާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާނީ ކިހާ ދުވަހަކަށްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، ޑެފްރިން އެކަމާ ގުޅޭ ގޮތުން ވަކި މުއްދަތެއް ހާމަކޮށްފައެއް ނުވެ އެވެ.
އީރާންގެ އިސް ލީޑަރު ހާމަނާއީ ވަނީ އަވަހާރަކޮށްލާފައި: އިޒްރޭލު
ރޮއިޓާސް ނިއުސް އެޖެންސީ އާއި ފޮކްސް ނިއުސް އަދި އިޒްރޭލުގެ މީޑިއާތަކުން، އިޒްރޭލުގެ އިސް އޮފިޝަލުންނާ ހަވާލާދީ ދެންމެއަކު ބުނި ގޮތުގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ.
ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި، ހާމަނާއީ އަވަހާރަވެއްޖެ ކަމަށް ބުނެ އިޒްރޭލުން ފަތުރަމުންދާ ހަބަރުތަކާ ގުޅިގެން، އީރާނުގެ އެންމެ މަތީ ވެރިޔާގެ އޮފީހުގެ ޕަބްލިކް ރިލޭޝަންސްގެ އިސްވެރިޔާ ވަނީ މިއީ ގައުމުގެ ދުޝްމަނުން ހިންގާ "ނަފްސާނީ ހަނގުރާމައެއް" ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އީރާނުގެ ތަސްނީމް އަދި މެހެރު ނިއުސް އެޖެންސީން ރިޕޯޓުކުރާ ގޮތުގައި، އެ ގައުމުގެ އެންމެ މަތީ ވެރިޔާ ހާމަނާއީ ހުންނެވީ ވަރަށް ސާބިތުކަމާ އެކު ގައުމުގެ ކަންކަމަށް އިރުޝާދު ދެއްވުމުގަ އެވެ.
އީރާނުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކަށް ފަހު، މަސްރަހު ފިނިކޮށް ހަމައަކަށް އެޅުވުމަށްޓަކައި ގިނަ ފުރުސަތުތަކެއް ނުވަތަ ގޮތްތަކެއް އެބަހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
'އެކްސިއޯސް'އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މުޅި ސަރަހައްދު އެއްކޮށް އެމެރިކާގެ ބާރުގެ ދަށަށް ގެންދަންދެން މި ހަމަލާތައް ދިގުދަންމާލުމުގެ އިހްތިޔާރު ނުވަތަ ދެތިން ދުވަހުގެ ތެރޭގައި ހަމަލާތައް ނިންމާލުމުގެ އިހްތިޔާރު ވެސް އެބައޮތް ކަމަށެވެ. އަދި އީރާނުން އަލުން އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ކުރިއަށްގެންދަން ފަށައިފި ނަމަ، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އަނެއްކާވެސް "ބައްދަލުވާނެ" ކަމަށް ބުނެ އީރާނަށް އިންޒާރު ދެއްވާފައިވެ އެވެ.
މިއީ އިއްޔެ ހެނދުނު ދިން ހަމަލާތަކަށް ފަހު، މި އޮޕަރޭޝަނާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، ހަމަލާ ދިނުމަށް އަމުރު ކުރެއްވީ މި ހަފުތާގައި ނިއުކްލިއާ ވާހަކަތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އެންމެ ފަހުގެ ނިންމުމެއްގެ ގޮތުންނެވެ.
ފަސް މިނެޓު ވަންދެން ފޯނުން ވާހަކަދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުން އެއްބަސްވުމަކާ ގާތްވުމަށް ފަހު، އަނެއްކާވެސް ފަހަތަށް ޖެހެނީ ކަމަށެވެ.
"އޭގެއިން އަހަރެންނަށް ދޭހަވީ އީރާނުން ހަގީގަތުގައި އެއްބަސްވުމަކަށް އަންނަން ބޭނުން ނުވާކަން،" ޓްރަމްޕް ވިދާޅުވި އެވެ.
ހާމަނާއީގެ ކޮމްޕައުންޑް ހަލާކުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެންމެއަކު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ޓީވީ މެދުވެރިކޮށް ހިތޯބެއް ދެއްވާފަ އެވެ. އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
-
މެދުއިރުމަތި ބަދަލުކޮށްލާނެ ކަމަށް އޭނާ ކުރިން ވެފައިވާ ވައުދާ އެއްގޮތަށް، މިހާރު ކުރިއަށްދާ އަސްކަރީ ހަރަކާތްތަކުން އެކަން ހާސިލުކުރަމުންދާ ކަމަށް ވިދާޅުވި
-
މިއަދު އީރާނަށް ދިން ހަމަލާތަކުގައި، އެ ގައުމުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ހާމަނާއީގެ ކޮމްޕައުންޑް ހަލާކުކޮށްލާފައިވާ ކަމަށާއި، ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރުންނާއި ނިއުކްލިއާ ދާއިރާގެ އިސް އޮފިޝަލުން މަރާލާފައިވާ ކަމަށް އޭނާ ވިދާޅުވި
-
އީރާނުގެ ރައްޔިތުންނާ މުހާތަބުކޮށް، އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ބާރުއެޅުއްވި
ފަލަސްތީނުގެ ސަރަހައްދުތަކުގައި އިޒްރޭލު ސަރުކާރުގެ ހަރަކާތްތައް ކޯޑިނޭޓްކުރުމާ ހަވާލުވެފައިވާ އިދާރާއިން ދެންމެއަކު ބުނި ގޮތުގައި، އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ގާޒާ އާއި ރަފަހް ބޯޑަރު ހިމެނޭހެން އެ ސަރަހައްދަށް ވަދެނިކުމެވާ ހުރިހާ ދޮރުތަކެއް ވަކި ގޮތެއް އަންގަންދެން ބަންދުކުރުން ހިމެނެ އެވެ.
އެ އިދާރާއިން ބުނި ގޮތުގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް މިވަގުތަށް ވަނީ ފަސްކޮށްފަ އެވެ. އަދި ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ގާޒާގެ އިންސާނީ ހާލަތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފަ އެވެ.
ނަމަވެސް، އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާއަށް ފަހު ވެސް، ގާޒާއަށް ވަދެފައިވާ އެހީގެ މިންވަރު ހުރީ އުންމީދުކުރި ވަރަށް ވުރެ ދަށުގަ އެވެ. މީގެ އިތުރުން، އަވަސް ފަރުވާއަށް ގައުމުން ބޭރަށް ގެންދަންޖެހިފައިވާ އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް މިހާރު ވެސް ތިބީ އެ ފުރުސަތަށް އިންތިޒާރުކޮށް، ވަރަށް ދަތި ހާލަތެއްގަ އެވެ.
ވަކި ގޮތެއް އަންގަންދެން، ގަތަރުގެ ހޮޓާތަކާއި ފަތުރުވެރިކަމާ ގުޅޭ މަންޒިލްތަކުގައި ބާއްވާ އާންމު ހުރިހާ ހަރަކާތްތަކާއި އެއްވުންތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް މެދުކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، ބަރަކާތްތެރި ރޯދަ މަހާ ދިމާކޮށް ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން އާންމުންނަށް އަމާޒުކޮށްގެން ހޮޓާތަކާއި ފަތުރުވެރިކަމުގެ މަންޒިލްތަކުގައި ބާއްވަމުން އައި ރޯދަވީއްލުންތަކުގެ ހަރަކާތްތައް ވެސް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ބަދަލުހިފުމުގެ ގޮތުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ވަނީ ފަށާފަ އެވެ. މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ތަންތަނަށާއި އެމެރިކާގެ ބައިވެރި ގައުމުތަކަށެވެ. އެގޮތުން:
-
ޔޫއޭއީގެ ދުބާއީގައި ހުންނަ 'ފެއާމައުންޓް ދަ ޕާމް' ހޮޓަލުގައި ގޮވުމެއް ހިނގާފައިވޭ؛ ދުބާއީގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ޕާމް ޖުމެއިރާ ސަރަހައްދުގައި ހިނގި މި ހާދިސާގައި ހަތަރު މީހަކަށް ވަނީ އަނިޔާވެފަައި
-
އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކުގެ އާ ރާޅެއް އެ ގައުމުގެ ދިފާއީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށް ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައި
-
ގަތަރުގެ ދޯހާގައި ހުންނަ، އެ ސަރަހައްދުގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ 'އަލް އުދައިދު' އެއާބޭސްއަށް އަމާޒުކޮށް ވެސް ހަމަލާތަކެއް ދީފައިވޭ
-
ބަހްރޭންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަކަށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވޭ
-
ކުވެއިތުގެ ބައިނަލްއަގުވާމީ އެއާޕޯޓަށް އަމާޒުކޮށްދިން ޑްރޯން ހަމަލާއެއްގައި ބައެއް މުވައްޒަފުންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބި، އެއާޕޯޓުގެ ޓާމިނަލަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ނިއުސް އެޖެންސީން ބުނޭ
-
އިރާގުގެ އަރުބީލް ކައިރީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް އެމެރިކާގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައި
-
އިޒްރޭލާ އިންވެގެން އޮންނަ އުރުދުންއިން ބުނި ގޮތުގައި، އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އީރާނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ވައްޓާލާފައި
ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް، ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީއާ ފޯނުން ގުޅުއްވައި، އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާފާނެ ފަދަ ކޮންމެ އަސްކަރީ ހަރަކާތެއް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާ އާއި އިޒްރޭލު އަދި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތައް، އދ.ގެ ޗާޓަރާއި ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ މުއާހަދާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުކުރުމަށްޓަކައި، ސިޔާސީ އަދި ޑިޕްލޮމެޓިކް މަޝްވަރާތަކަށް އަވަސް ފުރުސަތެއްގައި ރުޖޫއަވާން ޖެހޭ ކަމާ މެދު ދެ ބޭފުޅުންގެ މެދުގައި އިއްތިފާގުވެވިފައިވާ ކަމަށެވެ.
އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ގަލްފުގެ ސަރަހައްދާ ދުރުގައި ތިބުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓޭޝަނުން އިލްތިމާސްކޮށްފި އެވެ.
އެ އިދާރާގެ މެރިޓައިމް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޯރްމޫޒް ކަނޑުއޮޅި، ގަލްފު ސަރަހައްދު، އޮމާން ކަނޑު އަދި އަރަބި ކަނޑުގައި ބޮޑެތި އަސްކަރީ ހަރަކާތްތަކެއް ހިނގަމުންދާތީ، ވީ ވަރަކުން އެ ސަރަހައްދުތަކުން ދަތުރު ނުކުރުމަށް ލަފާދޭ ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ ދިދަ ޖަހާފައިވާ، އެމެރިކާގެ ކުންފުނިތަކުގެ މިލްކުވެރިކަމުގައިވާ ނުވަތަ އެމެރިކާގެ ފަޅުވެރިން ތިބޭ އުޅަނދުފަހަރު، އެމެރިކާގެ އަސްކަރީ މަނަވަރުތަކާ މަދުވެގެން 30 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 56 ކިލޯމީޓަރު) ދުރުގައި ތިބުމަށް ވަނީ އަންގާފަ އެވެ. މިއީ އެފަދަ އުޅަނދުތަކަކީ ނުރައްކަލެއް ކަމަށް ބަލައި އޮޅުމަކުން ހަމަލާއެއް ދެވިދާނެތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން އަންގާފައިވާ އެންގުމެކެވެ.
ގަތަރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަން ކުރިން ހާމަކޮށްފަ އެވެ.
'އުދުވާން މުޅިން ހުއްޓާލަންދެން ހަމަލާތައް ކުރިއަށް ގެންދާނަން'
އުދުވާނީ އަމަލުތައް މުޅިން ހުއްޓާލަންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް އީރާނުން އދ.އަށް އަންގައިފި އެވެ.
އދ.އަށް ފޮނުވި ސިޓީއެއްގައި އީރާނުން ބުނެފައިވަނީ، އެ ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ ހުރިހާ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކާއި މިލްކިއްޔާތުތަކަކީ ހަމަލާދެވިދާނެ އަސްކަރީ އަމާޒުތަކެއް ކަމަށެވެ.
މީގެ އިތުރުން، ކުރިމަތިވަމުންދާ އުދުވާނީ ހަރަކާތްތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް މުޅިން ހުއްޓާލަންދެން، އަމިއްލަ ގައުމުގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގުގެ ބޭނުން ހިފަމުން ގެންދާނެ ކަމަށް ވެސް އެ ސިޓީގައި އީރާނުން ބަޔާންކޮށްފައިވެ އެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި
ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށާއި، ނަމަވެސް އެކަން އަދި ކަށަވަރު ނުކުރެވޭ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ހާމަކުރި ގޮތުގައި، ގަލްފު ސަރަހައްދުގައި ދަތުރުކުރަމުންދާ އުޅަނދުފަހަރުތަކަށް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިކަމުގެ މެސެޖުތަކެއް ލިބިފައިވާ ކަމުގެ ގިނަ ރިޕޯޓްތަކެއް އެ އެޖެންސީއަށް ވަނީ ލިބިފަ އެވެ. ނަމަވެސް، އެއީ ސައްހަ މައުލޫމާތެއްކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަމާ ގުޅޭ ގޮތުން އީރާނުގެ ފަރާތުން އަދި އެއްވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ތެޔޮ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ އެންމެ މުހިންމު މަގެވެ. މިއީ ސައޫދީ އަރަބިއްޔާ، އީރާން، އިރާގު އަދި ޔޫއޭއީ ފަދަ ގަލްފުގެ ބޮޑެތި ތެޔޮ އުފައްދާ ގައުމުތަކާއި އޮމާން ކަނޑާއި އަރަބި ކަނޑު ގުޅުވައިދޭ މައި ސަރަހައްދެވެ.
އީރާނުގެ ސްކޫލަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 85އަށް
އީރާނުގެ ދެކުނު ޕްރޮވިންސެއް ކަމަށްވާ ހޯރްމުޒްގާންގެ މީނާބް ސިޓީގައި ހުންނަ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 85އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފި އެވެ.
މެދުއިރުމަތީގައި މިއަދު ފެށި ހަމަލާތަކާ ގުޅިގެން ގަލްފުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައި އޮތުމުން، ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްއިން މިރޭ ޓްރަވެލް އެޑްވައިޒަރީއެއް ނެރެފި އެވެ.
ކުވައިތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީ، ކޫނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ އެވެ. މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ ޓާމިނަލަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާއިރު، ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އިދާރާގެ ތަރުޖަމާނު އަބްދުﷲ އަލް-ރާޖީ ވިދާޅުވީ، ހާދިސާ ހިނގުމާ އެކު ކަމާ ބެހޭ ފަރާތްތަކުން ކުއްލި ހާލަތުގައި އަމަލުކުރާނެ އުސޫލުތައް ވަގުތުން ތަންފީޒުކޮށް، އެ ސަރަހައްދު ރައްކާތެރިކޮށްފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މަސްރަހު މިހާރު އޮތީ ކޮންޓްރޯލްގެ ދަށުގަ އެވެ. އަދި ފަސިންޖަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ އިދާރާއިން އެންމެ އިސްކަންދޭ ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހަމަލާ ދިނީ ކޮން ފަރާތަކުންކަން ކުވައިތުގެ ކަމާ ބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ދަނީ އެ ސަރަހައްދުގެ އެކި އަމާޒުތަކަށް ހަމަލާދެމުންނެވެ.
އީރާނުގެ ދައުލަތުގެ ޓީވީއާ ހަވާލާދީ އޭއެފްޕީ ނޫސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އާ މިސައިލް ހަމަލާތަކެއް ދޭން ފަށާފައިވާކަން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ)ން ވަނީ ދެންމެ އިއުލާންކޮށްފަ އެވެ.
އީރާނުގެ އިސްވެރިންތަކެއް ވަނީ މަރުވެފައި: އިޒްރޭލު
މިއަދު ދިން ހަމަލާތަކުގައި އީރާނުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން "ނައްތާލެވިފައިވާ" ކަމަށް އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކު ހާމަކުރައްވައިފި އެވެ.
އެ އޮފިޝަލް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގެ ތެރޭގައި އީރާނު ސަރުކާރުގެ އިސްވެރިން އެއްވެ ތިބި ތިން ސަރަހައްދަކަށް އެއްވަގުތެއްގައި ވަނީ ހަމަލާދީފަ އެވެ. އަދި ހަމަލާދޭނެ މުހިންމު އަމާޒުތަކުގެ ފުޅާ ލިސްޓެއް ތައްޔާރުކުރުމުގައި އިޒްރޭލުގެ އަސްކަރިއްޔާއިން އެމެރިކާގެ އަސްކަރިއްޔާއާ ގާތުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި އީރާނަށް ހަމަލާދިނުމަށް އިޒްރޭލުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އީރާނުގެ ބޮޑު ބަޔަކުން އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެންބީސީ ނިއުސްއަށް އިންޓަވިއުއެއް ދެއްވައިފި އެވެ.
އަރަގްޗީ ވިދާޅުވި ގޮތުގައި އީރާނުގެ "އެއް ނުވަތަ ދެ ކޮމާންޑަރުން" މަރުވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭނާއަށް އެނގިފައިވާ މިންވަރަށް ބަލާއިރު، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ހުންނެވީ "ހެޔޮ ހާލުގައި" ދުނިޔޭގަ އެވެ.
އީރާނުގެ ރައީސާއި އަސްކަރިއްޔާގެ ކޮމާންޑަ-އިން-ޗީފް ހިމެނޭހެން، އެ ގައުމުގެ އިސް ބައެއް އޮފިޝަލުންނާއި ކޮމާންޑަރުން މަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އީރާނުގެ މީޑިއާތަކުން މިހާތަނަށް ވަނީ ދޮގުކޮށްފަ އެވެ.
އަރަގްޗީ ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލައިފި ނަމަ، މަޝްވަރާ ކުރުމަށާއި ހަމަނުޖެހުންތައް ކުޑަކުރުމަށް އީރާނުން ޝައުގުވެރިވާ ކަމަށެވެ.
މިވަގުތު އެއްވެސް މުއާމަލާތެއް ކުރިއަށް ނުދާކަން ފާހަގަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، "އެމެރިކާ މީހުން އަހަރެމެންނާ ވާހަކަދައްކަން ބޭނުންވާ ނަމަ، އަޅުގަނޑާ ގުޅޭނެ ގޮތް އެ މީހުންނަށް އެނގޭނެ" ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މައްސަލައިގައި އަލުން މަޝްވަރާތައް ފަށާފައިވާއިރު، އެންމެ ފަހުގެ ބައްދަލުވުން ބާއްވާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދެމުންދާކަން ކަށަވަރުކޮށްދެއްވަމުން، އަރަގްޗީ އެކަން ސިފަކުރެއްވީ އަމިއްލަ ދިފާއުގައި ކުރާ ކަމެއްގެ ގޮތުގަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް، މިރޭ ނިއު ޔޯކުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
މި ބައްދަލުވުން ބޭއްވުމަށް އެދި ހުށަހަޅާފައިވަނީ ބަހްރޭން، ކޮލަމްބިއާ، ޗައިނާ، ރަޝިޔާ އަދި ފްރާންސް އިންނެވެ.
މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަސްކަރީ ހަރަކާތްތައް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ކުށްވެރިކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހަ އާއި ސަލާމަތަށް ބުރޫއަރާ ކަމަށެވެ. އަދި ހަނގުރާމައިގެ އެންމެހައި އަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން އަވަށްޓެރި ގައުމުތަކަށް ދިން ހަމަލާތައް އިނގިރޭސިވިލާތާއި ޖަރުމަނާއި ފްރާންސުން ކުށްވެރިކޮށްފި އެވެ.
އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާއި ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން އަދި ޖަރުމަނުގެ ޗާންސެލަރު ފްރިޑްރިކް މާޒްއާ އެކު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި އެ ބޭފުޅުން ވިދާޅުވީ، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމަށާއި ބެލިސްޓިކް މިސައިލް އުފެއްދުން މަދުކުރުމަށާއި ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ހިންގާ ހަރަކާތްތައް ހުއްޓާލުމަށް ފްރާންސާއި ޖަރުމަނާއި އިނގިރޭސިވިލާތުން މެދުނުކެނޑި ބާރުއަޅަމުންދާ ކަމަށެވެ. އަދި އެ ގައުމުގެ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާއި ފިއްތުންތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.
"މި ހަމަލާތަކުގައި އަޅުގަނޑުމެން ބައިވެރިވެފައި ނުވި ނަމަވެސް، އެމެރިކާ އާއި އިޒްރޭލު އަދި ސަރަހައްދީ ބައިވެރިން ހިމެނޭހެން ބައިނަލްއަގްވާމީ އެކުވެރިންނާ ގާތުން މުއާމަލާތް ކުރަމުންދަމެވެ. ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އަޅުގަނޑުމެން ދޭ އިސްކަން މި ފުރުސަތުގައި ވެސް ތަކުރާރުކުރަމެވެ،" ބަޔާނުގައިވެ އެވެ.
"ސަރަހައްދީ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަމާޒެއްނެތި ދޭ އަސްކަރީ ހަމަލާތަކުން އީރާން ދުރުހެލިވާންޖެހެ އެވެ. އަދި މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދުމަށް އީރާނުގެ ވެރިންނަށް އިލްތިމާސްކުރަމެވެ. އެންމެ ފަހުން، އީރާނުގެ ރައްޔިތުންގެ މުސްތަގްބަލު ކަނޑައެޅުމުގެ ފުރުސަތު އެ ރައްޔިތުންނަށް ލިބިދޭންޖެހޭނެ އެވެ."
އީރާނުގެ ވެރިންނަށް ގެއްލުމެއް ނުލިބޭ
އެމެރިކާ އާއި އިޒްރޭލުން މިއަދު އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ގައުމުގެ ސިޔާސީ އިސްވެރިންނާއި އަސްކަރިއްޔާގެ ވެރިޔާ އަވަހާރަވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އީރާނުގެ ދައުލަތުގެ މީޑިއާއިން ދޮގުކޮށްފި އެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސަލާމަތުން ހުންނެވި ކަމަށް އޭނާގެ ނައިބު މުހައްމަދު ޖައުފަރު ގާއިމްޕަނާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މީގެ އިތުރުން، ރައީސްގެ ދަރިކަލުން ޔޫސުފް ޕެޒެޝްކިއަން ޓެލެގްރާމްގައި ވިދާޅުވީ، މިފަހަރު ދޭން އުޅުނު ހަމަލާތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.
އީރާނު އަސްކަރިއްޔާގެ ކޮމާންޑަރު، މޭޖާ ޖެނެރަލް އަމީރު ހާތަމީ އަވަހާރަވި ކަމަށް ދެކެވޭ ވާހަކަތައް ވެސް އަސްކަރިއްޔާއިން ވަނީ ދޮގުކޮށްފަ އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލާރީޖާނީއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފާރްސް ނިއުސް އެޖެންސީން ރިޕޯޓުކުރެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، ތެހެރާނަށް ދިން މި ހަމަލާތަކަކީ އީރާނުގެ ސިޔާސީ އަދި ސަލާމަތީ އިސްވެރިން އެއްވެ ތިއްބެވި ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ.
ސައުދީ އޮތީ ޔޫއޭއީ އެކު: ސައުދީ ވަލީއަހުދު
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އާލް ނަހްޔާނަށް ފޯނުން ގުޅުއްވައި އީރާނުން ދިން ހަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމިރޭޓްސްގެ ރަސްމީ ނިއުސް އެޖެންސީ، ވާމް އިން ރިޕޯޓްކޮށްފި އެވެ.
އެ އެޖެންސީން ބުނި ގޮތުގައި، މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި ޔޫއޭއީގެ ސަރަޙައްދުތަކަށާއި އެހެނިހެން އަވަށްޓެރި އަރަބި ގައުމުތަކަށް އަމާޒުކޮށް އީރާނުން ދީފައިވާ ހަމަލާތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.
ސައުދީ ވަލީއަހުދު ވަނީ އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ސައުދީ އޮތީ ޔޫއޭއީއާ އެކު ފުރިހަމައަށް ސާބިތުވެ ކަމަށާއި، އެ ގައުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފަ އެވެ. އަދި ޔޫއޭއީން އަޅާ ކޮންމެ ފިޔަވަޅެއްގައި ސައުދީގެ ހުރިހާ ވަސީލަތްތަކާއި ގާބިލުކަން ޔޫއޭއީގެ ހިދުމަތުގައި ބޭނުންކުރުމަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ވެސް ވަލީއަހުދު އެރުވި އެވެ.
އީރާނުން ދީފާނެ މިސައިލް އަދި ޑްރޯން ހަމަލާތަކަކަށް ސަމާލުވުމަށް އިންޒާރުދީ، އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފަ އެވެ.
މި ނިންމުމާ ގުޅިގެން އެ ގައުމުގައި އާންމުން އެއްވެ އުޅުން މަނާކޮށް، ތައުލީމީ މުއައްސަސާތަކާއި މަސައްކަތްކުރާ ތަންތަން ބަންދުކުރުމުގެ އިތުރުން، ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ބަލިމީހުން ރައްކާތެރި ބިންގަރާސްތަކަށް ވަނީ ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން، ސަލާމަތީ ބާރުތަކާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނިކުމެ ނުދިއުމަށް އެ ގައުމުގެ ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާއި އޭގެ ރައްދުގައި އީރާނުން ދިން ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ވަނީ އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރައްވާފަ އެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ފޮން ޑަ ލޭޔަން ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ "ލޭއޮހޮރުވުން ބޮޑު ނިޒާމާ" ދެކޮޅަށް ޔޫރަޕްގެ އިއްތިހާދުން ވަނީ ގިނަގުނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރުމަށާއި އާންމު ރައްޔިތުން ރައްކާތެރިކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް އޭނާ ގޮވާލެއްވި އެވެ.
އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ އޮފީހުން ވަނީ އީރާނުގެ އާންމު ރައްޔިތުންނާ އެކު ސާބިތުވެ ތިބިކަން ހާމަކޮށް، އެ ގައުމުގެ މަދަނީ އަދި ސިޔާސީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. މީގެ އިތުރުން، މަސްރަހު ފިނިކުރުމަށްޓަކައި އެކުވެރި ގައުމުތަކާއި ސަރަހައްދީ ލީޑަރުންނާ އެކު ބޮޑުވަޒީރު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ވިދާޅުވީ، އަނިޔާވެރިކަމާ ދެކޮޅަށް އީރާނުގެ ހިތްވަރުގަދަ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި އޮސްޓްރޭލިއާ އޮތީ އެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާ އާއި އިޒްރޭލުގެ އަމަލުތަކަކީ ޒިންމާދާރުކަން ކުޑަ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ. އަދި ސިޔާސީ އަދި ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށް ރަޝިޔާއިން ވަނީ ގޮވާލާފަ އެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، މި މައްސަލަ އިތުރަށް ގޯސްވެ ސަރަހައްދީ ފުޅާ ހަނގުރާމައަކަށް ބަދަލުވާން ބޭނުންނުވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހިމެނޭ ބޮޑު ހަމަލާއެއްގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.
މީގެ އިތުރުން، ބަހްރޭނުގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒަށް މިސައިލް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުން ބުނާއިރު، ގަތަރަށް އަމާޒުވި މިސައިލެއް އެ ގައުމުގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފަ އެވެ. ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ވެސް ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މި ހަމަަނުޖެހުންތަކާ ގުޅިގެން ސަރަހައްދުގެ ގައުމުތަކުން މިހާރު ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން އެ ގައުމުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މި ހާދިސާތަކާ ގުޅިގެން އީރާނު ސަރުކާރުން އަދި ރަސްމީ ސިފައެއްގައި ބަހެއް ބުނެފައި ނުވި ނަމަވެސް، އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުންނެވީ ސަލާމަތުން ކަމަށެވެ.
Explosions hit Jufair, Bahrain, home to the US Fifth Fleet headquarters. pic.twitter.com/YjXTCeykOY
— Josep Goded (@josepgoded) February 28, 2026
އިޒްރޭލުގެ ހަމަލާތައް އީރާނުގެ ހުޅަނގަށް
އީރާނުގެ ހުޅަނގުގައިވާ އުރުމިއާ ސިޓީގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ.
އީރާނުގެ ހުޅަނގު ސަރަހައްދުތަކަށް ހަމަލާދޭން ފަށާފައިވާ ކަމަށް އިޒްރޭލުގެ ސިފައިން ހާމަކުރިތާ މާ ގިނަ އިރުތަކެއް ނުވެ، އުރުމިއާ ސިޓީގައި ގޮވުންތަކެއް ހިނގަމުންދާ ކަމުގެ ހަބަރުތައް ވަނީ ލިބެން ފަށާފަ އެވެ.
މީގެ އިތުރުން، އިޒްރޭލުގެ އަސްކަރީ ތަރުޖަމާނަކު ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކާއި ކައިރީގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އިންޒާރު ދީފަ އެވެ.
ގަތަރަށް އަމާޒުކުރި އީރާނުގެ މިސައިލްތަކެއް ހުއްޓުވައިފި
އެމެރިކާގެ މައި އަސްކަރީ މަރުކަޒެއް އޮންނަ ގަތަރަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލްތަކެއް ހުއްޓުވާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، އެ ގައުމުގެ ސަރަހައްދަށް އަމާޒުކޮށް ދޭން އުޅުނު ސިލްސިލާ ހަމަލާތަކެއް ވަނީ ކާމިޔާބުކަމާ އެކު ދިފާއުކޮށް، ނާކާމިޔާބުކޮށްލާފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނުރައްކާ ދެނެގަނެވުމާ އެކު، ކުރިން ކަނޑައެޅިފައިވާ ސަލާމަތީ އިޖުރާއަތްތަކާ އެއްގޮތަށް ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ހުރިހާ މިސައިލެއް ގަތަރުގެ ސަރަހައްދަށް ވަނުމުގެ ކުރިން ވައިގެ ތެރޭގައި ހުއްޓުވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ކަށަވަރުކޮށްދެ އެވެ.
އަސްކަރިއްޔާ ތައްޔާރު؛ އެމެރިކާ-އިޒްރޭލު ހިތާމަކުރާނެ: އީރާން
އީރާނުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި ހަމަލާދޭ ފަރާތްތަކުން އެ މީހުންގެ އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މިއަދު ހެނދުނު އިޒްރޭލުން ދިން ހަމަލާތަކަކީ އެ ގައުމުގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި މިނިވަންކަމަށް އަރައިގަތުމުގެ އަމަލެކެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުގެ ދިފާއީ ވަސީލަތްތަކަށާއި އެކި ސިޓީތަކުގައި ހުރި އާންމު ތަންތަނަށް ކަމަށް އެ މިނިސްޓްރީން ފާހަގަކުރި އެވެ.
"އެމެރިކާ އާއި ޒަޔަނިސްޓު ދައުލަތުން އީރާނާ ދެކޮޅަށް ތަކުރާރުކޮށް ހިންގަމުންދާ އަސްކަރީ އުދުވާނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. އީރާނުން މި އަމަލު ބަލައިގަންނަނީ ބައިނަލްއަގުވާމީ ސުލްހައާއި އަމާންކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގަ އެވެ. އަދި މީގެ ބަދަލު ހިފުމުގެ ގާނޫނީ ހައްގު އީރާނަށް ފުރިހަމައަށް ލިބިގެންވާކަން ފާހަގަކުރަމެވެ،" އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އީރާނަކީ އަބަދު ވެސް ސަރަހައްދީ ހަމަޖެހުމަށް އިސްކަންދީ، ކަންކަން ގޯސްވިޔަނުދިނުމަށް ކެތްތެރިކަން އިސްކުރާ ގައުމެއް ކަމަށެވެ. ނަމަވެސް، ގައުމު ދިފާއުކުރުމަށް އީރާނުގެ އަސްކަރިއްޔާ މިހާރު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، އިސްވެ ހަމަލާދިން ފަރާތްތަކުން އެކަމާ ހިތާމަކުރާވަރުގެ ރައްދެއް ދޭނެ ކަމަށް ބުނެފައިވެ އެވެ.
އެމެރިކާ އާއި އިޒްރޭލުން ދިން މި ހަމަލާތަކަކީ އަސްކަރީ އުދުވާނެއްގެ ސާފު މިސާލެއް ކަމަށް ސިފަކޮށް، އަމިއްލަ ދިފާއުގައި ހަމަލާ ދިނުމަށް އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާއިން ލިބިދޭ ހައްގުގެ ބޭނުން ހިފާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ތާރީހުން ފެންނަން އޮތް ހަގީގަތަކީ އީރާނުގެ ރައްޔިތުންނަކީ ދުވަހަކު ވެސް އުދުވާނަކަށް ބޯލެނބި ބައެއް ނޫން ކަމެވެ. މި ފަހަރު ވެސް އީރާނުގެ ރައްދުވާނީ ވަރަށް ވަރުގަދަ ރައްދަކަށެވެ. އަދި ހަމަލާދިން ފަރާތްތަކުން އެ މީހުންގެ އުދުވާނީ އަމަލުތަކާ މެދު ހިތާމަކުރާނެ އެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
މި ހާދިސާތަކާ ގުޅިގެން ގަތަރު، ކުވައިތު އަދި ޔޫއޭއީން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ ގިނަ ފްލައިޓްތަކެއްގެ ދަތުރުތައް މެދުކަނޑާލައި ބައެއް ގައުމުތަކުގެ ވައިގެ ސަރަޙައްދުތައް ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން:
-
ވިޒް އެއާ އިން ވަނީ އިޒްރޭލު، ޔޫއޭއީގެ ދުބާއީ އާއި އަބޫދާބީ، އަދި އުރުދުންގެ އައްމާނަށް ކުރާ ހުރިހާ ދަތުރުތަކެއް އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ވަގުތުން ހުއްޓާލާފައި
-
ލުފްތަންސާ އެއާލައިނުން މިއަދާއި މާދަމ ދުބާއީ، ތެލް އަވީވް، ލުބުނާނުގެ ބައިރޫތު އަދި އޮމާންގެ މަސްކަޓަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ވަނީ މެދުކަނޑާލާފައި
-
ކޭއެލްއެމް އިން ވަނީ އެމްސްޓަޑަމް އިން ތެލް އަވީވްއަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައި
-
އޮމާން އެއާ އިން އިރާގުގެ ވެރިރަށަށް ކުރާ ހުރިހާ ދަތުރުތަކެއް ވަނީ މެދުކަނޑާލާފައި
-
ރަޝިޔާއިން އީރާނާއި އިޒްރޭލަށް ކުރާ ހުރިހާ ދަތުރުތަކެއް ވަނީ މެދުކަނޑާލާފައި
-
ކުވައިތުން ވަނީ ވަކި ގޮތެއް އަންގަންދެން އީރާނަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލާފައި
އިރާގުން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް، އެ ގައުމަށް ވަންނަ އަދި ބޭރުވާ ހުރިހާ ދަތުރުތަކެއް ވަނީ ކެންސަލްކޮށްފަ އެވެ. އިޒްރޭލުން ވެސް ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ހުރިހާ އާންމު ދަތުރުތަކެއް ކެންސަލްކޮށްފަ އެވެ.
ގަލްފު ސަރަހައްދުގެ އެކި ހިސާބުތަކުން ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމުގެ ރިޕޯޓުތައް ލިބެމުން އެބަދެ އެވެ. މިހާތަނަށް މިފަދަ ހާދިސާތައް ހިނގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ތަންތަނަކީ:
-
ޔޫއޭއީގެ އަބޫދާބީ
-
ބަހްރައިންގެ މަނާމާ
-
ކުވައިތު
-
ގަތަރު
ގަލްފުގެ ގައުމުތަކުގައި ވެސް ގޮވުންތައް
ބަހުރޭންގައި ގޮވުންތަކެއް ގޮވަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުން އެބަދެ އެވެ. މީގެ އިރުކޮޅެއް ކުރިން ބަހުރޭންގެ އިންޓީރިއާ މިނިސްޓްރީން ވަނީ ކުއްލި ނުރައްކަލުގެ އެލާޓެއް ނެރެ، އެންމެ ކައިރީގައިވާ ރައްކާތެރި ތަންތަނަށް ދިއުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، ގަތަރުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި މިސައިލެއް އެ ގައުމުގެ ޕެޓްރިއަޓް ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ވަނީ ހުއްޓުވާފަ އެވެ.
އަލްޖަޒީރާ އަރަބިކްގެ ރިޕޯޓުތަކާ ހަވާލާދީ ލިބޭ ހަބަރުތައް ބުނާ ގޮތުގައި، ކުވެއިތުގައި ވެސް ގޮވުންތަކުގެ އަޑުވަނީ އިވިފަ އެވެ. އަދި އެ ގައުމުގައި މިހާރު ވަނީ ނުރައްކަލުގެ ސައިރަން އަޅަން ފަށާފަ އެވެ.
މުހިންމު ނުކުތާތައް
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް 'ބޮޑެތި އަސްކަރީ އޮޕަރޭޝަންތަކެއް' ވަނީ ފަށާފައި
ރައްދުގައި އީރާނުން ވަނީ އިޒްރޭލުގެ އިތުރުން ގަލްފުގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް ހަމަލާ ދޭން ފަށާފައި
ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން، އެ ސަރަހައްދުގެ ގިނަ ގައުމުތަކަކުން ވަނީ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި
އެމެރިކާއާ ގުޅިގެން އިޒްރޭލުން އީރާނަށް ދާދި ދެންމެއަކު ހަމަލާދީފި އެވެ.
މި ހަމަލާއަކީ އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށްޓަކައި އިސްވެ ދިން ހަމަލާއެއް ކަމަށް އިޒްރޭލުން ބުނެ އެވެ.
މި ހަމަލާއާ އެކު މެދުއިރުމަތީގައި އަސްކަރީ ކުރިމަތިލުންތައް އަލުން ފެށި، އީރާނުގެ ނިއުކްލިއާ މައްސަލާގައި ހުޅަނގުގެ ގައުމުތަކާ އެކު ވާހަކަދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުންދިޔަ އުންމީދުތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ވިދާޅުވީ، އީރާނަށް މި ހަމަލާ ދިނީ އިޒްރޭލަށް އޮތް ނުރައްކާތައް ނައްތާލުމަށްޓަކައި ކަމަށެވެ. ހަމަ އެވަގުތު އީރާނުގެ މީޑިއާތަކުން ވަނީ ތެހެރާންގައި ބާރުގަދަ ގޮއްވުންތަކެއްގެ އަޑު އިވިފައިވާކަން ރިޕޯޓުކޮށްފަ އެވެ.
މި ހަމަލާ ދީފައިވަނީ މިދިޔަ ޖޫން މަހު މި ދެ ގައުމުގެ ދެމެދުގައި 12 ދުވަހުގެ މުއްދަތަކަށް ހިނގި ވައިގެ ހަނގުރާމައަށް ފަހުގަ އެވެ. އަދި އީރާނުން އެ ގައުމުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް ކުރިއަށްގެންދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާ އާއި އިޒްރޭލުން ތަކުރާރުކޮށް އިންޒާރު ދެމުންދަނިކޮށެވެ.
މަސްރަހު ފިނިކުރުމަށްޓަކައި މި މަހު އެމެރިކާ އާއި އީރާނުން މަޝްވަރާތައް ފެށި ނަމަވެސް، އިޒްރޭލުން ވަކާލާތު ކުރަމުންދަނީ އެއްވެސް އެއްބަސްވުމެއްގެ ދަށުން އީރާނުގެ ނިއުކްލިއާ ވަސީލަތްތައް ނައްތާލައި މިސައިލް އުފެއްދުމުގެ ގާބިލުކަން ކުޑަކުރަން ޖެހޭނެ ކަމަށެވެ.
އީރާނުން ބުނަމުންދަނީ އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭ ނަމަ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް، އެ މަޝްވަރާތަކުގައި މިސައިލް ޕްރޮގްރާމް ހިމެނުމަށް އީރާނުން ދެކޮޅު ހަދަ އެވެ. އަދި ހަމަލާއެއް ދީފި ނަމަ ދިފާއުގައި ރައްދު ހަމަލާ ދޭނެ ކަމަށާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ތެހެރާނުން ވަނީ ދީފަ އެވެ.
މިދިޔަ ޖޫން މަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި އެމެރިކާ ބައިވެރިވެފައިވެ އެވެ. އޭގެ ރައްދުގައި އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަލް-އުދައިދު ވައިގެ މަރުކަޒަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ.
ހުޅަނގުގެ ބާރުތަކުން ގަބޫލުކުރާ ގޮތުގައި އީރާނުގެ މިސައިލް ޕްރޮގްރާމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ. ނަމަވެސް އީރާނުން މި ވާހަކަތައް ދޮގުކުރެ އެވެ.