އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާއެއްގައި ހަލާކުވެފައިވާ އުޅަނދުތަކެއް. (ފޮޓޯ/އޭޕީ)

މެދުއިރުމަތީގައި ތިބި ދިވެހިން ބޭރަށް ނުކުމެ ނޫޅެން ފޮރިން މިނިސްޓްރީން އެދިއްޖެ

އެ ސަރަހައްދުގައި ތިބި ދިވެހިންގެ ހާލަތު، އެ މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުރި އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނި
28 ފެބްރުއަރީ 2026

އެމެރިކާ އާއި އިޒްރޭލުން އީނާރަށް މިއަދު ދިން ހަމަލާތަކާއި އެއާ ގުޅިގެން އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ރައްދު ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިވެހިން ސަމާލުވުމަށާއި ބޭރަށް ނުކުމެ ނޫޅެން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލުގެ ހަމަަލާތަކާ ގުޅިގެން އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާދީފަ އެވެ. އޭގެ ތެރޭގައި ޔޫއޭއީ، ގަތަރު، ބަހްރެއިން އަދި ކެވުއިތު ހިމެނެ އެވެ.

ތަފްސީލް - ފޮރިން މިނިސްޓްރީން ދެންމެއަކު ނެރުނު ބަޔާނެއްގައި ވަނީ، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާއި ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން، އެ މިނިސްޓްރީން އެދިފައިވަނީ:

  • ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މި ވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާ ވެސް މަދުކުރުމަށް

  • އެ ގައުމެއްގެ ސަރުކާރުން ސަލާމަތާއި ރައްކާތެރިކަމަށް ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް

"މި ސަރަހައްދުގައި މި ވަގުތު ތިބި ދިވެހިންގެ ހާލަތު، މި މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން މިދަނީ ގާތުން ބަލަމުންނެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

"ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދި ދަންނަވަމެވެ."

އެނގުން މުހިންމު - މި ހަމަލާތަކާ ގުޅިގެން، ރާއްޖެ އަންނަ އެމިރޭޓްސް، ފްލައިދުބާއީ، އިއްތިހާދު އަދި ގަތަރު އެއާވޭސްގެ އިތުރުން، ކުވައިތު އެއާވޭސް ފަދަ އެއާލައިންތަކުން ވަނީ ދަތުރުތައް މެދުކަނޑާލާފަ އެވެ.

މީގެ އިތުރުން:

  • މާލެއިން ދުބާއީއަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް، ގަލްފް ސަރަހައްދުގެ ވައިގެ ސަރަހައްދު ކުއްލި ގޮތަކަށް ބަންދުކުރުމާ ގުޅިގެން އަނބުރާ ރާއްޖެ ވަނީ އައިސްފައި

  • ޔޫރަޕާއި އިރުމަތީ މެޑިޓަރޭނިއަން ސަރަހައްދަށް ދަތުރުކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ން ފުރި ދެ ޕްރައިވެޓް ޖެޓެއްގެ ދަތުރު މެދުކަނޑާލުމަށް ފަހު، އެނބުރި ރާއްޖެ ވަނީ އައިސްފައި

  • ދުބާއީ އެއާޕޯޓުން ވަނީ ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް