މިދިޔަ އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ރަންވޭގައި ޖައްސާފައިވާ ބައެއް ބޯޓުތައް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގަލްފުގެ އެއާލައިންތައް ހުއްޓުމަކަށް
އެމެރިކާ އާއި އިޒްރޭލުން އީނާރަށް މިއަދު ދިން ހަމަލާތަކާ އެއާ ގުޅިގެން އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ރައްދު ހަމަލާތަކާ ގުޅިގެން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގަލްފުގެ ގައުމުތަކުގެ އެއާސްޕޭސް ބަންދުކޮށް، އެ ގައުމުތަކުގެ ގިނަ އެއާލައިންތަކުގެ ފްލައިޓުތައް މެދުކަނޑާލައިފި އެވެ.
ތަފްސީލް - މި ހަމަލާތަކާ ގުޅިގެން، ރާއްޖެ އަންނަ އެމިރޭޓްސް، ފްލައިދުބާއީ، އިއްތިހާދު އަދި ގަތަރު އެއާވޭސްގެ އިތުރުން، ކުވައިތު އެއާވޭސް ފަދަ އެއާލައިންތަކުން ވަނީ ދަތުރުތައް މެދުކަނޑާލާފަ އެވެ.
ގަތަރު އެއާވޭސް އަދި އެމިރޭޓްސްއަކީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ ދެ އެއާލައިނެވެ.
މީގެ އިތުރުން:
-
މާލެއިން ދުބާއީއަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް، ގަލްފް ސަރަހައްދުގެ ވައިގެ ސަރަހައްދު ކުއްލި ގޮތަކަށް ބަންދުކުރުމާ ގުޅިގެން އަނބުރާ ރާއްޖެ ވަނީ އައިސްފައި
-
ޔޫރަޕާއި އިރުމަތީ މެޑިޓަރޭނިއަން ސަރަހައްދަށް ދަތުރުކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ން ފުރި ދެ ޕްރައިވެޓް ޖެޓެއްގެ ދަތުރު މެދުކަނޑާލުމަށް ފަހު، އެނބުރި ރާއްޖެ ވަނީ އައިސްފައި
-
ދުބާއީ އެއާޕޯޓުން ވަނީ ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފައި
އެނގުން މުހިންމު - އީރާން، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހްރޭނުން ވައިގެ ސަރަހައްދު ބަންދުކުރަން ނިންމީ، އީރާނުގެ ތެހެރާނުގައި ގޮވުންތަކެއް ގޮވުމާއި އީރާނަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައިވާކަން އިޒްރޭލުން ކަށަވަރުކޮށްދިނުމާ ގުޅިގެން، މަސްރަހު ނުތަނަވަސްވުމުގެ ސަބަބުންނެވެ.
ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ، ސަލާމަތީ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ގަތަރާއި ކުވައިތުން ވެސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ވައިގެ ދަތުރުފަތުރުތައް ވަގުތުން ހުއްޓާލާފަ އެވެ.
ބަހްރޭނުން ވެސް ވައިގެ ސަރަހައްދު ބަންދުކުރީ އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދޭން އުޅޭކަމުގެ ރިޕޯޓުތަކާ ގުޅިގެންނެވެ.
އެއް ވަގުތެއްގައި ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން، އިރުމައްޗާއި ހުޅަނގުގެ ދަތުރުފަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، މުޅި ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ.