ހައި ކޯޓު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޝަރީއަތް ހުޅުވާލުމާ މެދު ގޮތެއް ނިންމަން އައްޑޫ ސްކޫޕް ގްރޫޕްގެ މައްސަލަ ފެށުން ފަސްވެއްޖެ
އައްޑޫ ހިތަދޫގައި 'ސްކޫޕު' ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ ހައި ކޯޓުގައި އިއްޔެ ފެށުމަށް ތަވާލުކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
ވީކިހިނެއް؟ - މިދިޔަ 15 ޖެނުއަރީގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް އެ މަސް ތެރޭގައި ހައި ކޯޓުން ނިންމައި މައްސަލަ ރަޖިސްޓްރީކޮށްފައިވެ އެވެ.
އެ މައްސަލަ ބަލާނެ ބެންޗު ކަނޑައަޅައި ފުރަތަމަ އަޑުއެހުން ތާވަލުކުރީ އިއްޔެ މެންދުރު 12:50 އަށެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، ފުރަތަމަ ފަހަރަށް ކޯޓުން ގޭންގެއް ކަނޑައެޅުމުގެ މައްސަލަ ކެންސަލް ކުރަން ޖެހުނީ އިޖުރާއީ ގޮތުން ފަނޑިޔާރުން ނިންމަން ޖެހޭ ބައެއް ކަންކަން ހުރި ކަމަށް ބެލެވުމުން، އެ ކަންކަން ނިންމުމަށެވެ.
ސްކޫޕް ގްރޫޕްގެ ފަރާތުން ވެސް އިޖުރާއީ ބައެއް ކަންކަން ފާހަގަކޮށް ހައި ކޯޓަށް ހުށަހެޅި ކަމަށް ވެސް އެނގިފައިވެ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ، މިފަދަ މައްސަލައެއްގެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވިދާނެތޯ އެވެ. އެ ގޮތުން:
-
ސްކޫޕް ގްރޫޕް ގޭންގެއް ކަމަށް ކަނޑައަޅައިފި ނަމަ، ކުރިއަށް އޮތް ތަނުގައި އެ ގްރޫޕަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ގާނޫނުގެ ދަށުން ދައުވާކޮށް ދަށު ކޯޓަށް ހުށަހެޅުމަކީ ފުރުސަތު ބޮޑު ކަމެއް
-
ގޭންގެއް ކަނޑައެޅުމާ ގުޅޭ މައްސަލަތަކުގެ އަޑުއެހުންތައް މަތީ ކޯޓުތަކުގައި ހުޅުވާލައިގެން ގެންގޮސްފި ނަމަ، ދަށު ކޯޓުތަކުގައި ހިނގާ މައްސަލަތަަކަށް އަސަރުތަކެއް ކޮށްފާނެ ކަމާ މެދު ސުވާލު އުފައްދާފައިވާ ކަމަށްވޭ
މި މައްސަލައިގެ އަޑުއެހުން ތާވަލުކުރާނެ ދުވަހެއް އަދި ނޭނގެ އެވެ. ބެލެވޭ ގޮތުގައި އަޑުއެހުން ދެން ތާވަލުުކުރަނީ މި ކަންކަމާ މެދު ގޮތެއް ނިންމާފަ އެވެ.
އެނގުން މުހިންމު - ޕީޖީ އޮފީހުން ހައި ކޯޓުގައި އެދިފައިވަނީ:
-
ސްކޫޕު ގްރޫޕަކީ ގޭންގެެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ ނުވަ މީހަކު އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް
-
އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ 'އެސް ކޭ ޕީ ސްޕޯޓްސް ކްލަބް' އުވާލުމަށް ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރުކޮށްދިނުމަށް
-
'ސްކޫޕު' އަދި 'ސްކޫޕު ކަންމަތި'ގެ އިތުރުން 'އެސްކީޕީ' ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް
މިއީ މިދިޔަ އަހަރު އޮގަސްޓް މަހު އަމަލުކުރަން ފެށި 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'ގެ ދަށުން ވަކި ގްރޫޕެއް އެއީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.
ގޭންގު ހުއްޓުވުމުގެ އާ ގާނޫނާ ގުޅޭ ލިއުންތައް
ގްރޫޕެއް ގޭންގަކަށް މި ވަނީ ކިހިނެއް؟
24 ނޮވެމްބަރު 2025
ކޯޓަށް ގޮސް ކަނޑައަޅާ ވަރަށް މިހާރު ގޭންގެއް ނެތް: ރައީސް
17 ނޮވެމްބަރު 2025
ގޭންގު ކުށްތަކަށް މައާފު ދެވޭނޭ ދޮރު މި ބަންދުވީ؛ މީ ކާމިޔާބެއް
18 އޯގަސްޓު 2025
ގޭންގު ލޭބަލް ޖެހުމާއި ކޮންޓްރޯލްކުރަން ނެރޭ އަމުރު؛ ނަތީޖާއަކީ؟
4 ޖޫން 2025
ކޮމެންޓް (1)
ދަނޑި މުހައްމަދު