ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު. ( ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮރަޕްޝަން

ބާރުތައް ޖަމާކުރާތީ 'ސްޓޭޓް ކެޕްޗާ'ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެއްޖެ: ޓްރާންސްޕޭރެންސީ

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބުނީ މިފަހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ސަބަބުން ހައްގުތައް ހަނިވެ، ވެރިކަންކުރާ ބާރުގެ ތެރެއަށް އެހެން ބާރުތައް ޖަމާކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލައި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް
10 ފެބްރުއަރީ 2026

ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، އިންސާފާއި ހިދުމަތްްތައް ހޯދުމުގައި ރައްޔިތުންނަށް ދަތިވަމުންދާ ކަމަށާއި ގާނޫނަށް ގެންނަ ބަދަލުތަކުގެ ސަބަބުން ވެރިކަން ކުރާ ބާރުގެ ތެރެއަށް އެހެން ބާރުތައް ޖަމާކުރެވި، 'ސްޓޭޓް ކެޕްޗާ'ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާ ކަމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ބައިނަލްއަގްވާމީ ތިން މަސްދަރަކުން ލިބުނު މައުލޫމާތު މައްޗަށް ބިނާކޮށް، ރާއްޖެއަށް މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި)ގައި ލިބުނީ 39 ޕޮއިންޓެވެ. އެއީ ސީޕީއައިގައި ހިމެނޭ 182 ގައުމުގެ ލިސްޓުގައި 91 ވަނަ އެވެ.

ބުނީ ކީކޭ؟ - ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބުނީ މިދިޔަ ފަސް އަހަރު ވެސް ރާއްޖޭގެ ސީޕީއައި ނަތީޖާ ހުރީ އެއް މިންވަރެއްގައި (38 އާއި 43އާ ދެމެދު) ހިފެހެއްޓިފައި ކަމަށެވެ.

"ރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ހުރީ ކަންބޮޑުވާން ޖެހޭ ފަދަ ދަށް މިންވަރެއްގަ އެވެ،" ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"މިއިން ދޭހަވަނީ ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، މުއައްސަސާތައް ބަލިކަށިވެ، އިންސާފާއި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމެވެ."

ތަފްސީލު - ޓްރާންސްޕޭރެންސީއިން ފާހަގަކުރި، ކަންބޮޑުވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

1. ބާރުތައް އެއްކުރުމާއި 'ސްޓޭޓް ކެޕްޗާ'ގެ ނުރައްކާ

  • މިފަހުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ބާރުތައް ވަރަށް ބޮޑަށް ޖަމާކުރެވި، 'ސްޓޭޓް ކެޕްޗާ'ގެ ނުރައްކާ ވަނީ އިތުރުވެފައި

  • ނޮވެމްބަރު 2024ގައި އަވަސް ގޮތަކަށް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވެ، ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ވަނީ ހަނިވެފައި

  • ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރުން ފަދަ ޝަރުއީ ދާއިރާއަށް އައި ބަދަލުތަކުގެ ސަބަބުން ކޯޓުތަކުގެ މިނިވަންކަމަށް ބުރޫއަރައި، ޝަރުއީ މަރުހަލާތަކަށް ވެރިކަން ހިންގާ ބާރުގެ ނުފޫޒު ފޯރުވުމުގެ މަގުތައް ވަނީ ހުޅުވިފައި

  • ލާމަރުކަޒީ ނިޒާމާ ގުޅުންހުރި ގާނޫނުތަކަށް ގެނައި އިސްލާހުތަކުގެ ސަބަބުން އިދާރީ ހިންގުމާއި ގޮތް ނިންމުމުގެ މުހިންމު ބާރުތައް ކައުންސިލްތަުގެ އަތުން މަރުކަޒީ އިދާރާތަކަށް ވަނީ ބަދަލުކޮށްފައި؛ އެއާ އެކު ރަށު ފެންވަރުގައި ކަންކަން ނިންމުމުގެ ބާރުތަކާއި މުޖުތަމައުގެ ބައިވެރިވުމާއި ފާރަވެރިވުން ކުޑަވި

  • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ގެނައި ބަދަލުތަކާ އެކު ދެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށް؛ މީގެ ސަބަބުން މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުމުވެ ފުރުސަތު ލިބި، އެ މުއައްސާތަކުގެ މުސްތަގިއްލުކަން ގެއްލޭ؛ މިފަދަ ފާރަވެރި މުއައްސަސާތަކުގެ މިނިވަންކަން ކުޑަވުމަކީ 'ސްޓޭޓް ކެޕްޗާ'ގެ ނުރައްކާ އިތުރުވެ، ހާމަކަން ކުޑަވާ ކަމެއް

2. މަދަނީ މާހައުލު ހަނިވުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ

  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު ފާސްވުމާ އެކު މަދަނީ މާހައުލާއި މީޑިއާއަށް އޮތް ހުރަސްތައް ވަނީ އިތުރުވެފައި؛ އާ ކޮމިޝަންގައި ސީދާ ރައީސް އައްޔަންކުރައްވާ ތިން މެމްބަރުން ތިބުމުން މީޑިއާ ބަލަހައްޓާ ނިޒާމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަން މަގުފަހިވޭ

  • އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތާ މެދު ގޮތެއް ނިންމަން އަވަސް އަރުވާލައިގެން ކުރިއަށްގެންދިޔަ ފެންނަ ނުފެންނަ ވޯޓުން ވެސް ހާމަވީ، މިފަދަ މުހިންމު ނިންމުންތަކުގައި އާންމުންގެ މަޝްވަރާ ހޯދުމުގެ ފުރުސަތު ހަނިވެފައިވާ މިންވަރު

ކޮންޓްރޯލް ބިލާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ބޭއްވި ހަމަހިމޭން އިހުތިޖާޖު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

3. ތިމާވެއްޓާއި އިގްތިސާދީ ކަންކަން ބަލަހައްޓާ ނިޒާމު

  • ހިންގުމުގެ ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ތިމާވެއްޓާ ގުޅުންހުރި ކަންކަމާއި އިގްތިސާދީ ކުރިއެރުންތަކަށް އަސަރުުކޮށް، ކޮރަޕްޗަނަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު

  • މި ބައިގައި ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި އީޕީއޭގެ ބޯޑު އުވާލައި، ޓޫރިޒަމްގެ ދަށަށް، ބަދަލުކުރުމާއި އީއައިއޭ ނުހަދައި ބައެއް މަޝްރޫއުތައް ކުރިއަށްގެންދެވޭ ގޮތަށް އީއައިއޭ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނައުން ހިމެނޭ

  • ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމާއި ތަރައްގީގެ މަޝްރޫއުތައް ބެލެހެއްޓުމުގައި ހުރި ހިންގުމުގެ ބަލިކަށިކަން؛ މުއައްސަސާތަކުގެ ބެލެހެއްޓުން ބަލިކަށިވުމާއި ޕްރޮކިއުމަންޓް އުސޫލުތަކާއި މުވައްޒަފުން ނެގުމުގެ ކަންކަމުގައި ހާމަކަން ކުޑަވުމުގެ ސަބަބުން ދައއުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަން މަގުފަހިވޭ

4. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން، ޒިންމާދާރު ކުރުވުން އަދި އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް

  • ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމާއި ޒިންމާދާރު ކުރުވުން ކަށަވަރު ކުރުމުގައި ދާއިމީ ގޮންޖެހުންތަކެއް އެބަހުރި

  • ސިޔާސީ ނުފޫޒުން ނިންމާ ނިންމުންތަކުގެ ސަބަބުން ނޭދެވޭ އަމަލުތައް ހުއްޓުވުމެއް ނެތި ހިންގުމަށް މަގުފަހިވެ، ދައުލަތުގެ މަސްއޫލުވެރިންނަށް އެއްވެސް ޖެހިލުމެއް ނެތި (އަދަބެއް ލިބިދާނެކަމުގެ ބިރެއް ނެތި) އަމަލުކުރުމުގެ ފުރުސަތު ލިބޭ

  • ކޮރަޕްޝަންގެ މައުލޫމާތު ހާމަކުރާ މީހުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ރައްކާތެރިކަން ތަންފީޒު ނުކުރެވޭތީ މައްސަލަތައް ރިޕޯޓުކުރަން މީހުން ފަސްޖެހޭ

އެކަންކަން އިސްލާހުކުރަން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ވަނީ ބައެއް ކަންތައްތައް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި:

  • 1-

    މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާބިލުކަމަށް ބެލުން

  • 2-

    ދައުލަތުގެ މުހިންމު މުއައްސާސަތަކުގެ މިނިވަންކަމާއި ވަކި ފަރާތަކަށް ނުޖެހޭކަން ކަށަވަރުކުރުން

  • 3-

    ކައުންސިލްތައް ބާރުވެރި ކުރުވުމަށާއި ޑިމޮކްރެޓިކް ހިންގުން ހަރުދަނާ ކުރުމަށްޓަކައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ލާމަރުކަޒީ އުސޫލުތައް ނެގެހެއްޓުން

  • 4-

    ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އަދި އަސާސީ އެހެނިހެން މިނިވަންކަން ރައްކާތެރިކުރުން

  • 5-

    ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުން

  • 6-

    ކުށްކޮށްފައި އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނައްތާލުން

  • 7-

    ސަރުކާރު ކުންފުނިތަކުގެ ހާމަކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް