ރައީސް މުހައްމަދު މުއިއްޒު، އީސީ އަދި އޭސީސީގެ ގާނޫނަށް މަޖިލީހުން އިސްލާހު ގެނައި ދެ ބިލު މިއަދު ތަސްދީގު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
އޭސީސީ އާއި އީސީގެ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުކޮށްފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެންމެ އިސް ދެ މަގާމަށް މީހުން އިހްތިޔާރު ކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް އެ ދެ ކޮމިޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އޭސީސީގެ ގާނޫނާއި އީސީގެ ގާނޫނަށް މިދިޔަ މަހު 24ގައި ހުށަހެޅި އެ ދެ އިސްލާހު ދިރާސާކުރުމަށް ފަހު މަޖިލީހުގެ ތަޅުމުން ދެ ބިލު ފާސްކުރީ އިއްޔެ އެވެ.
ތަފްސީލް - ސަރުކާރުން އެ ދެ ބިލު ފޮނުވާފައި ވަނީ އޭސީސީ އާއި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަން ކުރާ ގޮތް ބަދަލު ކުރުމަށެވެ. އެ ދެ ބިލުގައި ބުނަނީ:
-
ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައީސް އާއި ނައިބު ރައީސަކު ރައީސް އައްޔަން ކުރަންވާނެ
-
އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރަން ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަންގައި ތިބި މެމްބަރުންގެ ތެރެއިން މީހެއް ނުވަތަ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭ
-
ރައީސް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން އެ މަގާމަކަށް މީހަކު އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުން
-
މި ގާނޫނަށް އަމަލު ކުރަން ފެށި ނަމަވެސް މިހާރު އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމުގައި ތިއްބެވި ބޭފުޅުން ގާނޫނުގައިވާ ގޮތުގެ މަތިން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެ
އެނގުން މުހިއްމު - މިހާރު އޮންނަ ގޮތުން އެ ދެ ކޮމިޝަނުގެ ވެސް ރައީސް އަދި ނައިބު ރައީސްކަމަށް މީހަކު ހަމަޖައްސަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ފާހަގަކުރެވޭ - އޭސީސީ އާއި އީސީ ފަދަ މުހިންމު މިނިވަން މުއައްސާތަކުގެ ވެރިންނަށް ރައީސް ބޭނުންފުޅުވާ މީހަކު ގެނައުމުގެ ފުރުސަތު ދިނުމަކީ އެ ކޮމިޝަންތަކަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަންނާނެ ކަމެއް ކަމަށް ބުނެ، އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ސަރުކާރުންނާއި ޕީއެންސީގެ މަޖިލިސް މެންބަރުން ބުނާ ގޮތުން މި އިސްލާހުގެ ސަބަބުން އެ ކޮމިޝަންތައް ރަނގަޅަށް މަސައްކަތް ކުރާނެ އެވެ.