ބަޔަކު ފަޅުތެރެއިން ވެލި ނެގުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ އީޕީއޭ)

އީޕީއޭ

އީޕީއޭ އުވާލާކަމުގެ އަޑުތަކެއް؛ ބާރުތައް ހަނިވާގޮތަށް ގަވައިދަށް އިސްލާހު ގެނެސްފި

ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުތައް ކުރިއަށްގެންދާނެ ގޮތް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވޭ

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލަން ނިންމާފައިވާ ކަމުގެ އަޑުފެތުރިފައިވަނިކޮށް، އެތަނުގެ ބާރުތައް ހަނިވާ ގޮތަށް، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭ ހެދުމާ ގުޅޭ ގަވައިދަށް އިސްލާހުތަކެއް ގެނެސްފި އެވެ.

ވީ ކިހިނެއް؟ - އީޕީއޭ އުވާލުމާ ގުޅޭ ގޮތުުން ފެތުރޭ އަޑުތައް ޔަގީންކުރުމަށް، އެންވަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ތަރުޖަމާނު ހީނާ ވަލީދާ ސުވާލު ކުރުމުން އެ ބޭފުޅުން ޖަވާބެއް ނުދެއްވަ އެވެ. އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ހަމައެކަނި ވިދާޅުވީ "ރީބްރޭންޑް" ކުރަނީ ކަމަށެވެ.

އީޕީއޭ މީގެ ކުރިން މަސައްކަތް ކުރީ، ސަރުކާރުގެ ނުފޫޒެއް ނެތް އެކަމަކު މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.

ސަރުކާރުން މިއަދު ގެޒެޓް ކުރި، އީއައިއޭ ހެދުމާ ގުޅޭ ގަވައިދަށް ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު، އީޕީއޭއިން ކުރަމުން އައި އެ މަސައްކަތުގެ ބޮޑެތި ބާރުތަކެއް ސަރުކާރަށް ނުވަތަ މިނިސްޓަރަށް ލިބެ އެވެ.

ތަފްސީލް - އެގޮތުން، ސަރުކާރު އިސްކަންދޭ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އީއައިއޭ ހެދުން އަވަސްކުރުމުގައި މިނިސްޓަރަށް ބަސް ވިދާޅުވެވޭ ގޮތަށް އިސްލާހުތައް ވަނީ ގެނެސްފައި ވެ އެވެ.

އިސްލާހުތަކުގައި ބުނެފައިވާ ގޮތުން:

  • ހުށަހަޅާ ތަރައްގީގެ މަސައްކަތެއް ފެއްޓުމުގެ ކުރިން އީއައިއޭ ހޯދުމަށް އެދިޔާރު، މިނިސްޓްރީއަށް ނުވަތަ ކަނޑައަޅާ ފަރާތަށް ހުށަހަޅަން ވާނެ

  • މިގޮތަށް ހުށަހަޅާއިރު، ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަން ޖެހޭ މަރުހަލާތައް، ވީ އެންމެ އަވަހަކަށް އަދި އެއްވެސް ލަސްކަމެއް ނާންނަ ގޮތަށް ނިންމުން

  • ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑއަޅަން ވާނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެގޮތަށް ކަނޑައެޅުމުން

އިސްލާހުގައި ދެން ބުނެފައިވާ ގޮތުގައި، މިގޮތަށް އަމަލު ކުރާނީ ތިން އަހަރާއި ހަ މަސް ވާންދެންނެވެ.

މި މާއްދާއަށް  އިތުރުކުރި އެހެން ނަމްބަރެއްގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުތައް ކުރިއަށްގެންދާނެ ގޮތް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެ އެވެ. އަދި މިނިސްޓަރު ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރިޕޯޓާ މެދު ގޮތް ނިންމުމުގެ ބާރު ލިބިގެންވެ އެވެ.

ކަމާ ގުޅޭ ތަޖުރިބާކާރުންގެ ކަންބޮޑުވުންތަކެއް

ސަރުކާރުން ގެނައި މި އިސްލާހުތަކާ ގުޅޭ ގޮތުން، ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގެ ގުޅޭ ތަޖުރިބާކާރުންނާއި ޖަމިއްޔާތަކުން ދަނީ ޝުއޫރުފާޅުކުރަމުންނެވެ.

އެ މީހުން ބުނާ ގޮތުގައި، މި ބަދަލުތައް ގެނެސްފައިވަނީ ކަމާ ގުޅޭ މާހިރުންގެ ލަފަޔާ ނުލަ އެވެ.

އޭގެ އިތުރުން:

  • ސަރުކާރުން ގެނައި މި އިސްލާހުތަކުގެ ސަބަބުން، އީއައިއޭ ހެދުމުގެ މުއްދަތު ކުރުވެ، ތިމާވެއްޓަށް ކުރާ އަސަރުތައް އެކަށީގެންވާ ގޮތެއްގައި ނުހޯދޭނެ

  • އީއައިއޭއާ މެދު ގޮތް ނިންމުމުގެ ބާރު މިނިސްޓަރަށް ދިނުމަކީ ވެސް، އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބުނޭ

ކޮމެންޓް (1)

ކޮސް

12 އޯގަސްޓު 2025
މިސަރުކާރުން ކުރާ މިޒާތުގެ ކަންކަމަކީ ދިވެހިން އެއްވެސް ވަރަކަށް ހައިރާންވާނެ ކަންކަމެއްނޫން....ސަރުކާރަކަށް ކުފޫހަމަނުވާ ބަޔަކު ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް