ރަސްމާލެ މަޝްރޫއު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު: ތަރައްގީ މަޝްރޫއުތައް ހިންގުމަށް ހުރަސް އެޅޭކަމަށް ބުނެ އީޕީއޭ އުވާލައި އެތަނުގެ މަސައްކަތް ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑިޕާޓްމަންޓެއް ގޮތަށް ބަދަލުކޮށްފައި (ފޮޓޯ/ރައީސް އޮފީސް)

އީޕީއޭ އުވާލާ ކުޅިސަމާ ފަށައިފި؛ އީއައިއޭ ރިޕޯޓް ބަލައި ހުއްދަ ދިނީ 8 ގަޑިއިރުން

އީޕީއޭ އޮތް އިރު އީއައިއޭ ރިޕޯޓްތައް ބަލާ ދިރާސާކޮށް އާންމުންގެ މަޝްވަރާއަށް ހުޅުވާލަން ވަގުތާއި ފުރުސަތު ލިބޭ؛ އެހެން ނަމަވެސް އަލަށް އުފެއްދި އީއާރުއޭން އޮންނަނީ ރިޕޯޓްގައި ސޮއިކޮށްލުން އެކަނި
23 އޯގަސްޓު 2025
3

ރައީސް މުހައްމަދު މުއިއްޒު މި ހަފްތާ އއ. އަތޮޅަށް ކުރެއްވި ދަތުރުގައި މަތިވެރީގައި އެއާޕޯޓް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ އެކު ސޮއިކުރީ، އީޕީއޭ އުވާލައި ޓޫރިޒަމް މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ގޮތުގައި މިފަހުން އުފެއްދި، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ން އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓަށް އަވަސް ހުއްދައެއް ހޯދައިގެންނެވެ. 

އެ މަޝްރޫއަށް ހުއްދަ ހޯދަން އެމްއޭސީއެލްއިން އީއާރުއޭއަށް އީއައިއޭ ރިޕޯޓް ހުށަހެޅީ 19 އޮގަސްޓުގަ އެވެ. ހަމަ އެ ދުވަހު އީއާރުއޭން އެ ރިޕޯޓް ފާސްކޮށް ސޮއި އަޅައި އެ މަޝްރޫއު ހިންގިއަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ އީއައިއޭ ފާސްކޮށްލި އެވެ. 

ތިމާވެށީގެ ހަރަކާތްތެރިން ބުނަނީ މި ފެނުނީ އީޕީއޭ އުވާލައި ހައިސިއްޔަތު ކުޑަކޮށްފައި އުފެއްދި އީއާރުއޭން ކަންކުރާނޭ ގޮތުގެ އަދި ކުޑަވަރެއްގެ މިސާލެއް ކަމަށެވެ. 

މަތިވެރި އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އެމްއޭސީއެލްއާ އެކު އެއްބަސްވުމުގައި ސޮއިކުރުން (ފޮޓޯ/ރައީސް އޮފީސް)

އެބޭފުޅުންގެ ކަންބޮޑުވުމަކީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ވެށި ހަލާކުކޮށްލަން ސަރުކާރުން ތަންމިނަށް ޖާގަހުޅުވުމެވެ. ރާއްޖޭގެ ގުދުރަތީ ވެއްޓާއި މުއްސަނދިކަމަކީ ރާއްޖެއަށް ލިބިފައި އޮތް އެންމެ އަގު ބޮޑު ރައުސްމާލެވެ. އެކަމަށް ފާރަވެރިވާން އޮތް އީޕީއޭއަށް ކޮންމެވެސް ވަރެއްގެ ބާރުތަކެއް އޮތެވެ. ހިފެހެއްޓުންތަކެއް އޮތެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމަކުން އެކަން އެކީ ނެތިކޮށްލީ އެވެ.

"200 ވަރަކަށް ސޮފްހާގެ އީއައިއޭ ރިޕޯޓަކަށް ހުއްދަ ދޭން އެ ނެގީ 5-8 ގަޑިއިރު. ޓެކްނިކަލީ ކިހިނެއްތޯ ބަލާނީ ކަންކަން، ޕަބްލިކް ސުކްރުޓިނީއަކަށް ވެސް ޖާގައެއް ނޯންނާނެ ރަޝްކޮށްލައިގެން މިހެންދާކަމަށް ވަންޏާ. މީގައި އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރިޕޯޓަށް ހުއްދަ މި ދިނީ ބައިވަރު ކަންކަން ފުރިހަމަ ނުކޮށް އޮއްވާކަން، ފަހުން ފުރިހަމަ ކުރާގޮތަށްކަން އެނެކްސްއަށް ބެލީމާ އެބަ އެނގޭ،" އީކޯ ކެއާ މޯލްޑިވްސްގެ ޑިރެކްޓަރު މައީދު ޒާހިރު ވިދާޅުވި އެވެ. 

އެ ރިޕޯޓަށް ހުއްދަ ދޭން ސޮއިކުރެއްވީ އީއާރުއޭގެ ޗީފް އެގްޒެކެޓިވްގެ ހައިސިއްޔަތުން ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާގެއް ފުރުއްވާ ހައްސާން މުހައްމަދެވެ. 

މަތިވެރީގައި އެއާޕޯޓް ހަދަން ބިން ހިއްކުމުގެ މަޝްރޫއު އެ ރަށުގައި ފަށާފައި (ފޮޓޯ/ރައީސް އޮފީސް)

މައީދުގެ އަނެއް ކަންބޮޑުވުމަކީ ދާއިރާގެ ފަންނީ މީހުންގެ ބަދަލުގައި ސިޔާސީ މީހުން މިކަމުގެ ތެރެއަށް ވަނުމެވެ. މަޝްރޫއެއްގެ ސަބަބުން ތިމާވެއްޓަށް އަސަރުކުރާނޭ މިންވަރާއި އެ ގެއްލުންތައް ކުޑަކުރަން އަޅާނޭ ފިޔަވަޅުތައް ނިންމައި އެކަން ކުރަން ޖެހޭނީ ސިޔާސީ މީހުން ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"އެއީ ޓެކްނިކަލް ވަކި ކަންކަމަކަށް ބަލާފައި ކުރަން ޖެހޭ ކަމެއް. އެއީ ސިޔާސީ މީހުން ނިންމަން ޖެހޭ ނިންމުންތަކެއް ނޫން،" މައީދު ވިދާޅުވި އެވެ. 

200 ވަރަކަށް ސޮފްހާގެ އީއައިއޭ ރިޕޯޓަކަށް ހުއްދަ ދޭން އެ ނެގީ 5-8 ގަޑިއިރު. ޓެކްނިކަލީ ކިހިނެއްތޯ ބަލާނީ ކަންކަން. ޕަބްލިކް ސުކްރުޓިނީއަކަށް ވެސް ޖާގައެއް ނޯންނާނެ ރަޝްކޮށްލައިގެން މިހެންދާކަމަށް ވަންޏާ. އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރިޕޯޓަށް ހުއްދަ މި ދިނީ ބައިވަރު ކަންކަން ފުރިހަމަ ނުކޮށް އޮއްވާ

މައީދު ޒާހިރު، އީކޯ ކެއާގެ ޑިރެކްޓަރު

އޭޭނާ ވިދާޅުވި ގޮތުގައި އީއައިއޭ ރިޕޯޓަށް ކަމާ ގުޅުންހުރި ފަރާތްތަކާއި އާންމުންގެ ހިޔާލު ވެސް ހޯދަން ޖެހޭ ކަމަށެވެ. އަދި މިފަހުން ގެނެވުނު ބަދަލުގެ ސަބަބުން މިފަދަ އެއްވެސް ކަމަކަށް ފުރުސަތެއް ނުލިބި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އަވަސް ހުއްދަތައް ދެވޭނޭ ކަމަށް މައީދު ވިދާޅުވި އެވެ. 

"އީޕީއޭ އޮތް އިރުވެސް އެންމެ ރަނގަޅަކަށް ނޫން ކަންކަން ހިނގަނީ. އީއައިއޭއެއް ވަރަށް ރިޖެކްޓް ނުކުރާނޭ. އެކަމަކު އޭރު ތަފާތަކީ ޕަބް ސުކްރިޓިނީއަށް ޖާގަ އޮވޭ. ކުރީގައި ވަގުތު ލިބޭ އީއައިއޭއަށް މަޝްވަރާކުރަން. އީޕީއޭއަށް އޮވޭ ނޫނެކޭ ބުނަން ޖާގަ. ދެން މިނިސްޓަރު އޯވަރައިޓްކޮށްފާނޭ ނިންމުން. މިހާރު އެ ފުރުސަތު ދިޔައީ. ސެމީ އޮޓޮނަމަސް ނޭޗާ ދިޔައީ،" މައީދު ވިދާޅުވި އެވެ. 

"މައްސަލައަކީ މިހާރު ދެން އޭގެ އެއްވެސް ކަމެއް ނުހިނގާނެތީ." 

ފުށިދިއްގަރުފަޅު ހިއްކުމަށް ކުރިއަށް ގެންދާ މަސައްކަތް މިދިޔަ ޑިސެމްބަރު މަސް ތެރޭ ކުރަނީ (ފޮޓޯ/ރައީސް އޮފީސް)

މައީދު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރަން މިނިވަން އިދާރާއެއް ބޭއްވުމަށް އެއްވެސް ސަރުކާރަކުން ބޭނުން ނުވުމަކީ އިކޮނޮމިކް އިރެސްޕޮންސިބިލިޓީ ނުވަތަ އިގްތިސާދީ ގޮތުން ވާ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވީ ތަރައްގީއާ އެކު ވެށި ހިމާޔަތް ކުރަން ޖެހެނީ އެއީ ދިވެހިންގެ އިގްތިސާދާއި ދިރިއުޅުމާ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ގުޅިފައިވާތީ އެވެ. 

މާލޭ ކައިރީ ކްރޫޒް ލައިނާއެއް ބަނދަރުކޮށްފައިވާއިރު ބަޔަކު ތޮށިގަނޑުމަތީ މަސް ބާނަނީ: ޓޫރިޒަމާއި ދިވެހިންގެ ގުދުރަތީ ވެއްޓާ ވަނީ ވަރަށް ބޮޑަށް ގުޅިފައި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

"މި ދައްކަނީ ތިމާވެށި އެކަނި ހިމާޔަތް ކުރަން ކުރަން ޖެހޭ ކަންކަމެއްގެ ވާހަކައެއް ނޫން. މިނިވަންތަނެއް އޮންނަން މި ޖެހެނީ ދިވެހިންގެ ލައިވްލީ ހޫޑާއި އިގްތިސާދު ހިމާޔަތްކުރަން. އަންނަން އޮތް ޖީލުތަކަށް ދިވެހިންގެ އިގްތިސާދާއި އާމްދަނީ ހޯދުން ތަރައްގީއާ މި ކުޅެވެނީ ހަގީގަތުގައި،" މައީދު ވިދާޅުވި އެވެ. 

އީޕީއޭ އުވާލުމަށް ފަހު މި ފެށުނީ ނުބައި ސަގާފަތެކެވެ. ރައީސް ކަނޑައަޅުއްވާ މަޝްރޫއުތަކުގެ އީއައިއޭއަށް ހުއްދަ ދޭން ޖެހެނީ އަވަސްކޮށެވެ. ތިމާވެއްޓަކަށް ކޮންމެހެން ފަރުވާލެއް ބަހައްޓާކަށް ނުޖެހެ އެވެ. އޮތީ ސަރުކާރަށް މަޝްރޫއު މުހިންމުވުމެވެ. މި ފެށުނީ ނުބައި ސަގާފަތެކެވެ. އެކަމަކު، މި ކުޅެނީ ދިވެހީންގެ އަންނަން އޮތް ޖީލުތަކުގެ އިގްތިސާދާއި އެ މީހުންގެ ދިރިއުޅުމާ އެވެ.


ކޮމެންޓް (3)

އަނީސް

24 އޯގަސްޓު 2025
ގައުމުގެ ވެރިކަމަށް އާދެވުމާއިއެކު ތިމާގެމީހުންނަށާއި އަޢުވާނުންނަށް ތިޖޫރީދޫކޮށްލާފަ ވެރިކަން އަތުންދޫވީމަ ބުނާނެ، ތިމަންނައަށް ބަލަންވާވަރަށް ނުބެލުނީމަވީގޮތެކޭ. މިފަދަވެރިންނަށް ޤާނޫނީއަދަބުދެވޭނެހެން ޤާނޫނުއަސާސީއަށް އިސްލާޙުގެންނަން ހަނދާންނެތީތޯ؟
2 0

ތަރަތަރަ ރާޖާ

23 އޯގަސްޓު 2025
ކީއްތޯ ކުރާނީ ނާއިފު. ކަނޑައެޅިގެން ފެންނަންހުރި ނޭންގާނީ ކަންކަމަށް ނޫނެކޭ ބުނަންނުކެރޭ މީހުން އުޅޭ ގައުމެއް މިނޫނީ ނުދެކެން. ވިހި، ފަންސަވީސް ހާސް ރުފިޔާއަށް މިތިބެނީ އެންމެން ވިކި ހުސްވެފަ. މިކަމުގައި ކިޔަވައިގެން ތިބި މީހުންނާ ނުކިޔަވައި ތިބޭ މީހުންގެ ތަފާތެއްނެތް. ސިފައިންނާ ފުލުހުންގެ ތެރެއިން އުމުރު ދުވަހު ތަމްރީނުތައް ހަދައިގެން ނިކުމެތިބި ގިނަ ޖެނެރަލުންގެ ހާލަކީވެސް މިއެވެ.
7 1

އީޕީއޭ

23 އޯގަސްޓު 2025
ތިހުރިހާ ކަމެއް ކޮއްފައި ވެސް އެންމެ ފަހުން އީޕީއޭ އިން ދެނީ ހުއްދަ. ބޭކާރު ޕްރޮސެސް ތަކެއް މިގައުމަށް ބޭނުމެއްނޫން. ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ހުއްޓުވޭނެ "މިނިވަން" އިދާރާއެއް މިގައުމުގައި ނެތް
7 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް