ކެބިނެޓް ބައްދަލުވުމެއްގައި ރައީސް މުއިއްޒާއި ވަޒީރުން - (ފޮޓޯ/ ރައީސް އޮފީސް)
އީޕީއޭގެ ނަން ބަދަލުކޮށް މިނިސްޓްރީގެ ސެކްޝަނަކަށް ބަދަލުކޮށްފި
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ގެ ނަން 'އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ' އަށް ބަދަލުކޮށް ޓޫރިޒަމް މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ގޮތުގައި އެތަން ހިންގާ ގޮތަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި މިހާތަނަށް އީޕީއޭ ހިންގީ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިނގާ ވަކި އިދާރާއެއްގެ ގޮތުގައި ނަމަވެސް މި ބަދަލާ އެކު:
-
އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައި
ތަފްސީލް - އެއީ، ގާނޫނުއަސާސީން ރައީސްއަށް ލިބޭ އިހުތިޔާރުގެ ދަށުން ގެނައި ބަދަލެއްކަން ފާހަގަކުރަމުން ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނައި މަގުސަދަކީ:
-
އީޕީއޭން މިހާތަނަށް ކުރަމުން އައި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެމުގެ ބޭނުމުގައި
-
އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރަން
އެނގުން މުހިންމު - ސަރުކާރުން މިއަދު ވަނީ އީއައިއޭ ހެދުމާ ގުޅޭ ގަވައިދަށް އިސްލާހުތަކެއް ގެނެސް އީޕީއޭއިން ކުރަމުން އައި އެ މަސައްކަތުގެ ބޮޑެތި ބާރުތަކެއް ސަރުކާރަށް ނުވަތަ މިނިސްޓަރަށް ލިބިދޭ ގޮތަށް ހަދައިފަ އެވެ.
އީޕީއޭ އުވާލައި އެތަނުގެ ބާރުތައް ކުޑަކޮށް ގެނައި މި ބަދަލާ ގުޅޭ ގޮތުން ތިމާވެށީގެ ދާއިރާގެ ބޭފުޅުން ވަނީ މިއަދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެބޭފުޅުންގެ ކަންބޮޑުވުމަކީ:
-
އީއައިއޭ ހެދުމުގެ މުއްދަތު ކުރުވެ، ތިމާވެއްޓަށް ކުރާ އަސަރުތައް އެކަށީގެންވާ ގޮތެއްގައި ނުހޯދޭނެ
-
އީއައިއޭއާ މެދު ގޮތް ނިންމުމުގެ ބާރު މިނިސްޓަރަށް ދިނުމަކީ ވެސް، އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް