13 މިލިއަން ރުފިޔާގެ ސިނގިރޭޓު ވަގަށް ނެގުން އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ތިން މީހުން (ފޮޓޯ/ ޕޮލިސް)

ސިނގިރޭޓު ވައްކަމުގެ 'މޭސްތެރިންނަށް' އަންނާނީ އެންމެ ބޮޑު ވެގެން 12 އަހަރު ހުކުމެއް

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުން އިސްކޮށް އުޅުނު ތިން މީހުންނަށް އެންމެ ބޮޑު އަދަބު ދޭން ކޯޓުގައި އެދެން ވަނީ ނިންމާފައި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓުގެ ވައްކަން ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ތިން މީހުންނަށް އަންނާނީ އެންމެ ބޮޑުވެގެން 12 އަހަރުގެ ޖަލު ހުކުމެއްކަމަށް ބެލެވިއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ވައްކަމުގައި ހިމެނޭ އިސް ތިން މީހުން ހިމެނޭ ގޮތަށް ޖުމްލަ 10 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައި، އިއްޔެ މައްސަލަ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

އިސް ތިން މީހުންގެ ތެރޭގައި ހިމެނެނީ:

  • މަޝްެހޫރޫ ދެ ވިޔަފާރިވެރިން ކަމުގައިވާ މުހައްމަދު ވަހީދު (ދިގަލި) އާއި އަހުމަދު އާރިފް (އާއްޓޭ) 

  • އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ

ތަފްސީލު - އެ ތިން މީހުންގެ މައްޗަށްކޮށްފައި ވަނީ ދެ ދައުވާ އެކެވެ. އެއީ:

  • 1-

    އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ

  • 2-

    އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

ޕީޖީ އޮފީހުން އިއްޔެ ބުނެފައިވާ ގޮތުން މި މައްސަލައި ހިމެނޭ އިސް ތިން މީހުންނަށް ގާނޫނުގައިވާ އެންމެ މަތީ އަދަބު ކަނޑައެޅުމަށް ކޯޓުގައި އެދެނޭ އެވެ.

"މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ މީހުން، މި ކުށުގެ އަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެކެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަދި މި ދައުވާތަށް ސާބިތުވާ ހާލަތުގައި، ކުށުގެ އަމަލުގެ ޒާތާއި ބާވަތާއި، ހައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް މި އޮފީހުން ކޯޓުގައި އެދޭނަމެވެ."

އިސް ތިން މީހުންނަށް ކުރި ދެ ދައުވާ ވެސް ގުޅެނީ ވައްކަމާ އެވެ. ގާނޫނުގައިވާ ގޮތުން، ވައްކަން ކުރި މުދަލުގެ އަގު 500،000 ރުފިޔާއަށްވުރެ މަތިވާ ނަމަ، އެ ކުށަކީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ، އަސާސީ މިންގަނޑުން ބަލާއިރު ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. އެންމެ މަތީ އަދަބަކީ، އަށް އަހަރެވެ.

ގާނޫނުގައިވާ ގޮތުން، ރޭވުމުގެ ދައުވާއަށް ކަނޑައަޅާފައިވާ އަދަބަކީ ރޭވި ކުށަށް އޮންނަ އަދަބުގެ ދަރަޖައެއް ދަށްކޮށެވެ. ރޭވި ކުށަކީ ވައްކަމަށް ވާތީ، ވައްކަން ރޭވުމުގެ ދައުވާ ފެތެނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށަކަށެވެ. އެއީ އަސާސީ މިންގަނޑުން ބަލާއިރު އެއްް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. އަދި އެ ކުށުގެ އެންމެ މަތީ އެންމެ މަތީ އަދަބަކީ، ހަތަރު އަހަރެވެ.

އެހެން ކަމުން އެ ދެ ދައުވާ ސާބިތުވެއްޖެނަމަ، ދެ ދައުވާއިން އެންމެ މަތިން ކަނޑައެޅޭނެ އަދަބަކީ، ޖުމުލަ 12 އަހަރުގެ ޖަލު ހުމެކެވެ.

ކޮމެންޓް (1)

ފަޅުމަސް

17 ޑިސެމްބަރު 2025
ތިޔަ ތިން މީހުންގެ ކުށެއް ސާބިތުވެ، އެއްވެސް ޙުކުމެއް ނާންނާނެ.. މަ ބުނީތީވެސް ބަލާތި.. ޖުޑިޝަރީ ބޭނުންކޮށް، ވައިޓްވޮޝިންކޮށް، ނަން ސާފުކޮށްލަނީ ތި..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް