ވަގަށް އެތެރެކުރި ސިނގިރޭޓް ކޭސްތަކުގެ ކައިރީގައި ކަސްޓަމްސްގެ އޮފިސަރުން ހަރަކާތްތެރިވަނީ: ދެ ކޮންޓޭނަރުގައި ހުރި މި ސިނގިރޭޓްތައް ވީ ތަނެއް ވެސް މިހާރު ނޭނގޭ (ފޮޓޯ/ ކަސްޓަމްސް
ދެރައީ ދިގައްޔާއި އާއްޓޭމެން ފުރަތަމަ ވެސް ބަންދުކުރީމާ
ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިގެން ރާއްޖޭގައި ބަންދުކޮށްގެން ނުވާނެ މީހުން އުޅޭނެ އެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިން ކަމަށްވާ މުހައްމަދު ވަހީދު، މަޝްހޫރު ނަމުން ނަމަ ދިގަލި، އާއި އަހުމަދު އާރިފް، މަޝްހޫރު ނަމުން ނަމަ އާއްޓޭ، ހިމެނޭނެ އެވެ. މިކަހަލަ ވަރުގަދަ ވިޔަފާރިވެރިން ބަންދުކޮށްފި ނަމަ އޭގެ އާހިރު ނަތީޖާއަކަށް ވާނީ، އެކަން ކުރި ފުލުހުންނާއި ފަނޑިޔާރުންނާއި އެ މީހުން ބަންދުކުރުމުން އުފާކުރި މީހުންނާއި މޫނަށް ކަދުރާއަށް ބެލުމެއް ނެތި މި ސަރުކާރުން އިންސާފު ގާއިމްކުރާނެ ކަމަށް ގަބޫލުކޮށްގެން ތިބޭ މީހުން މާޔޫސްވުމެވެ.
އެކަމަކު ވަހީދާއި އާރިފްމެންގެ ދުނިޔެ އެނގޭ މީހުންނަށް، މިދިއަ 14 އޮކްޓޯބަރު ދުވަހުގެ ރޭ އެ ދެ މީހުން ހައްޔަރުކުރުމުން ވެސް، ފަށާނީ ހޭށެވެ. ހައިރާނެއް ނުވާނެ އެވެ. ހައްޔަރުކުރި ފުލުހުންނާއި ބަންދަށް އިތުރު ދުވަސް ޖެހި ފަނޑިޔާރުންގެ 'މޮޔަކަމާ' މެދު ބަހުސް ވެސް ކުރާނެ އެވެ.
ކަންތައް މިވީ އެހެން ނޫން ހެއްޔެވެ؟ އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އެ ނިންމެވީ އެ ދެ މީހުން ބަންދުން ދޫކޮށްލާށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބޮލާލައިޖައްސަވައިފަ އެވެ. ދެއްކެވި ސަބަބާ މެދު ވިސްނާލަމާ ހެއްޔެވެ؟
"ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދާއި މއ. އެވަގްލޯރީ އަހުމަދު އާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައި ވާނީ އެމީހުންގެ މައްޗަށް ކުރެވޭ ތުުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށް ވާ އިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީއެވެ،" ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.
ކުޑައިރުކޮޅެއް ވަންދެން ބޮލުގައި އަތުން ހިފަހައްޓާލަދޭށެވެ. ވަހީދާއި އާރިފް ވެސް ހިމެނޭ ގޮތުން ތިން މިސާލެއް ނަގާނަމެވެ.
ޕްރޮސެކިއުޓަ ޖެނެރަލް އެ ވިދާޅުވަނީ:
-
1-
ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާއެއް ދެ މީހަކު ރާވައިފި އެވެ. އެ ހަމަލާ އެހެން ބަޔަކު ދީފި އެވެ. އޭގެ ސަބަބުން ބޮޑެތި އެތައް ގެއްލުމެއް ލިބިއްޖެ ވެސް މެ އެވެ. އެކަމަކު އަމަލީ ގޮތުން ހަމަލާދިނުމުގައި، އެކަން ރޭވި ދެ މީހުން ބައިވެރިއެއް ނުވެ އެވެ. އެހެންކަމުން އެ މީހުން ބަންދުން ދޫކޮށްލާށެވެ.
-
2-
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ދެ މީހުންނެވެ. އެ މީހުން އެކަން ރާވައި، އެކަން ހިންގުމުގެ ހުރިހާ އިންތިޒާމެއް ވެސް ހަމަޖައްސަ އެވެ. އެކަމަކު އަމަލީ ގޮތުން މަސްތުވާތަކެތި އެތެރެކުރަނީ އެހެން ބައެކެވެ. އެ މީހުން ހައްޔަރުކޮށްފި އެވެ. ނަމަވެސް ރާވައި އެކަން އިންތިޒާމްކުރި ދެ މީހުން ބަންދުން ދޫކޮށްލާށެވެ.
-
3-
ޑިއުޓީއަށް 122 މިލިއަން ރުފިޔާ ޖެހޭ ސިނގިރޭޓްގެ ބޮޑު ޝިޕްމަންޓެއް ވަގަށް އެތެރެކޮށްފައި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓައިފި އެވެ. ބޮޑު ދެ ކޮންޓެއިނަރުގައި، ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގަ އެވެ. އެ ސިނގިރޭޓްތައް ވަގަށް ބޭރުކުރަން ދެ މީހަކު ރާވައި، އިންތިޒާމްތައް ހަމަޖެއްސި އެވެ. ދެ ކޮންޓޭނަރު ވަގަށް ގެންގޮސްފި އެވެ. ކޮންޓޭނަރުތައް ކުދިކުދިކޮށް ކޮށާލީ އެވެ. އެތައް ބަޔަކު ހައްޔަރުކުރި އެވެ. އެކަމަކު ރޭވި ދެ މީހުން ދޫކޮށްލާށެވެ.
އަބަދުވެސް އުނދަގޫވަނީ ބޮޑެތި ކުށްތައް ރާވައި، އެކަން ކުރަން މަގުކޮށައިދޭ މީހުން ހައްޔަރުކުރާށެވެ. އެ މީހުން ތިބޭނީ ފިލަ އެވެ. އެ މީހުން މޮޅީ އެވެ. ފުލުހުންނާއި ޖާސޫސުންގެ ހުށިޔާރުކަމުން ބައެއް ފަހަރަށް އެއިން ބައެއް މީހުން ހައްޔަރުކުރެވޭ ވަރަށް ހެކިތައް ހޯދަ އެވެ. އެ މީހުން ހައްޔަރު ވެސް ކުރެ އެވެ. އެފަދަ އަމަލެއް ދުނިޔޭގެ އެހެން ގައުމުތަކުގައި (މޫނަށް ބެލުމެއް ނެތި ގާނޫނު ހިންގާ ގައުމުތައް) ބަލަނީ ވަރަށް ބޮޑެތި ކާމިޔާބީތަކުގެ ގޮތަށެވެ. އެ ކާމިޔާބީ ހޯދައިދޭ ފުލުހުންނާއި ދައުލަތުގެ އެހެން މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ވެސް ލިބެ އެވެ. ހާއްސަ އެވޯޑްތައް ވެސް ދެ އެވެ.
އެކަމަކު ރާއްޖެއަކީ ތަފާތު ތަނެއްތާ އެވެ. ދިވެހިންނަކީ ވެސް އެހާމެ ތަފާތު ބައެއްތާ އެވެ. އެހެންކަމުން މި ގައުމުގައި ކަން މި ހިނގަނީ މުޅިން އެހެން ގޮތަށެވެ. ވަހީދާއި އާރިފް ހައްޔަރުކުރުމުން "ފުލުހުން ވެސް ތިޔަ ހެދީ ބޮޑު ގޯހެއް، ތިޔަ ކުރީ ބޮޑު މޮޔަ ކަމެއް' ކަމަށް ބުނެ ބައެއް މީހުން ކޮފީތަކުގައި ތިބެގެން ކުރި ބަހުސް މުޅިން ރަނގަޅެވެ. އެ މީހުން ހައްޔަރުކޮށްގެން ނުވާނެ އެވެ.
މިހާރު މިވީ ގޮތުން ނުހަނު ކާމިޔާބު ދެ ވިޔަފާރިވެރިންގެ އަގުހުރި އެތައް ވަގުތެއް ވެސް ދައުލަތުން ބޭކާރުކޮށްލީ އެވެ. އާރިފް ނަމަ ލޮޓަސް ފިހާރައަށް އެ އެތެރެކުރާހާ މުދާތަކަށް އަރާނެ ބުރުލެވެ. ވަހީދު ނަމަ ގެދޮރު އިމާރާތްކުރަން އެ ވިއްކާ ސިމެންތި އާއި ހިލަވެއްޔާއި ދަގަނޑެވެ. އަދި ހުޅުމާލޭގެ އެކި ހިސާބުތަކުގައި އެހަރަ ހަދާ ބޮޑެތި ފްލެޓް އިމާރާތްތަކުގެ މަސައްކަތަށް ވެސް، ތިން މަސް ދުވަހުގެ ބޮޑު ލޮޅުމެއް، ފުލުހުންނާއި ކްރިމިނަލް ކޯޓުން އަރުވާލީ އެވެ.
ތާރީހަށް ބަލާ ނަމަ މި މީހުން ބަންދުކުރުމަކީ އާ ކަމެއް ވެސް ނޫނެވެ. އެ ގޯސް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ހެދި އެވެ. ސުނާމީގައި ގެދޮރު ބިނާކުރަން ކުރި މަސައްކަތަށް އެ މީހުންގެ ހިއްސާ އޮންނަ ފިހާރައަކުން ދޫކުރި 22 ވަރަކަށް މިލިއަން ރުފިޔާގެ މުދަލަށް ވާ ފައިސާ، ދެ ބުރަކަށް ހޯދުމުގެ ތުހުމަތެވެ. އެމްޑީޕީ ސަރުކާރުގެ ކުރީކޮޅު އެ 22 މިލިއަން ރުފިޔާ ހޯދީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަލާސްކުރި ބިލްތައް އަލުން ހުށައަޅައިިގެން ކަމަށް، އޭރު އުފުލި ދައުވާގައި ބުނެފައި އޮތެވެ.
އެ ދައުވާއަށް ފަހުން ވީ ގޮތެއް ނޭނގެ އެވެ. އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގިކަމުގެ ލިއެކިއުންތަކެއް އެ ކޯޓުގެ ވެބްސައިޓުން އަދި ނުފެނެ އެވެ. ބޮޑަށް ވައްތަރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ޕީޖީ މުހުތާޒު މުހުސިން، އަނބުރާ އެ މައްސަލަތައް ގެންދެވުމެވެ.
ވަހީދާއި އާރިފް ބަންދުން ދޫކޮށްލަން މިހާރުގެ ޕީޖީ ނިންމެވި ނިންމެވުމުގައި ބުނެފައި އޮތް އެހެން ތަންކޮޅަކަށް ބަލައިލުން ރަނގަޅެވެ. ބަންދާ މެދު ގޮތެއް ނިންމަން ރިއާޔަތްކުރެއްވީ:
-
ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ އަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި އެމީހުންގެ މައްޗަށް ކުރެވެން ހުރި ދައުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް
އަޅުގަނޑަށް ލަފާކުރެވެނީ ވަހީދާއި އާރިފްގެ މައްޗަށް ކުރިޔަސް ކުރާނީ ވަރަށް ކުޑަ އަދަބެއް ލިބޭ ދައުވާތަކެއް ކަމަށެވެ.
ރާއްޖޭގެ ނިޒާމު ކިހާ ސަޅި ހެއްޔެވެ؟ ކިތައްމެ ބޮޑު ކުށެއް ކުރަން ރޭވި މީހަކު ވެސް، ތިން މަހެއްހާ ދުވަހު ޖަލުގައި، ނޫނީ ބަންދުގައި ބެހެއްޓީމާ އެ ނިމުނީ އެވެ. އެކަމަކު ހަގީގަތުގައި އެ ކުށް އުފަންވީ އޭނާގެ ސަބަބުންނެވެ. އެ ކުށް ބަޔަކު ލައްވާކުރުވުމުގެ ހުރިހާ ކަމެއް ރޭވީ އޭނާ އެވެ. އޭނާގެ ސިކުނޑިއަށް އެ ހިޔާލު ނައި ނަމަ އެ ކުށެއް ނުފެނުނީހެވެ. ފުލުހުންގެ ވަގުތުތަކެއް ބޭކާރުނުވީހެވެ. ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންނަށް އެހެން ކަމެއް ކުރަން ވަގުތު ލިބުނީސްތާ އެވެ.
ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުން މާޔޫސްވާނެކަން ޔަގީނެވެ. އެކަމަކު ރާއްޖޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު އެހެން މާޔޫސްވެގެން ވެސް ކަމަކު ނުދާނެ އެވެ. ބައެއް ފަހަރަށް ގަބޫލުކުރަންވާނެ އެވެ: ނުލާހިކު ބޮޑެތި ކަންކަން ވެސް، މި ގައުމުގެ ނިޒާމް އޮތް ގޮތުން، 'މޮޔަ ކަންކަމަށް' ވެދާނެ އެވެ.
އަޅުގަނޑަށް ކަމުނުދަނީ ވަހީދާއި އާރިފް ހައްޔަރުކުރުމާ އެކު އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުގެ ކުރިން ދޫކޮށްލަން ސަރުކާރުގެ އިސް ވެރިން ނޫޅުއްވީމަ އެވެ. އެއީ ކޮން ކަހަލަ ކާމިޔާބު، ވިސްނުން ތޫނު، ކުޅަދާނަ ދެ ވިޔަފާރިވެރިންކަން މި ސަރުކާރުގެ ވެރިންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އެވަރުގެ ވިޔަފާރިވެރިން ރާއްޖޭގައި ކުށެއް ނުކުރާނެ އެވެ. ކުށެއްގައި ބައިވެރިއެއް ވެސް ނުވާނެ އެވެ.
މިކަންކަމާ މެދު ސަރުކާރުން ވިސްނާލާށެވެ! ކުރުމުގެ ހިތްވަރު ނެތް ކަންކަމާ ނޫޅޭނީ އެވެ. ވަރުގަދަ ސަރުކާރެއް ކަމަށް ބުނެ، އަނގަ ތަޅަތަޅާ ތިބޭނީ އެވެ.
ކޮމެންޓް (11)
ޙާއިރު
ވަތޯޑި
ވަގުންގެ ގައުމު
އަތޮޅޭ
ދިރާސާ
އަލީ
ޢޫސުފް
ޑިމްޔާތު ގާނޫނު
ޱރ މޫސަބެ
ތެފައާސާ.
ޙާޖީ